ފަންނުވެރި އެކުވެރިން: ބޮޓެނިކަލް އާޓިސްޓު މަރިޔަމް ހަލީމް
'ފަންނުވެރި އެކުވެރިންް'ގެ މިފަހަރުގެ އެޕިސޯޑުގެ މެހުމާނަކީ ރާއްޖޭގެ ފުރަތަމަ ޕްރޮފެޝަނަލް ބޮޓެނިކަލް އާޓިސްޓު މަރިޔަމް ހަލީމް (މަރީ) އެވެ. ރާއްޖޭގައި ހެދޭ އަދި އާއްމުކޮށް ހައްދާ ގަސްގަހާގެއްސާއި މާމެލާމެލި ފެންކުލައިގެ ހިތްގައިމު ކުރެހުންތަކަކުން މަރިޔަމް ދައްކައިދެ އެވެ. އޭނާއަކީ ކުރެހުމުގެ އިތުރުން ފެހުން އަދި ކްރާފްޓް މަސައްކަތަށް ވެސް ހުނަރުވެރި ފަންނުވެރިއެކެވެ.
ރާއްޖޭގެ ގަސްތަކާއި މަލުގެ ބާވަތްތައް މިހާތަނަށް ރަނގަޅު ފެންވަރެއްގައި ބޮޓެނިކަލް އިލަސްޓްރޭޝަންގެ ގޮތުގައި ޑޮކިއުމެންޓު ކުރެވިފައެއް ނެތެވެ. ގަސްގަހާގެހީގެ ސިފަތައް ރަނގަޅަށް ލިޔެ، މުއާމަލާތްކުރުމަށާއި ގަސްގަހާގެހި ދެނެގަތުމަށާއި ސައިންޓިފިކް ދިރާސާތަކަށް އެހީތެރިވެދިނުމަށާއި އަންނަން އޮތް ޖީލުތަކަށް ގަސްގަހާގެހީގެ އިލްމު ހިމާޔަތްކޮށްދިނުމަށް ބޮޓެނިކަލް އާޓިސްޓުންގެ ދައުރު ނިހާޔަތަށް މުހިންމެވެ.
ކޮންމެ ބޮޓެނިކަލް ކުރެހުމެއް ފެށުމުގެ ކުރިން މަރިޔަމް އޭގެ ހުރިހާ ބައެއް ރަނގަޅަށް ދިރާސާ ކުރެ އެވެ. އޭނާގެ ކުރެހުންތަކުގައި ވަކި މީޑިއަމްއެއް އަދި ސްޓައިލްއެއް ގެންގުޅޭ ސަބަބު ވެސް މި އެޕިސޯޑުގައި ކިޔައިދެ އެވެ.
ރާއްޖޭގެ ގަސްގަހާއި މަލުގެ ބާވަތްތައް ޑޮކިއުމެންޓު ކުރަމުން މިހާތަނަށް އޭނާއަށް ލިބުނު ތަޖުރިބާގެ އިތުރުން މިހާތަނަށް ދަސްވި ކަންކަން އެހެން މީހުންނަށް އުނގަންނައިދޭން މަރިޔަމް މަސައްކަތް ކުރެ އެެވެ. އެއީ އޭނާ އާއި ފިރިމީހާ އަދި އާޓިސްޓު އަފްޒަލް ޝާފިއު ހިންގާ 'އަހަރުންގެ ސްޓޫޑިއޯ'ގެ އާޓް ކިލާސްތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން އެ ސްޓޫޑިއޯއިން 'ޓީ ޓަވަލް' ކަލެކްޝަނެއް މިފަހުން ވަނީ ނެރެފަ އެވެ.
ފެންވަރު ރަނގަޅު ކެމެރާ އާއި ފޮޓޯގްރަފީ އާންމުވެފައިވާ ޒަމާނެއްގައި ބޮޓެނިކަލް އާޓިސްޓެއްގެ ރޯލު އަދިވެސް ވަރަށް މުހިންމެވެ. ބޮޓެނިކަލް އާޓްގައި އެކުލެވޭ ހިތްގައިމު 'ޓްރެޑިޝަނަލް ސްޓައިލް'ގެ ޒަރިއްޔާއިން ސަރީހަކޮށް ގަސްގަހުގެ އެކި ބައިތައް ދައްކައިދެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެ ގައުމެއްގެ އާއްމު ގަސްގަހާގެހި ދައްކައިދޭ ބޮޓެނިކަލް ކުރެހުންތައް އެކުލެވޭ ފޮތްތައް ލިބެން ހުރެ އެވެ. މަރިޔަމްގެ އަމާޒަކީ ރާއްޖޭގެ އެކި ބާވަތްތައް ދައްކުވައިދޭ ފޮތެއް ކައިރި މުސްތަގުބަލެއްގައި ނެރުމެވެ.
މި އެޕިސޯޑު ރެކޯޑު ކޮށްފައި ވަނީ މިދިޔަ 3 ފެބްރުއަރީގަ އެވެ.