ޓޮކްސިކް ބޮހުންގެ ސަބަބުން މުވައްޒަފުންގެ ސްޓްރެސް އިތުރުވެ ހަރުދަނާ މަސައްކަތް ކުރުމަށް ހުރަސް އެޅޭ

ހުންނަނީ ޓޮކްސިކް ބޮސްއެއްތަ؟ ދެން ހަދާނީ ކިހިނެއް؟

ޓޮކްސިކް ބޮހުންގެ ސަބަބުން މުވައްޒަފުންނަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ހުރަސް އެޅޭ

މަސައްކަތުގެ މާހައުލުގައި ތަފާތު އެކި މިޒާޖާއި ހިޔާލުތަކުގެ އެކި މީހުންނާ ބައްދަލުވެ އެވެ. މި ހުރިހާ އެންމެންނާ އެކީގައި ފައިދާ ހުރި މަސައްކަތެއް ކުރަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓޮކްސިކް ބޮސްއަކާ ދިމާވުމެވެ.

ޓޮކްސިކް ބޮސްއަކީ ކޮބާ ހެއްޔެވެ؟ ތިމާގެ ބޮސްއަކީ އެ ފަދަ މީހެއް ހެއްޔެވެ؟ އެ ފަދަ މީހަކާ އެކު މަސައްކަތް ކުރާ އިރު ދިމާވާ ދަތިތަކަކީ ކޮބާ ހެއްޔެވެ؟ އަދި މިކަން ހައްލު ކުރަނީ ކިހިނެއް ހެއްޔެވެ؟ 

ޓޮކްސިކް ބޮހެއް ހުންނަ ނަމަ، މަސައްކަތް އެތައް ގުނައެއް އުނދަގޫވެ އެވެ. އަދި މަސައްކަތް ދެކެ ފޫހިވެ، މީހާގެ މޯޓިވޭޝަން ގެއްލި އަދި ބައެއް ފަހަރަށް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭނާގެ އަމަލުތަކުގެ ސަބަބުން އަސަރު ކުރެ އެވެ.

ޓޮކްސިކް ބޮހުންގެ އަމަލުތައް ހުންނަ ގޮތް

މުވައްޒަފުން ކުށްވެރިކުރުމާއި މައިކްރޯމެނޭޖް ކުރުން އެއީ ޓޮކްސިކް ބޮހުންގެ އާދައެއް

1. މައިކްރޯމެނޭޖްކުުރުން

މައިކްރޯމެނޭޖް ކުރަން އުޅުން އެއީ ޓޮކްސިކް ބޮހުން އާއްމުކޮށް އަމަލު ކުރާ ގޮތެވެ. ގިނަ ފަހަރަށް އޭނާ ކުރަން ޖެހޭ ކަންކަމުގެ ބަދަލުގައި ތިމާގެ މަސައްކަތްތަކުގެ ތެރެއަށް މާ ބޮޑަށް ވަދެ އެކަމަށް ގޮތްފާޑު ކިޔަ އެވެ. މުވައްޒަފު މީހާ އަދާ ކުރަންޖެހޭ ޒިންމާ އާއި ކުރާ މަސައްކަތަށް ހުރަސް އެޅެ އެވެ. ކުދިކުދި ކަންކަމުން ފެށިގެން ގޮސް ބޮޑެތި ކަންކަަމާ ހަމައަށް ފާޑު ކިޔަ އެވެ. މަގުސަދަކަށް ވަނީ މުވައްޒަފުން ކޮންޓްރޯލް ކުރުމެވެ. މުވައްޒަފުންނަށް ކުރަންވާ އިތުބާރު ނުކުރުމެވެ. މުވައްޒަފުންނަށް އަމިއްލަ ވިސްނުމާއި އިސްނެގުމުގައި މަސައްކަތް ކުރުމަށް އަދި މަސައްކަތް ކުރަން އުޅޭ ގޮތަށް މިކަމުގެ ސަބަބުން ހުރަސް އެޅެ އެވެ.

މިސާލަކަށް އީމެއިލްއެއް ފޮނުވުމަކީ މީހެއްގެ މަސައްކަތުގައި ކުޑަ ކަމެއް ވިޔަސް، އެކަން ކުރިތޯ ނުވަތަ އީމެއިލް ލިޔަންވީ ގޮތް ވެސް އަންގައިފާނެ އެވެ.

2. މުވައްޒަފުންނަށް ބިރުދެއްކުން

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ ނަމުގައި ބިރުދެއްކުމަކީ ބައެއް ވެރިން ކުރާ ކަމެކެވެ. ތިމާގެ ބާރާއި ނުފޫޒު އޮތްކަން ދެއްކުމަށް މިއީ މިފަދަ ބޮހުން އަމަލުތައް ބަހައްޓާ ގޮތެކެވެ.

މަސައްކަތް ނިންމުމަށް އެކަށީގެންނުވާ ސުންގަޑި ދީ، މަސައްކަތް ކުރުމަށް ޖާގަ ނުދިނުމަކީ އާއްމު ކަމެކެވެ. އަބަދުވެސް މުވައްޒަފުން ފަހާ ދުވުމަކީ ތިމާގެ ޒިންމާ އަދާ ކުރެވުނީ ކަމުގައި މިފަދަ ވެރިން ދެކެ އެވެ.

އަދި މިފަދަ ބޮހެއް ހުންނަ ނަމަ މުވައްޒަފުންނަށް ކަންކަމުގައި ބަސްބުނުމަށް އުނދަގޫވެ އެވެ. އަބަދުވެސް 'ފިތިފައި' ހުންނަ ކަމުގެ އިހްސާސް ކުރެވޭނެ އެވެ. އަބަދުވެސް މުވައްޒަފުންގެ ކުށް ހޯދަން މަސައްކަތް ކުރާ ކަމުގެ އިހްސާސް އެ މީހުންނަށް ކުރެވޭނެ އެވެ. ބަސް ބުނުމުގެ ހައްގު ގެއްލި މީހާގެ އެއްވެސް ކޮންޓްރޯލެއް ނެތް ކަމަށް އިހްސާސް ކުރެވޭނެ އެވެ.

މަސައްކަތުގެ މައިދާނުގައި ޓޮކްސިކް ބޮހުން އުޅެނީ މުވައްޒަފުންނަށް ބިރުދައްކައިގެން

3. ކަންކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެ

ޓޮކްސިކް ބޮހެއް ހުންނަ ނަމަ މުވައްޒަފުން 'ގޭސްލައިޓު' ކުރެ އެވެ. ދޮގު ހެދުމާއި ހަގީގަތުގައި ކަން ހިނގި ގޮތް ބަދަލުކޮށް އުޅޭނެ އެވެ. ކަންކަމުގައި ހެކި ހުއްޓަސް ތިމަންނާ އެހެން ނުބުނަމޭ، ތިއީ ކަންވީ ގޮތެއް ނޫނޭ ކިޔައި އޮޅުވާލަން މަސައްކަތް ކުރެ އެވެ. އޭގެ ސަބަބުން މުވައްޒަފުންނަށް އަމިއްލަ ތަޖުރިބާއާ މެދު ސުވާލު އުފެއްދެ އެވެ.

4. މުވައްޒަފުން ވަރުބަލިކޮށްލާ

އޮފީސް ވަގުތު ނިމުނަސް މުވައްޒަފުން އަބަދުވެސް ތިމާގެ ކޮންމެ އެދުމަކަށް އިޖާބަ ދޭން ޖެހޭނެ ކަމަށް ނިންމަ އެވެ. އަދި މަސައްކަތް ހަވާލުކުރުމުގައި ހަމައެއް ނުބަލާ މިހާރުން މިހާރަށް މަަސައްކަތް ކުރުވަން އުޅޭނެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުން ވަރުބަލިކޮށް ބާންއައުޓްކޮށްލަ އެވެ. އެއްވެސް ވަރަކަށް މުވައްޒަފުންނަށް ބެލުމެއް ނޯންނާނެ އެވެ.  ދަންވަރު ގަޑީގައި ވެސް އީމެއިލް ކޮށްފައި ހަމަ އެ ވަގުތުން ވަގުތަށް އެކަމަކަށް އެޓެންޑް ކުރުވުމަށް ގަދަ ބާރުން މަސައްކަތް ކުރާނެ އެވެ.

ޓޮކްސިކް ބޮހުންގެ ސަބަބުން މުވައްޒަފުން ވަރުބަލިކޮށް ރޫހު ބަލިކަށިކޮށްލާ

5. ވަކި ބަޔަކު ގާތްކުރޭ

ފޭވަރިޓިޒަމް ނުވަތަ ރުހޭ މީހުން ގާތްކޮށްގެން އުޅޭނެ އެވެ. އަދި އެ ފަދަ މުވައްޒަފުން ވަޒީފާގެ މާހައުލުގައި އެއްވެސް ގޮތަކަށް ކުރަން ނުވާ ކަންކަން އަދި ވަޒީފާގެ މާހައުލުގައި ސުލޫކު ބަހައްޓަން ޖެހޭ ގޮތްތައް ނޫން ގޮތަކަށް އުޅުނަސް އެކަން މައްސަލައަކަށް ނުވެ އެވެ. ތިމާއަށް ޖާސޫސްކޮށްދޭ މުވައްޒަފުން ގާތް ކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ފިތުނަ އިތުރުވެ މުވައްޒަފުންގެ މެދުގައި އޮންނަ ޓީމް ވޯކަށް ނުހަނު ނޭދެވޭ އަސަރު ކުރާ ކަން އެނގޭ އިރު ވެސް އެކަން ބަހައްޓާނީ އެގޮތަށެވެ.

6. ދެފުށް ފެންނަ ނިޒާމެއް ނުގެންގުޅޭ

މުވައްޒަފުންނާ ގުޅޭ ކަންކަން އެ މީހުންނަށް ސިއްރުކުރުން އެއީ ޓޮކްސިކް ބޮހުން ކުރާ ކަމެއް

އޮފީހުގެ ބައެއް ކަންކަމަކީ ސިއްރުވާންޖެހޭ ކަންކަން ކަމުގައި ވިޔަސް، މި ޒަމާނަކީ މައުލޫމާތުތައް ހާމަކުރަންޖެހޭ ޒަމާނެވެ. އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަންކަން ހާމަ ނުކުރުމާއި އޮޅުވާލުމާއި އަދި ދެފުށް ދެ ގޮތަށް ކަންކަން ކުރުން މިއީ ޓޮކްސިކް ބޮހުން އާއްމުކޮށް ކުރާ ކަމެކެވެ. މުވައްޒަފުންނާ ގުޅޭ މުހިއްމު ބޮޑެތި ނިންމުންތައް ވެސް ހިޔާލާއި މަޝްވަރާ ހޯދުމުގެ ބަދަލުގައި އެ ކަންކަން އެންމެ ފަހު ވަގުތާ ހަމައަށް އޮޅުން ފިލުވައެއް ނުދޭނެ އެވެ. އަދި މުވައްޒަފުންނަށް އަސަރު ކުރާ ކަންކަން މިގޮތަށް ނިންމުމުން މުވައްޒަފުންގެ މެދުގައި އޮޅުންބޮޅުން ގިނަވެ އެވެ.

7. އަނެކާގެ އިހްސާސްތަކެއް ނުދަންނާނެ

ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ހިތާއި ރޫހުން އެކަމާ ވަރަށް ގަޔާވެގެންނެވެ. ނަމަވެސް އެ މީހުންގެ އިހްސާސްތަކަށް ބެލުމެއް ނެތި އެއީ ބުނި އިރަކު ބުނި ގޮތަކަށް ކަންކަން ކުރަން ތިބޭ ތިމާއަށް ވުރެ ދަށް ބައެއްގެ ގޮތުގައި ޓޮކްސިކް ބޮހުން ދެކެ އެވެ. އެފަދަ ވެރިންގެ ފަރާތުން ފެންނަނީ އިހްސާންތެރިކަން ނެތްތަނެވެ. މުވައްޒަފަކަށް ކަމެއް ދިމާވެގެން ކަމެއް ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެއްކަން ގަބޫލުކުރުުމުގެ ބަދަލުގައި އެއީ ކޮންމެ ހާލަތެއްގައި ވެސް މަސައްކަތް ކުރަންޖެހޭނެ ބައެއްގެ ގޮތުގައި ދެކެ އެވެ.

8. މުވައްޒަފުންގެ ފީޑްބެކް އަޑެއް ނާހާނެ

މަސައްކަތުގެ މައިދާނުގައި އަމަލީ ގޮތުން ކަންކަން ކުރާ މީހާއަށް އެކަމާ ގުޅޭ މައުލޫމާތާއި ލުއިވާނެ ގޮތާއި ކުރަން އެންމެ ރަނގަޅު ގޮތް ތަޖުރިބާގެ އަލީގައި އެނގޭނެ އެވެ. ނަމަވެސް، ތިމާ އަކީ ވެރިމީހާ ކަމުން، ތިމާ ބުނާ ގޮތް އެކަނި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭނެ އެވެ. ކަަންކަމުގައި މުވައްޒަފުން ދޭ ފީޑްބެކް އެހުމެއް ނޯވެ އެވެ. އެ ބަލައިގަތުމުގެ ބަދަލުގައި އެއީ ރެކެން އުޅުން ކަމުގައި ދެކި ނުވަތަ ތިމާއަށް އިހްތިރާމް ނުކުރުން ކަމުގައި ނިންމަ އެވެ.

9. ޒިންމާއިން ރެކެން އުޅުން

ކަމެއް ގޯސްކޮށް ގޮސްފިއްޔާ އެކަމުން އަވަހަށް ބޯދަމައިގަންނަން މަސައްކަތް ކުރެ އެވެ. ޒިންމާ އިން ރެކެން މަސައްކަތް ކުރެ އެވެ. އަބަދުވެސް ކަންކަން ގޯހުން ދަނީ އެހެން ތިމާގެ ލީޑާޝިފް ބަލިކަށިކަމުންކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވެ އެވެ. ޓޮކްސިކް ބޮހުން އެއްވެސް ވަރަކަށް އަމިއްލައަށް ހެދޭ ގޯސްތައް ގަބޫލެއް ނުކުރާނެ އެވެ.

10. ކްރެޑިޓް ކާލުން

މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ ކްރެޑިޓް ކާލާން ޓޮކްސިކް ބޮހުން މަަސަައްކަތް ކުރާނެ އެވެ. ކަމެއް ރަނގަޅަަށް ދަންޏާ އެއީ އޭނާގެ މޮޅުކަމުން ނުވަތަ ކުޅަދާނަކަމުން ކަމުގައި އެހެން މީހުންނަށް ވިސްނައިދޭން އުޅޭނެ އެވެ. 

މަސައްކަތުގެ މާހައުލުގައި ތިމާ ކުރާ މަސައްކަތުގެ ކްރެޑިޓް ނެގުން އެއީ ޓޮކްސިކް ބޮހުން އާއްމުކޮށް ކުރާ ކަމެއް

ޓޮކްސިކް ބޮހުންގެ ކިބައިން ސަލާމަތްވާން ހަދާނީ ކިހިނެއް؟

މަސައްކަތުގެ މާހައުލުގައި މީހަކު ހޭދަ ކުރާ ވަގުތަކީ އޭނާގެ ދިރިއުޅުމުގެ ބޮޑު ބަޔެކެެވެ. ހަޔާތުގައި ވެސް ގިނަ ވަގުތެވެ. ކޮންމެ މީހެއް ވެސް މަސައްކަތަކާ ކުރިމަތިލަނީ އޮއްޓަރު ހުރި ފައިދާ ބޮޑު މައުނަވީ ކޮންމެވެސް ކަމެއް ކުރެވޭތޯ އެވެ. 

އެކަމަކު މަސައްކަތުގެ މާހާއުލުގައި ޓޮކްސިކް ބޮހުންނާ ދިމާވާ ނަމަ، ތިމާއަށް ކުރިމަތިވާ ސްޓްރެސް އިންތިހާ އެވެ. މަސައްކަތުގެ މާހައުލަކީ އުފަލުން ދާ ތަނަކަށް ވުމުގެ ބަދަލުގައި މަސައްކަތް ކުރުމަށް އޮންނަ ރޫހު ގެއްލެ އެވެ. 

މިފަދަ ބޮހުންނާ ޑީލް ކުރުމަަށް މުވައްޒަފުން ކުރަންވީ އަންނަނިވި ކަންކަމެވެ.

1. ހައްދުތަކެއް ގެންގުޅުން

މަސައްކަތުގެ މާހައުލުގައި ހައްދުތަކެއް ގެންގުޅުން ވަރަަށް މުހިއްމު

މަސައްކަތުގެ މާހައުލުގައި ބައުންޑަރީސް ނުވަތަ ހައްދުތަކެއް ގެންގުޅޭ ނަމަ ތިމާއަށް އެކަމުގެ ސަބަބުން ނަފްސާނީ ހަމަޖެހުން ލިބޭނެ އެވެ. ޓޮކްސިކް ބޮހުން އަބަދުވެސް ހާލަތު އެ މީހުންގެ ކޮޅަށް ލަންބާލަން މަސައްކަތް ކުރެ އެވެ. އެކަމަކު ތިމާގެ ޒަމީރު ގަބޫލުނުކުރާ ކަންކަން ބޮހުން ރުއްސަން ކުރަން ނުޖެހޭނެކަން ދަންނާށެވެ. "ނޫން" ބުނަން ވެސް އެނގެންވާނެ އެވެ. 

2. ޑްރާމާއާ ދުރުވުން

އަބަދުވެސް ކޮންމެވެސް އިތުރު ޑްރާމާއެއް އުފައްދައިގެން ތިމާ އެކަމަކަށް ރިއެކްޓް ކުރާ ގޮތް ބަލަން އެ މީހުން ބޭނުންވެ އެވެ. މި ފަދަ މީހުން މައިތިރި ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ވަރަކަށް އެމީހުންގެ ޑްރާމާގެ ތެރެއަށް ނުވަދުމެވެ. ތިމާ ރުހޭކަން ނުވަތަ ނުރުހޭކަން ވެސް އެ މީހުންނަށް ނުދެއްކުމެވެ. ބައެއް ފަހަރު ބަސް ބުނަން ޖެހެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ރައްދެއް ދޭކަށް ނުޖެހެ އެވެ. އެ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީވެ ސް އަނެކާގެ މޫޑާއި ރޫހަށް އަސަރު ކުރުމެވެ.

3. ވީހާވެސް މަދުން މަސްހުނިވުން

އޮފީހުގެ ކަންކަމުގައި އެކަނި މުއާމަލާތް ކުރުން ބުއްދިވެރި

ޓޮކްސިކް ބޮހެއް ނަމަވެސް އޭނާއާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ، ނުފެނި، ދިމާނުވެ އުޅުން އެއީ ކުރެވިދާނެ ކަމެއް ނޫނެވެ. އެކަމަކު ބަލަންވީ ވީހާވެސް މަދުން މުއާމަލާތު ކުރަންޖެހޭ ގޮތެކެވެ.

ވާހަކަ ދިގު ނުކުރުމާއި މަސައްކަތުގެ ބޭރު އަމިއްލަ ވާހަކަ ވީހާވެސް މަދުން ދެއްކުމެވެ. އޮފީސް ވާހަކަ ދައްކާ އިރުވެ ސް ތިންވަނަ މީހެއް ބަހައްޓާށެވެ. އީމެއިލެއް ކުރި ނަމަވެސް ދެން އެކަމާ ގުޅުން ހުރި ތިންވަނަ މީހަކަށް ސީސީ ކުރާށެވެ. ބައެއް ފަހަރަށް ބުނާ ވާހަކަތައް ވެސް ނޭނގޭ ކަމަށް ބުނެ ދޮގުހެދުމަކީ ޓޮކްސިކް ބޮހުން އާއްމުކޮށް ކުރާ ކަމެކެވެ. އެ މީހުން ތިމާގެ ވާހަކަ އަޑުއަހަނީ ތިމާގެ ނާޒުކުކަން ދެނެގަނެ އެކަން އެ މީހުންގެ އަމިއްލަ ފައިދާއަށް ބޭނުން ކުރުމަށެވެ. އިހްސާންތެރިކަމެއް ހުރެގެންނެއް ނޫނެވެ. 

4. އަމިއްލަ ނަފްސު ކުށްވެރި ނުކުރުން 

ޓޮކްސިކް ބޮހުންގެ ވިހަ ގަދަޔަސް އެއީ ތިމާ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން

އަސްލު ޓޮކްސިކް ބޮހުންނަށް އެހެން ވަނީ އަމިއްލަ ނަފްސަށް އިތުބާރު ނެތުމާއި އަމިއްލަ ނަފްސުގެ އުނި ކަންކަމުގެ ސަބަބުންނެވެ. އެެހެންކަމުން ޓީމާ އެކު އުޅެން ނޭނގެނީ އެ މީހުންނަށެވެ. އެމީހުންގެ ނެގެޓިވް އެނާޖީ އާއި މައްސަލަތަކަށް ޒިންމާ ނަގަން ޖެހެނީ އެމީހުންނެވެ. ތިމާއެއް ނޫނެވެ. އެމީހުންގެ ބަސްތަކާއި އަމަލުތައް އެއީ ތިމާގެ ސެލްފްވޯތާ ގުޅުން ހުރި ކަމެއް ނޫނެވެ. 

5. ނަފްސާނީ ހަމަޖެހުން މާ މުހިއްމު

އަދާ ކުރާ ވަޒީފާއަށް ވުރެ ތިމާގެ ނަފްސާނީ ހަމަޖެހުން މާ މުހިއްމު

ބައެއް ފަހަރަށް ޓޮކްސިކް ޖޮބެއް ދޫކޮށްލުމަކީ ޅައެއްޗެއް ކަމުގައި ހީވެދާނެ އެވެ. އެކަމަކު ތިމާއަށް އިތުބާރު ނުކުރާ، ބޮލުގައި ކޮންމެ ފަދަ އިލްޒާމެއް ވެސް އަޅުވަފާނެ ތަނެއްގައި އަދި ތިމާގެ މަސައްކަތާއި ހުނަރު ބަލައިނުގަންނަ ތަނެއްގައި ހުރުމަށް ވުރެ އާމްދަނީ ހޯދުމަށް އެހެން ގޮތެއް އިހްތިޔާރު ކުރުމަކީ މާ ބުއްދިވެރި ގޮތެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މީމްއެއްގައި ބުނެ އެވެ. މާލީ ތަނަވަސްކަން ހޯދުމަށް ވަޒީފާއަށް ދިއުމުން ކުރިމަތިވީ ނަފްސާނީ ނުތަނަވަސްކަމެވެ. މިއީ ވަރަށް ގިނަ މަސައްކަތްތެރިންގެ ހަގީގަތެވެ. އެކަމަކު ތިމާގެ އަމިއްލަ މަސައްކަތުން ހިތްހަމަޖެހުން ލިބޭ މިންވަރު މާ ބޮޑެވެ. އަމިއްލަ ނަފްސަށް ކުރާ އިހްތިރާމް ޓޮކްސިކް ބޮހަކަށް ވުރެ ހަޔާތުގައި މާ މުހިއްމެވެ.

ކޮމެންޓް (4)

ނީނާ

7 ޖުލައި 2025
ހަަމަ މަގޭ ބޮސްކަމަނާގެ ޑެފިނިޝަން މީ
0 0

ހަމްދޫން

4 ޖުލައި 2025
ދެތިންފަހަރު ކިޔާލެވިއްޖެ. ސަޅިލިޔުމެއް.
1 0

ހޫން

3 ޖުލައި 2025
އީމާން އޮފީހުން ކެނޑުމަށްފަހު، އެއޮފީހުގެ ބޮސްއަށް އެއްޗެހި ގޮވާފަމިއޮތީ.
2 0

ހަމްދު

3 ޖުލައި 2025
މިއީ އަމިއްލައަށް ގިނަކަންތައްތަކެއް ތަޖުރިބާކުރުމަށްފަހު ލިޔެފަައި އޮތް ލިޔުމެއްކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ. ގިނަ ވާހަކަތައް ވަރަށް ރަނގަޅު. މީގެ އިތުރަށް، ކްރެޑިޓް ކާލަނީ ބޮސް އެކަނިއެއްނޫން. ގިނަފަހަރު މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ ކްރެޑިޓް އެންމެ ހައްގު މީހުންނަށްނުދީ، ބޮސްގެ އިތުރުން ބޮސް އެންމެ ރުހޭ މީހުނަށްވެސްދޭ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް