ކޯމަސް ބިއުޓީގެ އާ އުފެއްދުން: 'ވެލާ'ގެ ނަން ދީފައިވާ ނަލަ ކުލަތަކެއް ހިމެނޭ 'އައިޝެޑޯ' ޕެލެޓެއް.

ބިއުޓީ

ދިވެހި މޭކަޕް ބްރޭންޑު ކޯމަސް ބިއުޓީގެ އެންމެ ފަހުގެ އުފެއްދުން 'ވެލާ' ނެރެފި

ކޯމަސް ބިއުޓީގެ ހަތަރު ވަނަ މޭކަޕް ޕެލެޓް ތައްޔާރުކޮށްފައިވަނީ ރާއްޖެއިން ފެންނަ ވެލާކަހަނބުގެ ތަފާތު ބާވަތްތަކުން ހިޔާލު ހޯދައިގެން
9 ޑިސެމްބަރު 2025
2

ރާއްޖޭގެ އަމިއްލަ ބިއުޓީ ބްރޭންޑުތައް އަތުން ގުނާލެވޭހާ މަދެވެ. މިފަހުގެ ޒަމާނީ ދިވެހި ބްރޭންޑުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބްރޭންޑަކީ ކޯމަސް ބިއުޓީ އެވެ.

ކޯމަސް ބިއުޓީ އުފެދުނީ 2020ގަ އެވެ. އެއީ މުޅި ދުނިޔެ ވަރަށް ތަފާތު ތަޖުރިބާތަކެއް ކަޑައްތު ކުރަމުން އައި ދުވަސްކޮޅެކެވެ. އެކަމަކު ކޯމަސް ބިއުޓީއިން ނެރުނު ފުރަތަމަ 'އައިޝެޑޯ' ޕެލެޓު 'މޫދު' ވެގެންދިޔައީ ރާއްޖޭގެ އަރަމުން އަންނަ ބިއުޓީ ދާއިރާއަށް އުޖާލާ އަދި އުއްމީދީ މުސްތަގުބަލެއްގެ ނިޝާނެއްގެ ގޮތުގަ އެވެ. 

ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ކޯމަސް ބިއުޓީއިން ރަމްޒުކޮށްދިނީ މުޅިން ތަފާތު ގޮތަކަށެވެ. ދިވެހިންގެ ހަމާ ގުޅޭ، ތިމާވެއްޓަށް ރައްކާތެރި، 'ކްރުއަލްޓީ ފްރީ' އަދި ހިތްގައިމު ކުލަތަކެއް ހިމެނޭ ދިވެހި މޭކަޕް ބްރޭންޑެއް ބައިނަލްއަގްވާމީ ފެންވަރެއްގައި ވެސް އުފެއްދިދާނެކަން ކޯމަސް ބިއުޓީއިން ކަށަވަރު ކޮށްދިނެވެ. 

މިހާތަނަށް ކޯމަސް ބިއުޓީއިން ވަނީ ތިން އުފެއްދުމެއް ނެރެފަ އެވެ. އެއީ 'މޫދު' އަދި 'ކަމަނަ' އައިޝެޑޯ ޕެލެޓާއި 'މޮންސޫން' ހައިލައިޓާ ޕެލެޓެވެ. މިދިޔަ އޮކްޓޫބަރު މަހު އެ ބްރޭންޑުން ވަނީ މުޅިން އާ އުފެއްދުމެއް ތައާރަފު ކޮށްފަ އެވެ. 'ވެލާ'ގެ ނަން ދީފައިވާ ނަލަ ކުލަތަކެއް ހިމެނޭ 'އައިޝެޑޯ' ޕެލެޓެކެވެ.

ކޯމަސް ބިއުޓީގެ 'ވެލާ' ޕެލެޓުގައި ހިމެނެނީ ހަމުގެ ކޮންމެ ކުލައަކާ ވެސް ގުޅުވާލައިގެން ޖައްސާލެވޭ، ވަރަށް ހިތްގައިމު ކުލަތަކެކެވެ. ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީސް މި އައިޝެޑޯ ޕެލެޓުގެ ވާހަކަ އަންނަނީ ސޯޝަލް މީޑިއާގައި ގަދަޔަށް ދެކެވެމުންނެވެ. 

ކޯމަސް ބިއުޓީގެ ފަހަތުގައިވާ ހުނަރުވެރި އުފެއްދުންތެރިޔާ ސާރާ އިބްރާހިމް މި ޕެލެޓު ތަފާތުވާ ސަބަބުތައް 'ދައުރު'އަށް ކިޔައިދިނެވެ.

ކޯމަސް ބިއުޓީ އުފެއްދީ 2020ގައި

މި ޕެލެޓު އުފައްދަން ހިޔާލު ހޯދީ ކިހިނެއް؟

"ރާއްޖޭގެ ކަނޑުގެ ވެލާކަހަނބުތަކަކީ އަޅުގަނޑުގެ އިންސްޕިރޭޝަން. ކޮންޒަވޭޝަންގެ ދާއިރާގައި މަސައްކަތް ކުރާތީ، ވެލާކަހަނބާ ވަރަށް ގާތުން މަސައްކަތް ކުރަން. އެހެންވެ ބޭނުންވީ ވެލާކަހަނބުގެ އެކި ވައްތަރުތަކާއި އެ އެއްޗެހީގެ ދަތުރުގައި ދިމާވާ އެކި ކަންތައްތައް ރަމްޒުކޮށްދޭ ކުލަތަކާއި ނަންތައް ހިމެނޭ އައިޝެޑޯ ޕެލެޓެއް ހަދަން. ހުރިހާ ކުލައެއްގެ ނަންތައް ހުންނާނީ ދިވެހި ބަހުން. މި ޕެލެޓަކީ މި ރީތި ޖަނަވާރުންނަށް ފޮނުވާ ލޯބީގެ ސިޓީއެކޭ ވެސް ބުނެވިދާނެ."

ބާޒާރުން ލިބެން ހުންނަ އެހެން މޭކަޕް ޕެލެޓުތަކާ 'ވެލާ' ތަފާތު ވަނީ ކިހިނެއް؟

"ކޮންމެ ޕެލެޓެއްގެ ފަހަތުގައި ވާހަކައެއް އޮވޭ. 'ވެލާ' ޕެލެޓުގެ ވެސް ފަހަތުގައި ސްޓޯރީއެއް އޮވޭ އަދި މިއީ 'ބިގިނާ ފްރެންޑްލީ،' 'އެވްރިޑޭ އައިޝެޑޯ ޕެލެޓެއް.' ބައެއް ޝޭޑްތައް ކޮންޓުއަ ނުވަތަ ބްރޮންޒަގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ. 'ކަމަނަ' ޕެލެޓް ފަދައިން ބައެއް ޝޭޑުތައް ބްލަޝްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ. 'ވާސަޓައިލް'ކޮށް ބޭނުންކުރެވޭ ގޮތަށް ޕެލެޓުތައް އުފައްދަނީ."

ކޯމަސް ބިއުޓީގެ އެންމެ ފަހުގެ އައިޝެޑޯ ޕެލެޓު ކަމަށްވާ 'ވެލާ' ނެރުނީ އޮކްޓޫބަރު މަހު. (ފޮޓޯ/ލުޖޭޒް ފޮޓޯގްރަފީ، މޭކަަޕް އާޓިސްޓު/ގްލޮމޯ ބައި ލައްލަ އަދި މޮޑެލް ކުރީ އަންޖި)

ޕެލެޓުގައި ހިމެނޭ ކުލަތަކުގެ ފަހަތުގައި ހާއްސަ ތީމެއް އެބައޮތްތަ؟

"އައިޝެޑޯ ޕެލެޓުގައި ހިމެނޭ ކޮންމެ ކުލައަކަށް ވެސް ނަން ދީފައި ވަނީ އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ އެޑިއުކޭޝަނަލް ޗާޓުތަކާއި ޕްރެޒެންޓޭޝަންތަކުގައި އެ ބާވަތުގެ ވެލާކަހަނބު ތަމްސީލުކުރުމަށް ބޭނުންކުރާ ކުލަތަކާ އެއްގޮތަށް. މި ކުލަތަކަކީ 'ކަލާ ބްލައިންޑް ފްރެންޑްލީ' ކުލަތަކެއް.

ޕެލެޓުގައިވާ 'ބިސް ތޮށި' އާއި 'ފިރައުނުމުދާ'ގެ ޓޯންތައް ވީހާވެސް އޭގެ އަސްލާ އެއްގޮތް ޓޯންތަކެއް ހިމެނޭ ޝޭޑެއްގައި ބެހެއްޓޭތޯ ބެލިން. ފިރައުނުމުދާ އަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް 'ޝިމަރީ' ހިތްގައިމު ޝޭޑެއް."

ޕެލެޓުގައި ހިމެނެނީ ކޮން ވައްތަރުތަކެއް އަދި އެ ވައްތަރުތައް އެކުލަވާލިއިރު ވިސްނީ ކޮން ކަންތައްތަކަކަށް؟

"ޕެލެޓުގައި މުޅިއެކު އަށް ޝޭޑެއް ހިމެނޭ. އޭގެ ތެރެއިން ހަތް ޝޭޑަކީ 'މެޓް' ވައްތަރު. އެއީ ޕެލެޓު 'ވާސަޓައިލް' ކޮށް ކޮންޓުއާގެ ގޮތުގައި ވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށް ބަހައްޓަން ވެގެން ކުރި ކަމެއް. އަޅުގަނޑު ވެސް ގަބޫލު ކުރާ ގޮތުގަ ވަގުތާއި ހަރަދަށް ބަލާއިރު ޕްރޮޑަކްޓަކުން ގިނަ ބޭނުންތަކެއް ހިފެން ޖެހޭނެ. މީގެ އިތުރުން ކުރިން ނެރުނު ކުލަ ގަދަ 'މޫދު' އަދި 'ކަމަނަ' ޕެލެޓުތަކާ އަޅާބަލާއިރު މި ޕެލެޓް ސިމްޕަލް ވާނެ."  

ކޯމަސް ބިއުޓީގެ އެންމެ ފަހުގެ އައިޝެޑޯ ޕެލެޓު 'ވެލާ'. (ފޮޓޯ/ލުޖޭޒް ފޮޓޯގްރަފީ، މޭކަަޕް އާޓިސްޓު/ގްލޮމޯ ބައި ލައްލަ އަދި މޮޑެލް ކުރީ އަންޖި)

ޕެލެޓުގެ ޕެކެޖިންގެ ފަހަތުގައި ހާއްސަ ކަމެއް އެބައޮތްތަ؟

"މި ޕެލެޓްގެ ކަވަރުގެ އާޓް ފަރުމާކޮށްފައި ވަނީ މިދިޔަ އަހަރު ނިޔާވި ގާތް ރަހުމަތްތެރިއެއްގެ ފޮޓޯއަކުން. އަޅުގަނޑު ބޭނުންވީ އާޓްގެ ޒަރީއާއިން އޭނާއަށް އިހުތިރާމް އަދާކުރަން.

އަދި މި ޕެލެޓްގެ ޕެކިން ހަދާފައި ވަނީ ތިމާވެއްޓާ ރައްޓެހި ހާޑް ޕޭޕަބޯޑް (ބޯކަރުދާސް) އިން."

މިފަހަރުގެ ޕެލެޓު އުފެއްދުމަށާއި ޓެސްޓު ކުރުމަށް ކިހާ ދުވަހެއް ނެގި؟ 

"މީގެ ކުރިން ވެސް ތިން ޕެލެޓް ހަދާފައި އޮތުމުން ރިސާޗް ޕްރޮސެސް ފަސޭހަވީ އައިޝެޑޯ ޕެލެޓުތަކުގައި ވެސް ފޯމިއުލާ އެއްގޮތަކަށް ހުރުމުން. ކޮންސެޕްޓުން ފެށިގެން ޑިޒައިނާއި ފައިނަލް މަސައްކަތާ ހަމައަށް، މި ޕެލެޓް ނިންމަން ގާތްގަނޑަކަށް ހަތް މަސް ދުވަސް ނެގި."

'ވެލާ' ޕެލެޓުގައި މުޅިއެކު އަށް ޝޭޑެއް ހިމެނޭ. އޭގެ ތެރެއިން ހަތް ޝޭޑަކީ 'މެޓް' ވައްތަރު. (ފޮޓޯގްރަފަރު/އަތާ، މޭކަޕް އާޓިސްޓު މިދޫ އަދި މޮޑެލް ކުރީ މީނާ)

ޕެލެޓުގެ ކުލަތައް އެކަށީގެންވަނީ ކޮން ކަހަލަ މުނާސަބަތުތަކަކަށް؟ އަދި ކިހާ އިރެއް ވަންދެން ކުލަ ހިފާފައި ހުރޭ؟

"މިއީ ހަމުގެ ކޮންމެ ކުލައަކާ ވެސް ގުޅޭ އަދި ކޮންމެ މުނާސަބަތަކަށް ވެސް ރީތި ކުލަތަކެއް އެކުލެވޭ ޕެލެޓެއް. 'އެވްރިޑޭ ލުކްސް' އަދި 'ބޯލްޑް ލުކްއެއް' ވެސް ގެނެވިދާނެ. ޕެލެޓުގައިވާ 'މުސިމްބީ' އަކީ 'ގްލެމަރަސް' ސްޓައިލް ކަމުދާ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޝޭޑެއް. މި ޕެލެޓު ހަދާފައި ވަނީ ގިނަ ކަސްޓަމަރުން ނިއުޓްރަލް ކުލަތައް ހިމެނޭ ޕެލެޓަކަށް އެދިފައިވާތީ. އެއީ ފެއާތަކުގައި ބައިވެރިވެ އަޅުގަނޑުގެ ސްޓޯލްއަށް ޒިޔާރަތް ކުރި މީހުން ދިން ކޮމެންޓުތަކަށް ބަލާފައި.

މީގެ ކުލަ 12 ގަޑިއިރަށް ދެމިގެންދާއިރު، ޓަޗް-އަޕް ކުރާކަށް ނުޖެހޭނެ. އަދި އެއަށްވުރެ ގިނަ އިރު ހުރުން ވެސް އެކަށީގެންވޭ. އެ ބިނާ ވަނީ އެމީހެއްގެ 'ސްކިން ޕްރެޕް' އަށް. މޫނަކީ ތިމާގެ ކެންވާސް ގޮތަށް ބަލައިގެން ތައްޔާރު ކުރާ ގޮތަކަށް ބަރޯސާވާނީ."

'ވެލާ' އައިޝެޑޯ ޕެލެޓް ހަމުގެ ކޮންމެ ކުލައަކާ ވެސް ގުޅުވާލެވޭ އަދި ކޮންމެ މުނާސަބަތަކަށް ވެސް އެކަށީގެންވޭ

'ވެލާ' އައިޝެޑޯ ޕެލެޓް ހަންގަނޑު 'ސެންސިޓިވް' މީހުންނާ ވެސް ގުޅޭނެތަ؟

"އާނ. އަޅުގަނޑުގެ ހަންގަނޑު ވެސް ވަރަށް ސެންސިޓިވް ވާނެ. އެހެންވެ ކޮންމެ 'އިންގްރީޑިއެންޓެއް' އަޅުގަނޑުގެ އަމިއްލަ އަތުގައި ޓެސްޓު ކުރިން. ނަމަވެސް އަޅުގަނޑަކީ ޑޮކްޓަރެއް ނޫން، އެހެންވެ 'ސެންސިޓިވް' ހަންގަނޑެއް ހުރި ނަމަ ޕެލެޓު ގަތުމުގެ ކުރިން ޕެޗް ޓެސްޓެއް ހަދާލުން ރަނގަޅު."

މި ޕެލެޓުން ކޯމަސް ބިއުޓީގެ ވަކި މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ރަމްޒުކޮށްދޭތަ؟

"އަޅުގަނޑުގެ ހުރިހާ ޕްރޮޑަކްޓްތަކަކީ ވެސް 'ކްރުއެލްޓީ ފްރީ' އަދި 'ވީގަން' އުފެއްދުންތަކެއް. އެތަކެތި ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓެއް ނުކުރަން. މީގެ އިތުރުން 'ބީސްވެކްސް' ނުވަތަ 'ކާމައިން' އެއީ ސޫފި (ކާމައިންގެ ބީޓްލް) ފުނޑައިގެން އުފައްދާ ރަތް ކުލައިގެ ޑައި ބޭނުމެއް ނުކުރަން. އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ތައްޔާރު ކުރަނީ 'ލެބް ބޭސްޑް' 'ކްލީން މިނެރަލް އިންގްރިޑިއަންޓްސް' އިން."

މިހާތަނަށް މީހުންގެ ފަރާތުން ލިބުނު ފީޑްބެކް އަކީ ކޮބާ؟

"އަޅުގަނޑުގެ ވަފާތެރި ކަސްޓަމާ ބޭސްއެއް އެބައޮތް. މި ޕެލެޓާ ބެހޭ ގޮތުން އެ މީހުން ދިން ފީޑްބެކް އަކީ ޕެލެޓު ބޭނުން ކުރަން ފަސޭހަ ކަމާއި ކުލަތައް 'ބްލެންޑު' ކޮށްލަން ފަސޭހަވެފައި، ދިގު މުއްދަތަކަށް ދެމިހުންނަ އަދި 'ބިގިނާ ފްރެންޑްލީ' ޕެލެޓެއްކަން."

ޕެލެޓު އުފެއްދިއިރު ދިމާވި ގޮންޖެހުންތަކަކީ ކޮބާ؟

"އެންމެ ބޮޑު ގޮންޖެހުމަކީ 'ކަލާ ޕޭއޮފް.' އެއީ ކޮންމެ އަންޑަޓޯންއެއް އަދި ޝޭޑެއްގެ. 'ޑީޕް ސްކިންޓޯން'ތަކުގައި ވެސް ކުލަ ގަދަޔަށް ފެންނަ ޝޭޑުތަކެއް އުފައްދަން ބޭނުންވި. އެހެންވެ 'ކަލާ ތިއަރީ' މުހިއްމު ވަނީ. ރަތް ކުލައެއް ދޮން ހަމާއި ކަޅު ހަމުގައި ޖައްސާލުމުން ފެންނާނީ ވަރަށް ތަފާތުކޮށް. އެހެންވެ ބޭނުންވީ ހުރިހާ ކުލައެއް ވެސް ހަމުގެ ކޮންމެ ކުލައެއްގައި ވެސް ރީތިކޮށް ފެންނަން. ހަ މަހުގެ 'ޓްރަޔަލް އެންޑް އެރާ'އަށް ފަހު މިކަން ހާސިލުވި." 

ކޯމަސް ބިއުޓީއިން ބޭނުންވީ 'ޑީޕް ސްކިންޓޯން'ތަކުގައި ވެސް ކުލަ ގަދަޔަށް ފެންނަ ޝޭޑުތަކެއް އުފައްދަން (ފޮޓޯގްރަފަރު/ ލުޖޭޒް ފޮޓޯގްރަފީ، މޭކަަޕް އާޓިސްޓު ގްލޮމޯ ބައި ލައްލަ އަދި މޮޑެލް ކުރީ އަންޖި)

މި ޕެލެޓާ އެކު ކޯމަސް ބިއުޓީ ބްރޭންޑުން ހާސިލު ކުރަން ބޭނުންވާ ވަކި މަގުސަދެއް އެބަ އޮތްތަ؟

"ފުރަތަމަ ކަމަކަށް މި ޕެލެޓުގައިވާ ޝޭޑުތަކުގެ ނަންތައް ދީފައިވަނީ ރާއްޖޭގެ ކަނޑުގެ ވެލާކަހަނބުގެ ތަފާތު ވައްތަރުތަކުން އަދި އޭގެ ނަންތައް ދީފައިވަނީ ދިވެހި ބަހުން. އެހެންވީމަ އެއްގޮތަކުން މީގެ ފަހަތުގައި 'އެޑިއުކޭޝަނަލް' މަގުސަދެއް ވެސް ހިމެނޭ. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން މުސްތަގުބަލުގައި މި ޕެލެޓު ފިހާރަތަކުންނާއި ރިސޯޓް ސުވެނިއަ ފިހާރަތަކުން އަދި ގެސްޓްހައުސްތަކުން ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް. ދެން ސްޓޮކް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަޅުގަނޑަށް ގުޅާލެވޭނެ.

އަދި އަޅުގަނޑަށް ވިއްކައިގެން ލިބޭ ސޭލްސް ބޭނުންކޮށްގެން ކޮންޒަވޭޝަން އެންޖީއޯތަކަށް އެހީތެރިވާން ބޭނުންވޭ. އަންނަ އަހަރުގެ 'ސީ ޓާޓްލް ވީކް'ގައި ބައިވެރިވާން އުއްމީދުކުރަން. 

މިހާރު މި ތައްޔާރުވަމުން ދަނީ ލިޕް ޕްރޮޑަކްޓްއެއް އުފެއްދުމަށް. އޭގެ ރިސާޗު މަރުހަލާގައި މިހާރު މި މަސައްކަތް ކުރަނީ. މި އުފެއްދުމަށް ފަހަރެއްގައި އަހަރަކާއި ބައި ހޭދަ ވެދާނެ. އެއީ އަޅުގަނޑު ބޭނުންވަނީ ކޯމަސް ބިއުޓީގެ ކޮންމެ އުފެއްދުމެއް ވެސް 'ސްލޯ'ކޮށް އަދި ތިމާވެއްޓަށް ރައްކާތެރި އުސޫލެއްގެ ދަށުން ތައްޔާކުރަން. އަދި އުފެއްދުންތަކުގެ ފެންވަރު ދަމަހައްޓަން ވެސް ބޭނުންވޭ." 


ކޮމެންޓް (2)

ކަނޑުގުރުވަ

9 ޑިސެމްބަރު 2025
ވަރަށް އުފާވެއްޖެ ކަސްޓަމަރުންގެ ރިކުއެސްޓް ތަކަށް މިކަހަލަ ސިމްޕަލް އެވްރިޑޭ ޕެލެޓެއް އުފެއްދީތީ. ލިޕް ޕްރޮކްޓް ވެސް ވަރަށް ސަޅިވާނެކަމަށް ބެލެވޭ. ކާންޓް ވެއިޓް!
2 0

އަލީ ބުޚައިރީ

9 ޑިސެމްބަރު 2025
ކޯމަސްބިއުޓީ ޕެލެޓް ތަކުގެ ތެރެއިން އެންމެ ކަމުދަނީ ވެލާ ޕެލެޓް. ޕެކޭޖިން އިން ފެށިގެން ގޮސް ޝޭޑްތަކަށް ދީފަ ހުރި ނަންތަކަށް ބަލާލިޔަސް އަމިއްލަވަންތަކަމާ ކްރިއޭޓިވިޓީ ދައްކުވައިދޭ. ސާބަހޭ ސާރާ 🐢
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް