ސްޕޮންޖު ފަދަ ތަކެތި ބޭނުންކުރާ ކޮންމެ ފަހަރަކު އޭގައި ޖަރާސީމު އަށަގަނޭ.

ލިވިން

ގޭތެރޭގައި ބޭނުންކުރާ މި ތަކެތި ގަވައިދުން ބަދަލު ކުރުން މުހިއްމު

އަވަސްއަވަހަށް މިކަހަލަ ތަކެތި ބަދަލު ކުރުމަކީ ހަރަދު ބޮޑު ކަމެއްގެ ގޮތުގައި ވިސްނުނަސް، އެއީ ސިއްހަތު ރައްކާތެރި ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް
4 ޑިސެމްބަރު 2025

ތުވާލި، ސްޕޮންޖު އަދި ބާލީސް ފަދަ ޒަރޫރީ ތަކެތި ގިނަ ފަހަރު ބޭނުންކޮށް އަދި ގިނަ ދުވަހު ގެންގުޅެން ބޭނުންވެ އެވެ. އެކަމަކު، ބޭނުން ހިފޭހާ ހިނދަކު އެއްލާލަން ބޭނުންނުވިޔަސް އަދި ސާފުކަމަށް ފެނުނަސް، މި ޒާތުގެ އެއްޗެހި އަވަސްއަވަހަށް ބަދަލުކުރަންޖެހެ އެވެ.

ކާއެއްޗެތި ރައްކާކުރަން ބޭނުންކުރާ ޕްލާސްޓިކް ކޮންޓެއިނަރު ގިނަ އަހަރުތަކެއް ވަންދެން ގެންގުޅުމުން، އޭގައި ޖެހޭ ކުލަ އާއި ތެޔޮ ފިލުވައި ސާފު ކުރަން އުނދަގޫވެ އެވެ. ކަޓިން ބޯޑުގައި އެޅިފައި ހުންނަ ކޫރުތަކުގެ ތެރެއަށް ޖަރާސީމު ވަނުމުން އެ ފިލުވަން ފަސޭހައެއް ނޫނެވެ. މާ ގިނަ ދުވަސް ވެފައި ހުންނަ ބާލީހުގައި ހިރަފުސް އަޅައި އެލާޖީތައް މެދުވެރިވުން އެކަށީގެންވެ އެވެ.

އަވަސްއަވަހަށް މިކަހަލަ ތަކެތި ބަދަލު ކުރުމަކީ ހަރަދު ބޮޑު ކަމެއްގެ ގޮތުގައި ދެކުން އެކަށީގެންވެ އެވެ. އެކަމަކު އަބަދު ބޭނުންކުރާ ޒަރޫރީ ތަކެތި އަވަހަށް ބަދަލު ކުރުމަކީ ސިއްހަތު ރައްކާތެރި ކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ގަވައިދުން ބަދަލުކުރަންޖެހޭ، ގޭތެރޭގައި ބޭނުންކުރާ އަށް ބާވަތެއް ތިރީގައި ހިމަނާލާނަމެވެ.

ތަށި ދޮންނަން ގެންގުޅޭ ސްޕޮންޖު

ކޮންމެ ހަފްތާއަކު ނުވަތަ ދެ ހަފްތާއަކުން ސްޕޮންޖު ބަދަލު ކުރުން މުހިއްމު

ސްޕޮންޖުން ތަށި ދޮންނަ ކޮންމެ ފަހަރަކު އެއަށް ޖަރާސީމު ޖަމާވެ އެވެ. ކޮންމެ ހަފްތާއަކު ނުވަތަ ދެ ހަފްތާއަކުން ސްޕޮންޖު ބަދަލު ކުރުން މުހިއްމެވެ. އަދި ބޭނުންކުރުމަށް ފަހު ސްޕޮންޖު ރަނގަޅަށް ހިކުނީމާ އަލުން ބޭނުންކުރުން ބުއްދިވެރި އެވެ. ވަސް ދުވާ ނަމަ، ނުވަތަ ސްޕޮންޖުގަނޑު ހަލާކުވާން ފަށައިފި ނަމަ އެ އެއްލާލާށެވެ.

ކަޓިން ބޯޑު

ބަދިގޭގައި ތަކެތި ކޮށަން ބޭނުންކުރާ ޕްލާސްޓިކް ބޯޑުތައް އަވަހަށް ބަދަލުކުރުން މުހިއްމު

ކަޓިން ބޯޑުގައި ވަޅި އެޅިފައި ހުންނަ ނިޝާންތަކަކީ ހަމައެކަނި އެ ބޭނުންކޮށްފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ނޫނެވެ. އެ ކޫރުތަކުގެ ތެރޭގައި، ލޮލަށް ނުފެންނަ ކުދި ޖަރާސީމުތައް އާލާވެ އެވެ.

ރަނގަޅަށް ސާފު ކުރުމަށް ފަހު ވެސް ބޯޑުން ވަސް ދުވާ ނަމަ، ނުވަތަ ބޯޑުގައި އެޅިފައި ހުރި ކޫރުތައް ހަރުވެފައިވާ ނަމަ ބޯޑު ބަދަލުކުރަންވީ ވަގުތު ޖެހުނީ އެވެ.

ރަނގަޅު ފެންވަރުގެ ލަކުޑި ބޯޑު ގިނަ ފަހަރަށް އޮމާންކޮށް ތެޔޮ އުނގުޅައިގެން އަލުން އާރާސްތުކުރެވިދާނެ އެވެ. ނަމަވެސް، ޕްލާސްޓިކް ކަޓިން ބޯޑު އަވަހަށް ބަދަލުކުރުން މުހިއްމެވެ.

ކާއެއްޗެހި ރައްކާކުރަން ބޭނުންކުރާ ތަށި

އަހަރަކު އެއްފަހަރު ޕްލާސްޓިކް ކޮންޓެއިނަރު ބަދަލުކުރުމަކީ ސިއްހަތަށް ފައިދާ ހުރި، ރައްކާތެރި ކަމެއް

ބަދިގޭގައި ބޭނުން ކުރާ ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ކާއެއްޗެހި ތާޒާކޮށް ނުހުންނަ ނަމަ އެ ކޮންޓެއިނަރުތައް ބަދަލުކުރަންވީ ވަގުތު ޖެހުނީ އެވެ. ބޭރު ފުށުން ކިތަންމެ ރީތިކޮށް ފެނުނު ނަމަވެސް ގިނަ ދުވަސްވެ ގިނައިން ބޭނުންކޮށް، މައިކްރޮވޭވްކޮށް ހަދާ ނަމަ ކޮންޓެއިނަރުތަކުގައި ކޫރު އެޅި އޭގެ ބައްޓަން ބަދަލު ވެ އެވެ. އަދި އެ ކޫރުތަކުގެ ތެރޭގައި ޖަރާސީމު އުފެދި ޖަމާވެ އެވެ.

ވަރަށް މުސްކުޅި ކޮންޓެއިނަރެއް ނަމަ ނުވަތަ އެއީ ކޮންތާކުން އައި އެއްޗެއްކަން ނޭނގޭ ނަމަ، އެއީ ރައްކާތެރި ނޫން އެއްޗަކަށް ވެދާނެ އެވެ. 

ގިނަ ދުވަސްވެފައިވާ ޕްލާސްޓިކް މައިކްރޮވޭވްކޮށް، ހޫނުވުމުން އޭގައި ހިމެނޭ ކެމިކަލްތައް ލީކު ވާން ފަށަ އެވެ. ކޮންމެ އަހަރަކު ވެސް އެތަކެތި ބަދަލުކުރުމަކީ ސިއްހަތަށް ފައިދާހުރި، ރައްކާތެރި ކަމެކެވެ. 

ތުވާލި

ތުވާއްޔަކީ ގަވައިދުން ތެތްވާ އެއްޗަކަށް ވުމުން އަވަހަށް ޖަރާސީމު ޖަމާވޭ

ތުވާއްޔަކީ ކޮންމެ ދުވަހަކު ބޭނުންކުރި ނަމަވެސް ގަވައިދުން ދޮންނަ އެއްޗެކެވެ. ވަކި އަގުހެޔޮކޮށް ލިބެން ހުންނަ އެއްޗެއް ވެސް ނޫނެވެ. އެކަމަކު ތުވާލިން ރަނގަޅަށް ގައި ނުހިއްކޭ ނަމަ އަދި އޭގެ ރޮދިތައް ނެއްޓި، ފޮތިގަނޑު ހަރުވެއްޖެ ނަމަ ތުވާލި ބަދަލު ކުރަންވީ އެވެ.

ތުވާއްޔަކީ ކޮންމެ ދުވަހަކު ބޭނުންކުރާ، ގަވައިދުން ތެތްވާ އެއްޗަކަށް ވުމުން އަވަހަށް ޖަރާސީމު ޖަމާވެ އެވެ.

ގައި އުނގުޅަން ބޭނުންކުރާ ލޫފާ

ލޫފާ ގަވައިދުން ބަދަލު ކުރުން މުހިއްމު

ގަވައިދުން ތެތްވާ އަދި ތެތް ތަނެއްގައި ބޭނުންކުރާ އެއްޗަކަށްވުމުން ލޫފާއަކީ ޖަރާސީމު އާލާވާން އެންމެ އެކަށީގެންވާ އެއްޗެވެ. އަދި ލޫފާއަކީ އަވަހަށް ހިކޭ އެއްޗެއް ވެސް ނޫނެވެ.

ހަންގަނޑާއި ސިއްހަތު ރައްކާތެރި ކުރުމަށް ލޫފާ ގަވައިދުން ބަދަލު ކުރުން މުހިއްމެވެ. މަހަކު އެއްފަހަރު ނުވަތަ އެއިން ނުބައި ވަސް ދުވާ ނަމަ އަދި އޭގައި ފޫޖަހާފައި ހުންނަ ނަމަ އަވަހަށް ބަދަލު ކޮށްލާށެވެ.

ދަތް އުނގުޅާ ބުރުސް 

ޑެންޓިސްޓުން ލަފާ ދެނީ ކޮންމެ ތިން-ހަތަރު މަހަކުން ބުރުސް ބަދަލު ކުރުމަށް

ދަތް އުނގުޅާ ބުރުހުގެ ނަރުތައް ހަލާކުވާން ފެށުމުން ދަތް ރަނގަޅަކަށް ސާފެއް ނުކުރެވޭނެ އެވެ. ޑެންޓިސްޓުން ލަފާ ދެނީ ކޮންމެ ތިން މަހަކުން ނުވަތަ ހަތަރު މަހަކު ބުރުސް ބަދަލު ކުރުމަށެވެ. އަދި ތިމާއަށް އެއްވެސް ކަހަލަ ބައްޔެއް ޖެހިއްޖެ ނަމަ ވަގުތުން ބުރުސް ބަދަލުކުރުމަށެވެ. 

ބެޑުޝީޓު

ބެޑުޝީޓު ސެޓެއް ކޮންމެ ދެތިން އަހަރަކުން ބަދަލު ކުރަން މާހިރުން ލަފާ ދޭ

ގިނަ ގޭގޭގައި ބޭނުންކުރަނީ އެންމެ ބެޑުޝީޓެއް ނޫނެވެ. އަދި ބެޑުޝީޓް ކޮންމެ ހަފުތާއަކު ގަވައިދުން ބަދަލުކޮށް ދޮވެ ހަދަ އެވެ. އެކަމަކު ބެޑުޝީޓުގެ ރޮދިތައް ނެއްޓި، ލޯވަޅު އެޅި ތުނި ވެއްޖެ ނަމަ އަދި ނުބައި ވަސް ދުވަން ފަށައިފި ނަމަ އަވަހަށް ބެޑުޝީޓު ބަދަލުކޮށްލާށެވެ. 

ގިނަ ޑޮކްޓަރުންނާއި މާހިރުން ލަފާ ދޭ ގޮތުގައި ބެޑުޝީޓު ސެޓެއް ކޮންމެ ދެތިން އަހަރަކުން ބަދަލު ކުރުން ބުއްދިވެރި އެވެ.

ބާލީސް

ނިދާ އެނދުގެ ބާލީސްތައް ކޮންމެ 18 މަހަކާއި 36 މަހަކާ ދެމެދު ބަދަލުކުރަން ޖެހޭ

އެނދުގައި އޮންނަ ބާލީސް ބޭރު ފުށުން ސާފުކަމަށް ފެނުނަސް އޭގެ އެތެރޭގައި ތެލާއި ހިރަފުސް ޖަމާވެފައި ހުރެ އެވެ. ގިނަ ދުވަސްވާ ވަރަކަށް ބާލީސް ހަރުވާހެން ހީވާ ނަމަ ނުވަތަ ބާލީސް ފަތާވެ ތަރަވެފައި އޮންނަ ސިފަ ޖަހާ ނަމަ ބާލީސް ބަދަލުކުރަންވީ ވަގުތު ޖެހުނީ އެވެ.

ނިދަން ބޭނުންކުރާ ބާލީސްތައް ކޮންމެ 18 މަހަކާއި 36 މަހަކާ ދެމެދު ބަދަލުކުރަން ޖެހެ އެވެ. މިކަން ބަރޯސާވަނީ ބާލީހުގެ ބާވަތަށާއި ބާލީސް ބޭނުންކުރަނީ ކިހާވަރަކަށްތޯ އަދި ރަނގަޅަށް ބަލަހައްޓާ މިންވަރަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް