ވީރަން އިން މި އަހަރު ބޭއްވި ޝޯރަންގައި ބަޔަކު ދުވަނީ

2026ގައި ދުވަން ތައްޔާރު؟ ވީރަންގެ މި ދުވުންތައް ކަލަންޑަރުގައި ހިމަނާލާ

މި އަހަރު އެންމެ ތަފާތު ދުވުމެއްގެ ގޮތުގައި ފާހަގަވި 'ޝޯރަން' އިންތިޒާމްކުރި ވީރަން އިން އަންނަ އަހަރު ތެރޭ ތިން އިވެންޓެއް ބާއްވާނެ
16 ޑިސެމްބަރު 2025

މި އަހަރު އެންމެ ތަފާތު ދުވުމެއް އިންތިޒާމްކުރި ވީރަން އިން އަންނަ އަހަރު ތިން ދުވުމެއް ކުރިއަށް ގެންދަން ނިންމައި، ތާވަލް ނެރެފި އެވެ.

1. ވީރަން ކޯޕަރޭޓްސް

ވީރަން އިން މި އަހަރު ބޭއްވި ޝޯރަންގައި ބަޔަކު ކަސްރަތު ކުރަނީ

ވީރަން އިން 2026ގައި އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ދުވުމެކެވެ. ވާދަވެރި، 5 ކިލޯމީޓަރުގެ މި ދުވުމުގައި ކޮންމެ ކުންފުންޏަކަށް ބައިވެރި ކުރެވޭނީ ހަ މީހުންގެ ގުރޫޕެކެވެ. އަދި ކޮންމެ ދުވުންތެރިއެއް ވެސް ދުވަނީ 1 ކިލޯމީޓަރެވެ.

އަންހެނުންނާއި ފިރިހެނުންގެ ޓީމްތައް ވަކިވަކިން ބައިވެރިކުރާ މި ދުވުން އޮންނާނީ 17 އޭޕްރީލްގަ އެވެ.

ދުވުމުން އެއްވަނަ ހޯދާ ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

2. ރޭރަން

ރޭ ރަންއަކީ ރޭގަނޑު އޮންނަ ދުވުމެކެވެ. މި ދުވުން އެންމެ ދިގުކޮށް ދުވާ މީހުންނަށް މެރަތަން، ހާފް މެރަތަން އަދި 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވުން އޮންނާނެ އެވެ.

ހުޅުމާލޭގައި މި ދުވުން ބާއްވާނީ 4 ސެޕްޓެމްބަރު 2026ގަ އެވެ. 

3. ޝޯރަން

މިދިޔަ އަހަރުގެ ޝޯރަންގައި ބައިވެރިޔަކު ދުވަނީ

މި އަހަރު އެންމެ ތަފާތު ދުވުމެއްގެ ގޮތުގައި ފާހަގަވި ޝޯރަން އަންނަ އަހަރު ވެސް ބޭއްވުމަށް ވީރަން އިން ވަނީ ނިންމައިފަ އެވެ. ޝޯރަން އޮންނާނީ 27 ނޮވެމްބަރުގަ އެވެ.

ތަޖުރިބާކާރު ދުވުންތެރިން ވެސް ގޮންޖެހުން ބޮޑު އަދި ތަފާތު ދުވުމެއްގެ ގޮތުގައި ސިފަކުރި ވީރަން އޭގެ ފުރަތަމަ އަހަރު ވެސް ކާމިޔާބެވެ.

ޝޯރަންގައި އަންނަ އަހަރު ހާފް މެރަތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން 2 ކިލޯމީޓަރު ހިމެނޭނެ އެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު އަފްއާލް އާއި ފިޓްނެސް އިންޑަސްޓްރީގެ ތަޖުރިބާކާރު ހުސެން ޒިނާން އުފައްދާފައިވާ ވީރަންގެ މަގުސަދަކީ ދުވުމުގެ ތެރެއަށް ވީހާވެސް ގިނަ މީހުން ވެއްދުމެވެ. އަދި މިއީ އާއިލާ އާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކޮށް ދުޅަހެޔޮ ދިރިއުޅުމެއް ގިނަ ބަޔަކު އިހްތިޔާރު ކުރުމަށް ހިތްވަރު ދޭ ހަރަކާތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް