ޝޯރަންގެ ދުވުން އޮތީ ހުޅުމާލޭ ގޮނޑުދޮށުގައި

ދުވުން

ޝޯރަން: ހުޅުމާލެ ގޮނޑުދޮށަށް ދުވުމުގެ މުޅިން އާ ރޭހެއް

ވީރަންއިން އިންތިޒާމްކޮށްގެން މިދިއަ ހުކުރު ދުވަހު ބޭއްވި ޝޯރަން ނިންމާލީ ދުވުންތެރިންނަށް ތަފާތު ތަޖުރިބާތަކެއް ގެނެސްދީފައި
30 ނޮވެމްބަރު 2025

އެއީ ވީރަންއިން އިންތިޒާމްކޮށްގެން ހުޅުމާލޭ ގޮނޑުދޮށުގައި ބޭއްވި ޝޯރަން އެވެ. ރާއްޖޭގައި ގޮނޑުދޮށުގައި ބޭއްވި ރަސްމީ ފުރަތަމަ ދިގު ރޭހެވެ.

ހުކުރުދުވަހު ހެނދުނު އޮތީ 10 ކިލޯމީޓަރެވެ. އެ ދުވަހުގެ ހަވީރު 5 ކިލޯމީޓަރާއި ކުޑަކުދިންނަށް ހާއްސަކޮށްގެން 2 ކިލޯމީޓަރުގެ ރޭސް ވެސް ބޭއްވި އެވެ.

ޝޯރަންއަކީ ރާއްޖޭގައި ބޭއްވި މުޅިން ތަފާތު ރޭހެއް

ދުވުުންތެރިން ބުނާ ގޮތުގައި މިއީ ތަފާތު ތަޖުރިބާއެކެވެ. ގޮނޑުދޮށުގައި އޮތް ދުވުމެއް ކަމުން ގޮންޖެހުންތައް ވެސް ގިނަ އެވެ. ނަމަވެސް ބައިވެރިވި ދުވުންތެރިން ބުނަނީ އާއިލާ އާއި ރައްޓެހިންނާ އެކު ބީޗުގައި އެހެން ދުވެލުމަކީ މަޖާ ތަޖުރިބާއެއް ކަމަށެވެ. 

ޝޯރަންގެ 5 ކިލޯމީޓަރު ދުވުމަށް ފަހު ބައެއް އެކުވެރި ދުވުންތެރިން ފޮޓޯއެއް ނަގަނީ

ވީރަންގެ މި ދުވުމުގައި ސީރިއަސް ދުވުންތެރިން ވެސް ބައިވެރިވި އެވެ. ރޭހުގެ ތެރޭގައި ވީރު ޖިމްގެ ފަރާތުން ނެށުމާއި ލުއި ކަސްރަތުތައް ދައްކާލުމާއި ދުވުންތެރިން ރަނގަޅަށް ވޯމްއަޕްކޮށް ހެދި އެވެ. 

ޝޯރަންގެ ބައިވެރިން އަންނަނީ ސޯޝަލް މީޑިއާގައި އެ ރޭހުގެ ތަޖުރިބާތައް ހިއްސާކުރަމުންނެވެ. އޭގެ އެއް ބޭފުޅަކީ ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

ކުރިން ގަވާއިދުން ދިގު ދުވުންދުވުމުގައި އުޅުއްވި ފަޒްނާ ވިދާޅުވި ގޮތުގައި ދުވުން މެދުކަނޑާލައްވައިގެން ހުންނަވާތާ އަހަރެއް ވެއްޖެ އެވެ. ހެނދުނު އޮތް 10 ކިލޯމީޓަރުގެ ދުވުމުގެ 5 ކިލޯމީޓަރު ކަނޑައްތުކުރެއްވުނު ހިސާބުން ރޭސް ނިންމާނުލެއްވޭނެކަމުގެ އިހުސާސްކުރެއްވުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބީޗާއި ހިތްގައިމު ވައިރޯޅިތަކާ އެކު ރޭސް ނިންމާލެއްވުނީ "ނޭނގި ހުއްޓާ' ކަމަށް ސިފަކުރެއްވި އެވެ. 

ދިގު ދުވުންތެރިޔާ އަދި ޓްރައިތަލޯން ފުރިހަމަކޮށްފައިވާ އަހުމަދު އާތިފު ވެސް 10 ކިލޯމީޓަރު ރޭހުގައި ބައިވެރިވި އެވެ. އޭނާ ބުނީ ޝޯރަންއަކީ ތަފާތު ތަޖުރިބާއެއް ކަމަށެވެ. ރޭސް ކުރިއަށް ދިޔަ ވަގުތު ދިޔަވަރު ބޮޑުވެފައި އޮތުމުން އޭނާ ދުވީ ބައެއް ހިސާބުތަކުގައި ލޮނުގަނޑު ތެރޭގަ އެވެ. އެހެންވެ ބުނީ "ވަރަށް ޓަފް" ކަމަށެވެ.

މި އަހަރު އޮތް ބާލިން މެރަތަން ފުރިހަމަކޮށްފައިވާ 18 އަހަރުގެ ދުވުންތެރިޔާ ޝަލް މުބީން ބައިވެރިވީ ހަވީރު އޮތް 5 ކިލޯމީޓަރު ރޭހުގަ އެވެ. ހަވީރު ވަގުތުކަމުން ހުޅުމާލޭ ގޮނޑުދޮށުގައި އާންމުން ވެސް ވަރަށް ގިނަ އެވެ. އެހެންކަމުން ރޭސް ދުވަން ޖެހުނީ އެކި މީހުން ނައްޓަމުންނެވެ. 

ޝޯރަން އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނީ ރާއްޖޭގެ ފިޓްނަސް ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ހުސެން ޒިނާން އެވެ. އޭނާ ބުނީ އެއީ ތަފާތު ދުވުމެއް ކަމަށެވެ. 

ވީރަން މޯލްޑިވްސްގެ އަމާޒަކީ އާއިލީ، އެކުވެރި ދުވުންތަކެއް އާންމުންނާ ހިސާބަށް ގެނެސްދިނުމެވެ. 

ޝޯރަންގެ ރީތި މެޑެލް
މިދިއަ ހުކުރުދުވަހު ހަވީރު އޮތް ޝޯރަންގެ 5 ކިލޯމީޓަރު ދުވުމުގެ ބައެއް ބައިވެރިން

އިތުރު އާޓިކަލް

އިތުރު އާޓިކަލް