ފުރިހަމަ ހަޔާތެއް ހޭދަ ކުރުމަށް ޑިޕްރެޝަން އަރައިގަތުމަށް މަސައްކަތް ކުރަންވޭ
ޑިޕްރެޝަނުން އަރައިގަންނާނެ އަށް ގޮތެއް
އަބަދު ދެރަވެފައި ހުންނަ ނަމަ މީހާ އެއްކޮށް ބަލިކަށިކޮށްލަ އެވެ. މީހާގެ އެއްވެސް އުފާވެރި ކަމެއް ނެތްކަން އިހްސާސްވެ އެނދުން ތެދުވާން އުނދަގޫވެ އެވެ. ކުރަން ހުންނަ އެންމެ އާދައިގެ ކަންކަން ވެސް ނުވާވަރުގެ ބޮޑެތި ކަންކަމަށް ވެދެ އެވެ. މީހުންނާ ބައްދަލުކޮށް ސޯޝަލައިޒް ކުރުމަކީ ވެސް ބޮޑު ވޭނެއްގެ ގޮތުގައި އިހްސާސް ކުރެވެން ފަށަ އެވެ. އެކަނިވެރިކަން އިހްސާސްކުރެވި ނެގެޓިވް ހިޔާލުތައް ވަށާލައި، އެއްވެސް ކަހަލަ އަލި މަގެއް ނުފެންނަ ނަމަ އެއީ މީހާ ޑިޕްރެޝަނާ ކުރިމަތިލާކަމުގެ އަލާމާތެކެވެ.
ޑިޕްރެޝަންއާ އެކު އަބަދު މާޔޫސްވުމުގެ ސަބަބުން މީހާ ކުރަން ޖެހޭ ދުވަހީ ކަންކަން ބުރޫއަރަ އެވެ. ޑިޕްރެޝަންއަކީ ބޭސް ކުރަން ޖެހޭ ނަފްސާނީ މައްސަލައެކެވެ. ނަމަވެސް ކުރާ ބައެއް ކަންކަމުގެ ސަބަބުން މީހާއަށް ލުއިވާ ގޮތްތައް ހޯދިދާނެ އެވެ.
ޑިޕްރެޝަންއަކީ ކޮބާ؟
ޑިޕްރެޝަންއަކީ ނަފްސާނީ ބައްޔެކެވެ. މޫޑު ޑިސްއޯޑާގެ ސަބަބުން ދެރަވެ އެކަނިވެރިކަން އިހްސާސްކުރެވި މިކަމުން އަރައިގަންނަން އުނދަގޫވެ އެވެ. ކުރިން ކުރާ ހިތުން ކުރާ ކަންކަމުގެ މަތިން މީހާ ފޫހިކޮށްލަ އެވެ. މީހާގެ އުޅުމަށް އެކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އާދެ އެވެ.
ވަރަށް ގިނަ މީހުން ޑިޕްރެޝަނާއި ހިތާމަކުރުމާ އޮޅުވާލަ އެވެ. އެކަމަކު މިއީ ތަފާތު ދެ މައްސަލައެކެވެ. ޑިޕްރެޝަނަކީ ވެސް އާއްމު ކަމެކެވެ. ނަމަވެސް އާއްމުކޮށް ދެރަވުމާއި ޑިޕްރެޝަންއާ ތަފާތެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ޓްރޯމާއެއް ނުވަތަ ކޮންމެވެސް ކަހަލަ ބޮޑު އަނިޔާއަކާ ކުރިމަތިލާ އެކަން ތަޖުރިބާ ކޮށްފައިވާ ނަމަ އަދި މީހާގެ ހަޔާތް އެއްކޮށް ބަދަލުވާ ކަހަލަ ހާދިސާއަކާ ކުރިމަތިވެއްޖެ ނަމަ ޑިޕްރެޝަންއަށް އެމީހާ ވެއްޓެ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ވެސް ދުނިޔޭގެ އާބާދީގެ ބޮޑެތި މީހުންގެ %5 ޑިޕްރެޝަން ތަހައްމަލްކުރެ އެވެ. އަންހެނުންގެ ނިސްބަތް މައްޗެވެ. ވިހާފައި ތިބޭ އަންހެނުން ނުވަތަ މާބަނޑުވުމަށް ފަހު %10 އަންހެނުން ޑިޕްރެޝެނާ ކުރިމަތިލަ އެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނާ ގޮތުގައި ޑިޕްރެޝަނަށް ފަރުވާ ނުހޯދާ ނަމަ، ޑިޕްރެޝަންގެ ސަބަބުން އަމިއްލަ ނަފްސަށް އަނިޔާކޮށް އަމިއްލައަށް މަރުވުމުގެ ރިސްކް އޮވެ އެވެ.
ޑިޕްރެޝަންގެ ބައެއް އަލާމާތްތައް
ޑިޕްްރެޝަނުން އަރައިގަންނަން އެންމެ ފުރަތަމަ ދެނެގަންނަންވީ މި ބަލީގެ އަލާމާތްތަކެވެ. ތިރީގައި މިވަނީ ޑިޕްރެޝަންގެ އާއްމު ބައެއް އަލާމާތްތަކެވެ.
-
1-
ކަންކަމަށް ދޭންވާ ސަމާލުކަން ނުދެވުން
-
2-
މީހާ އަމިއްލަ ނަފްސު މާ ބޮޑަށް ކުށްވެރިކުރުން
-
3-
އަމިއްލަ އަގެއް ނެތްކަން އިހްސާސްވުން
-
4-
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލުތައް
-
5-
ކާހިތް ނުވުމާއި ކެއުމަށް ބޮޑު ބަދަލެއް އައުން
-
6-
މީހާގެ ބަރުދަނަށް ކުއްލިއަކަށް ބޮޑު ބަދަލެއް އައުން
-
7-
އަބަދު ވަރުބަލިކަން އިހްސާސްވުން
-
8-
މީހާގެ ހަކަތަ ނެތުން
-
9-
ރުންކުރުވުން
-
10-
ހިތްނުތަނަވަސްކަން އަދި އެންޒައިޓީ
-
11-
ގޮތްހުސްވެފައިވާކަން އިހްސާސްވުން
-
12-
މޫޑު ސްވިންގު އައުން
ތިމާ ނުވަތަ ތިމާ ދަންނަ އެހެން މީހެއްގެ ފަރާތުން މިކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދައި ފަރުވާ ފެށުން މުހިއްމެވެ.
ޑިޕްރެޝަނުން އަރައިގަންނާނެ ބައެއް ގޮތްތައް
ސައިކޭޓްރިސްޓެއް ކަމުގައިވާ ޑރ. ސަންތޯޝް ބަންގަރު މި ކިޔައިދެނީ ޑިޕްރެޝަނުން އަރައިގަތުމަށް ކުރެވިދާނެ އަށް ކަމެކެވެ.
1. އެހީ ހޯދަންވީ
ޑިޕްރެޝަން ހުންނަ ނަމަ ތިމާއަށް އިހްސާސް ކުރެވޭނީ 'އެކްސްޓްރާ ބެގޭޖް އޮފް އިމޯޝަންސް' ނުވަތަ އާދަޔާ ހިލާފަށް ބޮޑު ފުން އިހްސާސްތަކާއި ކަންބޮޑުވުންތަކެއްގައި އުޅެވޭހެންނެވެ. ތިމާގެ ހަޔާތުގެ ހުރިހާ ކަމަކަށް އޭގެ އަސަރު ކުރެ އެވެ. އަދި ކިތަންމެ ކުޑަ ކަމެއް ވެސް ހީވާނީ އެއީ ނޭރެވޭވަރު އުސް ބޮޑު ފަރުބަދައެއް ހެންނެވެ. އެހެންކަމުން ޑިޕްރެޝަނުން އަރައިގަތުމަށް ކޮންމެހެން ވެސް ގަވާއިދުން އެކި ކަހަލަ ފަރުވާ މެދުކެނޑުމަކާ ނުލައި ނަގަންވާނެ އެވެ. ޑިޕްރެޝަނުން އަރައިގަންނާށާއި އެ ބައްޔާ އެކު އުޅެން ދަސްކުރަން ޖެހެ އެވެ.
މިއީ އަޅާނުލާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. މިކަމުން އަރައިގަތުމަށް އެންމެ ފުރަތަމަ ގަބޫލުކުރަން ޖެހޭނީ ތިމާ ބަލިވެއްޖެ ކަމެވެ. ބައެއް މީހުންނަށް ވާ ގޮތަކީ މިކަހަލަ މައްސަލައެއް ތިމާއަށް މެދުވެރިވެދާނެ ކަމަށް ގަބޫލު ވެސް ނުކުރަނީ އެވެ. އެކަމަކު ބަލިން އަރައިގަނެ ތިމާއަށް ކުރިމަތިވާ ނަފްސާނީ އުނދަގޫތަކުން ސަލާމަތްވެވޭނީ އެ ބަލި ހުންނަ ކަން ގަބޫލުކޮށްގެންނެވެ. އެއަށް ފަހު އެމީހެއްގެ ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަސޭހަވެ އެވެ.
2. ޝެޑިއުލަށް އުޅުން
ޑިޕްރެޝަންއާ ކުރިމަތިލާ ދުވަސްކޮޅު އާދަޔާ ހިލާފަށް ވަރުބަލިވުމުގެ ސަބަބުން ކުރަން ހުންނަ ކަންކަން ނުކޮށް ދޫކޮށްލެވެ އެވެ. ޝެޑިއުލްގައި އުޅުމަކީ ބުރައަކަށްވެ އެވެ. މުޅި މީހާ އެއްކޮށް ނެގެޓިވް ހިޔާލުތަކުން ވަށާލާ އިރު ކަންކަން ކުރުމަށް އުދަނގޫ ވިޔަސް ޝެޑިއުލްއެއްގައި އުޅުމަކީ މުހިއްމު ކަމެކެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ކުރާ ކަންކަން ހިމަނައިގެން މި ޝެޑިއުލަށް އުޅުމުން ލަނޑުދަނޑި ހާސިލްކުރަން ފަސޭހަވެ އެވެ.
3. ނެގެޓިވް ހިޔާލުތަކާ ދުރުވުން
ޑިޕްރެޝަންގެ ސަބަބުން އަބަދުވެސް ނެގެޓިވްކޮށް ވިސްނުން ހުންނަނީ އާދަވެފަ އެވެ. އެކަމަކު އެ މައްސަލައާ ދެކޮޅަށް ތެދުވަން މަސައްކަތްކުރަން ޖެހެ އެވެ. ހުރިހާ ކަމެއްގައި އެންމެ ގޯސްކޮށް ނުވިސްނާ ޕޮޒިޓިވް ގޮތަސް ވިސްނަންވާނެ އެވެ. ޑިޕްރެޝަންގެ ސަބަބުން ފަަސޭހައިން ޝަކުވާ ކުރުމާއި ކުށްވެރިކުރުން އޮވެ އެވެ. އޭގެ ބަދަލުގައި ރައްޓެހިންނާއި އާއިލާ މީހުންގެ އެހީ ހޯދައި ތިމާއަށް ބަރޯސާވެވޭނެ އެހީތެރިކަމުގެ ނިޒާމެއް ކަނޑައަޅާށެވެ.
4. އަމިއްލަ ނަފްސުގެ އަގުވަޒަންކުރޭ
ޑިޕްރެޝަނާ ދުރުވާން ތިމާ އަޅާ ކޮންމެ ފިޔަވަޅަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭށެވެ. އެއީ ކާމިޔާބީއެއް ކަމަށް ބަލާށެވެ. މިފަދަ ހާލަތަކާ ކުރިމަތިލާ އިރު ވެސް މިއީ ތިމާއަށް ކުރެވިދާނެ ކަމެއް ކަން ގަބޫލުކުރާށެވެ. އުފާވާ ކަންކަން ވެސް ދިމާވާނެކަން ގަބޫލުކުރާށެވެ. އެފަދަ ކަންކަން ކުރަން އަޒުމު ކަނޑައަޅާށެވެ. ކުޑަކުޑަ ކަމަކުން ވެސް އުފާވެރިކަން ހޯދިދާނެ އެވެ. މިސާލަކަށް ކޮފީއަކަށް ދިއުން، ހިނގާލަން ދިއުން ރީތި ފިލްމެއް ބެލުން ކަހަލަ ކަންކަމެވެ.
5. ސެޓް ކުރަންވީ ހާސިލްކުރެވޭ ކަހަލަ ގޯލްތައް
ބައެއް ފަހަރަށް ހާސިލްކުރަން ބޭނުންވާ ކަންކަން މާ ބޮޑުވުމުން އުދަނގޫވެ އެވެ. އެކަން ހާސިލްނުވުމުން މީހާގެ މޫޑުު ހައްތަހާ ގޯސްވެ އަރައިގަންނަން ދަތިވެ އެވެ. ސެޓް ކުރާ ގޯލްތަކަކީ، ފަސޭހައިން ހާސިލް ކުރެވޭނެ އެއްޗަކަށް ހަދާށެވެ. އޭރުން އެއް ކަމެއް ހާސިލްވުމުން ދެން އެހެން ކަންކަން ކުރަން ފަސޭހަވެ އެވެ. ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން ފުރަތަމަ އަޅަންވާނީ ކުދިކުދި ފިޔަވަަޅުތަކެވެ.
6. ގަޔާވާ ކަމެއް ހޯދައިގެން ކުރުން
ޑިޕްރެޝަނުން އަރައިގަތުމަށް އެކި މީހުން އެކި ކަހަލަ ކަންކަން ކުރެ އެވެ. މަގްސަދަކީ މީހާ މަޑުޖެހިލައި، ސިކުނޑިއަށް ލުއިކަމެއް ހޯދުމެވެ. ބައެއް މީހުން ކުރަހާ، ޑޫޑުލްކޮށް، ފޮތްކިޔާ، ޖާނަލްކޮށް ހަދަ އެވެ. މުހިއްމީ ތިމާ ގަޔަވާ ކަމެއް ހޯދައިގެން އެކަމަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަތުމެވެ.
7. ދުޅަހެޔޮ ލައިފްސްޓައިލެއްގައި އުޅުން
ޑިޕްރެޝަންގައި ނޫނަސް އަބަދުވެސް އިހްތިޔާރު ކުރަންވީ ދުޅަހެޔޮ ލައިފްސްޓައިލާއި އާދަތަކެވެ. ގަވާއިދުން ކަސްރަތު ކުރުމާއި ދުޅަހެޔޮ ކާނާ ކެއުމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އެކަން ދޫކޮށްލުމެވެ. ފޮރުވިގެން ހުރެ ވެސް ބަނގުރާ އަދި އެހެން ވެސް މަސްތުވާ އެއްޗެއް ބޭނުންކުރާ ނަމަ އެކަން ވެސް ދޫކޮށްލާށެވެ. މީހާއަށް ބޭނުންވާ ހަމަ ނިދި ހޯދާށެވެ. އަމިއްލަ ނަފްސަށް އަޅާލައި، މިގޮތަށް އަމަލުތައް ބަހައްޓާ ނަމަ އުފާވެރިކަމާ ގުޅިފައިވާ ހޯމޯންތައް ކަމަށްވާ އެންޑޯފިން ހަށިގަނޑުން ރިލީޒް ކުރެ އެވެ. މިކަމުގެ ސަބަބުން މީހާގެ މޫޑަަށް ހެޔޮ އަސަރުކޮށް ޑިޕްރެޝަނާ ދުރުވާން އެހީތެރިވެ އެވެ.
8. އެކަނި ވަގުތު ހޭދަ ނުކުރުން
ޑިޕްރެޝަންގައި އުޅޭއިރު އެހެން މީހުންނާ ގުޅުން ދަމަހައްޓަން ބޭނުން ނުވެދާނެ އެވެ. މީހުންނާ ދިމާވެ އެއްތާކުން ބައްދަލުކުރަން އުނދަގޫވެދާނެ އެވެ. އެކަމަކު މިއީ ލޯބިވާ އާއިލާ އާއި ރަހުމަތްތެރިންގެ އެހީތެރިކަން އެންމެ ބޮޑަށް ހޯދަންވީ ވަގުތެވެ. އެކަނި ވަގުތު ހޭދަކުރާ ނަމަ ބަލީގެ އަލާމާތްތައް ގޯސްވެދާނެ އެވެ. ސަބަަބަކީ ނެގެޓިވް ހިޔާލުތަކުން އަރައިގަންނަން އުނދަގޫވުމެވެ. އެހެން މީހުންނާ އޮންނަ ގުޅުމަކީ ތިމާގެ ހަޔާތުގައި މުހިއްމު ކަމެކެވެ. އެހެންވެ ގުޅުންތައް ދަމަހައްޓަން މަސައްކަތް ކުރާށެވެ.
ޑިޕްރެޝަނުން އަރައިގަނެވޭނީ ތިމާ އެކަމުން އަރައިގަންނަން މަސައްކަތް ކުރާ މިންވަރަކުންނެވެ. އެންމެ މުހިއްމީ ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ތެރެޕިސްޓެއް ހޯދައި އޭނާގެ ލަފާ އާއި އިރުޝާދުގައި ހިފުމެވެ.
ކޮމެންޓް (3)
ހަމޭ
މީމަ
ހަމްދޫން