ޝިޔާމާ ހުސެން: އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީން ދިރިއުޅުން ކޮޅަށް ޖަހައިގެން އަމިއްލަ ރަށުގައި ދިރިއުޅެނީ ހަމަޖެހިލައިގެން.

އަތޮޅުތައް

ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް ރަކީދޫގައި ހިތްފަސޭހަ ދިރިއުޅުމެއް

މޫސުމީ ބަދަލުގެ އަސަރާއި ހިދުމަތްތައް ނުލިބުމުގެ ދަތިތަކުގައި އުޅެން ޖެހުނަސް ޝިޔާމާ ހުސެން ފަދަ މީހުންގެ ހިތް އޮތީ ރަށްފުށުގެ ހަމަހިމޭން ދިރިއުޅުމަށް
25 އޮކްޓޯބަރު 2025
3

ވ. އަތޮޅުގައި މީހުން ދިރިއުޅޭ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ރަކީދޫއޭ ބުނުމުން އެންމެ ފުރަަތަމަ ހިތަށްއަރާނީ، އެއީ އިބްތިހާލްގެ ރަށޭ އެވެ. މަންމަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިގެން 2015 މަރުވި މުހައްމަދު އިބްތިހާލްގެ ނަން ހަނދާންވުމުން ލޮލަށް ކަރުނަ ޖަމާވާނެ އެވެ. ހިތުން ރޮވޭނެ އެވެ. ރަކީދޫއަށް ދެވުމާ އެކު އެންމެ ފުރަތަމަ ބަލަން ބޭނުންވީ ވެސް އެ ގެ އެވެ. މިހާރު ހުރީ ފަޅަށެވެ.

 ވ. ރަކީދޫގައި އިބްތިހާލް ދިރިއުޅުނު ގެ

އެކަމަކު އެ ވާހަކަ ބާއްވާށެވެ. ރަކީދޫގެ އެހެން ވާހަކައެކެވެ. އާބާދީ ކުޑަވުމުގެ ސަބަބުން ބޮޑެތި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާ އެ ރަށުގައި މި ވަގުތު ދިރިއުޅޭ ކުޑަކުއްޖެއް ނެތެވެ. ސްކޫލް އިމާރާތް އެންމެ އާކޮށް ހުއްޓަސް އެ ތަނަށް ކިޔަވަން ދާނެ ދަރިވަރެއް ނެތެވެ.

އެކަމަކު ރަކީދޫގައި އަދިވެސް ދިރުން އެބައޮތެވެ. ރަށުގައި ދިރިއުޅޭ މީހުންނަކީ ރަށުވަންތަކަމަށް ހާއްސަ ލޯތްބެއް ހުރި ބަޔެެކެވެ. ފުދެ އެވެ. ކުރިމަތިވާ ގޮންޖެހުންތަކާ އެކު ވެސް އެ މީހުން ތިބީ ހަމަޖެހިގެންނެވެ.

އޭގެ ތެރެއިން އެކަކީ ރަކީދޫގެ ގިރާ ސަރަހައްދާ އެންމެ ކައިރީގައި ދިރިއުޅޭ ޝިޔާމާ ހުސެން އެވެ.

ޝިޔާމާ ހުސެން އޭނާ ދިރިއުޅޭ ގޭ ކުރިމަތި ހުރި ޖޯއްޔެއްގައި ފިރިމީހާއާ އެކު އިށީނދެލައިގެން

"އުދައަރާ މޫސުމުގައި ގޭގެ ދޮރާ ހިސާބަށް ލޮނުގަނޑު އަރާ. ހައްދާ ގަސްތައް ލޮނާ އެކު މަރުވީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެ،" ގޭދޮރުމަތީގައި ހުރި ޖޯއްޔެއްގައި އިނދެ ޝިޔާމާ ކިޔައިދިނެވެ.

އުދައަރައި ފެންބޮޑުވާ އިރު ގޭގެ ދޮރުން އެތެރެއަކަށް ފެނެއް އަދި ނުވަދެ އެވެ. ޝިޔާމާ އެކަމަށްޓަކައި ހަމްދު ކުރެ އެވެ. އެކަމަކު ފެން ނުވަނަސް، މިފަހުން ވެސް ގޭގެ ދޮރުގެ ތަޅުތައް ދެ ބުރަކަށް ބަދަލު ކުރަން އޭނާއަށް ޖެހިއްޖެ އެވެ.

ތިން ކޮޓަރީގެ އެ ގޭގައި ދިރިއުޅެނީ ޝިޔާމާގެ ދެމަފިރިންނާއި ފިރިހެން ދަރިއެކެވެ. އެހެން ދަރިން ތިބީ އެކި ރަށްރަށުގައި ވަޒީފާގައި އަދި އަމިއްލަ ދިރިއުޅުމުގަ އެވެ.

ޝިޔާމާ ހުސެންގެ ގޭގެ ބޭރު 

ދަރިން ކިތަންމެ ވަރަކަށް މާލެ ބަދަލުވާން އެދުނަސް، ރަށްފުށުގެ ހިމޭން ދިރިއުޅުން ދޫކޮށްލާފައި މާލެ ދިޔުމަކީ ޝިޔާމާ ހިތް އެދޭ ގޮތެއް ނޫނެވެ. އެއީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ހަމަޖެހިލައިގެން ނޫޅެވޭނެތީ އެވެ. އަދި އޭނާއަށް އާމްދަނީ ހޯދުމަށް ހުރަސް އެޅޭނެތީ އެވެ.

އުމުރުން 50ގެ އަހަރުތައް ގުނަމުންދާ ޝިޔާމާގެ ރަސްމީ ވަޒިފާއަކީ ކުނިކެހުމާއި ކުނިގޮނޑުގައި މަސައްކަތްކުރުމެވެ. އަދި ހުސް ވަގުތުގައި ގޭގައި ހަމަޖެހިލައިގެން އިނދެ ފަންގި ވިޔެގެން ވެސް އޭނާ އާމްދަނީ ހޯދަ އެވެ.

ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިޔަސް ރަށްފުށުގެ ދިރިއުޅުމުގައި ޝިޔާމާގެ ހިތްހަމަޖެހުން ބޮޑު


ޝިޔާމާ ހުސެން: ފަންގި ވިނެގެން ވެސް އާމްދަނީ ހޯދާ

ފިރިމީހާއަކީ އެއް ފަޅި ވާގި ނެތިފައިވާ މީހެއްކަމުން، މަސައްކަތް ކުރާނެ ވަރެއް އަތުގައި ނުހުރެ އެވެ. އަމިއްލަ މަސައްކަތުން ޝިޔާމާއަށް ލިބޭ އާމްދަނީން ދިރިއުޅުން ކޮޅަށް ޖަހައިގެން އޭނާ ހުރީ ފުދިގެންނެވެ. ރީތީ ހިތްފަސޭހަ ދިރިއުޅުމެއް އޭނާއަށް އެބަ އުޅެވެ އެވެ.

ޝިޔާމާ ހުސެން ފަންގި ވިޔެފައި

ރަށް ދޫކޮށްލުމާ މެދު ތަފާތު ހިޔާލުތަކެއް

އާބާދީ ކުޑަވުމުގެ ސަބަބުން އެހެން ރަށަކަށް ބަދަލުވާން ރަކީދޫ ފަދަ ރަށްރަށުގެ ބައެއް މީހުން ސަރުކާރަށް ޕްރެޝަރުކުރެ އެވެ. އެކަމަކު އަނެއް ބަޔަކު އެގޮތެއް ނޭދެ އެވެ. ރަކީދޫ އިން ވެސް ބައްދަލުވީ މިކަމާ މެދު ހިޔާލު ތަފާތު މީހުންނެވެ.

އެއް ބަޔަކު ފާހަގަކުރި ގޮތުގައި ސިއްހީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތައް ނެތި ރަށުގައި ދިރިއުޅެން ޖެހުމުން ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް ދާން ޖެހެނީ މާލެ އަށެވެ. ރަކީދޫ ސްކޫލަކީ މި ދިޔަ ސަރުކާރުގައި ސެޓަލައިޓް ސްކޫލެއްގެ ގޮތުގައި އެޅި އާރޯކޮށް ހުރި ތަނެކެވެ. އެތަނުގައި ނެތީ ކިޔަވާނެ ކުއްޖެކެވެ.

ކުދިން ނޫޅޭ ރަށެއް ނަމަ "ދިރުމެއް" ނެތޭ މީހުން ބުނެ އުޅުނަސް، ރަށުގެ ކައުންސިލުން ބައްދަލުވި އަންހެނެއްގެ ހިޔާލު ތަފާތެވެ.

"މި ރަށު ސްކޫލްގައި ކިޔަވާނެ ކުއްޖެއް ނެތަސް، އަހަރުމެން މި ދިރިއުޅެނީ ހަމަޖެހިގެން،" އޭނާ ބުންޏެެވެ.

އެ އަންހެން މީހާ ބުނިގޮތުގައި އެހެން ތާކަށް ބަދަލުވެއްޖެ ނަމަ، އަމިއްލަ ރަށުގައި މި ފެހި މާހައުލުގައި އުޅޭ ކަހަލަ ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ އެވެ.

ވ. ރަކީދޫ ޝިޔާމާ ހުސެން 

ޝިޔާމާ ވެސް ފާހަގަކުރީ އެކަމެވެ. އޭނާ އަކީ ރާއްޖެބަލި ހުންނަ މީހެއްކަމުން ކޮންމެ ތިން މަހަކުން ޑޮކްޓަރަށް ދައްކައި އިންޖެކްޝަނެއް ޖަހަން މާލެ ދާން މަޖުބޫރެވެ. އެކަމަކު ދާ ކޮންމެ ފަހަރަކު އަނބުރާ ރަށަށް ނާދެވިގެން ރުންކުރުވެ އެވެ. އެ ހަލަބޮލި މާހައުލު އޭނާގެ ދިރިއުޅުމަކާ އެއްބަހެއް ނުވެ އެވެ.

އެކަމަކު ޝިޔާމާ ވެސް އެއްފަސްކުރުމާ މުޅިއަކުން ދެކޮޅެއް ނޫނެވެ. މޫސުމީ ބަދަލުގެ އެންމެ ކުރީ ސަފުގައި ރާއްޖެ އޮތް އިރު، އޭނާގެ އަތުން ގޭގެ މަރާމާތަށް އެ ހިނގާ ހަރަދާއި ހިދުމަތްތައް ހޯދަން އޭނާއަށް މަޖުބޫރު ކުރުވާ ހަރަދުތައް، އެހެން ރަށަކަށް ބަދަލުވެއްޖެ ނަމަ، ވަރަށް ބޮޑުތަން ކުޑަވާނެ އެވެ. ރަށުގެ އެންމެން އެއްބަސްވެ، ބަދަލުވާން ނިންމައިފި ނަމަ އެކަމާ ދެކޮޅުހަދާކަށް ޝިޔާމާ ގަސްތެއްނުކުރެ އެވެ.

ޝިޔާމާގެ ގޭ ކައިރީގައި މީހަކު ހުއްޓިލައިގެން

ރަކީދޫން ވާހަކަ ދެއްކި އިތުރު މީހަކު ބުނި ގޮތުގައި މީހުން މަދުކަމުން އަސާސީ ހިދުމަތްތައް ނުލިބޭތީ އަދި ކުރިމަތިވާ ގޮންޖެހުމުގެ ސަބަބުން ރަށުން ބޭރުގައި ދިރިއުޅޭ މީހުން، ރަށުގައި ގެދޮރު އަޅައިގެން އަލުންބަލުން ރަށަށް ހިޖުރަ ކުރުމުގެ ވިސްނުން މީގެ ކުރިން ނުގެންގުޅުނަސް މިހާރު ލޯކަލް ޓުއަރިޒަމްއާ އެކު އެކަން އަންނަނީ ބަދަލުވަމުންނެވެ.

ނަމަވެސް މިހާރު ރަކީދޫގައި ފެންވަރު ރަނގަޅު ބޮޑު ދެ ގެސްޓްހައުސް އެބަހުއްޓެވެ. ބޮޑެތި ވިޔަފާރިވެރިން އަންނަނީ އެ ރަށުގެ ގޯތިތަކަށް ކަޅިއަޅަމުންނެވެ. މިހާރު ވެސް ބައެއް ބިންތައް ގަންނަން ފަށައިފި އެވެ.

ލޯކަލް ޓުއަރިޒަމުން ރަށާއި އަތޮޅަށް މަންފާވާނެ އެތައް ގޮތެއް ހޯދިދާނެ އެވެ. ގުދުރަތީ ގޮތުން ރާއްޖޭގެ އެހެން ހުރިހާ އަތޮޅަކާ ތަފާތު ވ. އަތޮޅުގައި ބޮޑެތި ފަޅުތަކާއި ގިރި އެބަ އޮތެވެ. ކަނޑުގެ ދިރުންތައް ކައިރިން ބަލާލެވޭނެ އަތޮޅެކެވެ. ފަތުރުވެރިން މިހާރު ވެސް ހިތްކިޔާ އަތޮޅެކެވެ.

 މިފަދަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ރަށުން ފައިބައިގެން ގޮސް "ކޮތަރު ކޮށި" ފަދަ ތަންތަނަށް ދިރިއުޅުން ބަދަލުކުރުމަކީ ހައްލު ހެއްޔެވެ؟ ތަނަވަސް މާހައުލަކުން ނުތަނަވަސްކަމަށް ދިއުން އެއީ ހައްގު މިންވަރު ހެއްޔެވެ؟ ފާގަތި ދިރިއުޅުމެއް އުޅެވެން އޮތީ މިގޮތަށް އެކަނި ހެއްޔެވެ؟ މިއީ ސިޔާސަތު ހަދަން ތިބި މީހުންނާއި ރައްޔިތުން ފުންކޮށް ވިސްނަންވީ ކަމެކެވެ.

ކޮމެންޓް (3)

ހަމްދު

8 ނޮވެމްބަރު 2025
ސަޅި ލިޔުމެއް. ޝުކުރިއްޔާ އީމާން.
1 0

ޢައިސަތު

26 އޮކްޓޯބަރު 2025
އާޓިކަލް ނިމުން އިރުވެސް އާބާދީ ވާހަކަ އެއް ނެތް، މީހުން މަދު ވާހަކަ ތަކުރާރު ކޮށްފައި އެބައޮތް، 2022 ބޯހިމެނުމުގައި ބުނާގޮތުންނަމަ އެއީ 77 މީހުންގެ އާބާދީއެއް
4 0

ނުޖޫމް

25 އޮކްޓޯބަރު 2025
ވަރަށް ރަގަޅު އާރޓިކަލް އެއް،
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް