ކެންގަރޫ ކިޑްސް ޕްރީސްކޫލުގައި ކުދިންތަކެއް ކިޔަވަނީ(ފޮޓޯ/ކެންގަރޫ ކިޑްސް)

ޕޭރެންޓިން

އޭޑީއެޗްޑީ ހުންނަ ދަރިފުޅަށް ކޮންމެހެން ދަސްކޮށްދޭންޖެހޭ 5 ހުނަރު

ބެލެނިވެރިންނާއި ޓީޗަރުން މި ކަންކަމަށް ސަމާލުކަންދޭ ނަމަ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ އެހެން މީހުންނާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެހީތެރިވެދޭ
14 ޖުލައި 2025

އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) އަކީ ކުޑަކުދިންގެ މެދުގައި އެންމެ އާއްމު ނަފްސާނީ ހާލަތެވެ. އޭޑީއެޗްޑީ ހުންނަ ކުއްޖެއްގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ސަމާލުކަން ދޭން އުނދަގޫވުމާއި ހައިޕާއެކްޓިވިޓީ ނުވަތަ ކުއްލި ހަރަކާތްތައް އިތުރުވުން ހިމެނެ އެވެ. އޭޑީއެޗްޑީ ހުންނަ ނަމަ ދިރިއުޅުމަށް އެކަމުގެ ސަބަބުން ގިނަ އަސަރުތަކެއް ކުރެ އެވެ. ކިޔެވުމާއި ކަންކަން ހާސިލްކުރުން، އެހެން މީހުންނާ އޮންނަ ގުޅުން އަދި ދުވަހީ ގޮތެއްގައި އުޅޭ އުޅުމަށް މިކަމުގެ އަސަރު ކުރެ އެވެ.

ކުޑަކުދިންގެ މެދުގައި އެންމެ އާއްމު ނަފްސާނީ މައްސަލައަކީ އޭޑީއެޗްޑީ

ދަރިފުޅުގެ ކިބައިގައި އޭޑީއެޗްޑީ ހުންނަ ނަމަ އަދި މިކަމަށް ފަރުވާ ނުހޯދާ ނަމަ އެ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ. އަދި އެހެން މީހުންނާ އޮންނަ ގުޅުން ދަމަހައްޓަން ވެސް އެ ކުދިންނަށް އުނދަގޫވެ އެވެ.

ބެލެނިވެރިންނަށް ކުދިންނަށް މިކަމުން އަރައިގަތުމަށް އެހީތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އޭޑީއެޗްޑީން އަރައިގަތުމަށް ބެލެނިވެރިންނަށް ވަރަށް ބޮޑަށް ކުދިންނަށް އެހީތެރިވެވިދާނެ

ތަޖުރިބާކާރުން ބުނާ ގޮތުގައި އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސް ދާއިރާއަކުން ހާއްސަ އިސްކަމެއް ދީގެން މިކަމުން އަރައިގަތުމަށް ނުވަތަ މެނޭޖް ކުރުމަށް ދަސްކޮށްދެވިދާނެ އެވެ.

1. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން

ކުދިންނަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ދަސްކޮށްދިނުން މުހިއްމު (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭޑީއެޗްޑީ ހުންނަ ކުދިންނަަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ބަައެއް ކަންކަން ދަސްކޮށްދެވިދާނެ އެވެ. މިފަދަ ކަންކަން ދަސްކޮށްދިނުމުން، ހިތަށް އަރާ ކޮންމެ ކަމެއް ކުއްލިއަކަށް ކުރުމުގެ ބަދަލުގައި ކަންކަމާ މެދު ވިސްނާލުމަށް ހިނދުކޮޅެއް ނަގައި، ކަމެއް ކުރުމުގެ ކުރިން ދެކޮޅު ބަލަން ދަސްވެ އެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަށް އެންމެ އާއްމުކޮށް މީހުން ކިޔައި އުޅޭނީ "ސިޔާސަ" ނޫނީ "ހަލަނި" ކުދިންނޭ އެވެ. ނަމަވެސް އަމިއްލަަ ނަފްސު ކޮންޓްރޯލް ކުރަން ދަސްވެއްޖެ ނަމަ އޭނާގެ އުޅުމުން ބޮޑެތި ބަދަލުތަކެއް ފެންނާނެ އެވެ.

 އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްކޮށްދޭ އިރު އެއް ކަމަކަށް ސަމާލުކަން ދިނުމަށް ދަސްކޮށްދެވިދާނެ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭންވީ ކަމެއް ހިނގުމުން ފުންކޮށް ނޭވާލާށެވެ. ނުވަތަ ކަމަކަށް އިޖާބަ ދިނުމުގެ ކުރިން ބޮލުތެރޭ ދިހަޔަކާ ހަމައަށް ގުނާލާށެވެ. ނުވަތަ ކަމެއް ދިމާވެއްޖެ ނަމަ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލާފައި ދެން އެކަމަކަށް އިޖާބަދޭށެވެ.

މީގެ އިތުރުން ދަރިފުޅު އެއް ކަމަކަށް ދޭ ސަމާލުކަން އިތުރުކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. ކަމެއް ކުރާއިރު، އެކަމަކަށް ހުސްވާން ދަސްކޮށްދޭށެވެ. ވަށައިގެން ހިނގާ ހުރިހާ ކަމަކަށް ބެލުމާއި ދެން ކުރަން އޮތް ކަމަކާ މެދު ވިސްނުމުގެ ބަދަލުގައި އެ ވަގުތެއްގައި ކުރަން ހުރި ކަމަކަށް ހުރިހާ ސަމާލުކަން ދޭން ދަސްކޮށްދޭށެވެ. 

މިގޮތަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ދަރިފުޅު މަސައްކަތް ކުރާ ނަމަ، އެކަމަށް ހިތްވަރު ދޭށެވެ. އެ އުޅުމަށް ތައުރީފު ކުރާށެވެ.

2. ތަރުތީބުކުރުން

އުޅޭ މާހައުލާއި ގެންގުޅޭ ތަކެތި ތަރުތީބުކޮށްފައި ބެހެއްޓުން މުހިއްމު (ފޮޓޯ/އެފްޑީސީ) 

ކަންކަން ތަރުތީބުވެފައި ހުރުމުން ހުރިހާ އެންމެންނަށް ވެސް ފައިދާ ކުރެ އެވެ. ވަކިން ހާއްސަކޮށް އޭޑީއެޗްޑީ ހުންނަ ކުދިންނަށް މިކަމުގެ ފައިދާ ބޮޑެވެ.

ދުވަހީ ގޮތެއްގައި އެފަދަ ކުދިން ކުރަންޖެހޭ ކަންކަން ތާވަލްކޮށްފައި ހުރުން މުހިއްމެވެ. ކާ ގަޑި، ފިލާވަޅު ހަދާ ގަޑި އަދި ނިދާ ގަޑި ހުންނަންވާނީ ކަނޑައަޅައިފަ އެވެ. މިކަންކަން މިގޮތަށް ރާވާފައި ހުރުމުން މިފަދަ ކުދިންގެ އެންޒައިޓީ ކުޑަވެ އެވެ.

ވަށައިގެންވާ މާހައުލާއި ގެންގުޅޭ ތަކެތި ތަރުތީބުވެފައި ހުރުން ވެސް މިފަދަ ކުދިންނަށް މުހިއްމެވެ. ކުރަން ހުންނަ ކަންކަން ލިސްޓުކުރެވިދާނެ އެވެ.

ކުދިންނަށް ތަރުތީބުކުރުމަށް އެހީތެރިވުމަށް ވިޝުއަލް އެއިޑް ބޭނުން ކުރެވިދާނެ

ގެންގުޅޭ ފޮތްތަކާއި ކުދިންގެ އެއްޗެހި ބައިތިއްބާ ތަންތަން ތަރުތީބު ކުރުމަށް ވިޝުއަލް އެއިޑް، އެތަކެތި ފަސޭހައިން ދެނެގަނެ ހޯދުމަށް ކުލަ ގުޅުވުން އަދި ލޭބަލް ކުރުން ކަހަލަ ކަންކަން ކުރެވިދާނެ އެވެ.

މީގެ އިތުރުން މާ ބޮޑެތި ކަންކަން އެއްފަހަރާ ކުދިންނާ ހަވާލުކުރުމުން، އެ ކުދިންނަށް އެއީ ނުވާނެ ކަންކަންހެން ހީވެ އެވެ. އެކަމެއް ކުރުމަށް މަސައްކަތެއް ވެސް ނުކުރެ އެވެ. އަދި ބޯމަތީ ކުރަންޖެހިފައި އޮތް ކަމެއްގެ ސަބަބުން އިތުރަށް ހާސްވެ އެވެ. އެހެންކަމުން ހާއްސަކޮށް އޭޑީއެޗްޑީ ހުންނަ ކުދިންނާ ގޭގެ މަސައްކަތް ނުވަތަ ފިލާވަޅު ނުވަތަ އެހެން ވެސް ބޮޑު ކަމެއް ހަވާލުކުރާއިރު، ބަހާލައިގެން އެކަމެއް ހަވާލު ކުރުން ބުއްދިވެރި އެވެ.

3. އިޖުތިމާއީ ހުނަރުތައް

އޭޑީއެޗްޑީ ހުންނަ ކުދިން އެހެން މީހުންނަށް ދޭ ސަމާލުކަން ކުޑަ އެވެ. އަބަދުވެސް އުޅޭނީ އަމިއްލަ ދުނިޔެއެއްގަ އެވެ. އެހެންކަމުން މި ކުދިންނަށް އެހެން މީހުންނާ ގުޅިގެން އަދި އެކީގައި އުޅެން ދަސްކޮށްދިނުމަށް ހާއްސަކަމެއް ދީގެން އެ ހުނަރު އަށަގަންނަވަން މަސައްކަތް ކުރަންޖެހެ އެވެ.

އިޖުތިމާއީ ހުނަރު ދަސްކޮށްދިނުމަށް، ވަކި ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަންކަން ކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުދިންނާ އެކު ރޯލްޕްލޭ ކުރެވިދާނެ އެވެ.

ރޯލްޕްލޭ މެދުވެރިކޮށް އެހެން ކުދިންނާ ހިއްސާކުރަން، އަދި ތިމާގެ ފުރުސަތަށް މަޑުކުރަން އަދި މީހަކު އެއްޗެއް ބުނެފި ނަމަ ޖަވާބުދޭންވީ ގޮތް ފަދަ ކަންކަން ދަސްކޮށްދެވިދާނެ އެވެ.

ކުދިންގެ ވާހަކަދެއްކުމުގައި ހުންނަ ރަނގަޅު ކަންކަން ފާހަގަކޮށް ހިތްވަރުދޭންވޭ

ދަރިފުޅު އެހެން މީހުންނާ މުއާމަލާތްކުރާ އިރު ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އޭނާއަށް ފީޑްބެކް ދޭށެވެ. އޭރުން އެ ކުދިން އެގޮތަށް އަމަލުކުރުމުގައި ދެމިތިބޭނެ އެވެ.

އިޖްތިމާއީ ހުނަރު ތަރައްގީ ކުރުމަށް ދަރިފުޅަށް އެހެން ކުދިންނާ އެކީގައި މަސައްކަތް ކުރުމަށް ފުރުސަތު ހޯދާދޭޭށެވެ.

4. އިހުސާސްތައް ހަމައަކަށް އެޅުވުން

ކުއްޖާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން ދަސްކޮށްދިނުން އެއީ ކުއްޖާއަށް ނަފްސާނީ ގޮތުން ހޯދައި ދެވޭ ބޮޑު ލުޔެއް

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ވަކިން ހާއްސަކޮށް އެ ކުދިންގެ އިހްސާސްތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވެ އެވެ.

އެެެހެންކަމުން އެ ކުދިންނަށް ބުނެދޭންވީ އެ ކުދިންގެ އިހްސާސްތައް ދެނެގަތުމަށެވެ. ރުޅިއައުން، އުނދަގޫވުން އަދި ދެރަވުން ފަދަ އިހްސާސްތައް ވަކިކޮށް ލޭބަލް ކުރުމަށް ދަސްކޮށްދޭށެވެ.

އިހުސާސްތައް ދަސްކޮށްދިނުމަށް ފަހު އެ އިހުސާސްތައް މެނޭޖްކުރުމަށް ދަސްކޮށްދޭށެވެ. މިސާލަކަށް ރުޅިއަތުވެއްޖެ ނަމަ އަމަލުކުރަންވީ ގޮތް ބުނެދޭށެވެ. ކުއްޖާއަށް ކުރެވޭ އިހްސާސްތަކާ މެދު ވާހަކަ ދެއްކުމަށް ފުރުސަތު ދޭށެވެ. އަދި ރުޅި، ވަރުބަލިކަން، އުނދަގޫވުން ފަދަ އިހްސާސްތައް ކުރެވިއްޖެ ނަމަ އެ ކުދިންނަށް ހަމަޖެހެން ކުރެވިދާނެ ކަންކަން ދަސްކޮށްދޭށެވެ.

5. އަމިއްލަ ނަފްސާ މެދު ޕޮޒިޓިވްކޮށް ވިސްނަން ދަސްކޮށްދީ

ކުދިންނަށް އަބަދުވެސް އެ ކުދިންގެ އަމިއްލަ ނަފްސުގައި ހުންނަ ޕޮޒިޓިވް ކަންކަން ހަނދާން ކޮށްދޭންވޭ

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ހާއްސަކޮށް މުޖުތަމައުގެ ފަރާތުން ތަފާތު އެކި ކަހަލަ ނޭދެވޭ ބަސްތައް އަދިވެސް ރައްދުވެ އެވެ. ބައެއް ފަހަރު މުދައްރިސުންގެ ފަރާތުންނެވެ. އަނެއްބައި ފަހަރު އާއިލާގެ ތެރެއިންނެވެ. އަނެއްބައި ފަހަރު އާއްމު ތަންތަނުންނެވެ. މި ފަދަ ކުދިންގެ ކުދި ކަންފަތްތަކަށް މި ބަސްތައް އިވޭލެއް ގިނަވެފައި ބައެއް ފަހަރު އަމިއްލަ ނަފްސާ މެދު އެ ކުދިންގެ ގަބޫލުކުރާ ކަންކަން ވެސް ހުންނަނީ މި ބަސްތަކާ އެއްގޮތަކަށެވެ.

ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އެ ކުއްޖާގެ މިޒާޖު ދެނެގަތުން މުހިއްމު

އެހެންކަމުން ކުއްޖާއަށް އަބަދުވެސް އެ ކުއްޖާގެ ކިބައިގައި ހުނަން ރަނގަޅު ސިފަތަކާއި އެ ކުއްޖާގެ ކާމިޔާބީ ބުނެދޭށެވެ. މިގޮތަށް އަމަލުކުރާ ނަމަ ކުއްޖާ ބާރުވެރިވެ އެވެ. އަދި މުޖުތަމައު އެ ކުއްޖާއާ މެދު ދެކޭ ގޮތަކީ އަސްލެއް ނޫން ކަމުގައި ކުއްޖާއަށް ގަބޫލުކުރުމަށް ފުރުސަތު ލިބެ އެވެ. އަމިއްލަ ނަފްސު ބަލައިގަންނަން ދަސްވެ އެވެ. އެންމެންނަށް ވެސް ގޯސްތަކެއް ހެދޭކަން ދަނެ އެވެ. އަދި ބައެއް ކަންކަން އިސްލާހުކޮށް ރަނގަޅުކޮށް، ކުއްޖާ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާއި އަމިއްލަ ނަފްސަށް ދޭ އޯގާތެރިކަމާއި އިތުބާރު އިތުރުވެ އެވެ.

މި ފަސް ކަންތަކަށް ސަމާލުކަންދީގެން ބެލެނިވެރިންނާއި ޓީޗަރުން މަސައްކަތް ކުރާ ނަމަ އޭޑީއެޗްޑީ ހުންނަ ކުދިން ހެދިބޮޑުވާއިރު ދިރިއުޅުމުގެ މުހިއްމު ހުނަރުތައް ދަސްވެ އެވެ. އެ ކުދިންނަކީ ވެސް ފުރިހަމައަށް ތައްޔާރުވެފައި ތިބި ބައެއްގެ ގޮތުގައި މުޖުތަމައު ތެރެއަށް ނިކުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް