އާޓިސްޓް ޔާންގެ ތިންވަނަ އަމިއްލަ މައުރަޒު 'އޮޔާ' ގައުމީ އާޓް ގެލެރީގައި
އާޓިސްޓް ޔާން އަބްދުއްސައްތާރުގެ ތިންވަނަ އަމިއްލަ މައުރަޒު 'އޮޔާ' ގައުމީ އާޓް ގެލެރީގައި މި މަހު 12 އިން ފެށިގެން ވަނީ ހުޅުވައިފަ އެވެ.
'ރެގިއުލާ ޕިއްޒާ'ގެ ނަމުން މީހުން ދަންނަ ޔާންގެ 28 ވަރަކަށް އުފެއްދުން މި މައުރަޒުގައި ދައްކާލަ އެވެ. އެ އާޓްވޯކްތައް ބިނާވެގެންވަނީ ރާއްޖޭގެ ރީތި ކަނޑުފަޅުތަކާއި ގުދުރަތީ މަންޒަރުތަކަށެވެ.
ހިތްގައިމު ނޫ ކުލަތަކާއި އެކި ވައްތަރުގެ މަޑި އަދި މިޔަރު ދައްކުވައިދޭ ބޮޑެތި 'ރިލީފް' ކުރެހުންތަކުން ޔާން ދޭން ބޭނުންވަނީ ވަރަށް މުހިއްމު މެސެޖެކެވެ. އެއީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމަކީ އެހާމެ ނާޒުކު އަދި ނޭދެވޭ ބަދަލުތަކުގެ ސަބަބުން ފަސޭހައިން ހަލާކުވެ ނެތިގެން ދާނެ އެއްޗެއް ކަމެވެ.
ޔާން ބުނިގޮތުގައި މި އާޓްވޯކްތައް އުފައްދަން، ގޮނޑުދޮށަށް އުކާފައި ހުރި ކުނި ބޭނުންކޮށްފައިވާނެ އެވެ. އޭނާ މި ކުރެހުންތައް ނިންމަން ކުރި މަސައްކަތް މައުރަޒުގެ އެއް ސެގްމެންޓެއްގައި ކިޔައިދޭނެ ކަމަށް ވެސް ޔާން ބުންޏެވެ.
އޭނާ ބުނީ މި މައުރަޒުގެ އަމާޒަކީ، ފަންނުވެރިކަމުގެ ޒަރިއްޔާއިން، އިންސާނުންނާއި ގުދުރަތީ މާހައުލާ އޮންނަ ގުޅުން އިތުރަށް ދަމަހައްޓަން އާއްމުން ހޭލުންތެރި ކުރުން ކަމަށެވެ.
'އޮޔާ' މައުރަޒު ގައުމީ އާޓް ގެލެރީގައި މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.