ނަޝީދާ އަންނަނީ އޭނާގެ ޗާލު ސްޓައިލާއި ކޭކުތަކާ އެކު ސޯޝަލް މީޑިއާ ފަތަހަ ކުރަމުން
ނަޝީ ކޭކްސްގެ ފޮނި ރަހައިން ނަޝީދާގެ ފަރިކަމާއި ހަޔާތުގެ ލޯބި
އައިމިނަތު ނަޝީދާއަކީ މަޝްހޫރު ނަޝީ ކޭކްސްގެ ބާނީ އެވެ. ކޭކުގެ ލެޖެންޑެކެވެ. އޭނާ އަޅާ ބަޓަރު ކޭކަކަށް މީހުންގެ ހިތް އަތުލާތާ 40 އަަހަރުވީ އެވެ. އޭގެ ރަހައަށް ބަދަލެއް ނައިސް އެއް ފެންވަރެއްގައި ހިފަހައްޓަ އެވެ. ތަފާތު ގިނަ ޑިޒައިންތަކަށް ނަޝީ ކޭކްސްއިން ތައްޔާރުކުރާ ކޭކްތަކުގެ ރަހަ ނުބަލާ ދިވެއްސަކު މަދުވާނެ އެވެ.
ކޭކު ޒީނަތްތެރި ކުރުމުގެ ފަންނުގައި ނަޝީދާ ހުރީ އެންމެ އުހުގަ އެވެ. އޭނާ އާ އުކުޅުތައް ދަސްކުރެ އެވެ. ރޯޔަލް އައިސިން ބޭނުންކޮށްގެން ނަޝީދާ ތައްޔާރުކުރާ ކޭކުތައް މަޝްހޫރެވެ. ކުލަ އާއި ޑިޒައިންގެ ގޮތުން ވެސް ތަފާތެވެ. ބަލާލަން ހިތްގައިމެވެ. މަސައްކަތް އެހާ ފުރިހަމަ އެވެ. އެ ކޭކުތަކުން ދައްކަނީ އޭނާގެ ހުނަރުވެރިކަމެވެ.
ސޯޝަލް މީޑީއާގައި އެންމެ ޒުވާން އިންފުލުއެންސަރުންނާ އެއްހަމަކުރަނީ
ސޯޝަލް މީޑިއާ ހަވާލާ އިރު މިހާރު ފެންނަނީ އެންމެ ޒުވާން އިންފުލުއެންސަރުންނެކޭ އެއްގޮތަށް ނަޝީދާ ވެސް އޭނާގެ ރީތި ކޭކުތައް ދައްކާލާ މަންޒަރުތަކެވެ. މި ކޭކުތައް ސޯޝަލް މީޑީއާގައި ވައިރަލްވެގެންދާ އިރު އެންމެންގެ ލޮލުގައި އަޅައިގަންނަނީ އޭނާ ލައިގެން ހުންނަ ހެދުމާއި ކޭކުގެ ޑިޒައިނާ ގުޅުވާލާފައި ހުންނަ ކަމެވެ.
ދިވެހިން އެކަންޏެއް ނޫނެވެ. ބޭރުގެ އެތައް ބަޔަކު ވެސް އޭނާގެ އެ ފޮޓޯތަކަށް ތައުރީފްކުރެ އެވެ. ބޮލީވުޑްގެ ކުރީގެ ތަރި ޕޫނަމް ދިލޮން ވެސް އޭނާގެ މި ސްޓައިލާއި ވައްޓަފާޅިއަށް ތައުރީފުކޮށްފައިވާ ކަމަށް ނަޝީދާ ބުންޏެވެ.
ފިރިމީހާއާ އެކު ލޯބި ލަވަތަކެއް ޓިކްޓޮކުގައި
ކޭކާއި ފެޝަނާ ގުޅޭ ކޮންޓެންޓްގެ އިތުރުން ނަޝީދާ އޭނާގެ ފިރިމީހާ ނާސިހު ތައުފީގާ އެކު ކުޅޭ ޓިކްޓޮކް ވީޑިއޯތައް ވެސް މިދުވަސްވަރު ސޯޝަލް މީޑިއާގައި މަގުބޫލެވެ. އޭނާގެ ކޮންޓެންޓުން އިހުގެ ހިންދީ ފިލްމުތަކުގެ ވައިބެއް އިހްސާސް ކުރެވޭނެ އެވެ.
ނަޝީދާ ބުނިގޮތުގައި އޭނާ ދެވަނައަށް ކައިވެނިކުރި ނާސިހުއަކީ ހަޔާތުގެ ލޯތްބެވެ. މަސައްކަތުގައި އެންމެ ބޮޑު އެއް ހިތްވަރެވެ.
ދެ މީހުން އެއްކޮށް ރާއްޖެއިން ބޭރުގައި ރީތި ބަގީޗާތަކުގައި ކުޅެފައި ހުންނަ ޓިކްޓޮކުތަކުން އިވެނީ ދެ މީހުން އެކީގައި ކިޔާފައިވާ ލަވަތަކެވެ. ނާސިހު ނިސްބަތްވަނީ ވަރުގަދަ ލަވަކިޔުންތެރިންގެ އާއިލާއަކަށެވެ. ހޮބީއެއްގެ ގޮތުން ކަރޯކޭ ހަދައި ލަވަކިޔުމަކީ މި ދެމަފިރިން އެކީގައި މަޖާ ގޮތަކަށް ވަގުތު ހޭދަކުރަން ކުރާ ކަމެކެވެ.
ލިބޭ އެއްޗެއް އަލުން އިންވެސްޓްކޮށްގެން މާލެ އާއި ހުޅުމާލެ އަދި އުފަން ރަށް ތ. ހިރިލަންދޫގައި ނަޝީ ކޭކްސްގެ އައުޓްލެޓްތައް ވަނީ ހުޅުވައިފަ އެވެ. މި މަސް ތެރޭ ވެސް ހުޅުމާލޭގައި ނަޝީޒް ކިޗަންގެ ނަމުގައި އާ އައުޓްލެޓެއް ހުޅުވުމަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މީގެ 40 އަހަރު ކުރިން ނަޝީދާ ފަށައިގަތީ އާދައިގެ ގޮތަކަށެވެ.
އޭނާ ސްރީ ލަންކާއިން ކޭކު އެޅުމާއި ޑިޒައިން ކުރުމުގެ ކޯހެއް ހަދައިގެން އެނބުރި މާލެ އައިސް، މާލޭގައި އޭރު ލިބެން ހުރި އެއްޗެއް ބޭނުންކޮށްގެން ކަޕްކޭކު އަޅާފައި ވިއްކަން ފެށި އެވެ. ދުވާލެއްގެ މައްޗަށް 500 އެއްހާ ކަޕްކޭކު އެޅި އެވެ. އެކަމަކު ކޭކު ގިރަން ބޭނުންވާ އެއްވެސް ސާމާނެއް އަތަކު ނެތެވެ. އެ ސާމާނު ގަތީ ފަހުން އަނބުރާ ދައްކާ ގޮތަށް 500 ޑޮލަރު ހޯދައިގެންނެވެ.
"އޭރުގެ ފިރިމީހާ [މަރުހޫމް] ނާފިއު ރަޝީދު އަތުން 500 ޑޮލަރުގެ ލޯނެއް ނަގައިގެން ކޭކު އަޅާ ސާމާނު ގަތީ،" ވިޔަފާރި ފެށި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ނަޝީދާ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި އޭނާ މިހާ ހިސާބަށް ގެނެސްދިން ކުރިއެރުންތަކުގެ ފަހަތުގައި ތިބީ އޭނާގެ އެންމެ ގާތް މުވައްޒަފުންނެވެ. އޭގެ ތެރޭގައި މަރިޔަމް ޝަފީގާ ހިމެނެ އެވެ.
"މިއަދާ ހިސާބަށް ވެސް މި މަސައްކަތުގައި މަރިޔަމް ޝަފީގާ އެއީ އެންމެ ބޮޑު އެއްބާރުލުން ދިން އެއް ފަރާތް،" ނަޝީދާ ބުންޏެވެ.
ނަޝީދާ ހަމައެކަނި ކޭކު އަޅަނީއެއް ނޫނެވެ. ކޭކު އެޅުމުގެ ދާއިރާއިން އެތައް ބަޔަކަށް އޭނާ ކިޔަވައިދީފައިވެ އެވެ. އޭނާ ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ އެވޯޑްތަކެއް ވެސް ހޯދި އެވެ. އޭގެ ތެރޭގައި 1997ގައި ލިބުނު ހިތްވަރުދިނުމުގެ ގައުމީ އިނާމު ފާހަގަކޮށްލެވެ އެވެ.
އިނގިރޭސިވިލާތުގެ މަޖައްލާއެއް ކަމަށްވާ 'ޑިލިޝަސް'ގައި ނަޝީދާގެ ޑިޒައިންތަކާ ބެހޭ ޓިއުޓޯރިއަލްއެއް ވަނީ ހިމަނައިފަ އެވެ. އެ މަޖައްލާގެ މެއި 2023ގެ އަދަދުގެ ބޭރުގަނޑުގައި ވެސް އޭނާ ފީޗާ ކުރި އެވެ.
މި އަހަރު ވެސް ނަޝީދާ އަންނަނީ އެ މެގަޒިން އިން ދޭ އެވޯޑަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޭކު ޑިޒައިންކުރާ މީހުންނާ ވާދަކުރަމުންނެވެ.
"މި އަހަރު ވެސް އަނެއްކާ ވޯޓަށް ހުޅުވާލާފައި މި އޮތީ 15 ނޮވެމްބަރުގެ ނިޔަލަށް. ކޮންމެ މީހަކަށް ވެސް އޮންލައިންކޮށް ވޯޓް ލެވޭ ގޮތަށް މި އޮންނަނީ. ސުވާލު 8 އަދި 9ގައި އަޅުގަނޑުގެ ނަން ޖަހާފައި ވޯޓެއް ދޭންވީ،" ނަޝީދާ ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި މި އެވޯޑް އޭނާއަށް ލިބިއްޖެ ނަމަ އެއީ މުޅި ރާއްޖެއަށް ވެސް ލިބޭނެ ފަހުރެކެވެ.
ނަޝީދާގެ ހުރި ހަމައެކަނި ދަރިޔަކީ ފުރަތަމަ ކައިވެންޏަށް ލިބުނު މުހައްމަދު ނަބީލް އެވެ. މަންމަގެ ފަރާތުން ހިތްވަރު ހޯދައިގެން އޭނާ ވެސް ވީ ޝެފަކަށެވެ.
ނަބީލްގެ ފަސް ދަރިން އެބަތިއްބެވެ. ނަޝީދާގެ މާމަ ދަރިންގެ ތެރެއިން އުމުރުން 11 އަހަރުގެ ކުއްޖަކު އޭނާގެ ކޮއްކޮގެ އުފަންދުވަހަށް އަމިއްލައަށް ކޭކެއް އަޅައި ޑިޒައިންކުރުން އެއީ، ނަޝީދާ ބުނި ގޮތުގައި، އޭނާއަށް ފަހުރުވެރި ވަގުތުކޮޅެކެވެ.
ނަޝީދާ އަންނަނީ އަމިއްލަ ވިޔަފާރި ކާމިޔާބުކޮށް ހިންގައި އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ގެއެއް އަޅައި އޭނާގެ ބައްޕަ އެދޭ ގޮތަށް ދިރިއުޅުން ހޭދަ ކުރަމުންނެވެ.
"ކުޑައިރު އެންމެ ބޮޑަށް ދުށް އެއް ހުވަފެން އެއީ، އަމިއްލަ ގެެއެއް އަޅައި ރަންކުލައިން އެ ގެ ޒީނަތްތެރިކުރުން،" މިހާރު އެފަދަ ގެއެއްގައި ދިރުއުޅެމުން އަންނަ ނަޝީދާ ބުންޏެވެ.
ނަޝީ ކޭކްސް ބްރޭންޑަށް މި އަހަރު 40 އަހަރު ފުރުނު އިރު ނަޝީދާގެ އުމުރު މިހާރު 60 އިން މައްޗެވެ. އޭނާގެ އެ ހަޔާތުގެ ފޮނިކަން ސޯޝަލް މީޑިއާ އިން މި ފެންނަނީ އެވެ. އޭނާގެ ހިތްތިރިކަމާއި ހިތްހެޔޮކަން އެކި ގޮތްގޮތުން އޭނާގެ ރައްޓެހިންނާއި އާއިލާއަށް ލިބިފައިވާ މިންވަރު އެނގޭނީ އެ މީހުންނަށެވެ.
ރީތި ފޮނި މީރު ކޭކާއި ކުލަގަދަ ނަލަ ހެދުމެކޭ އެއްވަރަށް އޭނާގެ ހިތް ވެސް ރީތިވީމަ އެވެ.
ކޮމެންޓް (5)
ޝިރޫ
ދުންތަރި
ޖޫން
ހަސަން
ހަމްދޫން