އަހުމަދު މުހައްމަދު އޭނާގެ އުމުރުފުރާއިން އެއްވަނަ ހޯދައިގެން ތައްޓާ އެކު: މިއީ އެންމެންނަށް ވެސް ނަމޫނާ ދުވުންތެރިއެއް
އުމުރަކީ ނަންބަރެއް، އަސްލު ފެންވަރު ނެރެން އެއީ ހުރަހެއް ނޫން
ހިތްވަރު ހޯދަން ބިދޭސީއެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ހިތްވަރު ލިބިގަތުމުގެ ކިތައްމެ ނަމޫނާއެއް އަހަރެމެންގެ ތެރެއިން ވެސް އެބަ ފެނެ އެވެ. އޭގެ އެކަކީ އަހުމަދު މުހައްމަދެވެ. ސްކޫލް ނިންމުމަށް ފަހު މޯލްޑިވް ކަސްޓަމްސް ސާވިސްއަށް ވަދެ، މުޅި އުމުރު ހޭދަކުރަމުން އެ އަންނަނީ އެ ހިދުމަތުގަ އެވެ. ނުދަންނަ މީހެއްގެ ފަރުދާއިން ނުކުމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ކަހަލަ ކަމެއް އޭނާގެ ފަރާތުން ފެންނަން މި ފެށީ އަދި މާ ފަހުންނެވެ.
އުމުރުން 50 އަހަރެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ދިގު ދުވުންތަކުގެ ނަތީޖާއަށް ބަލާއިރު އޭނާއަށް ތައުރީފް ހައްގެވެ. އޭނާގެ ހިތްވަރުން އަހަރެމެންނަށް މި ފެންނަނީ ހައިރާންކަމެވެ. ވަގުތަކީ ލިބޭ އެއްޗެއް ނޫން ކަމާއި އެއީ ހޯދަން ޖެހޭ އެއްޗެއްކަން، ސާފުކޮށް އެ ބުނެދެނީ އެވެ.
އަހުމަދު ތަފާތުވާ ދެތިން ސަބަބަކަށް ޖެހިލަމާ ހިނގާށެވެ.
އެންމެ ގިނަ މީހުން ބައިވެރިވާ ދުވުމުގެ ރޭހަކީ ދިރާގު ރޯޑް ރޭހެވެ. އޭގެ ތެރެއިން ވެސް 5 ކިލޯމީޓަރުގެ ދުވުމުގަ އެވެ. މިދިއަ އަހަރު އެ ރޭހުގައި ދުވި 2،500އަށް ވުރެ ގިނަ މީހުންގެ ތެރެއިން 20 މިނިޓަށް ވުރެ އަވަހަށް ރޭސް ނިންމީ އެންމެ 17 ދުވުންތެރިންނެވެ. ބިދޭސީ ތިން ދުވުންތެރިންނާ އެކު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިން ވެސް ހިމަނައިގެންނެވެ.
މިއަދު އުމުރުން 50 އަހަރުގައި އެ ރާސްތާ އަހުމަދު އެ ދުވަނީ 19:57 މިނިޓުންނެވެ. އެ ވަގުތުގައި އޭނާ ދުވީ މި އަހަރު ކުރީކޮޅު އޮތް އުމުރުން ދޮށީ ދުވުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި މާސްޓާސް އެތުލެޓިކް ޗެމްޕިއަންޝިޕްގަ އެވެ. މާލޭ އެކުވެނި ޓްރެކްގައި އޮތް އެ މުބާރާތުގެ 5000 މީޓަރުގެ ވަގުތު މުހިންމީ ގައުމީ އެތުލެޓިކްސް އެސޯސިއޭޝަނުން ރަސްމީކޮށް އެ ވަގުތު ގަބޫލުކުރާނެތީ އެވެ.
އޭގެ ފަހުން ހުޅުމާލޭގައި އޮތް އެމްވީ ރަންގެ 5 ކިލޯމީޓަރުގެ ދުވުމުގައި އޭނާގެ ބައިން އަހުމަދު އެއްވަނަ ހޯދީ 19:45 މިނިޓުން ނިންމައިގެންނެވެ. އެކަމަކު އެއީ އެތުލެޓިކްސް އެސޯސިއޭޝަނުން ސީދާ ގަބޫލުކޮށްފައި އޮތް ރޫޓަކަށް ނުވާތީ، ރެކޯޑްތަކުގައި ބަލައެއް ނުގަންނާނެ އެވެ.
މިހާތަނަށް 50 އަހަރުގެ ދިވެއްސަކަށް 5 ކިލޯމީޓަރުގެ ރޭސް 20 މިނިޓަށް ވުރެ އަވަހަށް ނިންމިފައި ވަނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެންމެ ދުވުންތެރިއަކަށެވެ. އިބްރާހިމް ނައީމް (އިބާން) ވަނީ 19:32 މިނިޓުން 5 ކިލޯމީޓަރުގެ ރޭސް ދުވެފަ އެވެ.
އެހާ ފަހުން ދުވުމުގެ ތެރެއަށް ނުކުމެ އެ އުމުރުގައި އެހާ ބާރަށް ދުވެވެނީ ކީއްވެގެންތޯ ވެސް އަހާލަން ރަނގަޅުވާނެ އެވެ.
އެމްއީއެސްއިން ތައުލީމު ހާސިލްކުރުމަށް ފަހު ކަސްޓަމްސްގައި މަސައްކަތްކުރަން ފެށިތާ މިހާރު 30 އަހަރު ވީ އެވެ. އޭނާއަކީ ވީއައިއޭގައި ގާއިމްވެގެން ތިބޭ ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ޗީފް ކަސްޓަމްސް އޮފިސަރެކެވެ. ޑިއުޓީގައި ބުރަކޮށް އުޅެ އެވެ. ބައެއް ދުވަސް ދުވަހު ރޭގަނޑު ޑިއުޓީގައި ވެސް ހުރެ އެވެ.
ސްކޫލް ދައުރުގައި ކުޅިވަރުގެ ކަމެއްގައި ބައިވެރިއެއް ނުވެ އެވެ. އެކަމަކު ގައުމީ ފެންވަރުގެ އެތުލެޓިކްސް މުބާރާތްތަކުގައި ކަސްޓަމްސް ބައިވެރިވާ އިރު 'ބޯ ހަމަކޮށްލަން' ނެރޭ މުވައްޒަފުންގެ ތެރޭގައި ހިމެނި، ދުވުމުގެ ބައެއް ރޭސްތަކަށް ނުކުތެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރެތަން ދުވި އަދި ދިގު ދުވުމަށް ހާއްސަ ކޯޗު ނަސްރުﷲ އަހުމަދުގެ ލޮލުގައި އަހުމަދު އަޅައިގަތީ އެއްގޮތަކަށް ވެސް މާ ބާރަށް ދުވާތީއެއް ނޫނެވެ. ދުވަންވާރަށް ނުދުވެވޭތީ އެވެ.
"އަހަންނަށް ފެނުނީ ފަހަރަކަށް ވުރެ ފަހަރެއް ދަށްވާހެން. ދެން ބުނެލީ އަންނަންވީ ނޫންހޭ އަހަރެން ކައިރިއަށް ދުވެލަން،" ދުވުންތެރިން ތަމްރީންކުރާ ކްލަބް، މެރެތަން ރަނާސް މޯލްޑިވްސް (އެމްއާރުއެމް)ގެ އެއް ބާނީ ނަސްރު ބުންޏެވެ.
އޭގެ ފަހުން މިއީ ދެވަނަ އަހަރެވެ. ނަސްރުގެ ތަމްރީންތަކުގައި ބައިވެރިވާން ފެށުމާ އެކު ކުރިން 24-25 މިނިޓުން 5 ކިލޯމީޓަރުގެ ދުވުން ނިންމި އަހުމަދުގެ ވަގުތު ވަރަށް ބާރަށް އަވަސްވި އެވެ. ރާއްޖެއިން ބޭރުގައި ދުވި ފުރަތަމަ ހާފް މެރެތަން ވެސް 1 ގަޑި 35 މިނިޓުން ނިންމި އެވެ. މިއީ އެ އުމުރުގެ ދުވުންތެރިޔަކާ އަޅާބަލާއިރު ވަރަށް ބާރު ސްޕީޑެކެވެ.
އަހުމަދުގެ ބައެއް ރޭސްތަކުގެ ވަގުތު
މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް
1500 މީޓަރު: 5 މިނިޓް 16 ސިކުންތު، ރަން މެޑެލް
5000 މީޓަރު: 19:57 މިނިޓް، ރަން މެޑެލް
10،000 މީޓަރު: 43:15 މިނިޓް، ރަން މެޑެލް
"އަބަދުވެސް ފިޓްކޮށް ހުންނަން ބޭނުންވޭ. އެކަމަކު މިގޮތަށް ދުވަން މި ނުކުމެވުނީ ނަސްރު ދިން ހިތްވަރުގައި،" އަހުމަދު ބުންޏެވެ.
"ސްކޫލްގައި ދެ މީހުން އުޅުނީ އެއްކޮށް. ނަސްރު ވަނީ ސިފައިންގެއަށް، އަހަރެން ކަސްޓަމްސްއަށް. ދެން ނަސްރު ދިމާވެގެން ބުނަނީ ތިމަންނަ ކައިރިއަށް ޓްރެއިނިންއަށް އަންނާށޭ. އެކަމަކު އަސްލު ބިޒީކަމުން އެހާ ރަނގަޅަކަށް ޓްްރެއިނިން ނުވެސް ހެދޭ."
ވަޒީފާގެ މަސައްކަތް އޮންނަނީ ޑިއުޓީގެ މައްޗަށް ބިނާވެފަ އެވެ. އެހެންކަމުން ނަސްރުގެ ހުރިހާ ތަމްރީންތަކެއްގައި ބައިވެރިއެއްނުވެވެ އެވެ. އޭގެ ބަދަލުގައި ނަސްރު އޭނާއަށް ޕްރޮގްރާމް ދެނީ ވެސް އެ ބިޒީކަމަށް ބަލައިގެންނެވެ. އަހުމަދަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ތަފާތު ދުވުންތެރިއެއްކަން އެނގެނީ މިހާ ހިސާބުންނެވެ.
އާންމު ގޮތެއްގައި ދިގު ރާސްތާގެ ރޭސްތައް ބާރު ސްޕީޑްގައި ދުވާ ނަމަ ހަފުތާއެއްގެ ތެރޭގައި ފުރިހަމަކުރަަން ޖެހޭ ދުވުންތަކެއް ހުރެ އެވެ. މިސާލަކަށް ވަކި ވަރަކަށް ކިލޯމީޓަރު ހަމަކުރުމެވެ. ސްޕީޑް ތަމްރީންތައް ވެސް، މުޅި ހަފުތާއަށް ބަހާލުމެވެ. މިއިން އެއްވެސް ކަމެއް އެ އޮންނަ ގޮތަށް ފުރިހަމަކުރަން އަހުމަދުގެ ހަޔާތުން ވަގުތު ހުސްކުރަން އުނދަގުލެވެ. ނަމަވެސް އޭނާ އެ އަންނަނީ ވީވަރަކުން ތަމްރީންތައް ގަވާއިދުން ހަދަމުންނެވެ.
"ވަގުތު ހުސްވާ ގަޑިއެއް ހޯދައިިގެން މި ވަރަށް ވެސް މި ކުރަނީ. ޓީމާ އެކު ނޫނަސް ކޯޗު އެ ދޭ ޕްރޮގްރާމެއް ފުރިހަމަކުރެވޭތޯ ބަލަނީ،" އަހުމަދު ބުންޏެވެ.
ބައެއް ފަހަރަށް ރޭގަނޑުގެ ޑިއުޓީ ނިންމާފައި، ނިދަން އޮށޯތުމުގެ ބަދަލުގައި ތަމްރީންތައް ފުރިހަމަކޮށްލަ އެވެ. ދުވާލު މާ ބިޒީކޮށް އުޅޭ ދުވަސްދުވަހު ރޭގަނޑު ވަގުތު ހޯދައިގެން އެކަނިމާއެކަނި ނަމަވެސް، ޓްރެކަށް ދެ އެވެ.
ވަގުތު ނުލިބޭތީއޭ ކިޔާފައި ކަސްރަތުކުރުމާ ދުރުގައި އުޅޭ މީހުންނަށް އަހުމަދަކީ ރަނގަޅު ނަމޫނާއެކެވެ. އޭނާގެ މި ވާހަކަ ހަނދާނުގައި ބަހައްޓާލުން މުހިންމެވެ.
"އަސްލު ބައެއް ކުދިން [ހުރިހާ އުމުރުގެ މީހުންނަށް ނިސްބަތްކޮށް] ބުނާނެ ޓައިމެއް ނެތޭ، ތި ކަމެއް ނުވާނޭ. ޓައިމަކީ މީހާ ހޯދީމާ ލިބޭނެ އެއްޗެއް. މިސާލަކަށް އަޅުގަނޑު މިކަން މިކުރަނީ ޑިއުޓީގައި އުޅެމުން،" އޭނާ ބުންޏެވެ.
"ކުރީމާ ކާމިޔާބުވޭ. މަސައްކަތްކުރީމާ ކާމިޔާބުވާނީ. ތިމަންނާއަކަށް ނުވާނޭ، އެހެން ނުބުނާށޭ."
ނަސްރުގެ ނަޒަރުގައި ވެސް އަހުމަދަކީ އެހެން މީހުންނަަށް ނަމޫނާއެކެވެ.
"އޭނާ ޑިއުޓީގައި އުޅެފައި، ފެމިލީއަށް ވަގުތު ދީފައި އެކަން އެކުރަނީ. ސީރިއަސްކަން ހުރޭ. އެކަމެއް ސެކިއުކުރަން ބޭނުންވޭ،" ނަސްރު ބުންޏެވެ.
"އެއީ ވަރަށް އާދަޔާ ހިލާފު، ހިތްވަރު ގަދަ މީހެއް."
އަހުމަދުގެ ފަރާތުން މިހާރު އެ ފެންނަ ސްޕީޑަކީ އަދި އޭނާގެ ފެންވަރު ނޫންކަން ނަސްރަށް އެނގެ އެވެ. ހަފުތާއަކު ދެ ފަހަރު ސްޕީޑް ތަމްރީންތައް ގަވާއިދުން ހެދޭ ނަމަ، ނަސްރު ލަފާކުރަނީ، 5 ކިލޯމީޓަރުގެ ދުވުން 17-18 މިނިޓުން ދުވެވޭވަރުގެ ފެންވަރު އަހުމަދުގެ ހުރި ކަމެވެ. އެއީ ރާއްޖޭގައި މިވަގުތު އެންމެ ބާރަށް ދުވާ ދުވުންތެރިންނާ ކައިރިން ވާދަކުރެވޭނެ މިންވަރެކެވެ.
ރަސްމީ މަސައްކަތުގައި ބިޒީކޮށް އުޅެފައި، އާއިލާއަށް ވަގުތު ދީފައި، އަމިއްލަ ބައެއް އެހެން ކަންކަން ގުރުބާންކޮށްގެން، ދެ ކުދިންގެ ބައްޕަ މި ދައްކާ ތަފާތު ރާއްޖޭގެ ނިސްބަތުން އާދަޔާ ހިލާފެވެ. އޭނާގެ މިހާރުގެ ވަގުތުތަކަށް މާ ބޮޑު ބަދަލެއް ނަޔަސް މިހާރު ވެސް އެ ހުރީ ރާއްޖޭގެ އެ އުމުރު ފުރައިގެ އެއްވަނައިގެ ގޮތުގަ އެވެ.
އޮކްޓޯބަރު މަހު އޮންނަ ދިރާގު ރޯޑް ރޭހުގެ ހުރިހާ ބައިވެރިންގެ ތެރެއިން ގަދަ 15ގެ ތެރޭގައި އަހުމަދު ހިމެނުން ކައިރި އެވެ. އެ ބާރު މިނުގައި އޭނާ ރޭސް ނިންމާތަން ބަލަން ތިބޭ މީހުން އެއް ކަމެއް ހަނދާންކުރަން ވާނެ އެވެ: އެއީ ޒުވާނެއް ނޫނެވެ. އުމުރުން 50 އަހަރުން މަތީގެ ދުވުންތެރިއެކެވެ.
ކޮމެންޓް (2)
ތެފައާސާ.
ާަަމުނި