އުމުރުން 14 އަހަރުގެ އަނާލް (ވ) އަދި އޭނާގެ ދެބްނެގެ ދެދަރި ކޮއްކޮ މަސްކެނޑުމުގައި ހަރަކާތްތެރިވަނީ

ލިވިން

ގުޅިން ފެނުނު ކުޅަދާނަ މަސްވެރިއެއް؛ އެންމެ 14 އަހަރު

ކ. ގުޅީގެ ބަނދަރުމަތީ ފަސޭހަކަމާ އެކު މަސްކަނޑަމުން އަންނަ ކުއްޖެއްގެ ހުނަރަށް ރަށަަށް އައިސް ތިބި ފަތުރުވެރިންގެ ސަމާލުކަން ހުއްޓޭ
10 ޑިސެމްބަރު 2025

ކ. ގުޅިއަކީ ރީތި ރަށެކެވެ. އެއީ ހެދި ބޮޑުވަމުން އަންނަ ކުދިންނަށް މިނިވަންކަމާ އެކީ އެ ރަށުގައި އެ މީހުންގެ ހުނަރުތައް ދައްކާލަން އޮތް ޖާދުލެއް ފަދަ ރަށެއް ވެސް މެ އެވެ.

އިރުއޮއްސޭ ރީތި މަންޒަރެއް ގުޅީ ބަނދަރު ސަރަހައްދުން
ގުޅީގެ ބަނދަރު ސަރަހައްދުގައި ބައެއް މީހުން ހަވީރު ވަގުތު ހޭދަކުރަނީ

ގުޅީގެ ބަނދަރު ސަރަހައްދުން ފެނުނު ހިތްގައިމު ރީތި އިރުއޮއްސޭ މަންޒަރު ބަލަން ރަށު ފަތުރުވެރިކަން ފައްކާވެ، ހުއްޓިގެން ތިއްބެވެ. އެއްގަމު އުޅަނދުތަކެއް ބަރުގޮނު އަޅާ އަޑުފައްގަނޑެއް ނެތެވެ. ހިމޭންކަމެވެ.

މާލޭގެ ކޮންކްރީޓް ހާލިން ނުކުމެ ހަމަ ނޭވާއެއް ލާން ބޭނުންވެފައިވާ މީހުންނަށް ޖާދޫއަކަށް ވަނީ މި މަންޒަރެވެ.

ރީތި ހިތްގައިމު އިރުއޮއްސޭ މަންޒަރަށް ވުރެ އެ ތަނަށް ޖަމާވެފައިވާ ތިބި ފަތުރުވެރިންގެ ކެމެރާތަކާއި އަހަރެންގެ ލޯ ހުއްޓުނީ ފުރާވަރުގެ ދެ ފިރިހެން ކުއްޖެއްގެ ހުނަރަށެވެ.

އަނާލް (ވ) މަސްބާނަން އަބަދުވެސް ޝައުގުވެރިކަން ހުރޭ

އެ ދެ ކުދިން އޭގެ އިރުކޮޅެއް ކުރިން ބޭނި މަސް، ބަނދަރު ސަރަހައްދުގައި ހުރި އައްޓެއް މަތީ ބާއްވައިގެން ފަރިތަކަމާ އެކު ކަނޑަނީ އެވެ.

މާ ބޮޑު މަހެއް ނޫނަސް، އެ ދެ ކުދިންގެ އަތްތިލައަށް ވުރެ ބޮޑު ހަންޖެކެވެ. މަސްކަނޑާ ކުއްޖާ މަސް ކަނޑާ ވަރަކަށް، އަނެއް ކުއްޖާ ކުޑަ ދާންޏެއް ގޮތަށް ހަދާފައިވާ އެއްޗަކުން ފެން އަޅަނީ އެވެ. މިއީ ހައިރާންކޮށްލި މަންޒަރެކެވެ.

14 އަހަރުގައި މަސްވެރިކަމަށް ބޮޑު ލޯތްބެއް

އަތުގައި އޮތް ތޫނު ވަޅިން މަސް ކަނޑާ ސާފުކުރަމުން ދިޔައީ އުމުރުން އެންމެ 14 އަހަރުގެ މުހައްމަދު އަނާލް އިބްރާހިމް އާސިފް އެވެ. ކައިރީގައި ހުރީ ދެބެންގެ ދެދަރި ކޮއްކޮ އެވެ.

އަނާލްގެ ހުނަރު ފެނިފައި ހައިރާންވީ ފަތުރުވެރިން އެކަންޏެއް ނޫނެވެ. އަހަރެން ވެސް މެ އެވެ. ބެލެނިވެރިޔަކާ ގުޅައިގެން އަނާލްގެ އެ ޝައުގުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވީ އެ ސަބަބާ ހެދި އެވެ.

މީގެ ކުރިން އަތޮޅުތަކަށް ދާ ދަތުރުތަކުގައި ކުދިން ދޮށި އުކާ މަސްބާނާ ތަން ފެނިފައި ހުއްޓަސް މިހާ އަތްމަތި އަވަސްކޮށް ހުނަރުވެރިކަމާ އެކީ މަސްކަނޑާ ތަން ފެނިފައެއް ނުވެ އެވެ.

އެ ތަނުގައި ހުރެފައި ވެސް އަހަންނަށް އަނާލް ގާތުގައި އަހާލެވުނީ އެންމެ ސުވާލެކެވެ. ތިހާ ފަރިތަކޮށް ތިކަން ދަސްކުރީ ކިހިނެއް ހެއްޔެވެ؟ އަނާލްގެ ބަސް މަދެވެ. އެކަމަކު ވެސް ބުނެލި އެވެ. ބައްޕަގެ ފަރާތުންނެެވެ.

އަނާލްގެ ބައްޕަ އާސިފަކީ ކުރިން މަސްވެރިއެކެވެ. ރަށުގައި މިހާރު އޭނާ މަސައްކަތް ކުރަނީ ސްޓެލްކޯގަ އެވެ. ތިން ދަރިންގެ ތެރެއިން ހުރި ހަމައެކަނި އަދި އެންމެ ދޮށީ ފިރިހެން ކުއްޖަކީ އަނާލް އެވެ.

އަނާލް ފަރިތަކަމާ އެކު މަސްކަނޑަނީ

އާސިފް ބުނި ގޮތުގައި، އަނާލްއަކީ ވަރަށް މަސްބާނަން ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އޭނާއަށް ދޮއްޓެއް ހޯދައިދިން ހިސާބުން ފެށިގެން މަސްވެރިކަމަށް ފޯރި ހުރެ އެވެ. މިގޮތުން ހަންޖާއި މާނިޔާ މަސް އަދި ލައްޓި ބާނައިގެން ގެއަށް ގެންދެ އެވެ.

މަސް ކަނޑަން ނޭނގޭ އިރު އޭނާ މަސައްކަތްކުރާ އިންޖީނު ގޭ ދޮށަށް މަސް ހިފައިގެން ގޮސް ފުރަތަމަ ކަނޑަންވީ ގޮތާއި ދެން ހަދަންވީ ގޮތްތައް އަހާ އޮޅުންފިލުވާ ކަމަށް އާސިފް ބުންޏެވެ. 

އާސިފް މަސައްކަތުގައި ބިޒީކޮށް އުޅޭ ދުވަސްދުވަހު އަނާލް މަސް ބާނައިގެން ކަނޑާ ސާފުކޮށްގެން ގެއަށް ގެންދާނެ އެވެ. ލައިގެން ކާ އެއްޗަކާ މެދު އާސިފް ވިސްނާކަށް ނުޖެހެ އެވެ.

އަނާލްއަށް ބޭނޭނެކަމާ މެދު ބޮޑެތި މީހުންގެ ހިތުގައި ސުވާލު އުފެދޭ ކަހަލަ މަސް ވެސް ބައެއް ފަހަރަށް ބާނައިގެން ގެއަށް ގެންދެ އެވެ. 

"ދަމަން ވާވަރާއި ނަނު ކަނޑައިގެން ނުދަނީ ކިހާ ވަރަކަށްތޯ އޭނާއަށް އެނގޭ،" އާސިފް ބުންޏެވެ.

އާސިފްގެ ލޯންޗުގައި ދެބަފައިން އެކުގައި ނުކުމެގެން ވެސް މަސްވެރިކަމުގެ ތަޖުރިބާ ހޯދަ އެވެ. 

މިހާރު އަނާލް އަތުގައި އަށެއްކަ ދޮށި އޮވެ އެވެ. އުކާ ދޮއްޓާއި ދިގުކުރާ ދޮއްޓެވެ. ބަންދު ދުވަސްތަކުގައި ގިނަ ވަގުތު އޭނާ ހޭދަކުރަނީ މަސް ބޭނުމުގަ އެވެ. ބަންދު ނޫން ދުވަސްތަކުގައި ވެސް ބައެއް ފަހަރަށް މަސް ބާނަން ނުކުމެ އެވެ. އެކަމަށް ހުރަސް އަޅަން ބޭނުން ނުވަނީ އެހާ ބޮޑު ޝައުގުވެރިކަމަކާ އެކު ދަރިފުޅު އެކަން ކުރާތީ ކަަމަށް އާސިފް ބުންޏެވެ.

ސްކޫލު ގްރޭޑް 8ގައި ކިޔަވަމުން އަންނަ އަނާލްއާ އެކީ އެ ވަގުތު ހަރަކާތްތެރިވަމުން ދިޔަ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ގޮތަށް، ރަށު އެހެން ކުދިން ވެސް ދޮށި އުކާ މަސްވެރިކަމަށް ޝައުގުވެރިކަން ހުރެ އެވެ. އެކަމަކު އެ ކުދިން އަދި އަނާލްހާ ކުޅަދާނައެއް ނޫނެވެ. 

އާ ޖީލެއްގެ ހުނަރުވެރި މަސްވެރި ދަރިންތަކެއް މި އަންނަނީ އުފެދެމުންނެވެ. މިއީ ރަށްފުށުގައި ދިރިއުޅޭ ނަމަ ކުދިންނަށް ދަސްކޮށްދެވޭ ހުނަރެވެ. 

ރަށެއްގައި ބޮޑުވަމުން އަންނަ ކުއްޖަކު އުޅޭ މާހައުލުގެ ސަބަބުން ހުނަރު ދަސްކުރަން ލިބޭ މިކަހަލަ ފުރުސަތުތަކުން އެ ކުދިންނަށް ކިހާ ބޮޑެތި ފައިދާތަކެއް ކުރާނެ ހެއްޔެވެ؟

ގުޅީގެ މަގަކުން ތުއްތު ކުއްޖަކު ހިނގާފައި ދަނީ

ދަރިންނަށް ތައުލީމު ދިނުމަށް އެތައް ބަޔަކު މާލެ ބަދަލުވާ އިރު މިފަދަ ރަށްފުށު ދިރިއުޅުމުގެ ހުނަރުތައް ދަސްކުރާނެ ޖާގައެއް، ފުރުސަތެއް އަދި މާހައުލެއް ވެސް ނެތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް