ބުލީ ކުރާ ކުދިން އެކަން ކުރުމަށް މެދުވެރިވާ އެއް ސަބަބަކީ އެ ކުދިންނަކީ ބުލީކުރުމުގެ ޝިކާރައަކަށްވެފައިވާ ކުދިން ކަމުގައި ވުން
ދަރިފުޅަކީ ބުލީއެއްތަ؟ ދެން ހަދާނީ ކިހިނެއް؟
އަމިއްލަ ދަރިއަކު އެހެން ކުދިންނަށް ގަނާކުރާ ވާހަކަ އަޑުއިވޭކަށް ގިނަ ބެލެނިވެރިން ނޭދޭނެ އެވެ. އެހެން ކުއްޖަކަށް ތިމާގެ ދަރިފުޅުގެ ފަރާތުން ދެރައެއް ލިބުމަކީ ހިތްދަތިކަމެކެވެ. ބުލީކުރުމުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން ބުލީކުރާ ކުއްޖާއަށް ވެސް އެއީ ސީރިއަސްކަން ބޮޑު ކަމެކެވެ.
ކުއްޖާ އެހެން މީހުންނާ ރަހުމަތްތެރިކަމާއި ގާތްކަން ބަހައްޓާ މިންވަރަކީ އެ ކުއްޖެއްގެ ނަފްސާނީ ހާލަތު ބުނެދޭ ކަމެކެވެ. އެހެންކަމުން ތިމާގެ ދަރިފުޅުގެ ބަހުރުވައިގެ ސަބަބުން ނުވަތަ އަމަލުގެ ސަބަބުން އެެހެން ކުއްޖަކު ހިތުގައިޖެހި ނަފްސާނީގޮތުން ނޭދެވޭ އަސަރު ކުރާ ނަމަ، މިއީ އެ ކުއްޖަކު ސީރިއަސް ހަލާތެއްގައި ހުރިކަމުގެ ނިޝާނެކެވެ.
އެއީ އެންޒައިޓީ އާއި ޑިޕްރެޝަން އަދި އަމިއްލަ އިހްސާސްތަކާއި އުޅުން މެނޭޖް ކުރަން އުނދަގޫ ކުއްޖެއް ކަމުގައިވުން އެކަށީގެންވެ އެވެ.
ކުދިން ބުލީ ކުރަނީ ކީއްވެ؟
ކުދިން އެހެން ކުދިންނަށް ބުލީ ކުރަނީ ކޮންމެހެން އެ ކުދިންނަކީ "ގޯސް" ކުދިންނަށް ވެގެނެއް ނޫނެވެ. ކުދިން ތަފާތު އެކި ކަހަލަ އުޅުން ދައްކަ އެވެ. އޭގެ މާނަ އަކީ ކޮންމެހެން އެ ކުއްޖަކީ ވަކި ކަހަލަ ކުއްޖެއް ކަމުގައި ލޭބަލްކޮށްލަންވީއެއް ނޫނެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓެއް ބުނެފައިވާ ގޮތުގައި ބުލީ ކުރާ ކުދިންނަކީ ކޮންމެހެން ގޯސް ކުދިންނެއްް ނޫނެވެ. އެއީ އެހެން މީހުންނާ ގުޅޭ އެކުވެރި ކުދިންތަކެއް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ކަންކަން ދަސްކުރަމުން، ބައެއް ގޯސްތައް ހެދިފައިވާ ކުދިންނެވެ.
ބަސްއަހާ ކިޔަމަންތެރި ކުއްޖެއް އެހެން ކުއްޖަކު ބުލީކުރުމަށް މެދުވެރިވާ ބައިވަރު ސަބަބުތަކެއް ހުރެދާނެ އެވެ. ބައެއް ކަންކަން ތިރީގައި މިވަނީ އެވެ.
-
އެހެން ރަހުމަތްތެރިންނާ އެއްބައިވެ ގުރޫޕަކަށް ފިޓުވުމަށް ކުއްޖަކު ބުލީކޮށްފާނެ އެވެ.
-
ކްލާހުގައި ނުވަތަ ގޭގައި ބުލީގެ ޝިކާރައަކަށްވާ ކުދިން އެހެން ކުދިން ބުލީ ކުރުމަކީ ވެސް ދިމާވާ ކަމެކެވެ. މިކަން އާއްމުކޮށް މެދުވެރިވަނީ ކުއްޖާ ބޭނުންވަނީ އޭނާއަކީ ކޮންމެވެސް ބާރެއް ލިބިފައިވާ މީހެއްކަން ދެއްކުމަށެވެ. އެހެންކަމުން އެހެން މީހުންނާ ވާހަކަ ދައްކާ އިރު ރުޅިވެރިކަަމާ އެކު އަދި ނުރުހޭ ބަސްތައް ބޭނުންކޮށްފާނެ އެވެ.
-
ދަރިވަރުންނާއި ޓީޗަރުންގެ ފަރާތުން ބޭނުންވާ ސަމާލުކަން ނުލިބި އަދި އެ ސަމާލުކަން ހޯދާނެ އިތުރު ގޮތެއް ނެތުމުގެ ސަބަބުން އެހެން ކުދިން ބުލީކޮށްފާނެ އެވެ.
-
ބުލީ ކުރާ ކުއްޖާއަކީ އެހެން ކުދިންނަށް ވުރެ ވާހަކަ ދެއްކުމުގައި ސީދާ އެއްޗެހި ބުނާ އަދި ފަހުން ވާނެ ގޮތަކާ މެދު ވިސްނުމެއްނެތި އެއްޗެހި ބުނާ ކުއްޖެއް ކަމުގައިވުން އެކަށީގެންވެ އެވެ.
-
އެހެން ކުދިންގެ އުޅުމާއި އަމަލުތަކުގައި އަސްލު ރުޅިވެރިކަމެއް ނެތަސް، އެއީ އެ ކުދިން ރުޅިއައިސްގެން ކަންކަން ކުރާ ގޮތް ކަމުގައި ދެކިފާނެ އެވެ.
-
ބުލީކުރުން ރައްދުވާ ކުއްޖާގެ އިހްސާސްތައް ހުންނަ ގޮތް ވަޒަން ކުރަން ނޭނގިދާނެ އެވެ. ހާއްސަކޮށް، ބުލީ ކުރަނީ އުމުރުން ހަގު ކުއްޖެއް ނަމަ އެވެ.
ދަރިފުޅާ ވާހަކަ ދެއްކުން
ތިމާގެ ދަރިފުޅަކީ އެހެން ކުދިން ބުލީ ކުރާ ކުއްޖެއްކަން ޓީޗަރެއް ނުވަތަ އެހެން ބެލެނިވެރިއެއްގެ ފަރާތުން ވިޔަސް އެނގިއްޖެ ނަމަ ދަރިފުޅާ އެ ހާލާތާ ގުޅޭ ގޮތުން ވާހަކަ ދައްކާށެވެ.
ވާހަކަ ދައްކަންވާނީ ވަރަށް ސީދާކޮށެވެ. އެކަމަކު ދަރިފުޅުގެ ވާހަކަތައް ވެސް އަޑުއަހާށެވެ. މިސާލަކަށް "މިއަދު ސުކޫލުން ފޯނުކޮށްފައި ޓީޗަރު ބުނި، ދަރިފުޅު ބުލީ ކުރާ ކަމުގެ ވާހަކަ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް. މިކަމާ މެދު ވާހަކަ ދައްކަން ޖެހޭ. ވީ ގޮތް ކިޔައިދީފާނަންތަ؟" މި މޭރުމުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
ދަރިފުޅާ ވާހަކަ ދެއްކުމުން މި ރުޅިވެރިކަމުގެ ފަހަތުގައިވާ ސަބަބު ހޯދަން ފަސޭހަވެ އެވެ. އަދި މިކަން ހުއްޓުވުމަށް އަޅަންވާ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެ އެވެ.
އެއް ބެލެނިވެރިޔަކު ބުނެފައިވާ ގޮތުގައި އޭނާގެ ދަރިފުޅު އެހެން ކުދިން ބުލީކުރާ ވާހަކަ އަޑުއިވުމާ އެކު ދަރިފުޅާ ވާހަކަ ދެއްކުމުން އެނގިފައިވަނީ، އޭނާގެ ދަރިފުޅަކީ އަމިއްލަ ނަފްސަށް އިތުބާރު ނޯންނަ ކުއްޖެއް ކަމެވެ. އަދި އެހެން ކުދިން ބުލީ ކުރުމުން އޭނާއަށް ބާރާއި ކޮންޓްރޯލް ލިބޭ ކަމެވެ. "ސްކޫލްގެ އެންމެ ނުލަފާ" ކުއްޖާއަށް ވުން އެއީ ދަރިފުޅަށް ލިބޭ ފަހުރެއް ކަމުގައި ބުނެފައިވާ ކަމަށެވެ. އެ ނޫން ގޮތަކަށް އެހެން ދަރިވަރުންގެ މެދުގައި ކުއްޖާގެ ހާއްސަކަމެއް ނެތުމުން އެއީ ފާހަގަވާ ކުއްޖެއް ނޫން ކަމުގަ އެވެ.
ނަމަވެސް، ބުލީ ކުރާ ހުރިހާ ކުދިންނަށް މިހާ ފަސޭހައިން އެ ކުދިން ބުލީ ކުރާ ސަބަބު ބުނެނުދެވިދާނެ އެވެ. ހާއްސަކޮށް އުމުރުން ހަގު ކުދިންނާއި އަނިޔާ އާއި އެންޒައިޓީ ފަދަ ކަންކަމާ ކުރިމަތިލާ ނަމަ އެވެ.
ދަރިފުޅު ބުލީ ކުރަނީ ކީއްވެކަން ދެނެގަންނަން އުނދަގޫ ނަމަ، ކުޑަކުދިންގެ ސައިކޮލޮޖިސްޓެއް ނުވަތަ ސައިކިއެޓްރިސްޓެއްގެ އެހީ ހޯދާށެވެ. މިފަދަ މާހިރުންނަކީ ގިނަ ކުދިންގެ އުޅުން ބެލުމުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ.
ދުރާލާ ތައްޔާރުކުރުން
އެހެން ކުދިންނާ އެކު ދަރިފުޅު އުޅޭ ވަގުތުގައި ދިމާވެދާނެ މައްސަލަތަކަށް އޭނާ ތައްޔާރުކުރުން މުހިއްމެވެ. ދިމާވެދާނެ އުނދަގޫ ހާލަތްތައް ކުއްޖާއަށް ދުރާލާ ކިޔައިދީ އެފަދަ ދަނޑިވަޅެއްގައި ކަންކަން ކުރަންވީ ގޮތް ވެސް ކިޔައިދޭށެވެ.
މިސާލަކަށް ކުޅުމުގަައި ދަރިފުޅު އެހެން ކުދިން ބާކީ ކުރާ ނަމަ އެކަން ކުރުމުގެ ކުރިން އެކަން ހަނދާންކޮށްދޭށެވެ. ކުޅުމުގައި ހުރިހާ ކުދިން ބައިވެރިކުރުމަށާއި އެހެން ކުދިންނާ ވާހަކަ ދެއްކުމުގައި އިހްތިރާމް ކުރުމަށް ދަރިފުޅަށް ހަނދާންކޮށްދޭށެވެ.
އެކި ކަހަލަ ހާލަތްތަކަށް ދަރިފުޅު ތައްޔާރު ކުރާށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް އަމަލުތައް ބަހައްޓަންވީ ގޮތް ދަރިފުޅަށް ބުނެދޭށެވެ. ނުކުރާށޭ ބުނުމުގެ ބަދަލުގައި ކުރަންވީ ކަންކަން ކުދިން ގާތު ބުނުމުން އެކަމަށް ކުދިން އިޖާބަދޭ މިންވަރު ބޮޑު ކަމުގައި ސައިކޮލޮޖިސްޓުން ބުނެ އުޅެ އެވެ.
މީގެ އިތުރުން ބުލީން ރައްދުވާ ކުއްޖާގެ އިހްސާސްތަކާއި މެދު ވިސްނާލުމަށް ދަރިފުޅަށް ހަނދާންކޮށްދޭށެވެ. ދަރިފުޅު ބައިވެރި ނުކޮށް އެހެން ކުދިން ކުޅެން އުޅުން، އަދި ދަރިފުޅު ނުރުހޭ ބަސްތަކެއް ބޭނުންކޮށްގެން އެހެން ބަޔަކު ދިމާ ކުރާ ނަމަ، ދަރިފުޅުގެ އިހްސާސްތައް ހުންނަާނެ ގޮތާއި މެދު ވިސްނާލުމަށް ބުނާށެވެ. މިއީވެސް ދަރިފުޅު ދުރާލާ ތައްޔާރު ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ދަރިފުޅުގެ ވިސްނުން ދެނެގަތުން
ކުދިންނަކީ ސްޕޮންޖްގަނޑެކޭ ބުނެ އުޅޭ ނޫން ހެއްޔެވެ؟ ކުދިންގެ ބަސްމަގާއި އަމަލުތައް ހުންނާނީ އެހެން މީހުން އެ ކުދިންނާ ބެހެއްޓި ގޮތަކަށެވެ. ދަރިން އެހެން ކުދިން ބުލީ ކުރާ ނަމަ މާނައަކީ ގޭގައި ދަރިފުޅަށް ކޮންމެވެސް މީހެއްގެ ފަރާތުން މިފަދަ ކަމެއް މެދުވެރިވަނީ އެވެ. ރުޅިވެރިކަމުގެ ބަސްތަކެއް ނުވަތަ އޯގާތެރިކަމެއް ނެތި ވާހަކަ ދައްކަނީ އެވެ. މިދަފަ ކަންކަން އެކުދިން ގޭތެރެއިން ނަަކަލުކޮށްގެން އެހެން ކުދިންނާ ދޭތެރޭ އެގޮތަކަށް އަމަލު ކުރަނީ އެވެ.
ސައިކޮލޮޖިސްޓުން މިކަމަށް ބާރުދެ އެވެ. ބެލެނިވެރިން އެމީހުންގެ އުޅުން ބަހައްޓާ ގޮތުން ދަރިންގެ އުޅުމަށް އެކަމުން އަސަރު ކުރާނެ ކަމަށް ބުނެ އެވެ. ކުދިންނާ ވާހަކަ ދައްކާ ގޮތާއި ދެމަފިރިން އެކަކު އަނެކަކާ ވާހަކަ ދައްކާ ގޮތާއި ރުޅިއަންނަ ހާލަތުގައި ކަންކަން ކުރާ ގޮތް ކުއްޖާއަށް ދަސްވާ މިންވަރާ މެދު ސަމާލުވާންޖެހެ އެވެ.
ބައެއް ފަހަރަށް ދަރިފުޅަށް ގޭތެރެއިން ބުލީކުރުން ކުރިމަތިވާކަން ބެލެނިވެރިންނަށް ވެސް ނޭނގިދާނެ އެވެ. އާއިލާ މެންބަރުން އެކަކު އަނެކަކާ ދިމާލަށް ހަޅޭލަވައި ނުރުހޭ ނަންނަމުން ކިޔައި ދެރަކޮށް ދަށްކޮށްލާ ހެއްޔެވެ؟ ކުދިން އެކަކު އަނެކަކާ ތަޅާފޮޅާ ހެއްޔެވެ؟ މިކަންކަން ގޭގައި ހިނގާ ނަމަ، ގޭގެ މާހައުލަކީ ޕޮޒިޓިވް ތަނަކަށް ހެދުމަށް މަސައްކަތް ކުރާށެވެ. އެކަކު އަނެކަކާ ދޭތެރޭ ލޯތްބާއި އިހްތިރާމާ އެކު ވާހަކަ ދައްކަން ބާރުއަޅާށެވެ.
ދަރިފުޅުގެ އަމަލުތަކަށް އަދަބު ދިނުން
ދަރިފުޅު އެހެން ކުދިން ބުލީ ކުރާ ނަމަ އެ ކުދިންގެ މި އުޅުން ބަދަލު ކުރުމަށް އަދަބު ދެވިދާނެ އެވެ. އަދަބު ދިނުމުން ކުދިންގެ އުޅުން ބަދަލުވާނެ އެވެ. އެކަމަކު ސަމާލުވާންވީ ކަންކަން އެބަހުއްޓެވެ. ދޭ އަދަބަކީ މާނަހުރި އެއްޗެއް ކަމުގައިވާން ޖެހެ އެވެ. އަދި އަދަބު ދިނުމުގައި ހައްދުން ބޭރުނުވުން މުހިއްމެވެ.
މިސާލަކަށް ދަރިފުޅު އޮންލައިންކޮށް ކުއްޖަކާ ދިމާކޮށް، ބުލީ ކުރާ ނަމަ އިންޓަނެޓް ހިދުމަތް ނުލިބޭ ގޮތަށް ހެދުން ނުވަތަ ފޯނު އަތުލުން ފަދަ ކަންކަން ކުރެވިދާނެ އެވެ. ނަމަވެސް މިކަން ވެސް ހައްދުން ނެއްޓިފައިވާ ނަމަ، އެ އަދަބު މަސައްކަތެއް ނުކުރެ އެވެ. ސަބަބަކީ ފޯނު ނުވަތަ އިންޓަނެޓް އެއްވެސް ގޮތަކަށް ނުލިބޭނެކަން ދަރިފުޅަށް އެނގޭ ނަމަ، އޭނާގެ އުޅުން ބަދަލު ކުރުމަށް މަސައްކަތެއް ނުކުރާނެ އެވެ.
ދޭ އަދަބާއި އަދަބުގެ މުއްދަތު ރަނގަޅަށް ބެލެންސްވާން ޖެހޭނެ ކަމުގައި ސައިކޮލޮޖިސްޓް ބުނެފައިވެ އެވެ.
މާފަށް އެދެން ބުނުން
އަދަބަށް ފަހު، ދަރިފުޅު ހަމައަކަށް އެޅުމުން ދަރިފުޅަށް ވިސްނާދޭށެވެ. ގޯހެއް ހެދިއްޖެކަން އަދި އެކަމަށް މާފަށް އެދެން ބުނާށެވެ. ދަރިފުޅު މާފަށް އެދުމަށް ބޭނުން ނުވިޔަސް މިކަން ކޮންމެވެސް އެއް ގޮތަކަށް ކުރާށެވެ. ދިމާވެގެން ކުރަން ބޭނުން ނޫން ނަމަ، މެސެޖަކުން، ނުވަތަ ނޯޓަކުން ވިޔަސް މިކަން ކުރުމަށް ބާރުއަޅާށެވެ.
ހާލަތު މޮނިޓާ ކުރޭ
ތިމާގެ ދަރިފުޅު ބުލީކުރާ ވާހަކަ އެހެން ބެލެނިވެރިޔަކު ބުނެފި ނަމަ ޓީޗަރަށް މިކަން އަންގާށެވެ. މިއީ ކޮންެމެހެން ތިމާގެ ދަރިފުޅު ކުށްވެރިކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ނަމަ އަވަހަށް ފިޔަވަޅު އަޅުވައި އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ.
ނަމަވެސް، ސައިބާބުލީން ހުއްޓުވުމަށް ދަތިވެދާނެ އެވެ. ސަބަބަކީ މިއީ ހާޒިރުގައި ކުރާ ކަމެއް ނޫންކަމުންނެވެ. ދަރިފުޅު ބޭނުން ކުރަނީ ސޯޝަލް މީޑިއާގެ ކޮން މަންސަތަކެއްތޯ ބަލައި އޭގައި އޭނާ އުޅޭ ގޮތް ބަލާށެވެ. ބަސްމަގު ބަހައްޓަނީ އޯގާތެރިކޮށްތޯ ވެސް ބަލާށެވެ. އަދި މިއީ ކޮންމެހެން ސިއްރުން ކުރަންޖެހޭ ކަމެއް ނޫނެވެ. ސީދާކޮށް ދަރިފުޅު މިފަދަ ވަސީލަތްތައް ބޭނުން ކުރަނީ ޒިންމާދާރުކަމާ އެކުތޯ ބަލާށެވެ.
އެހީތެރިކަން ހޯދާ
ދަރިފުޅު ބުލީ ކުރުން ނުހުއްޓާ ނަމަ އެންމެ ރަނގަޅީ ނަފްސާނީ ގޮތުން ދަރިފުޅަށް ބޭނުންވާ އެހީތެރިކަން މާހިރެއްގެ ކިބައިން ހޯދުމެވެ. މިކަމުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަނެ އެކަމަކާ މެދު ފިޔަވަޅު އެޅުމުގެ ބޭނުމުގަ އެވެ.
ގުޅުން ވަރުގަދަ ކުރުން
ދަރިފުޅާ އޮންނަ ގުޅުން ބަދަހިކޮށް ސީދާކޮށް އަބަދުވެސް ބެލެނިވެރިޔާއަށް މުއާާމަލާތް ކުރެވެން ވާނެ އެވެ. ދުވަހީ ގޮތެއްގައި ހިނގާ ކަންކަން ދަރިފުޅު ތިމާއާ ހިއްސާކުރާ ގޮތަށް، އޭނާގެ ވާހަކަތައް އަޑުއަހަން ވަގުތު ހުސްކުރާށެވެ. ދުވަސް ހޭދަވި ގޮތް އަހައި އޮޅުންފިލުވާށެވެ. ދުވަސް ފެށުމުގެ ގޮތުން ހެނދުނު ގަޑީގައި ދުވަހުގެ ޕްލޭން ނުވަތަ އެ ދުވަހަކު ކުރާނެ ކަންކަން އަހާށެެވެ.
ސްކޫލަށް ގޮސްފައި އައުމުން ސްކޫލު ކިހިނެއްތޯ ހަމައެކަނި އެހުމުގެ ބަދަލުގައި ސްކޫލްގައި އެ ދުވަހު ހިނގި ރަނގަޅު ކަމެއްގެ ވާހަކަ އަހާށެވެ. އަދި ގޯސްކޮށް ދިޔަ ކަމެއްގެ ވާހަކަ ވެސް އަހާށެވެ. މިގޮތަށް އަހާ ނަމަ ދަރިފުޅު އެ ކުއްޖަަކަށް ދިމާވާ ކަންކަމުގެ ވާހަކަ ބެލެނިވެރިންނާ ހިއްސާ ކުރުން އިތުރުވެ އެވެ. އަދި ބޮޑުވަމުން އަންނަންވާ އިރު މިއީ އާދައަކަށް ވެފައި އޮވެ އެވެ. 'ނުދެއްކޭނެ' ވާހަކަތައް މަދުވެ އެވެ.
ކޮމެންޓް (5)
ކެންދޫ
ހަމްކޮ
ހަމްކޮ
މީމަ
ޙަސަނާ