ޖަޕާނުގެ މަގުތައް ތާހިރުކަން ސާބިތުކުރީ ހުދު އިސްޓާކީނަކުން

ލިވިން

ޖަޕާނުގެ މަގުތައް އާދަޔާހިލާފަށް ތާހިރުކަން ސާބިތުކުރަން އިންފްލުއެންސަރަކު ހުދު އިސްޓާކީނެއްގައި ހިނގައިފި

އިންޑިއާގެ އިންފްލުއެންސަރު ސިމްރަން ބާލާރް ޖެއިންގެ ވައިރަލް ވީޑިއޯއިން ފެންނަގޮތުގައި ބޫޓު ބާލައިގެން ޓޯކިޔޯގެ ހަލަބޮލި މަގުތަކުގައި އޭނާ ފުދޭ ވަރަކަށް ހިނގި އިރު ވެސް އިސްޓާކީނު ކިލައެއްނުވޭ
30 ޖެނުއަރީ 2025
1

ޖަޕާނަކީ ސާފުތާހިރުކަމަށާއި ތަފާތު ސަގާފަތާއި ތަރައްގީއަށް މަޝްހޫރު ގައުމެކެވެ. ދާދި ފަހުން އިންޑިއާގެ އިންފްލުއެންސަރަކު ޖަޕާނަށް ކުރި ދަތުރެއްގައި، ހީ ވެސް ނުކުރާ ވަރުގެ ކަމެއް ކޮށްގެން މުޅި އިންޓަނެޓުގެ ސަމާލުކަން ހޯދައިފި އެވެ. 

ބޭރު ގައުމެއްގައި ނުވަތަ އަމިއްލަ ގައުމުގައި ވިޔަސް، ބޫޓެއް ނޫނީ ފައިވާނަކަށް ނާރާ މަގުމަތީ ހިނގާފައި ދިއުމަކީ އެއްގޮތަކަށް ވެސް ނޭދެވޭ އަމަލެއް ކަމަށް ގަބޫލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އިންޑިއާގެ އިންފްލުއެންސަރެއް ކަމަށްވާ ސިމްރަން ބާލާރް ޖެއިންގެ ވިސްނުން ޖަޕާނުގެ މަގުތަކާ މެދު އޮތީ ވަރަށް ތަފާތުކޮށެވެ.

އޭނާގެ ވައިރަލް ވީޑިއޯއިން ފެންނަގޮތުގައި ޖަޕާނުގެ މަގުތަކުގައި އޭނާ ހިނގާފައި ދަނީ ގިނަ ބަޔަކު ދުވަހަކު ވެސް ނުވިސްނާނެ ގޮތަކަށެވެ.

ޖެއިންގެ ވީޑިއޯ ފަށަނީ އޭނާ ޓޯކިޔޯގެ ފިހާރައަކުން މުޅިން އާ، ހުދު ކުލައިގެ އިސްޓާކީނު ޖޯޑެއް ގަންނަ ތަނުންނެވެ. އަދި ކުއްލިއަކަށް ބޫޓު ބޭލުމަށް ފަހު މަގުމައްޗަށް ނުކުންނަނީ ހަމައެކަނި އެ އިސްޓާކީނަށް އަރައިގެނެވެ.

ޓޯކިޔޯގެ ކަފިހިހުރަހަކުން ހުރަސްކޮށް ޖެއިން ހިނގާފައި ދެ އެވެ. އެ ވީޑިއޯއިން ފެންނަނީ މީހުން ހީ ވެސް ނުކުރާނެ ފަދަ ގޮތަކަށް އޭނާ އުޅޭތަނެވެ. އެ ސިޓީގެ ހަލަބޮލި މަގުތަކުގައި އޭނާ ހަމައެކަނި އިސްޓާކީނުގައި ފުދޭވަރަކަށް ހިނގުމަށް ފަހު ދެން ދައްކާލީ އިސްޓާކީނުގެ ދަށްފުށެވެ. ހުރީ މުޅިން ސާފުކޮށެވެ. އެއްވެސް ވަރަކަށް އިސްޓާކީނުގައި ކިލައެއް ނެތެވެ.

ސިމްރަން ބާލާރް ޖެއިންގެ ވައިރަލް ވީޑިއޯއިން ފެންނަގޮތުގައި ޖަޕާނުގެ މަގުތަކުގައި އެއްވެސް ވަރަކަށް ކިލައެއް ނެތް

ޖެއިން މި ވީޑިއޯ އިސްޓަަގްރާމްއަށް ލުމުން ގިނަ ބެލުންތެރިންނަށް މިއީ ގަބޫލުކުރަން ދަތި ކަމަކަށް ވި އެވެ. އޭގެ ފަހުން 60 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ ވީޑިއޯއާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ އެ މީހުންގެ ހިޔާލުތައް ހިއްސާކޮށްފަ އެވެ. ބައެއް މީހުން ނުރުހިފައި ބުނީ އެކަން ގަބޫލުނުކުރެވޭނެ ކަމަށެވެ. އޭނާގެ އިސްޓާކީނު އެހާ ސާފުކޮށް ހުރި ގޮތަކާ މެދު އެ މީހުން ޝައްކު ކޮށްފައިވެ އެވެ. އަނެއް ބަޔަކު ވަނީ މަގުމަތީގެ ނުތާހިރުކަމާ މެދު ކަންބޮޑުނުވެ އެއްވެސް މީހަކު އެގޮތަށް ހިނގާނީ ކިހިނެއްތޯ ސުވާލު ކޮށްފަ އެވެ.

ނަމަވެސް ޖެއިންގެ ސްޓަންޓަކީ ޖަޕާނުގެ މަގުތަކުގެ ސާފުތާހިރުކަމުގެ ފުރިހަމަ މިސާލެއްކަން ބައެއް މީހުން ފާހަގަކުރި އެވެ. އަދި ޖަޕާނަށް ޒިޔާރަތް ކުރަން މިއީ ލިބުނު އިތުރު ސަބަބެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ސުޖާބެ

30 ޖެނުއަރީ 2025
ފޭކު. ހިރަފުސް ހުންނާނެ ހަމަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް