އައިމިނަތު ނަޝީދާ، އޭނާ ތައްޔާރުކުރި ރީތި ކޭކެއްގެ ކައިރީގައި
އިނގިރޭސި މަޖައްލާއެއް ކަމުގައިވާ 'ޑިލިޝަސް'އިން ދޭ ދެ އެވޯޑެއްގެ ފައިނަލް ލިސްޓަށް ނަޝީ ކޭކްސްގެ ބާނީ އައިމިނަތު ނަޝީދާ ނޮމިނޭޓް ވެއްޖެ އެވެ. މިހާރު އޭނާ އަންނަނީ އާންމުންގެ ވޯޓު ހޯދަން މަސައްކަތްކުރަމުންނެވެ.
ނަޝީދާ ނޮމިނޭޓްވީ ޑިލިޝަސްއިން ހޮވާ 'ކޭކް ޑިޒައިނާ އޮފް ދަ އިޔާ' އާއި "މޮޑަން އާޓިސްޓް އިނޮވޭޓަ އޮފް ދަ އިޔާ" އަށެވެ.
ނަޝީދާ ބުނީ މިއީ އޭނާއަށް މިހާރު ވެސް ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ކޭކް ޑިޒައިނާ އޮފް ދަ އިޔާއަށް ވޯޓު ހޯދަން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުން މީހުން ވޯޓު ލައިގެން ހޮވާ މޮޑަން އާޓިސްޓް އޮފް ދަ އިޔާގެ ފައިނަލް ލިސްޓަށް އޭނާ އަރާފާނެ ކަމަށް އުއްމީދެއް ނުކުރެ އެވެ. އެކަމަކު އޭނާގެ ނަން އެ ލިސްޓްގައި އޮތުމުން ނަޝީދާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.
މި އެވޯޑްތަކުގައި އޭނާ ބައިވެރިކުރި ކޭކްތައް ހަދަން އުނދަގޫވުމުގެ އިތުރުން ގިނަ ވަގުތުތަކެއް ވެސް ނެގި އެވެ. ކޭކްގެ އެ ޑިޒަައިންތައް ހެދީ ރޯޔަލް އައިސިން ބޭނުންކޮށްގެންނެވެ. ޑޮޓް އާޓް ވެސް ހިމެނޭ މި ކޭކްތައް ހެދުމަކީ، ނަޝީދާ ބުނެފައިވާ ގޮތުގައި، 'ބުރަ، ބޮޑު މަސައްކަތެކެ'ވެ.
ދެ އެވޯޑަށް ވޯޓުލުމުގެ ފުރުސަތު ބަންދުވާނީ މި މަހު 22ގަ އެވެ. ނަޝީދާ ނޮމިނޭޓް ވެފައި ވަނީ ކެޓަގަރީ 8 އާއި 14 އިންނެވެ. މި ގޫގުލް ފޯމް ފުރައިގެން ވޯޓު ލެވޭނެ އެވެ.
"އަޅުގަނޑުގެ މި މަސައްކަތް ކަމުދާ ނަމަ އަޅުގަނޑަށް ވޯޓް ދިނުން އެދެން،" ނަޝީދާ ބުންޏެވެ.
އިނޮވޭޓާ އޮފް ދަ އިޔާގެ އެވޯޑަށް ނަޝީދާގެ އިތުރުން ފަސް ބައިވެރިޔަކު ވާދަކުރެ އެވެ. ޑިޒައިނާ އޮފް ދަ އިޔާ އެވޯޑަށް ވާދަކުރަނީ ހަތް މީހެކެވެ.
ނަޝީދާ ބުނީ އޭނާއަށް މިއިން އެވޯޑެއް ލިބުމަކީ ރާއްޖެއަށް ވެސް ހޯދައިދެވޭނެ ރީތި ނަމެއް ކަމަށެވެ.
ކޮމެންޓް (1)
ހަމްކޮ