ކުޑަފަރީގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ހެދި އެލްޑަލީ ކްލަބް ހުޅުވަން ބޭއްވި ހަފުލާގައި މީހުން ބައިވެރިވަނީ (ފޮޓޯ/ ސާޖިއު)

ނ. ކުޑަފަރި

ކުޑަފަރީގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ކްލަބެއް

ކުޑަފަރީ ކައުންސިލުން ބުނީ މި ކްލަބްގެ ފަރާތުން ރަށުގެ ދުވަސްވީ މީހުން ގެއިން ބޭރަށް ނެރެ، ކަސްރަތުކުރުން ފަދަ ކަންކަން ކުރިއަށް ގެންދާނެ ކަމަށް
27 އޯގަސްޓު 2024

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލަބެއް، ނ. ކުޑަފަރީގެ ކައުންސިލްގެ އިސްނެގުމާ އެކު، އެ ރަށުގައި މިދިޔަ ހޮނިހިރުދުވަހު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - ކުޑަފަރީގެ އުތުރު ފަރާތުގައި އޮންނަ ބީޗްގައި މި ކްލަބް ހުޅުވުމުގެ މަގުސަދަކީ ރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން ހަރަކާތްތެރިވެ އުޅުމަށާއި، އިޖްތިމާއި ހަރަކާތްތަކުގައި ބައިވެރިވެ އުޅުމާއި މުޖުތަމައުގެ ބައިވެރިވުން ބޮޑުކުރުމެވެ.

ތަފްސީލް - ކުޑަފަރީ ކައުންސިލުން ބުނީ ކްލަބްގައި މިހާރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހަފުތާއަކު ދެ ފަހަރު ފެތުމުގެ ސެޝަންތަކާއި އިޖްތިމާއީ ގުޅުން ބަދަހިކުރަން ކޮންމެ މަހަކު ސައި ޕާޓީއެއް ބޭއްވުން ހިމެނޭ ކަމަށެވެ.

ހަރަކާތްތެރިވެ ނޫޅެވޭ ވަރުގެ ދުވަސްވީ މީހުން ކްލަބްގެ އެފަދަ ކަންކަމަށް ގެންނަން ވެހިކަލް ވެސް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ އިތުރުން ވެލިމޮޑުން ފަދަ، ރާއްޖޭގައި ކުރިން ފަރުވާއެއްގެ ގޮތުގައި ކުރަމުން އައި ބައިތައް ވެސް ހިމެނޭނެ ކަމަށް، ކައުންސިލުން ބުންޏެވެ. 

ކުޑަފަރީ ބައެއް މީހުން މޫދު ކަސްރަތުގައި (ފޮޓޯ/ ސާޖިއު)
ކްލަބް ހުޅުވަން ބޭއްވި އިވެންޓްގައި ރަށުގެ އެކި އުމުރުގެ މީހުން ވެސް ބައިވެރިވި (ފޮޓޯ/ ސާޖިއު)

މި ކްލަބް ހުޅުވުން ފާހަގަކުރަން ބޭއްވި އިވެންޓްގައި ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް ވެރިންގެ އިތުރުން ކުޑަފަރީ ސްކޫލުން ވެސް ބައިވެރިވި އެވެ.

ކައުންސިލުން ބުނީ މި ކްލަބް އުފެއްދުމުގެ މަގުސަދުތައް ފުރިހަމައަށް ހާސިލްކުރަން މި އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުން ބައިވެރިކޮށްގެން ކަސްރަތުކުރުވާ، މޫދު ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ (ފޮޓޯ/ ސާޖިއު)
މިއީ ރަށުގެ ދުވަސްވީ އާބާދީއަށް މުހިންމު ފުރުސަތެއް (ފޮޓޯ/ ސާޖިއު)

ކްލަބް ހުޅުވުމުގައި ބައިވެރިވި ދޮށީ އުމުރުގެ މީހުން ވަނީ އެތަނުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. ކަސްރަތު ކުރުމާއި މޫދަށް އެރުން ފަދަ ކަންކަން ކުރިއަށް ގެންދިޔަ އެވެ.

މި ކްލަބުން ކޮންމެ މަހަކު ވެސް ތަފާތު ކަންކަން އިންތިޒާމްކުރާނެ (ފޮޓޯ/ ސާޖިއު)
ނ. ކުޑަފަރީގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްގެން ހެދި އެލްޑަލީ ކްލަބް ހުޅުވުމުގެ ހަރަކާތްތައް (ފޮޓޯ/ ސާޖިއު)

ކައުންސިލުން ބުނީ މި ކްލަބްގެ ސަބަބުން އުމުރުން ދޮށީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށާއި އިޖްތިމާއީ ގުޅުން ބަދަހިކުރަން ފުރުސަތު ފަހިވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް