އާޓް

މުހައިމިން އުމުރުން 80ގައި ކުރެހުމަށް އޮތް ލޯބި ދައްކާލެއްވީ މައުރަޒުން

'އަންވެއިލިން ވިޝަންސް' މައުރަޒުގެ ގެސްޓް އާޓިސްޓުންގެ ތެރޭގައި މުހައިމިން ހިމެނޭ
20 ޖުލައި 2024

ގައުމީ އާޓް ގެލެރީގައި ކުރިއަށްދާ 'އަންވެއިލިން ވިޝަންސް'ގައި ބައިވެރިވާ 105 އާޓިސްޓުންގެ ތެރެއިން އެންމެ ދުވަސްވީ އަދި ތަޖުރިބާކާރު ފަންނުވެރިޔަކީ އަބްދުލް މުހައިމިން އެވެ.

އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ މިހާރު 40އަށް ވުރެ ގިނަ އަހަރުވެފައި މުހައިމިން، 80، އަށް ގިނަ ޝަރަފުތަކަކާއި ތައުރީފު ލިބިފައިވެ އެވެ.

މި މަހު 9ގައި ފެށި 'އަންވެއިލިން ވިޝަންސް' މައުރަޒުގައި ހަތަރު 'ގެސްޓް އާޓިސްޓް'އެއްގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފަ އެވެ. އޭގެ ތެރޭގައި މުހައިމިންގެ ކުރެހުން 'އޯޝަން މިރާޖް' ހިމެނެ އެވެ.

އެކްރިލިކް ކުލަ ކެންވާސްގައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމުން ފެންނަނީ އެކި ކުލަތައް އެއްވެގެން ނުކުންނަ ހުވަފެނީ އަދި ހިތްފަސޭހަ މަންޒަރެކެވެ.

މީގެ 30 އަހަރު ކުރީގެ ފިލްމު 'ދެރިޔާ'ގެ ޕްރޮޑިއުސަރުގެ ގޮތުގައި ގިނަ ބަޔަކު ދަންނަ މުހައިމިން ވިދާޅުވި ގޮތުގައި ކުރެހުމަށް 'އޯޝަން މިރާޖް'ގެ ނަން ދިނީ އެއީ ރީތި ނަމަކަށް ވެސް ވީމަ އެވެ. އެކަމަކު ކުރެހުމާ މެދު ފުންކޮށް ވިސްނާލުމުން އިތުރު ފުން މާނައެއް ބެލުންތެރިންނަށް ދޭހަވުން އެކަށީގެންވެ އެވެ.  

އިނގިރޭސި ބަހުން 'މިރާޖް' ނުވަތަ އަވާ މެންދުރަކީ އިންސާނާގެ ތަޖުރިބާއެއްގެ ގޮތުގައި ގިނަ ފަހަރަށް މާނަކުރެވޭ ލަފުޒެއް ވެސް މެ އެވެ. ހަގީގަތާ މެދު މީހުންގެ ވިސްނުންތައް އަބަދުވެސް ބަދަލުވެ ތަފާތުވަމުން އާދެ އެވެ.

މުހައިމިންގެ ކުރެހުމުން ފެންނަ ގޮތުގައި އުޑާއި ކަނޑާ ދެމެދުގައިވާ ބައި އެއްވަމުން ދިއުމަކީ، އަޅުގަނޑުމެންގެ އިހުސާސްތަކާއި ހިޔާލުތައް ބަދަލުވެ ތަރައްގީ ވަމުން އަންނަ ގޮތެވެ. އަދި ރާޅުތަކުން ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ އެންމެ ފުން އެދުންތަކެވެ.

މައުރަޒުގައި މުހައިމިން 'ދައުރު'އަށް ކިޔައިދެއްވި ގޮތުގައި އޭނާގެ އުމުރުގެ މީހުން ކުރަހަން ފެށީ ރަސްމީ ތަމްރީނެއް ލިބި ނުވަތަ އާޓްއާ ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގިގެނެއް ނޫނެވެ. އެކަމަކު މިހާރުގެ ޒުވާން އާޓިސްޓުން ކުރަހަނީ އާޓް އަކީ ކޯއްޗެއްކަން އެނގިގެންކަމާއި އެ އާޓިސްޓުންގެ މަސައްކަތް އިތުރަށް ފުރިހަމަވެފައި ރާއްޖޭގެ އާޓް ދާއިރާ ކުރިއަރައިފިކަން މުހައިމިން ފާހަގަ ކުރެއްވި އެވެ.

'އަންވެއިލިން ވިޝަންސް' މައުރަޒު ގައުމީ އާޓް ގެލެރީގައި މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް