އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ ދިއްދޫގެ އާއިލާއެއް. (ކ-ވ) ޝަޒީނާ މުހައްމަދު ރަޝީދާއި އޭނާގެ ފިރިމީހާ އިބްރާހިމް ސައީދާއި، އާއިލާގެ އެންމެ ހަގަށް ހުންނަ ޝިފާޒާ ސައީދު އަދި ހަތުމާ ސައީދު (/ އައިމިނަތު ޝިފްލީން)
ދިއްދޫގެ މި އާއިލާގެ ހިމޭން އެކަމަކު ވަރުގަދަ ލޯބި
މުހިންމު ނުކުތާތައް
ހއ. ދިއްދޫ ނީލޯފަރުގޭ މި އާއިލާގެ މަންމަ އާއި ބައްޕަ ބުނާ ގޮތުން އެއިން ކޮންމެ ކުއްޖަކީ ވެސް ރަހުމަތެއް
ހަތަރު ބެއިން ވެސް ހަޔާތުގެ ބައިވެރިން ހޯދީ އެހެން ރަށްރަށުން
މި އާއިލާއިން އެހެން މީހުންނަށް އެ ކިޔައިދެނީ ހަޔާތަކީ ޝުކުރުވެރިވުންކަން
ހއ. ދިއްދޫ- އަހަރެމެންނަށް މިރަށު 'ނީލޯފަރުގެ'އަށް ދެވުނީ ވަރަށް ހާއްސަ ދުވަހެއްގަ އެވެ. އެއީ، އެގޭގެ އިބްރާހިމް ސައީދާއި އޭނާގެ އަންހެނުން، ޝަޒީނާ މުހައްމަދު ރަޝީދަށް ލިބުނު އަލަތު ދަރިފުޅު ހޮސްޕިޓަލުން ގެއަށް ގެނައި ދުވަހެވެ. މަރުހަބާ ކިޔަން ވަދެ ނުކުމެ އުޅޭ މީހުންނާއި މައިމީހާއަށް އަތްގާތްކޮށްދޭން އައިސް އުޅޭ ތިމާގެ ކުދިންނާ އެކު، ނީލޯފަރުގޭގެ ހުރިހާ ދިމާއަކުން ވެސް އެ ދުވަހު ފެނުނީ ހޭލަމޭލަކަމާއި އުފާވެރިކަމެވެ.
އަހަރެމެން ވެސް އެތުއްތު ކުއްޖާ އުރާލައި، މަންމައަށް މަރުހަބާ ކީމެވެ. އޭގެ ޖަވާބު އޭނާ ދިނީ ހިނިތުންވުމަކުންނެވެ. އަދި އިޝާރާތުން، ހާލު ކިހިނެއްތޯ އެހި އެވެ. އިރުކޮޅަކުން އޭނާގެ ފިރިމީހާ ވެސް އެތަނަށް އައިސް، އަހަރެމެން ކައިރީ އިށީނުމަށް، އަތުގެ އިޝާރާތުން ބުންޏެވެ.
މިއީ ނީލޯފަރުގޭގެ އާއްމު މަންޒަރެވެ؛ ކިތަންމެ ގިނަ ބަޔަކު ދިރިއުޅުނަސް، އާއްމު ގޮތެއްގައި އެގޭގެ ތެރެއިން ފެންނާނީ ހަމަހިމޭންކަމެވެ. އެ ގޭގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިންނަކީ އަޑުނީވޭ، ވާހަކަ ނުދެއްކޭ މީހުންނެވެ. އެ މީހުން އިނދެގެން އުޅެނީ ވެސް އަޑުނީވޭ، ވާހަކަ ނުދެއްކޭ މީހުންނާ އެވެ. ދުރުން ބަލާ މީހަކަށް އެއީ ވަރަށް 'ހިމޭން ދުނިޔެއެއް' ކަމަށް ހީވެދާނެ އެވެ. އެކަމަކު ގެއަށް ވަދެލުމުން އަހަރުމެންނަށް ފެނުނީ އުފާވެރި މަންޒަރުތަކަކާއި ވަރުގަދަ ލޯތްބެކެވެ.
ނީލޯފަރުގޭ އާއިލާގެ ބާނީންނަކީ އެ ކުދިންގެ ބައްޕަ ސައީދު މޫސާ އާއި މަންމަ ފަރީދާ އަލީ އެވެ. އެ ދެ ފަރާތުގެ އާއިލާގައި ވެސް އެފަދަ ނުކުޅެދުންތެރިކަމެއް ހުރި މީހަކު ނެތެވެ. އެކަމަކު މި ދެމަފިރިންނަށް ލިބުނު އަށް ކުދިންގެ ތެރެއިން ހަތަރު ކުދިން ވަނީ އަޑުއެހުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފަ އެވެ. މިއީ އާއިލާއަށް ލިބުނު ނިކަމެތި ކަމެއް ކަމަކަށް ސައީދު އާއި ފަރީދާ ދުވަހަކު ވެސް ގަބޫލެއްނުކުރެ އެވެ.
"އެއީ ހަމަ އަޅުގަނޑުމެންނަށް ލިބުނު ނިއުމަތެއް. ދެރައެއް ނޫން،" ގޭގެ ސިޓިންރޫމުގައި އިނދެ، ފަރީދާ ބުނެލި އެވެ.
އޭނާ ބުނިގޮތުގައި އެންމެ ދޮށީ ދަރިފުޅު މުހައްމަދު ސައީދަށް އަޑު ނީވޭކަން އެނގުނީ، ވިހޭތާ ދުވަސްގަނޑެއް ފަހުންނެވެ. ގޮވާލީމައި ބަލާނުލުމާއި އަޑެއް ލައްވާލުމުން ވެސް އަޅާނުލުމުން ގޯހެއް އުޅޭކަން އެނގުނީ އެވެ. އެކަމަކު ދެ ފަރާތުގެ އާއިލާގައި ވެސް އެކަހަލަ ކަމެއް ނެތުމުން އެކަން ބަލައިގަންނަން ފުރަތަމަކޮޅު އުނދަގޫވި އެވެ.
ދޮށީ ދަރިފުޅަށް ފަހު ދެން ލިބުނު ތިން ދަރިން ރަނގަޅެވެ. އެކަމަކު ދެން އުފަންވި އިބްރާހިމް ސައީދުވީ އަޑުނީވޭ ކުއްޖަކަށެވެ. އޭގެ ފަހުން ދެ ދަރިން ލިބުމަށް ފަހު އެންމެ ފަހުން ލިބުނު ދެ އަންހެން ކުދިން ކަމަށްވާ ހަތުމާ ސައީދާއި ޝިފާޒާ ސައީދު ވީ އަނެއްކާ ވެސް، އަޑުނީވޭ ކުދިންނަށެވެ.
އެންމެ ދޮށީ މުހައްމަދު ސައީދަށް މިހާރު 46 އަހަރެވެ. އިބްރާހިމް ސައީދު އުޅެނީ 30ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. ހަތުމާގެ އުމުރުން 33 އަހަރު ފުރުނު އިރު އެންމެ ހަގު ޝިފާޒާގެ އުމުރަކީ 26 އެވެ.
ފަރީދާ ބުނިގޮތުގައި އޭރުގެ ހާލަތާއި ފޯރުންތެރިކަން ހުރި މިންވަރަށް ބަލާފައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުދިން ގޮވައިގެން އުޅުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އަބުރުވެރި ދިރިއުޅުމެއް އުޅެމުން އައި ދެމަފިރިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމާޒަކަށް ވެފައިވަނީ، ކިތަންމެ އުނދަގުލުގައި އުޅެން ޖެހުނަސް، އެހެން މީހުންނަށް އެއިން ދަރިއެއްގެ އުނދަގޫ ނުޖެއްސުމެވެ. އަޑުނީވޭ އަދި ވާހަކަ ނުދެއްކޭ ކުދިބަޔަކަށް ވުމުން މަސައްކަތް ދަސްކޮށްދީގެން، އަމިއްލައަށް ދުނިޔޭގައި އުޅެވޭވަރުކޮށްދިނުމެވެ.
އެންމެ ކުރިއްސުރެ ފަންނުވެރިކަން އޮތް އެ އާއިލާއިން މުހައްމަދު ސައީދުވީ އަމިއްލައަށް ވަޑާންކޮށް، ދޯނި ފަހަރު ބަނދެ އުޅޭ ވަޑިއަކަށެވެ. އަތްތެރި މަސައްކަތްތައް ކުރުމުގެ އިތުރުން އެއީ ޑައިވަރެކެވެ. އިބްރާހިމް ސައީދަކީ، ދިއްދޫ މީހުން ބުނާގޮތުގައި، މުޅި ރަށަށް ވެސް މަޝްހޫރު ކެޔޮޅެކެވެ. މަސްދޯނީގެ ހުރިހާ މަސައްކަތެއް ވެސް ދަންނަ، ރަށުގެ ބޮޑެތި ދޯނިފަހަރުގެ މީހުން އަބަދުވެސް ބޭނުން މީހެކެވެ. އިބްރާހިމް ސައީދުގެ ތޫނުފިލިކަމާ މެދު އެ ހިސާބުގަނޑު އެއްވެސް މަސްވެރިއަކު ދެކޮޅެއް ނުހަދަ އެވެ.
ކައިވެނި ކުރީ ހުސް ބީރައްޓެހިންނާ
މުހައްމަދު ކައިވެނިކުރީ ހދ. ނޮޅިވަރަމްފަރަށް އުފަން މައިމޫނާ ނައީމާއާ އެވެ. އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ މައިމޫނާއާ މާލެއިން ދިމާވެ، ކުރި އެ ކައިވެންޏަށް މިހާރު 16 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ދެ ކުދިން އެބަ ތިއްބެވެ.
ފަރީދާ ކިޔައިދިން ގޮތުގައި އިބްރާހިމަށް ހަޔާތުގެ ބައިވެރިއަކު ހޯދައިދިނީ ހއ. އުލިގަމަށް ގޮސްގެންނެވެ.
"އެ ވީ ގޮތަކީ އަޅުގަނޑުމެންނަށް ހަބަރު ލިބެނީ އުލިގަމުގައި ވަރަށް ރަނގަޅު ކުއްޖެއް ހުރި ކަމަށް. އޭނާ ކައިވެނިކުރަން އާއިލާއިން ހޯދި މީހަކާ އޭނާ ނުރުހޭ ކަމަށް އިވުނީ. ދެން އަޅުގަނޑުމެން އިބްރާހިމް ގޮވައިގެން ޝަޒީނާ ދެކިލަން ދިޔައީ،" ފަރީދާ ކިޔައިދިނެވެ.
"ދެން ދިމާވެ އެ ދެ ކުދިން ރުހުނީމައި ކައިވެނި ކުރުވީ."
ފަރީދާ ބުނިގޮތުގައި ހަގު އަންހެން ދެބެން ކައިވެނިކުރާނެ މީހުން އިހްތިޔާރު ކުރީ، މުހައްމަދެކޭ އެއްގޮތަށް، އަމިއްލައަށެވެ. ފަރީދާގެ ބަހުން ނަމަ 'އިންޓަނެޓާއި ފޭސްބުކާއި ވައިބާ' އިންނެވެ. އެކަމަކު ހަތުމާ ބުނިގޮތުގައި، އޭނާގެ ފިރިމީހާ ފައިސަލް އިބްރާހިމްއާ ދިމާވީ ހއ. ތުރާކުނަށް ޗުއްޓީއަކަށް ދިޔަ ދަތުރެއްގަ އެވެ. ދެން ވައިބާ އާއި ފޭސްބުކުން ގުޅުން ބަދަހިކޮށް ކައިވެންޏާ ހަމައަށް ދިޔައީ އެވެ.
އެންމެ ހަގު ޝިފާޒާގެ ހަޔާތުގެ ބައިވެރިޔާ ވެސް ހޯދީ އެހެންނެވެ. އޭނާގެ ފިރިމީހާ އާދިލް އާދަމް އަކީ ޅ. ކުރެންދޫ ޒުވާނެކެވެ. ކުލަ ގަދަކޮށް އެމީހުންގެ ކައިވެނި ޕާޓީ ބޭއްވީ ދާދި ފަހުންނެވެ.
ކައިވެންޏަށް ފަހު އެ ހުރިހާ އެންމެން ވެސް ދިރިއުޅެމުން އައީ ނީލޯފަރު ގޭގައި އެންމެން އެކުގަ އެވެ. ގުޅުން ބޮޑު އާއިލާއެއްގެ ގޮތުގަ އެވެ. ފަރީދާ ބުނީ އޭނާގެ ހަތަރު ދަރިންގެ ތެރެއިން ޝިފާޒާ ނޫނީ އެހެން ކުއްޖަކު ސައިން ލެންގުއޭޖް ކިޔަވާފައި ނުވާ ކަމަށެވެ. އެ މީހުން ވާހަކަ ދައްކަމުން ދިޔައީ އަތުގެ އިޝާރާތުން، އެ މީހުންނަށް ދަސްވެފައި ހުރި ގޮތަކަށެވެ. އެކަމަކު ކައިވެނިކުރީ މުޅިން ވެސް ބީރައްޓެހިންނާ ކަމުން، އެއްގެއްގެ ތެރޭގައި އުޅެން ފެށިއިރު، އިޝާރާތުން ވާހަކަ ދައްކާ އިރު ތަފާތުތަކެއް ހުންނަކަން ފާހަގަވި އެވެ.
"އަހަރެމެން ވެސް އެކި ރަށްރަށުގެ މީހުން ވާހަކަ ދައްކާ ގޮތް ތަފާތުތާ. ހަމަ އެގޮތަށް އިޝާރާތުން ވާހަކަ ދެއްކުމުގައި ވެސް އެކި ރަށްރަށުގައި މީހުން ތަފާތު. އެހެންވެ، ފުރަތަމަކޮޅު އެ އުނދަގޫ ކުރިމަތިވި،" ފަރީދާ ބުންޏެވެ.
ސަމާސާއަކަށް އޭނާ ދެން ބުނީ، އެ އެންމެން ވެސް މިހާރު 'ދިއްދޫ ބަހުރުވަ'އަށް ފައްތާފައިވާ ކަމަށެވެ.
ފަރީދާ ބުނިގޮތުގައި އެ އެންމެން ވެސް ގޭގެ މަސައްކަތްތައް ކުރަނީ ބަހާލައިގެންނެވެ. އެކަކު އަނެކަކާ އޮންނަ ގުޅުން ރަނގަޅެވެ. ގިނަ ބަޔަކު އެއްކޮށް އުޅޭއިރު ޖެހޭ މައްސަލަތައް އެ މީހުންގެ މެދުގައި ވެސް ޖެހެ އެވެ. އެކަންކަން ހައްލުކުރަނީ ވެސް އެ މީހުން އަމިއްލައަށް ކަމަށް ބުންޏެވެ.
'ދައުރު'ގެ ރާޅުފަށް ކަވަރޭޖްގެ ފަހު ރަށެއްގެ ގޮތުގައި އަހަރެމެން ދިއްދުއަށް ގޮސް ނީލޯފަރުގެއަށް ކުރި ޒިޔާރަތުގައި، ބައްދަލުވާ ގޮތްވީ ހަމައެކަނި އިބްރާހިމްގެ ދެމަފިރިންނާއި ހަތުމާ އަދި ޝިފާޒާއާ އެވެ. އެ މީހުންގެ ފިރިން އެ ވަގުތު ރަށަކު ނޫޅެ އެވެ. އެންމެ ދޮށީ މުހައްމަދުގެ ދެމަފިރިން، ދިއްދޫ ދޫކޮށް މާލެ ބަދަލުވިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެ ހުރިހާ އެންމެންނާ ބައްދަލު ނުވި ނަމަވެސް، އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ވަޒަންކުރެވުނީ އެ އެންމެންގެ މެދުގައި އޮތް ގާތް ގުޅުމެވެ.
ޒުވާން ތިން އަންހެނުން މަންމައާ އެކު އަތުގެ އިޝާރާތުން ވާހަކަ ދައްކައި ސަމާސާކޮށް ހެދި އެވެ. އަމިއްލައަށް ބޭނުންވެގެން، އަހަރެމެންނާ އެކު ސެލްފީ ނަގައި، ސްނެޕްކުރި އެވެ. ބުނަން ބޭނުންވާ އެއްޗެއް ލިޔެ، ޓެކްސްޓް މެސެޖެއްގެ ގޮތުގައި ފޮނުވި އެވެ. އެކަމަކު އާއްމު ގޮތެއްގައި އެ މީހުން، މީހުންނާ މުހާތަބުކުރަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ކަމަށް ފަރީދާ ބުންޏެވެ.
މިހާރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހުރިހާ އެންމެން ވެސް އަމިއްލަ ދިރިއުޅުމެއް ފެށިއިރު، ވަޒީފާ ނުލިބުމުގެ ހުރަސްތަކެވެ. އިބްރާހިމް އަމިއްލައަށް މަސައްކަތްކޮށް އާމްދަނީ ހޯދި ނަމަވެސް، ދެން ތިބި މީހުންނަށް ވަޒީފާގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
"މިއީ ހަގީގަތުގައި ވަރަށް ހުނަރުވެރި ކުދިންތަކެއް. އެކަމަކު މަންމަނުވީމައި އެ މީހުންނަކަށް ވަޒީފާއެއް ނުލިބޭ. ދިރިއުޅުމުގެ ކަންކަން ބޮޑަށް އެ ހަމަޖައްސަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ފައިސާއިން،" ފަރީދާ ބުންޏެވެ.
ފަރީދާގެ ދެމަފިރިންނަށް ލިބުނީ އުނިކަމެއް ނެތް، މާމަދަރިންތަކެކެވެ. ގޭތެރޭގައި އޮތީ އުފާވެރިކަމެވެ. އެ ދެމަފިރިންނަށް އޭނާގެ ކުދިން ގެންގުޅޭނެ ގޮތް އެނގެ އެވެ. އެންމެންގެ މެދުގައި އޮތް ބޮޑު ލޯބި ގުޅިފައި ވަނީ، ޔަގީނުން ވެސް، ތަރުބިއްޔަތާ އެވެ. ޝަކުވާއެއް ނެތި ދިރިއުޅެން ދަސްވެފައި އޮތް އޮތުމާ އެވެ.
ނީލޯފަރުގޭ އާއިލާ ކިތައްމެހާ ވެސް ތަފާތެވެ. އެހެން މީހުންނަށް އެ އާއިލާއިން ގެނެސްދެނީ ދިރިއުޅުުމުގެ އެތައް ފިލާވަޅެކެވެ.
ކޮމެންޓް (13)
ކަޅުސޮރުގެ އާދަނު
އެޑްމުންޑޯ
މިހާސް
ރާޅުފަށް
ސަނައްޓޭ
ކިއުން ތެރިއެއް
އަލީ
ޖެނިން
ރަދީފްއޮފިޝަލް
ފާތުން
ޢަހްމަދހ
ރަދީފްއޮފިޝަލް
ރަދީފްއޮފިޝަލް