ސްޓްރޯކް ޖެހުމާއި ސްޓްރެސްއާ ބޮޑު ގުޅުމެއް ވޭ

ޒުވާން އުމުރުގައި ސްޓްރޯކް ޖެހުން ގިނަ؛ ސްޓްރެސް ކުޑަކުރުން މުހިއްމު

އުމުރުން 20، 30 އަދި 40ގެ އަހަރުތަކުގައި ސްޓްރޯކް ޖެހުން ދަނީ އިތުރުވަމުން. އަބަދު ސްޓްރެސްވެފައި ހުންނަ ނަމަ ލޭމަތިވެ ހިތުގެ ވިންދު އަވަސްވެ ސްޓްރޯކްގެ ޖެހުމުގެ ހިރާސް ބޮޑުވޭ.
19 ޖުލައި 2024
3

ސްޓްރެސް ކުޑަކުރުމަށް އިތުރު ހިތްވަރެއް ބޭނުން ނަމަ، އެއް ސަބަބަކީ މި އެވެ. ސްޓްރެސް އާއި ސްޓްރޯކް ވަނީ ގުޅިފަ އެވެ.

ސްޓްރެސް މަތި ނަމަ، ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެއް ސަބަބަކީ، ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސް ފަދައިން، ދާއިމީ ގޮތެެއްގައި މީހާ ސްޓްރެސްވެފައި ހުރުމެވެ. މިކަމަށް ކްރޮނިކް ސްޓްރެސްއޭ ކިޔަ އެވެ.

'ޓައިޕް އޭ' މިޒާޖު ހުންނަ ނަމަ ސްޓްރެސް މަތިވުމުގެ ފުރުސަތު ބޮޑެވެ. މީގެ މާނައަކީ، ކެތްތެރިކަން ކުޑަވެފައި ރުންކުރުވެފައި އަދި ފަސޭހައިން ރުޅިއަންނަ ނަމަ މީހާގެ ސްޓްރެސް މަތިވާ ކަމެވެ.

ޒުވާނުންނަށް ސްޓްރޯކް ޖެހޭތަ؟

އާއްމު ގޮތެއްގައި ގަބޫލުކުރެވެނީ ސްޓްރޯކް ޖެހެނީ އުމުރުން ދުވަސްވީ މީހުންނަށް ކަމުގަ އެވެ. ނަމަވެސް އުމުރުން 20، 30 އަދި 40ގެ އަހަރުތަކުގައި ވެސް ސްޓްރޯކް ޖެހުން ދަނީ އިތުރުވަމުންނެވެ.

މުޅި ދުނިޔެ އަށް ބަލާ އިރު ވެސް، މެދު އުމުރަށް މީހާ ދިއުމުގެ ކުރިން ސްޓްރޯކް ޖެހުން ދަނީ އިތުރުވަމުންނެވެ. އަދި މިއީ ސީރިއަސް ސިއްހީ މައްސަލައެއް ކަމުގައި އަންނަނީ ބަަލަމުންނެވެ.

ސްޓްރޯކް ޖެހުމަށް މެދުވެރިވާ ސަބަބުތައް ބައިވަރެވެ. މީގެ ތެރޭގައި ލޭމަތިވުން، ހަކުރުބަލި އަދި ހިތުގެ ބަލިތައް ހިމެނެ އެވެ.

މީގެ އިތުުރުން، ޒުވާނުން ލައިފްސްޓައިލް ބައްޓަންކުރާ ގޮތުން ވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ދިރިއުޅުމުގެ އާދަތައް ބައްޓަންކުރާ ގޮތުން ޒުވާން އުމުރުގައި ސްޓްރޯކް ޖެހުމަށް މަގުފަހިވޭ

ތަޖުރިބާކާރުން ބުނާގޮތުގައި ޒުވާން އުމުރުގައި ކުރިމަތިވާ ސްޓްރޯކްގެ ހިރާސްތަކުގެ ތެރޭގައި މާބަނޑުވުމާއި ދޭތެރެ ދުރުކުރާ ބޭސް ކެއުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އުޅުން ބައްޓަން ކުރާ ގޮތް، މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިން އަދި ހެލެފެލިވެ އުޅުމާއި ކަސްރަތު ކުރުމާ ދުރުުވުމަކީ، ޒުވާން އުމުރުގައި ސްޓްރޯކް ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

މީގެ އިތުރުން ސްޓްރެސް އަކީ ވެސް ސްޓްރޯކްއާ ގުޅުން ހުރި ކަމެކެވެ.

ސްޓްރެސްގެ ސަބަބުން ސްޓްރޯކް ޖެހެނީ ކީއްވެ؟

ސްޓްރޯކް ޖެހުމަށް މެދުވެރިވަނީ ސިކުނޑިއަށް ލޭފޮނުވުން ލަސްވުމުން ނުވަތަ ހުއްޓުމުންނެވެ. ސިކުނޑިއަށް ބޭނުންވާ ލޭ ނުލިބޭ ނަމަ ސިކުނޑީގެ ސެލްތައް ހަލާކުވެ މަރުވެ އެވެ. ސްޓްރޯކް އަކީ ސީރިއަސް ސިއްހީ ހާލަތެކެވެ. މިކަމަށް އަވަސް ފަރުވާ ބޭނުންވެ އެވެ.

ސްޓްރޯކް ޖެހުމަށް މެދުވެރިވަނީ ސިކުނޑިއަށް ލޭ ފޮނުވުން ލަސްވުން ނުވަތަ ހުއްޓުމުން.

ސްޓްރެސްއަކީ ހަށިގަނޑާއި ސިކުނޑި އުނދަގޫ ހާލަތްތަކާ ކުރިމަތިލާ ގޮތެވެ. ގޮންޖެހުންތަކާ ކުރިމަތިލާ އިރު މީހާ ހުޝިޔާރުކޮށް ހުންނަން މެދުވެރިވާ ސަބަބެވެ. ނަމަވެސް، އަބަދު ސްޓްރެސް ވެފައި ހުންނަ ނަމަ ލިބޭ ސިއްހީ ގެއްލުން ބޮޑެވެ.

ސްޓްރެސްގެ ދެ ވައްތަރެއްވެ އެވެ.

އެކިއުޓް ސްޓްރެސް

އެކިއުޓް ސްްޓްރެސް އަކީ ވަގުތީ ހާލަތަކާ ގުޅިގެން ކުރިމަތިވާ ސްޓްރެސް އެވެ. މިސާލަކަށް މަސައްކަތުގެ ސުންގަޑިއަކާ ކުރިމަތިލުމެވެ. މިއީ ހަޔާތުގައި އާއްމު ކަމެކެވެ. އެކަމަކު އަބަދު މިކަން މިހެން މެދުވެރިވާ ނަމަ މައްސަލައަކަށް ވެ އެވެ.

ކްރޮނިކް ސްޓްރެސް

އަދާކުރާ ވަޒީފާގެ ގޮތުން ކްރޮނިކް ސްޓްރެސް ނުވަތަ އަބަދު ސްޓްރެސްވެފައި ހުރުން އެކަށީގެންވޭ

ކްރޮނިކް ސްޓްރެސް އަކީ ދިގު މުއްދަތަކަށް މީހާ ސްޓްރެސް ވުމެވެ. މިއީ ސިއްހަތާއި ފައިސާގެ ކަންކަމާއި ގުޅުންތައް އަދި އަދާ ކުރާ ވަޒީފާއާ ގުޅިގެން ކުރިމަތިވާ ސްޓްރެސް އެވެ. މީގެ އިތުރުން ކުދިކުދި ކަންކަން އިތުރުވެގެން ވެސް ކްރޮނިކް ސްޓްރެސް މެދުވެރިވެ އެވެ. މިސާލަކަށް ބޯ ޓްރެފިކްގެ ތެރެއިން ދުއްވުމަކީ ވެސް މީހާގެ ސްޓްރެސް އިތުރުވާ ކަމެކެވެ.

މިފަދަ ސްޓްރެސްއަކީ ތިމާގެ ސިކުނޑި އާއި ހަށިގަނޑަށް ބޮޑު ބުރައެއް ލިބޭ ކަމެކެވެ.

ޒުވާން އުމުރުގައި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ސްޓްރެސް އާއި ގިނަ އިރު މަސައްކަތް ކުރަން ޖެހުން ހިމެނެ އެވެ.

ހަށިގަނޑު ސްޓްރެސް އަށް އިޖާބަ ދެނީ ކިހިނެއް؟

ސްޓްރެސް އަށް ރައްދު ދިނުމަށް ހަށިގަނޑުން ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް ދޫކުރޭ

މީހާ ސްޓްރެސްވާ ނަމަ ހަށިގަނޑުން އެއަށް ރައްދު ދިނުމަށް ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް ދޫ ކުރެ އެވެ. ކޯޓިސޯލް ހަށިގަނޑުގެ ގުލްކޯޒް ލެވެލް އާއި ލޭގެ ޕްރެޝަރު މައްޗަށް ގެންދެ އެވެ. މަގުސަދަކީ ސްޓްރެސް ވާ ހާލަތާ މީހާ ކުރިމަތިލުމަށް ހަށިގަނޑު ތައްޔާރު ކުރުމެވެ. މިކަމަށް 'ފައިޓް އޯ ފްލައިޓް ރެސްޕޯންސް'އޭ ކިޔަ އެވެ. މިއީ ހަށިގަނޑުގެ މަސްތަކަށް އޮކްސިޖަނާއި ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމަށް އަންނަ ބަދަލެކެވެ. ނަމަވެސް އަބަދު ސްޓްރެސްވެފައި ހުންނަ ނަމަ ލޭމަތިވެ ހިތުގެ ވިންދު އަވަސްވެ މީހާ އަށް ސްޓްރޯކްގެ ޖެހުމުގެ ހިރާސް އިތުރުވެ އެވެ.

ސްޓްރޯކް ޖެހުމާ ދުރުވާން ސްޓްރެސް މެނޭޖް ކުރަންޖެހޭ

ސްޓްރެސްއާ ގުޅިފައިވާ އަނެއް ކަމަކީ ދުޅަވުމާއި ލޭގަނޑުވުމެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ލޭ ދައުރު ކުރުމަށް އަސަރު ކުރާ ކަންކަން ކަމުގައި ވުމުން ސްޓްރޯކް ޖެެހުމަށް މެދުވެރިވެ އެވެ.

ސްޓްރެސްވެފައި ހުންނަ ނަމަ، ވަރަށް ގިނަ ފަހަރަށް، ސިއްހަތަށް ގެއްލުންހުރި އާދަތަކާ ގާތް ކުރެ އެވެ. ފައިދާހުރި ކާބޯތަކެތީގެ ބަދަލުގައި، ފަސޭހައިން އަވަހަށް ކާލެވޭ، ފައިދާއެއް ނެތް ކާނާ އިހުތިޔާރު ކުރެވެ އެވެ. ކަސްރަތު ކުރުމާ ދުރުވެ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެއްޗާ ގާތްވެ އެވެ. މި ކަންކަމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

ސްޓްރެސްގެ ބައެއް އަލާމާތްތައް

ސްޓްރެސްވެފައި ހުންނަ ނަމަ އޭގެ އަލާމާތްތައް އެކި ގޮތްގޮތަށް ފެނޭ

ގިނަ ފަހަރަށް ސްޓްރެސްވާ ސަބަބު ހޯދައި ދެނެގަތުމަށް ފަސޭހަ އެވެ. އަނެއްބައި ފަހަރު، މީހާ ވަރަށް ބޮޑަށް ސްޓްރެސްވާ ކަމެއްގައި ގޮސް ހުސްވެގެން ހުންނާތީ މި އަލާމާތްތައް ދެނެގަންނަން އުނދަގުލެވެ.

ހަށިގަނޑުން ފެންނަން ހުންނަ އަލާމާތްތައް

ބޮލުގެރިހުން، ބަރުދަން އިތުރުވުން، މަސަލް ޓެންޝަން، ވަރުބަލިވުން އަދި ނިންޖަށް ބަދަލު އައުން މިއީ މީހާއަށް އިހްސާސް ކުރެވޭނެ ބައެއް އަލާމާތްތަކެވެ. މީގެ އިތުރުން މީހާގެ ލޭގެ ޕްރެޝަރާއި ހަކުރު މަތިވުމަށް މެދުވެރިވޭ

ނަފްސާނީ އަދި ޖަޒުބާތީ ބަދަލުތައް

ރުންކުރުވުން، އެންޒައިޓީ މައްޗަށް ދިއުން، އަބަދު ހާސްވެފައި ހުރުން

ސިކުނޑިއަށް ކުރާ އަސަރު

ކަންކަމަށް ފޯކަސް ކުރެވޭ ވަރު ކުޑަވުން، ހަނދާން ނެތުން އަދި އަވަސް އަވަހަށް ހިޔާލު ބަދަލުވުން

އުޅުމަށް އަންނަ ބަދަލު

ކެއުމަށް ބަދަލު އައިސް، މަސްތުވާ އެއްޗެއް ބޭނުން ކުރަން ފެށުން. އަދި އެހެން މީހުންނާ އެކު ވަގުތު ހޭދަކުރުމަށް އިންކާރުކުރުން 

ސްޓްރެސް ކުޑަކުރާނެ ގޮތްތައް

ސްޓްރެސް ކުޑަ ކުރުމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުރޭ
  • 1-

    ސްޓްރެސް ކުޑަކުރުމަށް ހަމަ ނިދި ވަރަށް މުހިއްމެވެ. ހަމަ ނިދި ހޯދާ ނަމަ ލޭގެ ޕްރެޝަރު ދަށްވެ، ފޯކަސް އިތުރުވެ، އެންޒައިޓީ ކުޑަވެ އެވެ.

  • 2-

    މިންހެޔޮ ކާނާ އިހްތިޔާރު ކުރުމަކީ މީހާގެ ސްޓްރެސް ދަށްވާނެ ކަމެކެވެ. ކެއުމުގައި މޭވާ، ތަރުކާރީ، ހޯލް ގްރެއިން، އަދި ލީން ޕްރޮޓީން ހިމަނައި ކެފެއިން، ހަކުރު އަދި ޕްރޮސެސްކޮށްފައިވާ ކާނާ މަދުކުރުން މުހިއްމެވެ.

  • 3-

    މީހާ ޝައުގުވެރިވާ އަދި ގަޔާވާ ކަންކަން ވަގުތު ހޯދައިގެން ކުރުމަކީ ސްޓްރެސް ކުޑަވާ ކަމެކެވެ. މިގޮތުން ފޮތް ކިޔުން، ހިނގުން އަދި މިއުޒިކް އަޑުއެހުން ފަދަ ކަންކަން ކުރެވިދާނެ އެވެ.

  • 4-

    މަދުވެގެން 30 މިނެޓުގެ ކަސްރަތު ހަފްތާގެ ގިނަ ދުވަސް ދުވަހު ހޯދުމަކީ ސްޓްރެސް ކުޑަވާނެ ކަމެކެވެ.

  • 5-

    ގުޅުންތައް ވަރުގަދަކޮށް، ލޯބިވާ މީހުންނާ އެކު ވަގުތު ހޭދަކުރުމުން ވެސް ސްޓްރެސް ފިލައިގެން ދެ އެވެ.

  • 6-

    ގިނަ ކަންކަން ކުރަން ހުންނަ ނަމަ ކަންކަން ބަހާލައިގެން ރޭވުންތެރިކަމާ އެކު ކުރުމުން، ހާސްބޮޑުވުމާއި ސްޓްރެސް މަތިވުމުން ދުރުކޮށްދޭނެ އެވެ.

  • 7-

    ސްޓްރެސް ފިލާ ކަހަލަ ކަންކަން ކުރުމަށް ސަމާލުކަން ދޭށެވެ. ޔޯގާ ހެދުން، ޖާނަލް ކުރުން، ފުންކޮށް ނޭވާލުން، މެޑިޓޭޝަން އަދި ރިލޭކްސޭޝަން ކަސްރަތު ކުރުމަށް ވަގުތު ހޯދާށެވެ.

ސްޓްރޯކްގެ ހިރާސް ކުޑަ ކުރާނީ މިހެން

ހިތުގެ ދުޅަހެޔޮކަން އިތުރުވާ ކާނާ ކެއުމަކީ ސްޓްރޯކް ޖެހުމާ ދުރުވުމަށް ކުރެވިދާނެ ކަމެއް

ސްްޓްރެސްވާ މިންވަރު ދަށްކޮށްގެން ސްޓްރޯކްގެ ރިސްކު ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

އެންމެ ބޮޑު އިސްކަމެއް ދޭންވީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށެވެ. ސްޓްރޯކް ޖެހުމަށް މެދުވެރިވާ ހިރާސްތަކުގެ ތެރެއިން، ދުންފަތާ ދުރުވުމުގެ އިތުރުން، އެންމެ ފަސޭހައިން ބަދަލުކޮށްލެވޭނެ ކަމަކީ ލޭމަތިވުމެވެ.

ހިތުގެ ދުޅަހެޔޮކަމަށް ފަހި ކާނާ އިހުތިޔާރު ކުރުން އެއީ ސްޓްރޯކް ޖެހުމުގެ ރިސްކު ކުޑަ ކުރެވޭނެ ގޮތެެކެވެ.

ހަކުރުބަލި ހުންނަ ނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް މެނޭޖް ކުރުމަށް ދަސްކުރާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އަވަހަށް ހުއްޓާލާށެވެ.

މިއީ ސްޓްރޯކް ރިސްކު ކުޑަކުރުމުގެ އިތުރުން އެހެނިހެން ބޮޑެތި ބަލިތަކާ ވެސް ދުރުކޮށްދޭނެ ކަމެކެވެ.

ކޮމެންޓް (3)

ސަނައްޓޭ

19 ޖުލައި 2024
ހަޔާތުގަ އެންމެ ސްޓްރެސްވަނީ މިއުޒިކް އަޑު އެހުމުން. މިއުޒިކް އަޑުއަހާ ވަގުތު ހިތްހަމަ ޖެހުނަސް އެ އަޑު ކެނޑޭއިރަށް ސްޓްރެސްވޭ. އެކަން ހުއްޓާލިފަހުން ލައިފް ވަރަށް ހެޕީ. الحمد لله
1 0

ގާދިރު

19 ޖުލައި 2024
ގަރުދިޔަ ބަތް ހާލަތަށް ސަރުކާރުން އިއުލާން ކުރި ހިސާބުން އަދި ސްޓްރެސް ވީ ބޮޑު ޤައުމުގެ ވެރިން ތަންކޮޅެއްތަހުޒީބުވެ ވިސްނުން ރަނގަޅު ކޮށްގެން ނޫނީ ދެންތިބި ރައްޔިތުން ސަލާމަތެއް ނުކުރެވޭނެ
1 0

މީމަ

19 ޖުލައި 2024
ޒުވާން އުމުރުގައި ސްޓްރެސްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއްކަމަކަށް ގާތް ރަހުމަތްތެރިއަކު ނުވަތަ ލޯބިވެރިއަކު ވަކިވުން ހިމެނޭ. އަދި އެމީހަކީ ހަޔާތުގައި ދިމާވި އެންމެ މުހިންމު މީހާއަށް ވެފައި ވަކިވުމުން، ސްޓްރެސް އިތުރުވޭ. ޝައްކެއްނެތްގޮތުގައި މިފަދަ ސްޓްރެސްގެ ސަބަބުން ސްޓްރޯކް ޖެހުމަށް މަގުފަހިވޭ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް