ބޯވެލިފަތް ނުވަތަ ސްޕިނެޗް ކެއުމުގައި ހިމެނިދާނެ އެއްގޮތަކީ ބިސްގަނޑު އަޅާއިރު ބޭނުން ކުރުން
ކެއުމުގައި ފެހިކަން ގަދަ ފަތް ހިމަނާނެ ފަސޭހަ ގޮތްތަކެއް
ކެއުމުގައި ފެހިކަން ގަދަ ފަތް ހިމެނުމަކީ ބައެއް ފަހަރަށް އުނދަގޫ ކަމެއްހެން ހީވެދާނެ އެވެ. އެކަމަކު މިއީ ހީކުރާ ވަރަށް ވުރެ ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
މިކަން ކުރަން އެންމެ ފަސޭހަ ގޮތަކީ ފަތް އަޅައިގެން ވަކިން ޑިޝްއެއް ތައްޔާރު ކުރުމުގެ ބަދަލުގައި، މިހާރު ވެސް ކާ ބާވަތްތަކުގައި ފަތް ހިމެނުމެވެ.
މިސާލަކަށް ނޫޑުލްސް އަކީ ދިވެހިން ވަރަށް އާއްމުކޮށް ކައި އުޅޭ ބާވަތެކެވެ. އެކަމަކު ނޫޑުލްސްއަށް އެއްވެސް ކަހަލަ ފަތެއް އެޅުމަކީ އާއްމުކޮށް ކުރާ ކަމަކަށް ނުވެދާނެ އެވެ.
ލެޓިއުސް ފަތް ސެލެޑްގެ ގޮތުގައި ނޫނަސް ބޭނުން ކުރެވިދާނެ އެވެ. ނޫޑުލްސްއާ އެކު ލެޓިއުސް ފަތް ކެއުމުން މުރަނަކޮށް، ނޫޑުލްސްއާ މުޅިން ތަފާތު ޓެކްސްޗާއެއް ހުރެ އެވެ. ލެޓިއުސް ގޭގައި ނެތް ނަމަ ތާޒާ ކޮޕީފަތް ވެސް މިގޮތަށް ބޭނުން ކުރެވިދާނެ އެވެ.
ފަތް ހިމަނައިގެން އާއްމުކޮށް ކައި ނޫޅޭ ނަމަ މިއީ ބޮޑު އަދި އުނދަގޫ ކަމެއްހެން ހީވެދާނެ އެވެ. އެހެންކަމަށްވާ ނަމަ ދުވާލަކު ކޮންމެވެސް އެއް ކެއުމެއްގައި ފަތް ބޭނުން ކުރާށެވެ. ފުރަތަމަ ހެނދުނުގެ ނާސްތާއަށެވެ. މިގޮތަށް މަޑުމަޑުން ފަތް އިތުރު ކުރެވޭތޯ ބަލާށެވެ. މިސާލަކަށް ހެނދުނުގެ ނާސްތާއަށް ކާ ބިސްގަނޑުގައި ސްޕިނެޗް ނުވަތަ ބޯވެލިފަތް ހިމަނާށެވެ. މިއީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އަދި ވަރަށް އާއްމުކޮށް މީހުން ކޮށް އުޅޭ ކަމެއް ވެސް މެ އެވެ.
މުގު ރިހައަކީ ދިވެހިންގެ ކެއުމުގައި އާއްމުކޮށް ހިމެނޭ ބާވަތެކެވެ. މުގުރިހައިގައި ފަސޭހައިން ފަތް ބޭނުންކުރެވިދާނެ އެވެ. ކައްކާ ނިމުމުން ސްޕިނެޗް ދޮވެލާފައި ރިހައިގެ މައްޗަށް އަޅާށެވެ. ހެޔޮވަރު ވަރަކަށް ފަތްތައް ހުންނާނީ މިލާފަ އެވެ.
މިގޮތަށް ސްޕިނެޗް ކެއުމުގައި ހިމެނުމަށް ބޭނުން ނޫން ނަމަ މި ފަތް މުގުރާފައި ގަނޑުކޮށްލާށެވެ. ކިއުބް ހަދާފައި ފްރީޒަރުގައި ބެހެއްޓުމަށް ފަހު ކޮންމެ ކަހަަލަ ރިހައެއް ކަައްކާ އިރު ވެސް އެތިކޮޅެއް ބޭނުން ކުރާށެވެ.
ދެން އޮތީ މުރަނގަފަތެވެ. އެއީ އަހަރެމެން އެންމެންގެ ފެވަރިޓެކެވެ. އާއްމުކޮށް ކައި އުޅެނީ ތެލުލި ފަތުގެ ގޮތުގަ އެވެ. އެކަމަކު މިއީ ސިއްހަތަށް އެހާ ފައިދާހުރި ގޮތެއް ނޫނެވެ.
މުރަނގަފަތް ތެލުލަން ތައްޔާރުކުރާ ގޮތަށް ތަނޑިން ފަތްތައް ވަކިކޮށްފައި އަވީލާށެވެ. ފަތް އެއްކޮށް ހިކުނީމާ މުގުރާފައި ބެހެއްޓުމުން ގިނަ ދުވަސްވަންދެން ކުނިނުވެ ހުންނާނެ އެވެ. ޕާސްތާ ކަހަލަ ކެއުންތަކާއި ބިސްގަނޑަށް ވެސް މުރަނގަފަތް ޕައުޑަރު އަޅައިގެން ބޭނުން ކުރެވިދާނެ އެވެ.
މި ކިޔައިދިނީ ފަސޭހައިން ފަތް ބޭނުން ކުރެވިދާނެ ތިން ގޮތެކެވެ. ފެހިކަން ގަދަ ފަތުން ވިޓަމިން، މިނެރަލް އަދި އެންޓިއޮކްސިޑަންޓްގެ ބާވަތްތައް ގިނައިން ހަށިގަނޑަށް ފޯރުކޮށްދެ އެވެ.
ދުޅަހެޔޮކޮށް ހުރުމަށް، ސިއްހަތަށް ފައިދާހުރި ހުރިހާ ބާވަތެއް ކާނާގައި ހިމެނުން ކޮންމެހެން މުހިއްމެވެ.
ކޮމެންޓް (2)
މޮޅުއެއްޗެއްބުނެލީ
ހަމްދު