ފުރާވަރު ކުދިން ޑިޕްރެޝަނުން އަރައިގަތުމަށް އެހީއެއް
ފުރާވަރަށް އަޅާ ދަރިފުޅު ކިބައިން ބައެއް ފަހަރު މޫޑު ހަރާބުވެފައި ހުރުމާއި ނުކިޔަމަންތެރިކަން ފެނެ އެވެ.
އެއީ ޑިޕްރެޝަން ނަމަ ދަރިފުޅުގެ މުޅި މިޒާޖުގެ ހުރިހާ ކަމެއްހެން ގެއްލި އަބަދު ހުންނާނީ ދެރަވެފަ އެވެ. ރުޅިވެރިކަން ވެސް ފެންނާނެ އެވެ.
ފުރާވަރުގެ ކުދިންގެ ނޭދެވޭ އުޅުމަކީ ޑިޕްރެސްވެގެން ފެންނަ ކަންކަން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ސަބަބަކީ އެކުދިންނަށް މެދުވެރިވާ ހިތަށް ތަދުވާ ކަހަލަ އިހުސާސްތަކާ ކުރިމަތިލާން ނޭނގުމެވެ.
ތިރީގައި އެވަނީ ނަފްސާނީ ގޮތުން ކުދިން ތަޖުރިބާކުރާ ވޭނުގެ ސަބަބުން އުޅުމުން ފެނިދާނެ ބައެއް ކަންކަމެވެ.
1. އަބަދު ގޯސް މޫޑެއްގައި ހުރުން
ޑިޕްރެޝަން ހުންނަ ނަމަ ގޮތް ހުސްވުމާއި މާޔޫސްކަން ކުރިމަތިވެ އެވެ. އެކުދިންގެ ކިބައިން ރުޅިވެރިކަމާއި، ރުންކުރުވުން އަދި ހާސްކަމަކީ އެންމެ ގިނައިން ފެންނަ އަލާމާތްތަކެވެ.
އެކަމަކު ހުރިހާ ކުދިންގެ ކިބައިން އެ ސިފަތައް ނުފެނި ވެސް ހިނގައިދާނެ އެވެ.
2. ސްކޫލްގައި މައްސަލަ ޖެހުން
ޑިޕްރެޝަންގެ ސަބަބުން ކުދިންގެ ކިބައިގައި ހަކަތަ ނެތުމާ އެކު ރަނގަޅަށް ފިލާވަޅުތަކަށް ސަމާލުކަން ނުދެވި ދެ އެވެ. ނަތީޖާއަކީ ސްކޫލްގެ ހާޒިރީ ދަށްވެ، ގްރޭޑް ދަށްވެ އަދި ކުރިން ކިޔެވުމަށް މޮޅު ދަރިވަރުންގެ ނަތީޖާ ވެސް ގޯސްވުމެވެ.
3. ކުރިން ޝައުގުވެރިވާ ކަންކަމާ ދުރުވުން
އާއްުމުކޮށް ޝައުގުވެރިކަމާ އެކު ކުރާ ކަންކަމާ ވެސް، ޑިޕްރެޝަންގެ ސަބަބުން ދުރުވެ އެވެ. ކުރިން ކުޅެ އުޅުނު ކުޅިވަރާއި އެހެން ހޮބީސްތަކާ ދުރުވެ އާއިލާ އާއި ރައްޓެހިންނާ ވެސް ދުރުވާކަން ފާހަގަކުރެވޭނެ އެވެ.
4. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވޭ
އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން ޑިޕްރެޝަންގެ ސަބަބުން ކުޑަވެ އެވެ. ތިމާއަކީ ރީތި މީހެއް ނޫންކަން ގަބޫލުކުރެވި އަމިއްލަ ސިފައާ މެދު ހިތްހަމަނުޖެހެ އެވެ. ލަދުގަނެ އެވެ. ފެއިލްވެފައިވާ މީހެއް ކަމުގެ އިހްސާސްތަކާ ދިމާވުމުން މި އުމުރުގެ ކުދިން ޑިޕްރެޝަންއަށް ދެ އެވެ.
5. ފޯނަށް ދެވިހިފުން
އަތުގައި ސްމާޓް ފޯނެއް އޮންނަ ނަމަ އެއަށް ދެވިހިފަ އެވެ. އަމިއްލަ މަައްސަލަތަކުން ސަލާމާތްވުމަށް ގިނަ ވަގުތު ފޯނުގައި ހޭދަކުރެ އެވެ. ނަމަވެސް ސްމާޓްފޯނާއި އިންޓަނެޓަށް ދެވި ހިފުމުގެ ސަބަބުން އިތުރަށް ކުއްޖާ އެކަހެރިވެ މާޔޫސްވެ އެވެ.
6. ނިދުމާއި ކެއުމަށް ވެސް ބޮޑު ބަދަލެއް
ފުރާވަރުގައި ޑިޕްރެޝަން ތަހައްމަލުކުރާ ނަމަ ބައެއް ކުދިން ގިނަ ވަގުތު އެނދުގައި އޮތުމުގެ އިތުރުން ނިދަ އެވެ. އަނެއް ބައި ކުދިންނަށް ދިމާވަނީ ނުނިދޭ މައްސަލަ އެވެ.
މީގެ އިތުރުން ކެއުމަށް އަންނަ ބަދަލު ބެލެނިވެރިންނަށް ފާހަގަކުރެވޭނެ އެވެ. ކުރިން ކާ ވަރަށް ވުރެ މަދުން ކައި ނުވަތަ ކުރިން ކާ ވަރަށް ވުރެ ގިނައިން ކައި ހަދާނެ އެވެ.
7. ކުށަށް އަރައިގަތުން
ބައެއް ކުދިންގެ ކިބައިން ފެންނަ އަނެއް ކަމަކީ ކުށްތަކަށް އަރައިގަތުމެވެ. މަސްތުވާތަކެއްޗާ ދިމާލަށް ދެވެ އެވެ. އެހެން ކުދިންނަށް ގަނާކޮށް އުޅޭ ކުއްޖެއް ނަަމަ އެކަން އަދި މާ ބޮޑުވެ އެވެ.
އަމިއްލަ ނަފްސަށް އަނިޔާކުރުން
ޑިޕްރެޝަން ހުންނަ ބައެއް ކުދިން އަމިއްލަ ނަފްސަށް އަނިޔާ ދޭން މަސައްކަތް ކުރެ އެވެ.
މިފަދަ ކަމެއް ކުރަން އުޅުމަކީ މައިންބަފައިންނަށް ބިރުވެރި އިންޒާރެކެވެ. އެހެންކަމުން، ކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ ސީރިއަސްކޮށް ނަގަން ޖެހޭ އެވެ. އެފަދަ ވާހަކައެއް ދެއްކިޔަސް ފިޔަވަޅު އަޅަންވާނެ އެވެ.
އަންނަނިވި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ.
-
މަޖަލަކަށް ނަމަވެސް އަމިއްލަ ނަފްސާއި ފުރާނައަށް ގެއްލުމެއް ދޭން އުޅޭ ކަމުގެ ވާހަކަ ދައްކާ ނަމަ ސަމާލުވާާށެވެ.
-
'އަހަންނަށް ސަލާމަތްވާނެ ގޮތެއް ނެތް' ނުވަތަ 'މަރުވިޔަސް މާ ރަނގަޅުވާނެ' މިފަދަ ބަސްތަކަށް ހާއްސަކޮށް ސަމާލުކަން ދޭށެވެ.
-
މަރާ ގުޅޭ ގޮތުން ވާހަކަ ދައްކާ ނަމަ ބަލަން ޖެހެ އެވެ. މިސާލަކަށް، އަހަރެން މަރުވެއްޖެ ނަމަ އެހެން މީހުން އަހަރެން ދެކެ މާ ލޯބިވާނެ ފަދަ ބަސްތަކެވެ.
-
އަމިއްލަ މަރާ ގުޅޭ ގޮތުން ޅެން ނުވަތަ ވާހަކަ ލިޔާ ނަމަ ވެސް ވިސްނާލަން ޖެހެ އެވެ. ބައެއް ކުދިންގެ އިހްސާސްތަކާއި ޝުއޫރުތައް ލިޔުމަށް ތިލަކުރެ އެވެ. އެކަން ދަންނާށެވެ.
-
އަމިއްލަ ފުރާނައަކީ އަގެއް ނެތް އެއްޗެއް ކަމަށް ދެކި އެކަހަލަ ގޮތަކަށް އުޅޭ ނަމަ ވެސް ބެލެނިވެރިން ސީރިއަސްވާން ޖެހޭނެ އެވެ. މީގެ ތެރޭގައި ވެހިކަލް ބާރަށް ދުއްވުމާއި، އެކްސިޑެންޓެއް ވިޔަސް ހެޔޮ ކަމަަށް ދުށުން ހިމެނެ އެވެ. ތިމާއަށް އަނިޔާވުމަކީ މައްސަލައެއް ނޫން ކަމަށް ކުއްޖާ ދެކޭ ނަމަ އެފަދަ ވިސްނުންތަކުން ދުރުކުރަން މަސައްކަތް ކުރާށެވެ.
-
އަތުގައި ހުރި އަގުހުރި އެއްޗެހި އެހެން މީހުންނަށް ދިނުމަކީ ވެސް ސަމާލުވުމުގެ ސިގުނަލެކެވެ.
-
އާއިލާ އާއި ރައްޓެހިންނާ ވާހަކަ ދައްކާ އިރު، ވަދާއީ ސަލާމެއް ގޮތަށް ވާހަކަ ދައްކާ ނަމަ އެއީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ކުރިން ކުއްޖަކު ކޮށްފާނެ ކަމެއް ކަމަށް ދަންނާށެވެ.
-
އަމިއްލަ ނަފްސަށް ގެއްލުން ދެވޭނެ ކަހަލަ އެއްޗެހި ހޯދަން އުޅުމަކީ ވެސް ނުރައްކަލުގެ ރަނގަބީލެކެވެ. މިފަދަ ތަކެތި ނުލިބޭނެ ގޮތަށް ރައްކާތެރިކޮށް ގެންގުޅޭށެވެ.
ފުރާވަރުގައި ޑިޕްރެޝަން މެދުވެރިވާ ބައެއް ސަބަބު
ފުރާވަރުގައި ޑިޕްރެޝަން މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލާއިރު، ބައޮލޮޖިކަލް ބައި ވެސް ހިމެނެ އެވެ. ޖީންގެ ސަބަބުން ޑިޕްރެޝަނަށް ހުށެހެޅޭ ރިސްކް މަތިވެ އެވެ. އޭގެ އިތުރުން ވަށައިގެންވާ މާހައުލުގެ ސަބަބުން ވެސް ފުރާވަރުގެ އުމުރުގައި ޑިޕްރެޝަނާ ކުރިމަތިލާން ޖެހެ އެވެ.
ތިރީގައި މިވާ ސަބަބުތަކާ ހުރެ ދަރިފުޅު ޑިޕްރެޝަންއާ ކުރިމަތިލާ ނުވަތަ އޭގެ އަލާމާތްތައް އިތުރުވެ އެވެ.
-
1-
ގަނާކުރުމާއި އޮންލައިންކޮށް ގަނާއާ ކުރިމަތިލުން
ތިމާގެ ދަރިފުޅަކީ ގަނާގެ ޝިކާރައެއް ނަމަ، ދަރިފުޅުގެ ސްޓްރެސް ބޮޑުވެ އެވެ. އޭގެ ސަބަބުން ގޮތްހުސްވެ އެއްވެސް އެހީތެރިކަމެއް ނުލިބޭކަން ވަރަށް ބޮޑަށް އިހްސާސްކުރެވެ އެވެ. އެހެންވެ ޑިޕްރެޝަނަށް ދެ އެވެ.
2. ނަފްސާނީ އަދި ޖިސްމާނީ މައްސަލަތައް
ނަފްސާނީ އެހެން މައްސަލަތަކާ ހެދި ވެސް ފުރާވަރުގައި ޑިޕްރެޝަނަށް ދެ އެވެ. އެގޮތުން ކެއުމުގެ މައްސަލަތައް ނުވަތަ އީޓިން ޑިސްއޯޑާސް، އޭޑީއެޗްޑީ، ލާނިން ޑިސްއޯޑާ، އެންޒައިޓީ އަދި އަމިއްލަ ނަފްސަށް އަނިޔާ ދޭ ފަދަ ކަންކަން ހުންނަ ނަމަ ޑިޕްރެޝަނަށް މަގުފަހިވެ އެވެ.
މިފަދަ މައްސަލަތައް ހުންނަަ ނަމަ އަމިއްލަ ނަފްސާ މެދު ހިތްހަމަޖެހުން ކުޑަވެ އެވެ. ކިޔެވުމާ ދުރުވެ އެވެ. އެހެން މީހުންނާ ގުޅުން ކެނޑެ އެވެ. ހަމަ މިގޮތަށް ޖިސްމާނީ ނުކުޅެދުންތެރިކަމަށް ނުވަތަ ބޮޑު ބައްޔެއް ހުންނަ ނަމަ ވެސް ޑިޕްރެޝަންގެ ފުރުސަތު ބޮޑުވެ އެވެ.
3. ސްޓްރެސްގެ ތެރޭގައި އުޅެން ޖެހުން
ކުރިން ދިމާވި ކޮންމެވެސް ކަމަކާ ހެދި ނުވަތަ ލިބުނު އަނިޔާއެއްގެ ސަބަބުން ވެސް ފުރާވަރު ކުދިން ޑިޕްރެޝަނަށް ހުށެހެޅެ އެވެ. މިސާލަކަށް އާއިލާގެ ގާތް މީހަކު ނުވަތަ ރައްޓެއްސަކު މަރުވުމުން ބައެއް ކުދިންނަށް ހަޖަމެއްނުކުރެވެ އެވެ. އެކަމާ ކުރިމަތިލާކަށް ނޭނގެ އެވެ. ފުން ހިތާމައިން އަރައިގަންނަން ނޭނގި ޑިޕްރެޝަނަށް ދަނީ އެވެ. މީގެ އިތުރުން ޕޯސްޓް ޓްެރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ފަދަ ކަންކަމާ ދިމާވުމަކީ ވެސް ސަބަބެކެވެ.
4. ބޭނުންވާ ސަޕޯޓް ނުލިބުން
އާއިލާ އާއި ރައްޓެހިންގެ ފަރާތުން ބޭނުންވާ ސަޕޯޓާއި ލޯބި ނުލިބޭ ނަމަ ކުދިން ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.
ސޯޝަލް މީޑިއާ އާއި ޑިޕްރެޝަން
ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ފުރާވަރުގައި ޑިޕްރެޝަން ކުރިމަތިލުމާއި ސޯޝަލް މީޑިއާއާ ގުޅުމެއް އޮވެ އެވެ. މިގޮތުން ސޯޝަލް މީޑިއާ ބޭނުންކުުރުމުގައި ގިނަ ވަގުތު ހޭދަކުރާ ފުރާވަރު ކުދިންގެ ޑިޕްރެޝަން މަތިވެ އެވެ.
އޮންލައިންކޮށް ވަގުތު ހޭދަކުރިޔަސް ބައެއް ކުދިންނަށް އުފާވެރިކަމެއް ނުލިބެ އެވެ. ބައެއް އެހެން ކުދިން އުޅޭ ގޮތް ފެނިފައި ތިމާއަކީ އެކަނިވެރިއެއް ކަމުގެ އިހުސާސްކުރެވިދާނެ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާއިން ފެންނަ އެހެން ކުދިންގެ ސިފައާ ތިމާގެ ސިފަ އަޅާބެލޭ ގޮތްވެ އެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އޮންނަ ޔަގީންކަން ކުޑަވެ އެވެ. ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރާ ނަމަ އޭގެ މާނައަކީ ހަރަކާތްތެރިވެ އުޅުމާ ކުދިން ދުރުވުމެވެ. އެހެންކަމުން، ކުދިންނަށް އާ ހުނަރު ތަރައްގީކުރަން ލިބޭ ވަގުތާއި ފުރުސަތު ކުޑަވެ އެވެ. ބަައެއް ދިރާސާތަކުން ބުނާ ގޮތުގައި ހަރަކާތްތެރިކަން ކުޑަ ނަމަ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރެ އެވެ.
ފުރާވަރު ދަރިފުޅަށް އެހީތެރިވާނީ ކިހިނެއް؟
ޑިޕްރެޝަންއަށް ފަރުވާ ހޯދުން ލަސްކޮށް ނުވަތަ އެކަމުން އަރައިގަތުމަށް މަސައްކަތް ނުކުރާ ނަމަ އެއީ ބިރު ބޮޑު ބައްޔެކެވެ. އެހެންކަމުން އަލާމާތްތަކާ އެކު ގިނަ ދުވަސް ހޭދަނުކޮށް މަޑުނުޖެހި ފަރުވާ ހޯދަން ވާނެ އެވެ.
ދަރިފުޅު ކިބައިން ފެންނަ ކަންކަމާ ގުޅޭ ގޮތުން ލޯބިން ވާހަކަ ދައްކާށެވެ. އޭނާއަށް ޖަޖް ނުކުރާށެވެ.
ފަހަރުގައި ދަރިފުޅުގެ ކިބައިން ފެންނަނީ ސީދާ ޑިޕްރެޝަންގެ މައްސަލަތައް ކަމަށް ވެސް ނުވެދާނެ އެވެ. ނަމަވެސް ހައްލު ހޯދަން މަސައްކަތް ކުރާށެވެ.
މާ ގިނަ ސުވާލުތަކަށް ބައެއް ކުދިން ގަޔާނުވެދާނެ އެވެ. މުހިންމީ ކަންބޮޑުވާ ވަކި ކަމެއް ފާހަގަކޮށް ސީދާ އެކަމާ ސުވާލުކުރުމެވެ.
ދަރިފުޅާ ވާހަކާ ދެއްކުމުގައި ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދޭށެވެ.
1. އަޑުއަހާށެވެ. ލެކްޗަރުތަކެއް ދޭންވީއެއް ނޫނެވެ. ދަރިފުޅު ކުށްވެރިކޮށް ލެކްޗަރު ދޭ ނަމަ ކަންކަން ހިއްސާކުރުމާ ކުދިން ދުރުވެ އެވެ. އެންމެ މުހިއްމީ ކޮންމެ ހާލަތެއްގައި ވެސް އެހީވާން ގާތުގައި އެބަހުރިކަން ކުއްޖާއަށް އިހްސާސްކޮށްދިނުމެވެ.
2. ވާހަކަ ދައްކަން މަޖުބޫރު ނުކުރާށެވެ. ބައެއް ކަންކަމުގެ ވާހަކަ މައިންބަފައިން ގާތު ދައްކަން ފަސޭހަ ނުވެދާނެ އެވެ. އެއީ އެ ވާހަކަ ފަށަންވީ ގޮތް ވެސް ބައެއް ކުދިންނަށް ނޭނގޭތީ އެވެ.
3. ކުދިންގެ ކަންބޮޑުވުންތަކާއި އިހްސާސްތަަކަކީ އެއްވެސް ކަމެއް ނޫން ކަމަށް ނަހަދާށެވެ. ދަރިފުޅު ކަންބޮޑުވަނީ ވަރަށް ކުޑަކަމާ ނުވަތަ 'މޮޔަ' ކަމަކާ ހެން ތިމާއަށް ހީވިޔަސް އެއީ އެކުދިންނަށް ވަރަށް ބޮޑެތި ކަންކަމެވެ. އެއްވެސް ކަމެއް ނޫން ކަމަށް ދެކޭ ނަމަ އޭނާގެ ކަންބޮޑުވުންތައް ހިއްސާއެއް ނުކުރާނެ އެވެ. އެއީ ދަރިފުޅަށް ތިމާ އޭނާގެ އިހްސާސްތަކާ މެދު ސީރިއަސް ނޫން ކަމަށް ހީވާތީ އެވެ.
4. އެކުދިން އަބަދުވެސް އުފާވެެރި މޫނެއް ދައްކަފާނެ އެވެ. ކަމެއް ގޯހުން ދިޔަސް ދެރަވެ މޫނުމަތިން އޭގެ އަސަރުތައް ނުފެނިދާނެ އެވެ.
ބުނެ އުޅެ އެވެ: ކަމެއް ގޯސްކޮށް ދަންޏާ ބެލެނިވެރިންނަށް އެނގޭނެ އެވެ.
ދަރިފުޅަށް ތިމާއާ ވާހަކަ ދައްކަން އުނދަގޫ ނަމަ އެހެން ކޮންމެވެސް މީހަކާ އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަން ރުސަތު ހޯދައިދޭށެވެ. އެއީ ސްކޫލް ޓީޗަރެއް، ކައުންެސެލަރެއް ނުވަތަ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހެއް ކަމަށް ވިޔަސްމެ އެވެ.
އިހްސާސްތައް ހިއްސާކުރަން ބާރުއެޅުމާ އެކު، އެހެން މީހުންނާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރާށެވެ. އެކަހެރިވެ ސޯޝަލް މީޑިއާ ބޭނުން ކުރުން މަދުކޮށް، ބަދަލުގައި މީހުންގެ ތެރެއަށް ދަރިފުޅު ނެރެވޭތޯ ބަލާށެވެ.
ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުން މުހިއްމެވެ. ދުުޅަހެޔޮ ކާނާ އާއި ހަމަ ނިދި ހޯދުމުގެ މުހިއްމުކަން ދަރިފުޅަށް ވިސްނައިދޭށެވެ. އަދި އެގޮތަށް އަމަލުކުރަން ތިމާ ނަމުނާއަކަށް ވާށެވެ.
އެންމެ މުހިއްމީ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުން
ލައިފްސްޓައިލަށް ބަދަލުގެނެސް ސަޕޯޓްދޭނެ ބަޔަކު ތިބެއްޖެ ނަމަ ޑިޕްރެޝަންގެ ވޭން ލުއިކުރަން ބޮޑު އެހީއަކަށް ވާނެ އެވެ.
ނަމަވެސް ޑިޕްރެޝަންގެ މައްސަލައަކީ އަރައިނުގަނެވިދާނެ ކަމެއްހެން ހީވާ ނަމަ އެންމެ މުހިއްމީ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމެވެ.
އެގޮތުން ހޯދާނީ ދަރިފުޅު ވެސް ހިތްހަމަޖެހޭ ކަހަލަ މީހެކެވެ. ވާހަކަ ދައްކަން ފަސޭހަ އަދި އިތުބާރުކުރެވޭ މީހެކެވެ. އެއީ ފުރާވަރުގެ ކުދިންނާ ޑީލްކުރަން އިނގޭ ފަދަ މީހަކަށް ވެސް ވާން ޖެހެ އެވެ.
ކޮމެންޓް (1)
ހަމްދު