ނެދަލެންޑްސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އެސްތާ އޮވޭހޭންޑް ފަލަސްތީނުގެ ދިދައާ އެއްގޮތަށް ފަރުމާކޮށްފައިވާ ގަމީހެއް ތުރުކުރައްވައިގެން
ނެދަލެންޑްސްގެ މި އެމްޕީ ފެޝަންގެ ޒަރިއްޔާއިން ސިޔާސީ ވިސްނުމާއި އިންސާނިއްޔަތުކަން ދައްކައިދީފި
ނެދަލެންޑްސްގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ބަޖެޓް ބަހުސްގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޕާލަމެންޓް މެމްބަރު އަދި 'ޕާޓީ ފޯ ދި އެނިމަލްސް' (ޕީވީޑީޑީ)ގެ ވެރިޔާ އެސްތާ އޮވޭހޭންޑް ފަލަސްތީނުގެ ދިދަ ޖަހާފައިވާ ގަމީހެއް ތުރުކުރައްވައިގެން ހުންނެވުމުގެ ސަބަބުން އޭނާ އެތަނުން ނުކުންނަން އެންގި އެވެ. މި މަންޒަރު ފެންނަ ވީޑިއޯ ވަނީ ވައިރަލް ވެފަ އެވެ.
ޕާލަމެންޓްގެ ރައީސް މާޓިން ބޮސްމާ ވަނީ އޮވޭހޭންޑްގެ ވާހަކަ މެދުކަނޑާލައްވައި އޭނާގެ ގަމީހަކީ އެތަނުގެ ގަވައިދުތަކާ ހިލާފުވާ ހެދުމެއް ކަމަށް ބުނެ އޮވޭހޭންޑް ހެދުން ބަދަލުކޮށްގެން އަނބުރާ އައުމަށް އެދިވަޑައިގަންފަ އެވެ. އޮވޭހޭންޑް ވިދާޅުވީ އޭނާ ވާހަކަ ދައްކަން ގަސްދުކުރައްވަނީ ހެދުން ބަދަލުނުކޮށް ކަމަށާއި ރަތް، ފެހި، ހުދު އަދި ކަޅު ކުލަ ހިމެނޭ އަންނައުނެއް ލުމަކީ މަނާ ކަމެއް ކަމަށް ބުނާ އެއްވެސް އުސޫލެއް ނެތް ކަމަށެވެ.
ނަމަވެސް ފަހުން ޖަލްސާއިން ނުކުމެވަޑައިގަތުމަށް މަޖުބޫރު ކުރުވުމުން، ހެދުން ބަދަލުކޮށް، ސޯޝަލް މީޑިއާގައި ފަލަސްތީނުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަރާ ޕްރިންޓު ޖެހި ގަމީހެއް ލައިގެން އެނބުރި ވަޑައިގަތެވެ.
މަޖިލީހުގެ އޮފިޝަލުން ވިދާޅުވީ އެތަނުގައި ހުރިހާ މެމްބަރުން ވެސް 'ނިއުޓްރަލް' ވާން ޖެހޭ ކަމަށާއި ސިޔާސީ ނިޝާންތައް ގެންގުޅުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.
ފަލަސްތީނުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަރާ ޕްރިންޓު ގަމީހުގައި އެނބުރި ވަޑައިގަތުމަށް ފަހު، އެއްވެސް ހުރަހެއް ނެތި ވާހަކަދެއްކެވުމުގެ ފުރުސަތު އެސްތާ އޮވޭހޭންޑްއަށް ލިބިވަޑައިގެންނެވި އެވެ.
މި ހާދިސާގެ ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާގައި ދައުރުވެ، ގާނޫނު ހަދާ މަޖިލީހަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. ސަޕޯޓަރުން އެސްތާ އޮވޭހޭންޑްއަށް ތައުރީފު ކުރަމުން ދިޔައީ ނިކަމެތި މީހުންގެ އަޑު އުފުލުމުގައި ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގަ އެވެ.
މި ހާދިސާ އިން ހާމަވެގެން ދިޔައީ ނެދަލެންޑްސްގެ ސިޔާސީ މައިދާނުގައި ރަމްޒުތަކުގެ މުހިއްމުކަމެވެ. ހަމަ އެ ދުވަހުގެ ޕާލަމެންޓް ޖަލްސާގައި ޑެންކް ޕާޓީގެ ލީޑަރު ސްޓެފަން ވެން ބާލޭ ފަލަސްތީނުގެ ދިދަ ޖަހާފައިވާ ދައްޗެއް ޖަހައިގެން ހުންނެވި އިރު އެހެން ޕާޓީއެއްގެ މެމްބަރުން ތިބީ އިޒްރޭލުގެ ރަހީނުންނަށް ތާއީދު ކުރުމުގެ ގޮތުން ރީނދޫ ރިބަން އަޅައިގެންނެވެ.
އިޒްރޭލުން ގައްޒާގައި ގަތުލުއާއްމު ހިންގަމުންދާކަން ގާނޫނު ހަދާ މަޖިލީހުން ބަލައިނުގަތީމާ ނެދަލެންޑްސްގެ ކެބިނެޓަށް ފާޑުވިދާޅުވަމުން އޮވޭހޭންޑް އޭނާގެ އަންނައުނުގެ ޒަރިއްޔާއިން ދެއްވީ ވަރުގަދަ މެސެޖެކެވެ.
އޮވޭހޭންޑް އެކްސްގައި ވިދާޅުވިގޮތުގައި ގައްޒާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި، ވެރިކަންކުރާ ޕީޕަލްސް ޕާޓީ ފޯ ފްރީޑަމް އެންޑް ޑިމޮކްރަސީ (ވީވީޑީ) އިން "ޖެނޮސައިޑް" މި ލަފްޒު ބޭނުން ކުރަން ފަސްޖެހެމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ.
އޮވޭހޭންޑްގެ ޖެހިލުންކުޑަ އަދި ތޫނުފިލި އުކުޅަކީ ތާރީހުގެ ތެރެއަށް ލިއެވިގެންދާނެ ކަމެކެވެ. ސިޔާސީ މައިދާނުގައި ފެޝަންގެ ބޭނުންތެރިކަމާއި މުހިއްމުކަން ވެސް ދައްކާދީފި އެވެ.
ސިޔާސީ މައިދާނުގައި ފެޝަން
ސިޔާސީ ދާއިރާގައި ފެޝަންގެ ހީކުރާ ވަރަށް ވުރެން ބޮޑު ރޯލެއް އެކި ސިފަސިފައިގައި ވަނީ ދުނިޔޭގެ ތާރީހުން ފެނިފަ އެވެ. އަންނައުނަކީ ސިޔާސީ މެސެޖެއް ދިނުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ. އިހުގެ ރަސްރަސްކަލުން ބޭނުންކުރި ހަނގުރާމަމަތީ އަންނައުނުން ފެށިގެން މިޒަމާނުގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ އަންނައުނުގެ ޒަރިއްޔާއިން ވަކި ވިސްނުމެއް އަދި ސިޔާސީ ފިކުރެއް ހާމަކޮށްފަ އެވެ.
އެމެރިކާގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ އެލެގްޒެންޑްރިއާ އޮކާސިއޯ ކޯޓެޒް 2021ގެ މެޓް ގާލާ ހަފްލާއަށް ލައިގެން ހުރި 'ޓެކްސް ދަ ރިޗް' ހެދުމަކީ ސިޔާސީ މެސެޖެއް ވަރަށް ފާޅުކަން ބޮޑުކޮށް ދައްކާލި މުނާސަބަތެކެވެ. އަދި އެމެރިކާގެ އެކި ފަސްޓް ލޭޑީއިންގެ ތެރެއިން ޖެކަލިން ކެނެޑީ، މިޝެލް އޮބާމާ އަދި މެލާނިއާ ޓްރަމްޕް ފަދަ ޝަހުސިއްޔަތުތައް ވަނީ އެކި ހަފްލާތަކަށް ތުރުކުރެއްވި ހެދުންތަކުގެ ޒަރިއްޔާއިން އާދައިގެ އެކަމަކު މުހިއްމު މެސެޖުތަކެއް ދެއްވާފަ އެވެ.
ސިޔާސީ ގޮތުން ފެޝަން ބޭނުންކުރުމަކީ ހަމައެކަނި އެމެރިކާއަށް ހާއްސަ ކަމެއް ނޫނެވެ. އެންގެލާ މާކެލް، ނެލްސަން މަންޑޭލާ އަދި އެމަނުއެލް މެކްރޮން ފަދަ ސިޔާސީ ލީޑަރުންގެ ކެރިއަރުގައި ވެސް މިފަދަ 'ސްޓްރެޓެޖީ'ތައް ބޭނުންކުރައްވާފައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ސިޔާސީ ބޭފުޅުން މިކަހަލަ އުކުޅުތައް ބޭނުންކުރަނީ މަދު ފަހަރަކު އެވެ. އެކަމަކު ޕާޓީތަކުގެ އާއްމު މެމްބަރުން ޖަލްސާތަކަށް ނުވަތަ ސިޔާސީ އެއްވުންތަކަށް ވަކި ކުލައެއްގެ ހެދުން ލުމަކީ އާއްމު ކަމެކެވެ. އެއީ ވެސް ފެޝަން ސިޔާސީ ގޮތަކަށް ބޭނުންކުރުމުގެ މިސާލެކެވެ.
ސިޔާސީ މީހަކު ކުރިއަރުވަން ބޭނުންވާ ތަސައްވުރު ބައްޓަން ކުރުމުގައި ފެޝަނަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައެއް ފަހަރު އަންނައުނެއްގެ ކުލަ ނުވަތަ ޑިޒައިނަރު ނުވަތަ ސީދާ މެސެޖެއްގެ ޒަރިއްޔާއިން، މީހަކު ދައްކާ ވާހަކައަކަށް ވުރެ މާ ފުން މާނަތަކެއް ގެނެސްދެ އެވެ.