ހއ. ފިއްލަދޫގެ ފުއްޓަރު ފަރާތު ނެރުމައްޗަށް އުރިފައިވާ ބޯޓުގެ ބައެއް: މިހާރު ފެނުން މައްޗަށް ފެންނަން ހުރީ ބޯޓުގެ ހަތަރު ފިސްޓަނު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ފިއްލަދޫން ކިޔައިދޭ ވާހަކަ: ފަރަށް އަރާފައިވާ މި ބޯޓާއި ކަޅުވެފައިވާ ފުއްޓަރު ފަރާތް
ހއ. ފިއްލަދޫ - އެއީ 4 މެއި 1963 ދުވަހުގެ ރެ އެވެ.
އޭރު މި ރަށުގައި މާލޫދު ކިޔާ ނިންމުމަށް ފަހު ރަށު އުތުރު އަވަށުގައި އަޑުހަރުކޮށް ޒިކުރު ކިޔަނީ އެވެ. އުމުރުން 14 އަހަރުގެ އަބްދުއްލަތީފް އަލީ ހުރީ އަތިރިމަތީގަ އެވެ. ކުއްލިއަކަށް އޭނާގެ ކަންފަތް ބަންކޮށްލީ ރަށުގެ ފުއްޓަރު ފަރާތުން އިވުނު ގަދަފަދަ އަޑުފައްގަނޑަކުންނެވެ. އިސާހިތަކު ލޯތަރަތަރަ ޖަހައިގެން ދާ ފަދަ އަލިތަކެއް ވެސް ރަށުތެރެއަށް އެޅެން ފަށައިފި އެވެ.
ގަތްބިރުން އަބްދުއްލަތީފް ރޮއެގެންފައި ރަށުތެރެއަށް ދުއްވައިގަތެވެ. އޭރު ރަށުގެ ބައެއް މީހުން ވެސް މި ކުއްލި ބިރުވެރިކަމުގައި ވާނުވާ ނޭނގޭތީ މަގުމައްޗަށް ނުކުމެ ތިއްބެވެ. އަނެއް ބައި މީހުން ތިބީ ތަންތަނަށް ވަދެ ފިލަ އެވެ. އަބްދުއްލަތީފް ބިރުން ގޮސް އެނދުގައި ރަޖާ އަޅައިގެން އޮށޯތީ އެވެ.
މި އާދަޔާހިލާފު އަޑާއި އަލިތަކުގެ ހަގީގަތް އެނގޭވަރުވީ، އަނެއް ދުވަހު ހެނދުނު، އެ ރަށުގެ ދޯންޏެއް ބަނުމަށް ވަޑިން ބަލައި ރ. އިންނަމާދުއަށް ދާން ނުކުތް އޮޑިއެއްގައި ތިބި ބަޔަކަށް ރަށުގެ ނެރުން ނުކުމެވުމުންނެވެ. އެ މީހުންނަށް ފެނުނީ ފިއްލަދޫގެ ފުއްޓަރު ފަރާތަށް އުރިފައި އޮތް މާސިންގާ ބޯޓެކެެވެ. ރޭ އިވުނު އަޑަކީ ފަރަށް އެރުމުން އޭތި ބަރުގޮނު އެޅި އަޑުކަމާއި އަލިކުރީ ވެސް ބޯޓުންކަން ޔަގީންވުމުން، އެ ދޯނި އަނބުރާލާފައި ގޮސް، ރަށުގެ ވެރިންނަށް ހަބަރު ދިނެވެ.
ފިއްލަދޫ ފަރަށް އަރާފައި އޮތީ، ގްރީސްގެ ކެޕްޓަން ޕެންޓަލިސް ކިޔާ ހިލަވެލި ބަރުކޮށްގެން ދަތުރުކުރާ ބޯޓެކެވެ. ބޯޓުުގެ ހަގީގަތް ހޯދުމަށް އަތޮޅުވެރިންނާ އެކު ދަތުރުކުރި ދޯނީގައި އަބްދުއްލަތީފް ވެސް ދިޔަ އެވެ. އެ މީހުންނަށް ފެނުނީ ބޯޓުގެ ކުރީކޮޅުގައި މޫދަށް ދޮށި އެއްލައިގެން މަސް ބާނަން ތިބި ޔޫރަޕް ނަސްލުގެ ބައެކެވެ. އަންހެނަކާއި ކުޑަކުއްޖަކު ވެސް ފެނުނެވެ. އަތޮޅުވެރިންގެ ދޯނި އެއާ ކައިރިވުމުން، އެކި ކަހަލަ އެއްޗެހި ދޯންޏާ ދިމާއަށް އުކަން ފެށުމުން އެ މީހުންނަށް މަޖުބޫރުވީ އެތަނުން ދާށެވެ.
ދެ ވަނަ ފަހަރަށް އެ ބޯޓު ކައިރިއަށް ދިޔައީ، އެ އަތޮޅުގައި ވެސް އޭރު އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ ހަމައެކަނި ބޭފުޅާ ކަމަށްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، ހއ. ވަށަފަރު ހުސައިން އަބްދުއްރަހުމާން ވެސް ގޮވައިގެންނެވެ. ބޯޓުގެ މީހުންނާ މުއާމަލާތު ކުރުމަށް ހުސައިން އެ ބޯޓަށް އަރައިވަޑައިގަތުމުން، އެއީ ހިލަވެލި ހިފައިގެން ބޭރުގެ ގައުމަކަށް ދަތުރުކުރާ ބޯޓެއް ކަމާއި އަނދިރިކަމުގައި އޮޅިގެން ފިއްލަދޫ ފަރަށް އެރީ ކަމަށް އެ މީހުން ބުނިކަމަށް ވެ އެވެ.
"ހުސެން އަބްދުއްރަހްމާނާ ދެން ދެއްކެވި ވާހަކަތަކެއް ނޭނގޭ. އެކަމަކު އެނގޭ ކަމަކީ އެއިން އެ މީހުން ފައިބަން ނޫޅޭކަން. ދުވަސްތަކެއް ވަންދެން ފަރުމަތީގައި އެ މީހުން ތިބި. ހިކިފަސްތާކަށް ނުފައިބާ،" މިހާރު އުމުރުން 75 އަހަރުގެ އަބްދުއްލަތީފް، ފިއްލަދޫ އަތިރިމަތީގައި އިނދެގެން ކިޔައިދިނެވެ.
ބޯޓު އޮންނަތާ ދިހަވަރަކަށް ދުވަސް ފަހުން، ފުއްޓަރު ފަރާތުން އިތުރު ބޯޓެއް ފިއްލަދޫ މީހުންނަށް ފެނުނެވެ. ފުރަތަމަ އެ މީހުން ހީކުރީ، ފަރަށް އެރި ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމަށް ގާތްކޮށްގެން އޮތް އެއްޗެއް ކަމަށެވެ. އެކަމަކު ކައިރީގައި އޮތް އެ އުޅަނދުގެ ހަގީގަތް ފެނުނީ އެ ސަރަހައްދުން ދަތުރުކުރި ހދ. ކުޅުދުއްފުށި މަސް ދޯންޏަކަށެވެ.
ލަތީފް ކިޔައިދިން ގޮތުގައި ކުޅުދުއްފުށީ ދޯންޏަށް ފެނުނީ، ފަރަށް އެރި ބޯޓުގައި ހުރި އެއްޗެހި އަނެއް ބޯޓަށް ބާލާތަނެވެ. ރަނގަޅަށް ބެލުމުން އެ މީހުންނަށް ގަބޫލުކުރެވުނީ، މިއީ ފަޅުވެރިން ސަލާމަތް ކުރުމަށް އައި ބޯޓެއް ނޫން ކަމާއި އެއިން ވައްކަން ކުރަނީ ކަމެވެ. އިސާހިތަކު ކުޅުދުއްފުށީ ދޯނީގެ މީހުން ވެސް ބޯޓަށް އަރައި އޭގައި ހުރި އެއްޗެހި ގެންދަން ފެށި އެވެ.
"އޭރު ފަަރަށް އެރި ބޯޓުގައި އެކަކު ވެސް ނެތް. ގަބޫލުކުރެވެނީ ރޭގަނޑު ދަންވަރު އެހެން ބޯޓެއް އައިސް އެ މީހުން ގެންދިޔައީ ކަމަށް. އެހެން ނޫނީ އަޅުގަނޑުމެންނަށް އެނގޭނެތާ،" އަބްދުއްލަތީފް ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ކުޅުދުއްފުށީ ދޯންޏަށް ފަހު، ފިއްލަދު އާއި އަތޮޅުގެ އެހެން ދޯނިތައް ވެސް ބޯޓު ކައިރިއަށް ގޮސް އެއިން އެއްޗެހި ގެންދަން ފެށި އެވެ. އޭރު އެ ބޯޓުގައި ވަރަށް ގިނަ އަދަދަކަށް ގެރިކިރާއި ޕާނާއި އެކި ކަހަލަ ބިސްކޯދު ހުރި ކަމަށް ވެ އެވެ. އައިސްކޮށްފައި ހުރި ބަކަރި މަސް ވެސް އެލުވާފައި ހުރި ކަމަށް، މަންޒަރު ދުށް އަބްދުއްލަތީފް ކިޔައިދިނެވެ.
މުދާ ހުސްކުރުމަށް ފަހު އުރުނު އެ ބޯޓު އޮތް ގޮތަށް އޮތީ އެވެ. ވޭތުވާ ކޮންމެ އަހަރަކާ އެކު ބޯޓު ދިޔައީ ހަލާކުވަމުން, އަޑިއަށް ދަމުންނެވެ.
ކަޅުވެފައިވާ ފުއްޓަރު ފަރާތާއި އަޑިއަށް ގޮސްފައިވާ ބޯޓު، 61 އަހަރު ފަހުން
'ރާޅުފަށު'ގެ ކަވަރޭޖުގައި ފިއްލަދޫން އަހަރެމެންނަށް އިވުނު އެންމެ ޝައުގުވެރި ވާހަކައަކީ މިއީ އެވެ. އަބްދުއްލަތީފްގެ ވާހަކަ ނިމުމުން، އަހަރެމެން ދެން ބޭނުންވީ ބޯޓު އޮތް ތަން ދެކިލުމަށް ފުއްޓަރު ފަރާތަށް ދާށެވެ. އެކަމަށް ކުރަން ޖެހުނީ ވެސް ޝައުގުކުރަނިވި، އާދަޔާހިލާފު ދަތުރެކެވެ.
ފިއްލަދުއަކީ ރާއްޖޭގެ ގިނަ ރަށްތަކާ ބަލާއިރު އާދަޔާހިލާފަށް ދިގު ރަށެކެވެ. ދިގުމިގައި ހަ ކިލޯމީޓަރު ހުންނައިރު ބޮޑު މިނުގައި 260 ހެކްޓަރު ހުރެ އެވެ. ފުއްޓަރު ފަރާތް ބަލާލަށް ދާން އަހަރެމެން ދަތުރު ފެށި އިރު، މިއީ މިހާ ބޮޑު ރަށެއް ކަމެއް ވަޒަންކޮށްލެވިފައެއް ނެތެވެ.
ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޒީފް އާއި އިތުރު ބަޔަކާ އެކު އަހަރެމެން ދަތުރު ފެށީ ސައިކަލުގަ އެވެ. ހެނދުނުގެ ހޫނުކަން ވެރިވާން ވާއިރަށް ސައިކަލުގައި ނައްޓާލި އިރު ހީކުރީ، ބޮޑު މަގަކުން ލާފައި ގޮސް ވަރަށް ފަސޭހައިން މަންޒިލާ ހަމައަށް ފޯރާނެ ކަމަށެވެ. އެކަމަކު ވަންނަން ޖެހުނީ ފުން ވަލަކަށެވެ. ކިރިޔާ މީހަކަށް ހިނގޭ ވަރަށް ކޮށާފައި އޮތް މަގަކުން އަހަރެމެން ވަލުތެރެއަށް ވަދެގެން ދިޔައިރު، ވަށައިގެން ފެންނަން އޮތީ އާދަޔާހިލާފު ފެހިކަމެކެވެ.
އެ ބޮޑު ވަލުގެ ތެރެއިން ފުރަތަމަ ވެސް ވަދެވުނީ ފަތްކެޔޮ ދަނޑުތަކެއްގެ ތެރެއަށެވެ. އެތަނުން ނުކުމެވުނު ރުއްފަލުގެ ތެރޭގައި، ދިގު ރުއްތަކާއި އެއިން ވެރިފައި ހުރި ކާށިން ހެދެމުން އަންނަ ކުދި ރުއްތައް ހުއްޓެވެ. ކަށިކެޔޮ ގަސްތައް ގިނަ އެ ހަނި މަގުން ދުއްވާފައި ދިޔައިރު ދެ ފަރާތުގައި އުންޏާއި ކާންޏާއި ފުނަ ގަސްތައް، އެކިވަރަށް ހެދިފައި ހުއްޓެވެ. ދިއްގަލާއި މަދޮއްޓާއި އިޕިލިއިޕިލި ގަސްތަކުގެ ތެރެއިން ދާން ޖެހުނީ، އަތުން މަގު ހަދައިގެންނެވެ. ވަކި ހިސާބަކުން ސައިކަލުން ފައިބާފައި ދަމާފައި ވެސް ގެންދަން ޖެހެ އެވެ.
އެ ފެހިކަމުގެ ތެރެއިން އަހަރެމެންނަށް ނުކުމެވުނީ ރީތި ކުޅިއަކަށެވެ. މިއީ ފިއްލަދޫގައި އޮންނަ ދެ ކުޅީގެ ތެރެއިން ދެކުނު އަވަށު ކުޅި އެވެ. އިސްކޮޅު ނުޖެހޭވަރަށް ފުން އެ ކުޅިތެރޭގައި ބޭންގު ފަދަ މަސްތައް އުޅޭތަން ފެނެ އެވެ. ކުޅި ވަށައިގެން ހުރި ރަނޑުލާއި ތަކަފަތި ގަސްތަކުގައި މަޑުކޮށްލައިގެން ތިބި ދޫނިތައް ގޮވަމުން ދިޔައިރު، އާދަޔާހިލާފު ހިތްހަމަ ޖެހުމެއް ލިއްބައިދެ އެވެ.
ބޮޑު ވަލުގެ ތެރެއިން ލާފައި ފިއްލަދޫ ފުއްޓަރު ފަރާތަށް އަހަރެމެންނަށް ނުކުމެވުނީ ބަރާބަރު 25 މިނިޓް ފަހުންނެވެ. އޭރު ބޯ މަތީގައި ބޮޑު ކަޅު ވިލާގަނޑެއް ދައްކާލާފައި އޮތެވެ. އެކަމަކު އެއަށްވުރެ ބޮޑަށް އަހަރެމެން ހައިރާންވީ، ފުއްޓަރު ފަރާތު ގޮނޑުދޮށް އެއްކޮށްހެން ކަޅުވެފައި އޮތުމުންނެވެ. ބޮޑެތި ގާތަކާއި އަކިރިތައް ހުރި ނަމަވެސް ވަކި ހިސާބަކުން މުޅި ބިންމަތި އެއްކޮށް ކަޅުވެފައި އޮތީ ދަބަރު ޖަހާފައިވާ ހިލައިންނެވެ.
"ތިއީ އެ ބޯޓުން ފުއްޓަރު ފަރާތަށް ފައިބާފައި ހުރި ހިލަ،" މާ ދުރުން ފަރުމަތިން، ފެނުން މައްޗަށް ހިއްލާލާފައި ހުރި ބޮޑު ދަގަނޑުގަނޑެއްހެން ހީވާ އެއްޗެއް ދައްކާލައްވާފައި، ރަޒީފް ވިދާޅުވި އެވެ.
"މިހާރު ފެނުން މައްޗަށް ފެންނަން އެހެރީ ބޯޓުގެ ހަތަރު ފިސްޓަނު. ދެން ބޯޓުގެ އެކި ބައިތައް ހަލާކުވެ، މިތަނަށް ލައްވަމުން ދިޔައީ."
އޭނާ ވިދާޅުވީ ތެދެކެވެ. ވަށައިގެން ނަޒަރު ހިންގާލުމުން އެކިވަރުގެ ދަގަނޑުގަނޑު އެތަނުގައި ފެންނަން ހުއްޓެވެ. މީގެ 61 އަހަރު ކުރިން އުރުނު އެ ބޯޓު އަޑިއަށް ގޮސް މިހާރު ފެންމަތިން ފެންނަން ހުރީ، ބޯޓުގެ ހަތަރު ފިސްޓަނާއި ގޮނޑުދޮށަށް ލައްވެފައި ހުރި މި ހިލަ އާއި ދަގަނޑުތަކެވެ.
ފުއްޓަރު ފަރާތަށް ލައްވެފައިވާ އެއިން ހިލަކޮޅެއް ނެގުމުން އެންމެ ފުރަތަމަ ވެސް ތަފާތު ކަމަކަށް އިހުސާސްވީ އޭގެ ބަރުމިނެވެ. ދެ އިންޗި ހުންނަވަރުގެ ހިލަކޮޅެއް ވެސް އާދަޔާހިލާފަށް ބަރެވެ. ދަބަރު ކުލަ އަރާފައިވާ އެ ހިލަތަކުގެ ތެރެއަށް އަތް ކޮއްޕާލައިގެން، ދެ އަތް ފުރައި ނެގުނީ ކިރިޔާ އެވެ. ދެން ޖެހުނީ ބަރުވެގެން ހިލަތައް އުުކާލާށެވެ.
ރަޒީފް ވިދާޅުވި ގޮތުގައި އެއީ އަސްލު ހިލައެއް ނޫނެވެ. މާލެ ގެންގޮސްގެން ޓެސްޓު ކުރުމުން އެއީ، ވަކި ލާރި ހެދުމަށް ބޭނުންކުރާ ޒާތުގެ 'ނިކެލް' ކިޔާ މައުދަނެއްކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ. ނިކެލްގެ އިތުރުން އެހެން ބާވަތުގެ މައުދަނެއް ވެސް އޭގައި ހުރިކަމަށް ވެ އެވެ. މިހާރު ދަބަރު ޖަހާފައި ހުރި ނަމަވެސް އެއީ އޭގެ އަސްލު ނޫން ކަމަށް ރަޒީފް ވިދާޅުވި އެވެ.
މިއީ ދުނިޔޭގެ މަދު ގައުމެއްގައި ހުންނަ، އިމްޕޯޓް/އެކްސްޕޯޓް ކުރުމުގައި ވެސް ބޮޑު އަގެއް ދައްކަން ޖެހޭ އެއްޗެކެވެ. ރަޝިޔާ ނޫން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި މައުދަން އެންމެ ގިނައިން ހުންނަނީ ފިންލޭންޑުގެ އިތުރުން އަޑިއަށް ދިޔަ ބޯޓު ނިސްބަތްވާ ގްރީސްގަ އެވެ.
ފިއްލަދޫގެ ދުވަސްވީ މީހުންނާ ވާހަކަ ދައްކާލުމުން، އުރުނު ބޯޓުން، މި މައުދަންތައް ސަލާމަތް ކުރެވޭތޯ ބޯޓުގެ މީހުން ބެލިކަމަށް ވެ އެވެ. އެ މީހުން ބުނާ ގޮތުން އޭރު މި ހިލަތައް ގެންގޮސް ބޭލީ، ފިއްލަދޫގެ އުތުރު އަވަށުގެ ގޮތުގައި ބަލާ ދައްޕަރަށެވެ. އެ އަވަށުގައި މި ހިލަތަކުގެ ބޮޑެތި ފުނިތައް ވަރަށް ފަހަކާ ޖެހެންދެން ހުއްޓެވެ. އެކަމަކު ބަރު އެއްޗަކަށް ވުމުން ފަސްގަނޑު ތެރެއަށް ވަޅުޖަހައި މިހާރު އެއިން ހިލަކޮޅެއް ފެންނަ ހިސާބުގައި ވެސް ނެތެވެ.
ދައްޕަރުގައި ހުރި މި ހިލަތައް އަޑިއަށް ނުދާއިރު، އެ ވަގަށް ގެންދިޔުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރި ކަމަށް ވެ އެވެ. އެންމެ ފަހުން ފެންނަން ހުރި ހިލަތައް، އެހެން ރަށެއްގެ ބަޔަކު ވަަގަށް ގެންދަން އުޅެނިކޮށް އޭރު އޮތް ކައުންސިލުން ހިފަހައްޓައި އޭގެ ތެރެއިން ބައެއް ވަނީ ފިއްލަދުއަށް ގެނެސްފަ އެވެ.
"މިތަން އަބަދުވެސް އޮންނަނީ މި ހިލަތަކާ އެކު މިހެން ކަޅުކޮށް. އަޅުގަނޑުމެން ހަނދާން ހުންނަން ފެށީއްސުރެ މިތަން އޮންނަ ގޮތަކީ މިއީ،" ރަޒީފް ވިދާޅުވި އެވެ.
ކޮންމެއަކަސް، ރަށުގެ ފުއްޓަރު ފަރާތުން މިހާރު ފެންނަން ހުރި މި ހިލަތައް އަހަރެމެންނަށް ފެނުނީ ވަރަށް އާދަޔާހިލާފު އެއްޗެއްގެ ގޮތުގަ އެވެ. އެއިން ހިލަކޮޅުތަކެއް ގެންދާނަމޭ ހިތާ ނަގަނިކޮށް، އެއީ މަނާކަމެއް ކަމަށް ކައުންސިލަރު ވިދާޅުވުމުން ޖެހުނީ ބަހައްޓާށެވެ.
ފިއްލަދޫ ފުއްޓަރު ފަރާތަށް އުރުނު ބޯޓު މިހާރު އަޑިއަށް ގޮސްފައި އޮތުމުން، އެތަން މިހާރު ވެފައިވަނީ އެ ސަރަހައްދުގެ އެންމެ މަޝްހޫރު ޑައިވިން ސްޕޮޓަށެވެ. ކަނޑުގެ ދިރުންތައް ރީތި، ހިތްގައިމު މަންޒިލަކަށެވެ. ކައިރި ރަށްތަކުގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ވެސް އެންމެ މަގްބޫލު އެއް ތަނަކީ ފިއްލަދޫ މި ޝިޕްރެކެވެ.
ބޯމަތީގައި އޮތް ވިލާގަނޑުން ވާރޭ އޮއްސާލީ، އަހަރެމެން ފުއްޓަރު ފަރާތުގައި ތިއްބަ އެވެ. ބޯވާރޭއިން ބޯޓުގެ ފެންނަން އޮތް ބައި ވެސް ގެއްލުނީ އެވެ. ނަމަވެސް މިއީ މި ރަށަށް އަރާ ކޮންމެ މީހަކަށް ވެސް އެމީހުން ކިޔައިދޭ، ފިއްލަދޫގެ ތާރީހާ ގުޅިފައިވާ ޝައުގުވެރި ވާހަކައެކެވެ.
ކޮމެންޓް (10)
އަނާ
ހުވާ
ނިކެލް
ޗުޕް
ހަސަން
ފޭކު
ފޭކު
ޒޫނާ
ކެޔޮދޫ ޝިޕްރެކް
ނިޔާމަ