ފަންނުވެރި އެކުވެރިން: ޖަޒްލާ ވައިލްޑްލައިފް ފޮޓޯގްރަފީއަށް ބޮޑު ލޯތްބެއް
އައިޝަތު ޖަޒްލާ އަކީ ރާއްޖޭގެ މަޝްހޫރު ފޮޓޯގްރަފަރެކެވެ. ޖަޒްލާގެ އުމުރުން 16 އަހަރުގައި ޑީއެސްއެލްއާރު ކެމެރާއަކުން ފޮޓޯ ނަގަން ފަށައި މިހާރު މި ދާއިރާގައި ކެނޑިނޭޅި މަސައްކަތްކުރާތާ 13 އަހަރު ވީ އެވެ. އޭނާގެ ހުނަރު ދުވަހުން ދުވަހަށް ކުރިއަރައި ބަދަލުވަމުން އަންނަކަން ފާހަގަވެ އެވެ.
ފެޝަން އާއި ބިއުޓީ ފޮޓޯގްރަފީއަށް ނަން މަޝްހޫރު ޖަޒްލާ މީގެ ދެ އަހަރެއް ވަރު ކުރިން ވަނީ، މުޅިން ތަފާތު ވައްތަރެއްގެ ހުނަރެއް ދައްކާލައިފަ އެވެ.
ވައިލްޑްލައިފް ފޮޓޯގްރަފީ އަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވި ކަމެއް ކަމަށް ޖަޒްލާ 'ފަންނުވެރި އެކުވެރިން'ގެ މި އެޕިސޯޑުގައި ކިޔައިދިނެވެ. އޭނާ ބުނީ އިންޑިއާ އާއި ސްރީ ލަންކާގެ އެކި ސަފާރީތަކަށް ގޮސް، އެކި ވައްތަރުގެ ޖަނަވާރުތަކުގެ ފޮޓޯ ނަގައި އެކަމުން އޭނާއަށް ލިބޭ ހިތްހަމަޖެހުމާއި އުފަލަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.
'ފަންނުވެރި އެކުވެރިން'ގެ މިފަހަރުގެ އެޕިސޯޑުގައި މި ގެނެސްދެނީ ވައިލްޑްލައިފް ފޮޓޯގްރަފަރެއްގެ ގޮތުގައި ޖަޒްލާގެ ތަޖުރިބާތަކާއި އުއްމީދުތައް އަދި ފޮޓޯގްރަފީއަށް ޝައުގުވެރިވާ ޒުވާނުންނަށް އޭނާ ދޭން އޮތް ހާއްސަ ނަސޭހަތެވެ.