ހއ. ދިއްދޫ ކުދިމާގެ އަބްދުއްލަތީފް މުހައްމަދު އާއި އޭނާގެ އަންހެނުން ހައްވާ މޫސާ، ހަވީރު ފިނީގައި ހިނގާލަނީ: ކައިވެންޏަށް 69 އަހަރުގައި، އަބްދުއްލަތީފް ވަނީ މިދިއަ ބުދަދުވަހު ނިޔާވެފައި
އެންމެ ފަހު ރޭ ވެސް ހަނދާންކޮށްދިނީ ކައިވެނީގެ ފުރަތަމަ ދުވަސް
މިދިއަ ބުދަވިލޭރޭ އޭނާއަށް ނިދޭ ގޮތެއް ނުވި އެވެ. ބޭނުންވީ އަންހެނުންނާ ވާހަކަ ދައްކަން އޮންނާށެވެ. އެ ޒަވާޖީ ހަޔާތަށް 69 އަހަރު ވެއްޖެ އެވެ. އެހެންކަމުން އިތުރަށް ދެން ދައްކަން އޮންނާނީ ވެސް ކޮން ވާހަކައެއް ހެއްޔެވެ؟ ނޫނެކެވެ. އެ ދެ ލޯބިވެރިން އެކަކު އަނެކަކާ ދައްކާ ލޯބީގެ ވާހަކަތަކަށް، ދުނިޔޭގައި ތިބިހާ ހިނދަކު، ނިމުމެއް ނެތެވެ. ދެމަފިރިންނަށް ކޮންމެ ދުވަހަކު ވެސް އިރުއަރަނީ ލޯބީގެ އުދަރެހަކުންނެވެ. އެހެންވެ އަނބިމީހާއަކީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު އަމާނާތްކަން އަބަދުމެ ހަނދާންކުރެ އެވެ.
ހއ. ދިއްދޫގައި ހުރި އޭނާގެ އަމިއްލަ ގެ، ކުދިމާގޭގެ ކޮޓަރީގައި އޮތް އިރު އަބްދުއްލަތީފު މުހައްމަދުގެ ވާހަކަތައް އެނބުރުނީ އެ ހަނދާންތަކަށެވެ. ފެނުނީ 69 އަހަރުގެ ކުރީގެ އެ ދުވަހެވެ. އަންެހެނުން ހައްވާ މޫސާ ލިބުނު ދުވަހެވެ. ހައްވަގެ ބައްޕަ ދިއްދޫ ދޮންމޫސަ ކަތީބު ވިދާޅުވި ބަސްކޮޅެވެ.
"އަހަރެންގެ އަންހެން ދަރި އެހުރީ ބޮޑުވެފައޭ، އޭނާ ހަވާލުކޮށްފީމޭ، އަމާނާތްތެރިކަމާ އެކު އޭނާ ރަނގަޅަށް ބަލައިދޭށޭ" އެވެ.
ދިއްދޫގައި މަޝްހޫރު ނަމުން ނަމަ، ހޯރަފުށީ އަބްދުއްލަތީފުބޭ، މަރު އެނދުގައި އޮވެގެން އެންމެ ފަހުން ވެސް އަންހެނުންނަށް ހަނދާންކޮށްދިނީ އެކަމެވެ. ދޮންމޫސަ ކަތީބު ހަވާލުކުރެއްވި އަމާނާތް ތިމަންނައަށް ވެވުނު އެންމެ ރަނގަޅަކަށް ބަލައިދިންކަމެވެ.
ފިރިމީހާގެ ކޮންމެ ވާހަކައެއް އިހުތިރާމާއި ޝައުގުވެރިކަމާ އެކު އަޑުއެހުމަކީ ހައްވަގެ އާދަ އެވެ. އެހެންކަމުން އެރޭ އެ ހުރިހާ ވާހަކައެއް ވެސް، ލޯތްބާ އެކު، އަޑުއެހި އެވެ. "ހައްވަގެ ބައްޕަ އަހަންނަށް އެބަ ގޮވައޭ" ފަދަ، އޭގެ ކުރިން ނުދައްކާ ވާހަކަތައް ވެސް، ދެއްކި މެ އެވެ.
އެއީ އޭނާ އާއި ހައްވަ އެކުގައި ހޭދަކުރި ފަހު ރެ އެވެ. ބުދަދުވަހު ހެނދުނު އަބްދުއްލަތީފް މުހައްމަދު، އުމުރުން 93 އަހަރުގައި، އޭނާގެ ފަހު ނޭވާ، ދިއްދޫ ހޮސްޕިޓަލްގައި، ދުނިޔެއަށް ދޫކޮށްލި އެވެ.
ދިއްދޫ ރައްޔިތުންނަށް ނަމޫނާއަކަށް ވި ދެ ލޯބިވެރިންގެ ތެރެއިން އެކަކު އޭނާގެ ހަޔާތް ނިންމާލީ އެވެ. އެކަމަކު 1956ގައި ކުރި އަލަތު ކައިވެނީގައި އަބްދުއްލަތީފާއި ހައްވަގެ ފަރާތުން ފެނުނު ރީތި އާދަތަަކަކީ ދިއްދޫ ރައްޔިތުންނަށާއި މި ޒަމާނުގެ ލޯބިވެރިންނަށް ވެސް ހަޔާތުގެ އަަގުހުރި ފިލާވަޅުތަކެވެ.
ޒުވާބެއް ނެތެވެ. ޝަކުވާއެއް ނުކުރެ އެވެ. ފެންނާނި އެކުއެކީގަ އެވެ. އެކަކު ވީ ތަނެއް ނޭނގިއްޖެ ނަމަ ހޯދަން ވެސް ނުކުމެ އެވެ. ނުބުނެ ތަނަކަށް ދިއުމަކީ އަނެކަކަަށް އޮންނަ ބިރަކަށް ވެ އެވެ.
"ހަވީރު ފެންވަރައިގެން، ރީތިވެ ދެ މީހުން ބޭރަށް ނުކުމެ އެ އުޅޭއުޅުން، އެންމެ ކުރިންސުރެ ވެސް އަހަރެން ހަނދާންވޭ. އެ އާދައަށް ބަދަލެއް ނާދޭ،" ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ދިއްދޫ ލަތީފް) ވިދާޅުވި އެވެ.
"ހިނގާލަން ދާނެ، ނޫނީ ކައިރި ޖޯލިފަތީގައި ދެ މީހުން ތިބޭނެ. އެކަކާ ނުލައި އަނެކަކު ނުދާނެ."
ލަތީފް ވިދާޅުވި ގޮތުގައި ހައްވައްތަ ކައިރީގައި ނުބުނެ އަބްދުއްލަތީފްބެ އެހެން މީހަކާ އެކު ވަދާ ނުކުތްކަން އެނގުނަސް ގޭގައި ނުހުރެވޭނެ އެވެ. އަތިރިމައްޗަށް ގޮސް، މީހުން ކައިރީގައި އަހައި އޮޅުންފިލުވާނެ އެވެ.
"މިސާލަކަށް އަބްދުއްލަތީފްބެ ހިނގައިދާނެތާ މީހަކާ އެކު މަހެއް ބާނަން ވެސް. އެކަމަކު ހައްވައްތަ ކައިރީގައި ނުބުނެ ހިނގައްޖެތަ، އެ ނުކުތީ އަތިރިމައްޗަށް. ގޮސް އެކި މީހުން ކައިރީގައި އަހާނެ ކާކާ އެކުގައިހޭ ދިޔައީ. އެކަން އޮޅުންނުފިލުވާ ނުހުންނާނެ،" ލަތީފް ވިދާޅުވި އެވެ.
ދިގު މުއްދަތެއްގައި ޒަވާޖީ ހަޔާތް ހޭދަކުރި ކިތައްމެ ބަޔަކު ފެނެ އެވެ. މުޅި އުމުރު އެކުގައި އުޅުނު ލޯބިވެރިން ވެސް މަދެއް ނޫނެވެ. އެކަމަކު ލަތީފް ވިދާޅުވި ގޮތުގައި އަބްދުއްލަތީފްބޭގެ ދެމަފިރިން ވަރުގެ ބަޔަކު އޭނާއަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.
"އަހަންނަށް ދެވުނު ބައެއް ރަށްރަށުން ވެސް ފެނުނު ލޯބިން އުޅޭ މީހުން. އެކުގައި ވަރަށް ދިގު މުއްދަތެއް ހޭދަކޮށްފައި ތިބީ އެމީހުން. އެކަމަކު މިވަރުގެ ބަޔަކު ހަމަ ނުދެކެން،" އޭނާ ވިދާޅުވި އެވެ.
އަބްދުއްލަތީފް މުހައްމަދު އާއި ހައްވައަށް ޖުމްލަ ނުވަ ދަރިން ލިބުނެވެ. ދެ ކުދިން މަރުވީ އެވެ. އަނެއް ހަތް ކުދިން މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ އުމުރުން 65 އަހަރު ވެގެން ސަރުކާރުގެ ޕެންޝަން ވެސް މިހާރު ލިބެ އެވެ.
ދެމަފިރިންގެ ހިޔާވަހިކަމުގައި އެ ކުދިން ގެންގުޅެން އަބްދުއްލަތީފް ކުރި މަސައްކަތް ބުރަ އެވެ. ދިރިއުޅުމަކީ ހައްގު ގޮތުގައި ހޯދާ އެއްޗެއްގެ މައްޗަށް ބިނާކުރަން ޖެހޭ ކަމެއްކަން ސާބިތުކޮށްދިނެވެ. އެއީ ހިރިގަލުން މަހާނަގާ ހެދިއިރު ދިއްދޫގައި ހުރި އެކަމުގެ އެންމެ ބޮޑު ހުނަރުވެރިޔާ އެވެ. ވަޅުން ފެން ނެގުން ހަމައެކަނި ދާނީގެ މައްޗަށް ބިނާވެފައި އޮތް ޒަމާނުގައި އެހާ ރީތިކޮށް ދާނި ހެދި އެވެ. އޭނާގެ އަމިއްލަ ދާ، ދިއްދޫގެ ބައެއް ދޯނިފަހަރަށް ކުއްޔަށް ދޫކޮށްގެން މަސް ހޯދި އެވެ. މަސް ކައްކައި ހިއްކައިގެން ވިއްކި އެވެ. މަސްވެރިކަން ނެތް ދުވަސްވަރެއް ނަމަ ދިގު ދާ އަޅައިގެން މިޔަރާއި ފަރުމަސް ހިފަ އެވެ. ލޮނު އަޅައިގެން މާލެއަށް ގެންދެ އެވެ. ބައެއް ކަހަލަ ދިވެހި ބޭސްކުރި އެވެ.
އެއީ "އެތައް ރޮނގަކުން ފާހަގަކުރެވޭ ޝަޚުޞިއްޔަތެކެވެ. ހުނަރުވެރިއެކެވެ،" ދިއްދުއަށް ހާއްސަކޮށްގެން ހިންގާ ފޭސްބުކް ޕޭޖް 'އެވޭލާ ދިއްދޫ"ގައި، އަބްދުއްލަތީފް މުހައްމަދާ ބެހޭ ގޮތުން ލިއުނެވެ.
އޭނާގެ ބައެއް ހުނަރުތައް އަމަލީ ގޮތުން މިހާރު ދައްކައިދެއްވާ ހަމައެކަނި ދަރިއަކީ ދިއްދޫގައި ހުންނަ ފެނަކަ އޮފީހުގެ އިސް ވެރިއެއް ކަމަށްވާ މުހައްމަދު ލަތީފެވެ. ބައްޕަގެ ބުރަ މަސައްކަތުގެ ހަނދާންތައް ކިޔައިދެއްވަމުން މިސާލަކަށް ދެއްކެވީ ހިރިގަލުން މަހާނަގާ ހަދަން ކުރި ހިތްވަރެވެ.
މުހައްމަދު ލަތީފުގެ އުމުރުން 10 އަހަރުގައި، ބައެއް ދުވަސް ދުވަހު، އޭނާ ގޮވައިގެން ގެންގޮސް ބަހައްޓަނީ މޫދު އަޑީގައި އޮންނަ ހިރިގަލުގެ މަތީގަ އެވެ. ދިޔަވަރު ބޮޑުވާ ވަގުތު ގަލުގައި އޭނާގެ ފައި ނުޖެހޭ ފަހަރުފަހަރު ވެސް އާދެ އެވެ. ހަ ފޫޓުގެ ބޮޑު ކީސް ހިފައިގެން އަބްދުއްލަތީފް ދަނީ އަޑިއަށެވެ. ނޭވާ ހުސްވަންދެން އޮންނަނީ ގާ ކީހާށެވެ. އެއްގަމަށް އަރަނީ އެެ ކީހާ ބައި ވަކިކޮށްފަ އެވެ.
"ދެން ރައްޓެހިން ގޮވައިގެން ހުކުރު ދުވަސްދުވަހު ގޮސް މޫދުން އެ ގާތައް އެއްގަމަށް އަރުވާނީ،" މުހައްމަދު ލަތީފް ވިދާޅުވި އެވެ.
ކުދިމާގެ ހުންނަ ހިސާބާއި އެ ގާތައް އަރުވާ ސަރަހައްދު އެހާ ދުރެވެ. ކޮނޑަށް ލައިގެން އަވީގައި ގާ ގެންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ފައިތިލައިގައި މަގޫފަތް ބަނދެގެންނެވެ. އެހެން ނޫން ނަމަ އެހާ ބަރުކޮށް ހިނގާފައި ދާއިރު ހޫނު ވެލިގަނޑުގައި ހުސް ފައި އެޅިގެން ފައިތިލަ ފިހޭނެ އެވެ.
"ބައްޕަގެ ވަރަށް ބުރަ މަސައްކަތެއް އެއީ،" މުހައްމަދު ލަތީފް ވިދާޅުވި އެވެ.
ބައެއް ކަހަލަ ހުނަރުގެ ސިއްރު ގިނަ މީހުންނަކަށް ނޭނގެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އަބްދުއްލަތީފު ހެދި ދިވެހި ބޭހެކެވެ. ވިހަ ގަދަ ގާވިޔަމަހުގެ ވިހައިން ސަލާމަތްކުރީ އެފަދަ ބޭހަކުންނެވެ. އެ ބޭސްކޮޅު އަނގަ ތެރެއިން ހަށިގަނޑަށް ފެތުރުމާ އެކު އިސާހިތަކު ވިހައިގެ ވޭނުން ސަލާމަތްވެ އެވެ.
"ބައްޕަ ބުނާނެ އޮޑިހަނުގައި އެ ބޭސް ގޭނޭ މިންވަރު ތަފާތުވިޔަސް އެމީހަކު މަރުވެދާނެއޭ،" މުހައްމަދު ލަތީފް ކިޔައިދެއްވި އެވެ.
ދެން ފަރުވާ ދިނީ އޭރު ބައެއް މީހުންގެ ހަމަށް ޖެހޭ ބައްޔެއް ކަމަށްވާ ފެތުރިއަށެވެ. އެއީ ދޫމި ކަހަލަ އެއްޗެކެވެ. ނަމަވެސް އެއަށް ވުރެ ބޯކޮށް ހަންގަނޑުގައި ނަގަ އެވެ. އެ އެއްޗެހި ހަންގަނޑުން ފިލުވާލަން، އަބްދުއްލަތީފް ބޭނުންކުރީ ތޫނު ކައްޓެކެވެ.
"ހަފުތާއެއްގެ ތެރޭގައި ރަނގަޅު ނުވެއްޖެ ނަމަ ތަންކޮޅެއް ފުންކޮށް، ލޭ އަންނަ ވަރަށް އެ ހިސާބު ކަނޑާލާ،" މުހައްމަދު ލަތީފު ވިދާޅުވި އެވެ.
އެކަމަކު އެ ބުރަ މަސައްކަތްތަކާއި އާދަޔާ ހިލާފު ހުނަރުތަކަށް ވުރެ ފަހުގެ ޖީލަށް އަބްދުއްލަތީފް ފާހަގަކުރެވުނީ ހައްވަގެ ލޯބި ފިރިމީހާގެ ގޮތުގަ އެވެ. ހަވީރު ގަޑީގައި ހިނިތުންވުމާ އެކު ޖޯލިފަތީގައި އެތިބޭ ތިބުމެވެ. ދެމަފިރިން އެކުގައި ހިނގާ ހިނގުމެވެ.
އަބްދުއްލަތީފްގެ ހަޔާތުގެ ފަހު ރޭގައި އަންހެނުން ކައިރީގައި ބައިންދައިގެން އެ ދެއްކީ، އެ ލޯބީގެ އެންމެ ފަހު ވާހަކަތަކެވެ. އޭގެ ބައެއް ވާހަކަތައް ކުރުކޮށް ކިޔައިދޭނަމެވެ.
"އަހަރެން ދެން މިދަނީ."
"ހައްވަގެ ބައްޕަ އަހަންނަށް އެބަ ގޮވާ."
"ބައްޕަ ހަވާލުކުރި އަމާނާތް ރަނގަޅަށް ގެންގުޅެވުނު."
"އަހަރެން ނެތަސް ރޮއިގެން ނުވާނެ."
"އަހަރެމެންގެ ހަތް ކުދިންނާއި ކާފަ ކުދިން ބަލައިދޭތި."
"އެ ކުދިން ގުޅިގެން އުޅޭތޯ މަސައްކަތްކުރާތި."
އޭނާ މަރުވިޔަސް ރޮއިގެން ނުވާނެ ކަމަށް ބުނީ އަތާއަތް ޖެއްސުވައިފަ އެވެ.
އަބްދުއްލަތީފް އާއި ހައްވަގެ 22 ކާފަ/މާމަ ދަރިންނާއި އަށް މުނިކާފަ/މުނިމާމަ ދަރިން އެބަ ތިއްބެވެ. މި އާއިލާއިން ހިދުމަތްތެރި އަދި ކާމިޔާބު ދަރިންތަކެއް ވެސް އުފެއްދި އެވެ.
ފެނަކައިގައި މުހައްމަދު ލަތީފެވެ. އެންމެ ހަގު ފިރިހެން ދަރިފުޅު، މޫސާ ލަތީފަކީ، ދިއްދޫ ކައުންސިލަރެކެވެ. ދޮށީ ކާފަދަރިފުޅު މުހައްމަދު ސޮލާހުއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ކްރައުން އެންމެ ޗަމްޕާ ރިސޯޓްސްގެ ސީއީއޯ އެވެ. ސޮލާހުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަބްދުﷲ ސޮބާހު ސަލީމަކީ ބީއެމްއެލްގެ ސީނިއަ މުވައްޒަފެކެވެ. މި ފަހުން އޭނާއަށް ވަނީ 25 އަހަރު ހިދުމަތްކުރައްވައިގެން ދިގު މުއްދަތުގެ އެވޯޑް ވެސް ލިބިވަޑައިގެންފަ އެވެ.
މީގެ ގާތްގަނޑަކަށް ހަތަރު މަސް ކުރިން ހަށިގަނޑުން ލޮނު މަދުވެ، ނުހިނގޭ ގޮތް މެދުވެރިވި އެވެ. އެހާ ހިސާބުން ފެށިގެން އަބްދުއްލަތީފް ގެންގުޅުނީ ވީލްޗެއާގަ އެވެ. އެ ގޮނޑީގައި އިނދެގެން ވެސް ހައްވައާ އެކު ބޭރަށް ނުކުމެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެނދުން ތެދުވަން އުޅެނިކޮށް ވެއްޓި ވާތު ކަށިގަނޑުގައި ރެނދެއް ލި އެވެ.
ބުދަވިލޭރޭ ހަށިގަނޑު ތަންކޮޅެއް ފިނިކަމުން، ދިއްދޫ ހޮސްޕިޓަލްގެ ޑޮކްޓަރަކު އެގެއަށް ގޮސް ޗެކްކުރި އެވެ. ހަކުރުބަލީގެ މީހެއް ކަމުން އެވަގުތު ހަކުރު ހުރީ ތަންކޮޅެއް މަތީގަ އެވެ. އެ ނޫން އެއްވެސް މައްސަލައެއް ޑޮކްޓަރަށް ފާހަގައެއް ނުކުރެވުނެވެ.
އެކަމަކު ނޭވާލާން އުނދަގޫވާން ފެށުމުން ބުދަދުވަހުގެ ހެނދުނު ހެނދުނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ފަހުން މާ ގިނަ އިރެއްނުވެ، އަބްދުއްލަތީފްގެ ފަހު ނޭވާ ދޫކޮށްލި އެވެ.
ފިރިމީހާގެ އެ ވަކިވުމާ އެކު ނުރޮއި ހުރެވޭނެ ހެއްޔެވެ؟ ނޫނެކެވެ. ހައްވައަށް ރޮވުނެވެ. އެކަމަކު ލޯބިވެރިޔާގެ ބަސްތަކުން ލިބުނު ހިތްވަރު ބޮޑެވެ. އެހެންކަމުން، ބައެއް ދަރިން ބުނީ މަންމަ ވަރަށް އަވަހަށް ހަމަޖެހުނު ކަމަށެވެ.
މޫނު އެޅުމުގެ ކުރިން އެންމެ ފަހު ފަހަރު ފިރިމީހާގެ މޫނަށް ބަލައިލި އެވެ. ދެން ނިތްކުރީގައި ފިރުމާލި އެވެ.
އެއީ 69 އަހަރުގެ އެ ދިގު ޒަވާޖީ ހަޔާތުގައި ފިރިމީހާގެ ހަށިގަނޑުގައި ބީހިލެވުނު ފަހު ފަހަރެވެ. ލޯބީގެ ހަގީގީ ރީތި ވާހަކައެއްގެ އަމާން، ހިމޭން، ނިމުމެވެ.
ކޮމެންޓް (5)
މުޙައްމަދު ލަޠީފް( ދަރިއެއް)
ލަތީފްސް
މޫސަ
ވަނޫދު
ތެފައާސާ.