ކްލޯތްސްލައިން ޕްރޮޖެކްޓްގައި އަންހެނުންގެ އިހުސާސްތައް ލިއެފައިވާ ޓީޝާޓްތަކެއް
'ދަ ކްލޯތްސްލައިން ޕްރޮޖެކްޓް'ގައި ބައިވެރިވާން ހުޅުވާލައިފި
އެސޯސިއޭޝަން ފޯ ވިމަން އެމްޕަވަމަންޓް (އޭޑަބްލިއުއީ) އިން ދަ ކްލޯތްސް ލައިން ޕްްރޮޖެކްޓް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ކޮންމެ އަހަރެއްގެ 25 ނޮވެމްބަރުން ފެށިގެން 16 ދުވަހަށް އެކި ހަރަކާތްތައް ހިންގަ އެވެ. އޭގެ ތެރޭގައި ހިމެނޭ ދަ ކްލޯތްސް ލައިން ޕްރޮޖެކްޓްގެ މަގުސަދަކީ ވެސް ހޭލުންތެރިކުރުމާއި ބާރުވެރިކުރުވުމެވެ.
އެޓްމޮސްފިއާ ފައުންޑޭޝަން އާއި އޭޑަބްލިއުއީ ގުޅިގެން އަންނަ ހޮނިހިރުދުވަހު ބާއްވާ މި ހަރަކާތުގައި ގެވެށި އަނިޔާއިން އަރައިގަތުމަށް ހޭލުންތެރިކުރުމާއި، ބާރުވެރިކުރުމާއި ހިތްވަރު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން މުޅި ދުނިޔޭގައި ސަމާލުކަން ހޯދާފައިވާ ދަ ކްލޯތްސް ލައިން ޕްރޮޖެކްޓް' އަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ ބާރުގަދަ ހަރަކާތެކެވެ.
އެ ހަރަކާތް ފެށީ 1990ގެ އަހަރުތަކުގަ އެވެ. ގެވެށި އަނިޔާ، ޖިންސީ ގޯނާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ކުރިމަތިވެފައިވާ މީހުން އެމީހުންގެ އިހްސާސްތަކާއި ތަޖުރިބާތައް، އެ ހަރަކާތުގެ ތެރޭގައި، ކުލަކުލައިގެ ޓީޝާޓްގައި ލިޔެ ކުރަހާ ހަދަ އެވެ.
އަނިޔާ ކުރިމަތިވާ މީހުންނަށް އެއީ ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.
އެ އަނިޔާތަކުން އަރައިގަތުމަށް އެހީތެރިވާން ހިތްވަރާއި ބާރުދޭ މެސެޖްތައް އެކި ކުލަކުލައިގެ ޓީޝާޓްތަކުގައި ލިޔެ ހެދުން ހިއްކަން ރޯނެއްގައި އަޅާހެން އާއްމުކޮށް ފެންނަ ގޮތަށް ދައްކަން ބަހައްޓަ އެވެ.
ޓީޝާޓްތަކުގެ ކޮންމެ ކުލައަކުން ރަމްޒުކޮށްދެނީ ވަކި ކަހަލަ އަނިޔާއެކެވެ. މިއީ ތަފާސްހިސާބާއި ނަމްބަރުތަކުން އެކަނި ސަމާލުކަން ގެނެސްދިނުމުގެ ބަދަލުގައި އިންސާނީ ތަޖުރިބާއިން އާއްމުންގެ ސަމާލުކަން ހޯދުމެވެ.
ހޮނިހިރުުދުވަހު އޮންނަ މި ހަރަކާތުގައި ބައިވެރިވާން ހާއްސަ ކިއުއާރު ކޯޑެއް ސްކޭންކުރަން ޖެހެ އެވެ.
އެދުވަހު މެސެޖްތައް ލިއެގެން ފުރިހަމަކުރާ ޓީޝާޓްތައް ފަހުން އެހެން އިވެންޓެއްގައި ދައްކަން ބަހައްޓާނެ ކަމަށް އޭޑަބްލިއުއީން ބުންޏެވެ.
އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އެމީހުންގެ ދައުރު ފުޅާކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ވިލުންތެރިކަން އިތުރުކުރަން މި އަހަރު ވެސް ކާމިޔާބުކަމާ އެކު ޕްރޮގްރާމްތައް ހިންގާފައިވާ އޭޑަބްލިއުއީން ބުނާ ގޮތުގައި މަމްސް އެެއިޑްއާ ގުޅިގެން ސެލްފް ޑިފެންސް ވޯކްޝޮޕަކާއި ޑިޖިޓަލް ސޭފްޓީއާ ގުޅޭ ވޯކްޝޮޕްތަކެއް ވެސް އަންހެނުންނަށް އަމާޒުކޮށްގެން ބާއްވަން ވަނީ ނިންމައިފަ އެވެ.