ފެޝަން ޑިޒައިނަރު ސަމާނާ ސަލީމް

ފެޝަން

ފަންނުވެރިން: ފެޝަން ޑިޒައިނަރު ސަމާނާ ސަލީމް

ސަމާނާގެ އަމިއްލަ ބްރޭންޑު 'ސަމާ މޮޑިސްޓް' ފެށުނު ގޮތާއި ދާއިރާގެ ތަޖުރިބާތައް މި ވީޑއޯގައި އޭނާ ކިޔައިދޭ
16 ޑިސެމްބަރު 2025

ރާއްޖޭގެ ފެޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޑިޒައިނަރު ސަމާނާ ސަލީމް (ސަމާ) މަޝްހޫރު ވެފައިވަނީ އޭނާގެ އަމިއްލަ ބްރޭންޑު 'ސަމާ މޮޑިސްޓް'އަށެވެ.

ފެހުމާއި ފަރުމާކުރުމަކީ ސަމާ ކުޑައިރުއްސުރެން ކުރަމުން އައި ކަމެކެވެ. ފެހުމުގެ މަސައްކަތް އިތުރަށް ދަސްކޮށް ކުރިއަރުވަން އޭނާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ. ސަމާ ބުނިގޮތުގައި އޭނާގެ މުޅި އާއިލާ އަކީ ފެހުމަށް ބޮޑު ޝައުގެއް އޮންނަ ބައެކެވެ. ވަކީން ހާއްސަކޮށް އޭނާގެ މަންމަ ވަނީ އާއިލާގެ ކުދިންނަށް އެކި މުނާސަބަތުތަކަށް ހެދުން ފަހައިދީފަ އެވެ. 

އަމިއްލަ ބްރޭންޑެއް ފެށުމަކީ ސަމާ ކުޑައިރުއްސުރެން ދުށް ހުވަފެނެކެވެ. 'ސަމާ މޮޑިސްޓް'އާ އެކު އެ ހުވަފެން ފޮނި ހަގީގަތަކަށްވީ 2020 ވަނަ އަހަރެވެ. މާލޭގައި އެ ބްރޭންޑުގެ ނަމުގައި އަމިއްލަ ފިހާރައެއް ހުޅުވައި ކައިވެނި ހަފްލާތަކަށް ހާއްސަ ހެދުމާއި ބޮޑެތި މުނާސަބަތުތަކަށް އަންހެނުންނަށް ހާއްސަ ނަލަ ޑިޒައިންތައް ފަރުމާކޮށް ފަހައިދޭން ފެށި އެވެ.

ސަމާގެ އަމިއްލަ ޑިޒައިންތަކުގައި އޭނަގެ އަމިއްލަ 'ސިގްނެޗާ' ސްޓައިލްއެއް ގެންގުޅެ އެވެ. އެއީ މިޒަމާނާ ގުޅޭ، ލައިގެން އުޅެން ފަސޭހަ އަދި ހިތްގައިމު ކުލަތަކެވެ.

މި އަހަރުގެ މޭ މަހު ހުޅުމާލޭގައި ބޮޑުކޮށް ބޭއްވި ދިވެހި ފަންނުވެރިންގެ މަސައްކަތްތެރިކަން ދައްކާލި 'އެކްސްޕޯ'ގައި ސަމާ ވަނީ އޭނާގެ އަމިއްލަ ފެޝަން ކަލެކްޝަން 'ލަސްޓަ ވެއިލް' ދައްކާލައިފަ އެވެ. އޭގައި އަންހެނުންގެ ކައިވެނި ހެދުމާއި އެކި މުނާސަބަތުތަކާ ގުޅޭ ޒާތުގެ ޒަމާނީ ހެދުން ހިމެނުނެވެ.

ރާއްޖޭގައި ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެކަންކަމާ ކުރިމަތިލެވޭނެ ބައެއް ގޮތްތައް މި ވީޑިއޯގައި ސަމާ ކިޔައިދެ އެވެ. ރާއްޖޭގައި ފެޝަން އަކީ އާޓް ފަދަ ފަންނުވެރި އެހެން ދާއިރާތަކެކޭ އެއްފަދައިން، ކެރިއަރެއްގެ ގޮތުން އަދިވެސް ކުޑަ ދާއިރާއަކަށް ވެފައި މި ދާއިރާއިން ހިތްވަރުގަދަކޮށް ކެނޑިނޭޅި ކުރިއަށްދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް މުހިއްމު ނަސޭހަތްކޮޅެއް ވެސް ސަމާ ދިނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް