މި ރަށުން

އިސްމާއިލްބެގެ ހުނަރަށް ސަތޭކަ، ފިހާ މަހުގެ ރަހަ އެއްވަނަ

މިހާރު އުމުރުން 60 އަހަރުގެ އިސްމާއިލްބެގެ ނަން ދުވާފަރުގައި އެންމެ މަގުބޫލީ ވެސް އޭނާ ފިހާ މަހުގެ މީރުކަމުން، މަސް ފިހެ ވިއްކައިގެން ރޯދަ މަސްތަކުގައި ގާތްގަނޑަކަށް 45،000ރ. ގެ އާމްދަނީއެއް ހޯދާ

ރ. ދުވާފަރު - މި ރަށު މުހައްމަދު އިސްމާއިލް (އިސްމާއިލްބެ) އަކީ ހުނަރުވެރިއެކެވެ. އަތްމަތި އަވަސް، ކުރާ މަސައްކަތް ފުރިހަމައަށް ކޮށް ނިންމާލުމަށް މާ ގިނަ ވަގުތެއް ނުނަގަ އެވެ.

އެންމެ ފުރާވަރު އުމުރުގައި އޭނާ ދިޔައީ މަހަށެވެ. ފަހުން އެކަން ހުއްޓާލައި، މިހާރު ގޭގައި ހުރެގެން އާމްދަނީ ހޯދަން ކުރާ ކަމަކީ ކުނިކަހާ ފިހިގަނޑު ހެދުމާއި އަމިއްލައަށް ފަރުމަހަށް ގޮސް އެ ފިހެގެން ވިއްކުމެވެ. އޭނާއަކީ ރަށުތެރެ ސާފުކޮށް ކުނިކަހާ ގުރޫޕުގައި ހިމެނިގެން އެ މަސައްކަތް ވެސް ކުރާ މީހެކެވެ. 

މަސް ފިހަން ބޭނުންކުރަނީ ވެސް އިސްމާއިލްބެ ތައްޔާރުކުރާ ހާއްސަ އޫ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އިސްމާއިލްބެގެ ބަހުން ނަމަ "މިހާރު އާންމުކޮށް ކުރަނީ އަތްތެރި މަސައްކަތެވެ." ގޭގައި އާންމުކޮށް ގެންގުޅޭ ބައެއް ސާމާނު ވެސް އަމިއްލަ އަތުން ތައްޔާރުކޮށްފައި އެބަ ހުއްޓެވެ.

ކުކުޅު ކޮށަން ހާއްސަ ދައްޗަކާއި ބަނބުކެޔޮ ކޮށަން ހާއްސަ ދައްޗެއް ވެސް އޭނާ އަމިއްލަ ވަނީ ތައްޔާރުކޮށްފަ އެވެ. ކާށި އެތުވަން ވެސް އޭނާ ގެންގުޅެނީ އަމިއްލަ އުފެއްދުމެކެވެ. 

އެކަމަކު އުމުރުން 60 އަހަރުގެ އިސްމާއިލްބެގެ ނަން މިރަށުގައި އެންމެ މަޝްހޫރީ އޭނާ ފިހާ މަހުގެ މީރުކަމުންނެވެ. 

ފަސް ފިހުމުގެ ހިޔާލު އެންމެ ފުރަތަމަ އޭނާއަށް ދިނީ އޭނާގެ ދަރިއެކެވެ. ދަރިން މޫދަށް ގޮސް، ދަތުރު ގޮސް އުޅޭއިރު މަސް ފިހާއިރު ދުވާ މީރުވަހުގެ ވާހަކަ މީހުން ދައްކަން ފެށީމާ އޭގެ ރަހަ ދައްކަން މަސް ފިހެގެން ވިއްކަން ފެށީ އެވެ.

އޭނާގެ ހާއްސަ ދަތިން ކުކުޅު ކޮށަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

"އޭގެ ފަހުން ހަމަ އަތުފަތު ނޭނގޭ،" އިސްމާއިލްބެ ބުންޏެވެ.

މަސް ފިހެގެން ބައެއް ދުވަސްދުވަހު އެ ވިއްކަން ނުކުންނަނީ ބައިސްކަލްގަ އެވެ. އެކަމަކު ގިނަ ދުވަސްދުވަހު އެހެން ނުކުންނާކަށް ވެސް ނުޖެހެ އެވެ. ގޭދޮށުގައި އަލިފާން ޖަހައިގެން މަސް ފިހާއިރު ފެތުރިގަންނަ މީރު ވަހަށް މީހުންތައް އައިސްް ގަނެގެން ދަނީ އެވެ. އެ މަސްތައް ހުސްވަން މާ ގިނަ އިރެއް ނުވެ އެވެ. 

"ގޭގޭދޮށަށް ގޮސް މަސް ގަންނާނަންހޭ އެހީމާ ކޮން އެއްޗެއްހޭ އަހާ. ދެން އިސްމާއިލްބެ މަހޭ ބުނީމާ ހަމަ ހޭ ކަނޑާލާފައި ގަންނާނެ،" އޭނާ ބުންޏެވެ.

އަމިއްލައަށް ތައްޔާރުކޮށްފައި ހުރި ބައެއް ސާމާނު ދައްކާލަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އިސްމާއިލްބެ އާންމުކޮށް ފިހެގެން ވިއްކަނީ ރަތް މަސް، ގިޔުޅު، މުޑަހަނދި، ހިބަރު އަދި ކުރުމަސް ކަހަލަ އަނގަޔަށް މީރު މަހެވެ.

މަސް ފިހެ ވިއްކައިގެން އެންމެ ރަނގަޅު އާމްދަނީއެއް ލިބެނީ ރޯދަމަހު އެވެ. މިހާރު މި އޮތީ ރޯދަމަސް ފެށިފަ އެވެ. އިސްމާއިލްބެގެ އެންމެ ބިޒީ ދުވަސްތައް ކަމަށް ބަލަމާ ހިނގާށެވެ.

ފަތިސް ވުމުގެ ކުރިން އޭނާ މަހަށް ނުކުމެ އެވެ. ނަމާދުކުރަނީ ކަނޑުމަތީ އެވެ. ހެނދުނު 9 ޖަހާއިރު މަސް ބާނައިގެން ގެއަށް އައިސް މަސް ފިހަން ތައްޔާރުކުރެ އެވެ. ދެން ދަނީ މެންދުރު ނަމާދަށް މިސްކިތަށެވެ. މަސް ފިހަން ނާށި ރޯކުރަނީ އަސުރުން ފައިބައިގެންނެވެ. ރޯދަ ވީއްލާ ވަގުތު ޖެހޭއިރު އެ ހުރިހާ މަހެއް ވިކި ހުސްވެ އެވެ.

އޭނާގެ ހާއްސަ މިރުސްގަނޑުން ފޯކޮށްފައި ހުރި މަސްތައް އަލިފާން މަތީގައި (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

"5:45 ވާއިރު މަސްތައް ސާފު. އޭރު ނުޖެހޭނެ ވިއްކަން ދާކަށް ވެސް. މާ ކުރިން މީހުން ހުންނާނީ އޯޑަރު ވެސް ދީފައި،" އިސްމާއިލްބެ ކިޔައިދިނެވެ.

މަސްފިހުމުގެ މަސައްކަތަށް އޭނާ ގެންގުޅޭ ހާއްސަ މިރުސްގަނޑު ފުނޑަނީ އޭނާގެ އަންހެނުންނެވެ. އެކަމަކު އޭގައި ލައްވާ މީރު ރަހައަށް ހާއްސަ އެހެން ސާމާނު އެ އެއަށް އެއްކޮށް 'ހަވާދުގަނޑު' ހަދަނީ އިސްމާއިލްބެ އެވެ. މިރުސްގަނޑުގެ ރަހަ މީރުކުރަން 'ލައްކަ' އެއްޗެހި އަޅަ އެވެ. ސީކްރެޓް ރެސިޕީއެއް ކަމުން އެ ހުރިހާ އެއްޗެއްގެ ނަން ކިޔައިދެން އުޒުރުވެރިވި އެވެ. މަސް ފިހަން ހާއްސަ އޫ ވެސް ތައްޔާރުކުރަނީ ލަކުޑި މަށައިގެން އިސްމާއިލްބެ އަމިއްލައަށެވެ. 

އިސްމާއިލްބެ މަސް ފިހަން އެއްޗެހި ތައްޔާރުކުރުމުގައި (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)
މިގޮތަށް މަސް ފިހާއިރު އޭގެ ވަހަށް ވެސް ބައެއް މީހުން އާދޭ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

މަސް ފިހެ ވިއްކައިގެން ރޯދަ މަހު ގާތްގަނޑަކަށް 45،000ރ.ގެ އާމްދަނީއެއް އޭނާ ހޯދަ އެވެ. އާންމު މަސްތަކުގައި މަސް ފިހާ ދުވަހެއްގައި ވިއްޔާ ދުވާލަކަށް 400ރ. ނޫނީ 500ރ. ލިބެ އެވެ.

"މަހެއްގެ މައްޗަށް 15،000ރ ވަރު ލިބިދާނެ. ވަރަށް ރަނގަޅު މަސައްކަތެއް މިއީ،" އިސްމާއިލްބެ ބުންޏެވެ.

މަސް ފިހަންވެގެން އުލަށް މަސްތައް އަމުނަނީ: މިއީ އިސްމާއިލްބެގެ ވަރަށް ހާއްސަ މަސައްކަތެއް (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އިސްމާއިލްބެގެ މަޝްހޫރު މަހުގެ ރަހަ ބަލައިލަން އަހަރެމެންނަށް ވެސް ފުރުސަތު ލިބުނެވެ. އިންޓަވިއުއަށް ފަހު ވަގުތުން މިރުސްގަނޑު ތައްޔާރުކޮށް، ކުކުޅު ކޮށާ ހާއްސަ ދަތިން ކުކުޅު ކޮށާލައި އޭގައި މިރުސް އުނގުޅާފައި ފިހެލި އެވެ. ކުކުޅާ އެކު ފަރުމަސް ވެސް ފިހެދިނެވެ.

އޭނާގެ އެ ރަހައަށް ދޭނީ ހަމަ 100 އެވެ. އަތުފަތު ނުޖެހި ދުވާފަރުގައި އިސްމާއިލްބެގެ ފިހުނު މަސް ވިކެނީ އޭގެ ރަހަ ހަމަ ތަފާތުކަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް