ދުބާއީގެ މި އުފެއްދުން މުޅި ދުނިޔެއަށް ވައިރަލްވި
ދުބާއީގެ ވައިރަލްވި ޗޮކްލެޓް ހަމަ އެހާ މީރުތަ؟
މުޅި އިންޓަނެޓުގައި މިހާރު އެންމެ މަގުބޫލު ފޮނިކާއެއްޗަކީ ދުބާއީގެ ޗޮކްލެޓެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ސޯޝަލް މީޑިއާ ޕޭޖުތަކުގައި، ވަކިން ހާއްސަކޮށް ޓިކްޓޮކް އަދި އިންސްޓަގްރާމްގައި، އާއްމުވެފައިވާ މި ޗޮކްލެޓަކީ އެކި ޒާތުގެ 'ފިލިންސް' އަޅާފައި ހުންނަ ޗޮކްލެޓެކެވެ.
މި ވައިރަލް ޗޮކްލެޓު އުފެއްދީ 'ފިކްސް ޑިޒާޓް ޗޮކްލެޓިއާ' ބްރޭންޑުގެ ސާރާ ހަމޫދާ އެވެ. ދުބާއީގައި ދިރިއުޅޭ ސާރާ، 38، ބުނިގޮތުގައި އޭނާ އެ ބްރޭންޑް އުފެއްދީ 2021ގައި މާބަނޑުވެ ހުރިއިރު މާ ބޮޑަށް ޗޮކްލެޓު ކާހިތްވުމުގެ ސަބަބުންނެވެ.
ސާރާ އުފައްދަން ބޭނުންވީ މިހާރު ބާޒާރުގައި ލިބެން ހުންނަ ވައްތަރުތަކަށް ވުރެން ތަފާތު ޗޮކްލެޓެކެވެ. އޭނާގެ ބްރޭންޑުން އުފައްދަމުން އަންނަ ރަހަތަކުގެ ތެރޭގައި ކަނަފެ، ޕިސްޓާޗިއޯ، ކަރަކް އަދި ޕްރެޓްޒެލް ހިމެނެ އެވެ. އޭގެ ތެރެއިން ވައިރަލްވެގެން އުޅެނީ ޕިސްޓާޗިއޯ އާއި ކަނަފެ ބޭނުންކޮށްގެން ތައްޔާރުކުރާ ޗޮކްލެޓެވެ.
ފިކްސް ޗޮކްލެޓްގެ މަގުބޫލުކަން ބޮޑުވާން ފެށީ ޓިކްޓޮކް ފުޑް އިންފްލުއެންސާ މާރިއާ ވެހެރާ އޭނާގެ ކާރުގައި ފިކްސް ޗޮކްލެޓް ކަމުން ދާތަން ދެއްކި 'އޭއެސްއެމްއާރް' ވީޑިއޯއަށް ފަހު އެވެ.
@mariavehera257 @fixdessertchocolatier WOW, JUST WOW!!! Can’t explain how good these are! When a chocolate, a dessert and a piece of art meet this is what you get! 🍫 "Can't Get Knafeh of it," "Mind Your Own Busicoff," and "Crazy Over Caramel." Order on Instagram Chatfood or Deliveroo and let me know what’s your FIX? Instagram : fixdessertchocolatier #asmr #foodsounds #dubai #dubaidessert ♬ оригинальный звук - mariavehera257
މާރިއާ އެ ޗޮކްލެޓް ކާތަނުގެ ވީޑިއޯ މިހާތަނަށް 78 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައިވެ އެވެ. އޭގެ ފަހުން އެތައް ސަތޭކަ ބަޔަކު ވަނީ ފިކްސް ޗޮކްލެޓުގެ ރަހަ ބަލާ، އެމީހުންގެ އަމިއްލަ ތަޖުރުިބާ ވީޑިއޯކޮށްފަ އެވެ. މީގެ ސަބަބުން ފިކްސް ޗޮކްލެޓުގެ ޑިމާންޑް އިތުރުވި ކަމަށް ސާރާ ބުންޏެވެ.
އޭނާ ކިޔައިދިންގޮތުގައި، ފެށި އިރު ދުވާލަކު 10 އޯޑަރަށް ވުރެ މަދުން ލިބުނު ބްރޭންޑުގެ މަގުބޫލުކަން މިހާރު ދުވާލަކު 500 އޯޑަރަށް އަރައިފި އެވެ. އެ ޗޮކްލެޓު މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިޔަކަން ސާރާއަށް އަދިވެސް ގަބޫލެއްނުކުރެވެ އެވެ.
ފިކްސް ޗޮކްލެޓުގެ 'ފިކްސް' އަކީ 'ފްރިކިން އިންކްރެޑިބަލް އެކްސްޕީރިއަންސް' އެވެ. ސާރާ ބުނިގޮތުގައި އެ މީހުން އުފައްދާ ކޮންމެ ޗޮކްލެޓެއް އެހާމެ ތަފާތުވެފައި ހާއްސަ އެވެ. އެ މީހުން ބޭނުންކުރާ ކުލަތަކާއި ޑިޒައިން އަދި ރަހަތަކުގެ އިތުރުން ގެންގުޅޭ ހާއްސަ ތައްގަނޑަކީ އެ ބްރޭންޑް ތަފާތުވާ ބައެއް ކަންތައްތަކެވެ.
ފިކްސް ޗޮކްލެޓަށް ލިބޭ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ސާރާ ބުންޏެވެ. ސާރާ އާއި އޭނާގެ ފިރިމީހާ ގެއިން ފެށި މަސައްކަތުގެ ވީޑިއޯ މި އަހަރުގެ ފެބްރުއަރީ މަހު ޓްރެންޑްވާން ފެށި ފަހުން އެ ކުންފުނި ވަނީ 10 މީހުންގެ ޓީމެއް ހިމެނޭ ބަދިގެއަކަށް ބޮޑުވެފަ އެވެ.
ފިކްސް ޑިޒާޓް ޗޮކްލެޓުން 200 ގްރާމްގެ ޗޮކްލެޓެއް އޮންލައިންކޮށް ވިއްކަނީ 20 ޑޮލަރަށެވެ. ކޮންމެ ދުވަހަކު 5 ޖަހަންދެން 500 އޯޑަރު ނަގަ އެވެ. ސާރާ ބުނިގޮތުގައި އެ ދުވަހެއްގައި އުފައްދާ ހުރިހާ ޗޮކްލެޓެއް ވަގުތު ހަމަވުމުގެ މާ ކުރިން ހުސްވެ އެވެ. މިއީ ވިޔަފާރީގެ ގޮތުން އެންމެ އެދެވޭ ނަތީޖާއަށް ވިއަސް ޗޮކްލެޓު ގަންނަން ބޭނުންވެ، ނުލިބިގެން އުޅޭ މީހުންގެ ޝަކުވާތައް އެހާމެ ގިނަ އެވެ.
ފަސޭހައިން ގަންނަން ނުލިބޭތީ ގިނަ ބަޔަކު އަމިއްލައަށް މި ޗޮކްލެޓް އުފައްދަން މިހާރު ފަށައިފި އެވެ. މިގޮތަށް ބްރޭންޑެއްގެ އުފެއްދުމެއް ނަކަލުކުރީމާ އޭގެ އުފެއްދުންތެރިން ކަންބޮޑުވެ އެވެ. އެކަމަކު ސާރާ ހުރީ އުފަލުންނެވެ. ސާރާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މެސެޖުތައް ލިބެ އެވެ. އޭނާގެ ޗޮކްލެޓުގެ ސަބަބުން ބަޔަކަށް ހިތްވަރު ލިބުމަކީ ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޓިކްޓޮކް އާއި އިންސްޓަގްރާމް ރީލްސްގައި ޕިސްޓާޗިއޯ އާއި ކަނަފެ ޗޮކްލެޓް ތައްޔާރުކުރާ ތަން ފެނެ އެވެ.
ރާއްޖޭގައި ވެސް މި ވައިރަލް ޗޮކްލެޓުގެ އަވައިގައި ޖެހުނު މީހުން މަދެއް ނޫނެވެ. ބޭނުންވާ ތަކެތި ރާއްޖެއިން ފަސޭހައިން ލިބޭކަށް ނުހުރެ އެވެ. ލިބެން ހުންނަ ފިހާރަތަކުން ގިނަ ފަހަރަށް އެއްޗެހި ވިކި ހުސްވާލެއް ވެސް އަވަހެވެ. އެކަމަކު މިއީ ދިވެހި އުފެއްދުންތެރިންނަށް އޮތް ގޮންޖެހުމެއް ނޫނެވެ. ލިބެން ހުންނަ އެއްޗެއް ބޭނުންކޮށްގެން އެ މީހެއްގެ ހުނަރުވެރިކަން ދައްކާލައި ބެލުންތެރިން އާޝޯހު ކޮށްލަ އެވެ.
ރާއްޖޭގެ ބައެއް ބޭކާސް ވެސް ވަނީ މި ޗޮކްލެޓް ތައްޔާރު ކުރަން މަސައްކަތް ކޮށްފަ އެވެ.
މަޝްހޫރު ޕެޓިސިއާ އާމިނަތު ހަމީދު ވަނީ އޭނާގެ ހުނަރުވެރިކަން މި ޓްރެންޑުގެ ޒަރިއްޔާއިން ދައްކާލައިފަ އެވެ.
"އަޅުގަނޑުގެ ދުބާއީ ޗޮކުލެޓު ބާއަކީ %56 ބެލްޖިއަމް ޗޮކްލެޓު ބޭނުންކޮށްގެން ހޭންޑް ކްރާފްޓަޑް ޗޮކްލެޓެއް. ހޯމް މޭޑް ޕިސްޓާޗިއޯ ޕޭސްޓެއް އޭގައި ބޭނުންކޮށްފައި، އެއްވެސް ފުޑް ކަލަރިންއެއް އަދި އާޓިފިޝަލް ފްލޭވާޒްއެއް ބޭނުމެއް ނުކުރަން،" އޭނާ ކިޔައިދިނެވެ.
އާމިނަތުގެ ޗޮކްލެޓު ލިބެން ހުންނަކަން އިއުލާންކުރިތާ ގަޑިއިރެއް ނުވަނީސް ވިކި ހުސްވި އެވެ.
ޓިކްޓޮކްގައި ވެސް ދިވެހިން ވަނީ އަމިއްލައަށް 'ދުބާއީ ޗޮކްލެޓް' ތައްޔާރުކުރާތަން ދައްކައިފަ އެވެ.
ފިކްސް ޑިޒާޓް ޗޮކްލެޓިއާގެ އަސްލު ޗޮކްލެޓުގެ ރަހަ ބެލި ކޮންމެ ދިވެއްސެއް ވެސް ބުނަނީ އެއީ ތަފާތު މީރުކަމެއް އެކުލެވޭ ޗޮކްލެޓެއް ކަމަށެވެ.
ހުނަރުވެރި ދިވެހި ބޭކާ އަޒްލީނާ ޒާހިރު އޭނާއަށް ފާހަގަވި ކަންކަން 'ދައުރު'އަށް ކިޔައިދިނެވެ.
"ފުރަތަމަ ބައިޓްއިން ވެސް އަޅުގަނޑަށް ފާހަގަވީ ޗޮކްލެޓުގެ ކްރީމިނަސް އާއި އޭގައި އެކުލެވޭ ފްރޯޒަން ކަޓައިފި ޕޭސްޓްރީގެ ބެލެންސް ވަރަށް ފުރިހަމަކަން. މި ބްރޭންޑް ޗޮކްލެޓުގެ ކޮލިޓީ ވަރަށް މޮޅު. އެހެންވެ އޭގެ ހައިޕްއާ ބަލާފައި ހަމަ ގަންނަން ރަނގަޅު ޗޮކްލެޓެއް މިއީ،" އަޒްލީނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ޗޮކްލެޓު ކާއިރު އޭގައި އެކުލެވޭ މީރު ޕިސްޓާޗިއޯ ފިލިންގެ ކަނަފެއަކީ އެ ޗޮކްލެޓުގެ ވަރަށް ހާއްސަ ކަމެކެވެ. އަދިޗޮކްލެޓު މީރުވުމުގެ އިތުރުން، ތައްޔާރުކޮށްފައި ހުރި ސްޓައިލް ވެސް އެހާމެ ނަލަކަން އޭނާ ފާހަގަކުރި އެވެ.
ޑިމާންޑު ބޮޑު ފިކްސް ޑިޒާޓް ޗޮކްލެޓިއާގެ ޗޮކްލެޓެއް ގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމަކު އޭގެ ރަހައާ ގާތްކުރާ ޗޮކްލެޓެއް ބޭނުން ނަމަ އަމިއްލައަށް ވެސް ތައްޔާރު ކޮށްލެވިދާނެ އެވެ. އޮންލައިންކޮށް 'ދުބާއީ ވައިރަލް ޗޮކުލެޓް'ގެ ރެސިޕީތައް ފަސޭހައިން ލިބެން އެބަ ހުއްޓެވެ.
ކޮމެންޓް