މުހައްމަދު ހުމާމް: އެޗްއެޗްކެޝުއަލްވެއާއަކީ 22 އަހަރުގެ މި ޒުވާނާގެ ބްރޭންޑެއް
ހުމާމްގެ ޑިޒައިންތަކުން ދިވެހި ސްޓްރީޓް ސްޓައިލްގެ ސަޅި ޓީޝާޓް
އެންމެ ޒުވާން އުމުރެވެ. އެކަމަކު އޭނާ އުޅެނީ އަމިއްލަ ވިޔަފާރިއެއް ފަށައި އެ ވިޔަފާރީގެ އެންމެހާ ކަންކަމުގައި ޝާމިލްވެގެންނެވެ. މި ދައްކަނީ އެޗްއެޗްކެޝުއަލްވެއާ ބްރޭންޑްގެ ދަށުން އަމިއްލަ ޑިޒައިންތަކަކަށް ޓީޝާޓް ފަރުމާކުރުމުގެ މަސައްކަތް ކުރާ މުހައްމަދު ހުމާމްގެ ވާހަކަ އެވެ.
ރ. އަލިފުއްޓަށް އުފަން ހުމާމް، 22، މިދިޔަ ފެބުރުއަރީގައި ނެރުނު އޭނާގެ އަމިއްލަ ޓީޝާޓް ބްރޭންޑް ޒުވާނުންގެ މެދުގައި މަގުބޫލެވެ.
ހުމާމް ބުނިގޮތުގަައި މި މަސައްކަތް ކުރަން ފެށި އިރު މަގްސަދަކަށްވީ ތަފާތު އަމިއްލަވަންތަ ޑިޒައިންތަކެއް ތައާރަފު ކުރުމެވެ. އޭނާ އެކަން ކޮށްފި އެވެ. ދިވެހިރާއްޖޭގެ ކަނޑާއި ގޮނޑުދޮށުގެ މަންޒަރުތަކަށް ބިނާކޮށްފައި ހުންނަ އާއްމު ޑިޒައިންތަކާ އޭނާ ޑިޒައިންތައް ތަފާތެވެ. ނަމަވެސް، ހުމާމް އަމިއްލަ ހިޔާލަށް ފަރުމާ ކުރާ މި ޓީޝާޓްތައް ވެސް ދިވެހިރާއްޖެއާ ދުރެއް ނޫނެވެ. ސްޓްރީޓް ސްޓައިލަށް ވުމުން ތަފާތީ އެވެ.
ހުމާމްގެ އެންމެ ފާހަގަކޮށްލެވޭ ޑިޒައިންތަކުގެ ތެރޭގައި ތަނބުރުމާ، ވޮށިމަސް، ކަސަބު ލިބާސް އަދި ދިވެހިރާއްޖެއިން ފެންނަ ދޫނިތައް ހިމެނެ އެވެ. މި ޓީޝާޓުތަކުން ދިވެހިރާއްޖެ ރަމްޒުކޮށްދެނީ އާއްމުކޮށް ނުފެންނަ ގޮތްގޮތަށެވެ.
އައިޓީ ދާއިރާއިން ކިޔަވައިގެން ހުރި ހުމާމް ބުނިގޮތުގައި ވީހާވެސް ބޮޑަށް ޒުވާނުންނަށް ކަމުދާނެ ޓީޝާޓްތަކެއް ހެދުން އެއީ އޭނާގެ އުއްމީދެވެ.
"ރަށުގައި ހުރެގެން ކިޔެވެން އޮތީ ސެޓްފިކެޓް 3 އައިޓީ. އެހެންވެ އޯލެވެލް ނިންމާލާފައި އެ ކޯސް ފުރިހަމަ ކުރީ. ޑިޒައިން ކުރަން ދަސްކުރީ މުޅިން އަމިއްލައަށް،" ހުމާމް ބުންޏެވެ.
"ސްޓްރީޓް ސްޓައިލް ކެޝުއަލް ވެއާ ކަލެކްޝަނެއް ހަދަން ބޭނުންވީ. އެެހެެންވެ، ދިވެހި، ސްކަލް، ވެސްޓަން ސްޓައިލްއަށް ޓީޝާޓް ޑިޒައިން ކުރަނީ."
މިހާތަނަށް 15 ޑިޒައިނެއް އޭނާ ވަނީ ނެރެފަ އެވެ. ހިޔާލު ހޯދަނީ އެކި ތަންތަނުންނާއި ކަންކަމުންނެވެ. ޕިންޓްރެސްޓް އިން ފެންނަ ޑިޒައިންތައް އަމިއްލަ ހިޔާލާ މަސްހުނިކުރުމުގެ އިތުރުން، އޭނާ އަޑުއަހާ މިއުޒިކުން ވެސް އިންސްޕިރޭޝަން ލިބޭ ކަމުގައި ހުމާމް ބުންޏެވެ.
އެހެން ކުދި ވިޔަފާރިތަކެކޭ އެއްގޮތަށް، ހުމާމް ބުނިގޮތުގައި، ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގައި ވެސް އޭނާގެ ދައުރު ބޮޑެވެ. ޑިޒައިން ކުރުމަށް ފަހު، ބާޒާރަށް ނެރުމަށް ޓީޝާޓްތައް ޕްރޮމޯޓްކުރުމާއި ފޮޓޯ ނެގުމާއި އެޑިޓް ކުރުމަކީ ވެސް އޭނާގެ މަސައްކަތްތަކެވެ.
"މި މަސައްކަތަކީ ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް. ހޮބީއެއް ގޮތުގައި ޝައުގުވެރިވާ ހުރިހާ ކަމެއް އެއްފަހަރާ ކުރަން މި ލިބުނީ،" ހުމާމް ބުންޏެވެ.
ހުމާމް ޑިޒައިން ކުރާ ޓީޝާޓްތައް ޕްރިންޓް ކުރަނީ ލިންކޯއިންނެވެ. ލިންކޯއަކީ ޑިޒައިނަރުންގެ މަސައްކަތަކަށް އަބަދުވެސް މަރުހަބާ ކިޔާ ބަޔެެކެވެ. އެކުވެރިޔަކު ދިން ހިޔާލަކަށް ލިންކޯއާ އޭނާ ވާހަކަ ދެއްކުމުން އެ މީހުންނަށް އޭނާގެ ޑިޒައިންތައް ކަމުދިޔަ އެވެ. އަދި އެ މީހުން ޕްރިންޓްކޮށްދިނުމަށް އެއްބަސްވި އެވެ.
މުސްތަގުބަލުގައި އޭނާގެ ކުޑަ މި ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން ހުމާމް ގެންގުޅެ އެވެ. އޭނާގެ ކަލެކްޝަން ފުޅާކޮށް ޑިޒައިން ކުރުން އެއީ އެއް ބަ އެވެ. އަނެއް ކަމަކީ ފިހާރަތަކުން ވެސް އޭނާގެ ޑިޒައިންތައް ލިބެން ހުރުމާއި ޓުއަރިސްޓް މާކެޓަށް ހުޅުވާލުމެވެ.
މަސައްކަތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ ޑިޒައިންތަކެއް ޓީޝާޓްތަކެއްގެ ގޮތުގައި ނެރެވުމެވެ. އޭނާ ގަޔާވާ މިނިމަލް ސްޓައިލް ބޭނުންކޮށްގެން އަމިއްލަ އާޓިސްޓިކް އެކްސްޕްރެޝަން ދައްކާލެވުން އެއީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ކޮމެންޓް (1)
ހަމްދޫން