މިދިޔަ އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ރ. މަޑުއްވަރީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ފަހު ވަގުތު ވެސް މި އޮތީ ފުރުސަތުތައް: ގެސްޓްހައުސް އާއި ރިސޯޓްތަކުން ވެސް އީދު ޕްރޮމޯޝަން
ބޮޑު އީދު ބަންދު ދެން މި އޮތީ ފެށިފަ އެވެ. ގިނަ ބަޔަކު މިހާރު ތިބޭނީ ޕްލޭންތައް ހަދައި ފޮށިތަންމަތި ބަންދުކޮށް ފުރަން ތައްޔާރަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދާ މީހުންނާއި އީދު ބަންދުގައި ރާއްޖެއިން ބޭރަށް ދާ އެތައް ބަޔަކު ވެސް މިހާރު ތިބޭނީ ތައްޔާރުވެގެންނެވެ.
އެކަމަކު އީދު ބަންދު ޕްލޭނު ނަހަދާ ތިބި މީހުން ވެސް އެބަ ތިއްބެވެ. އީދު ބަންދަށް ޗުއްޓީ ނުލިބޭތީ ރަށުން ބޭރަށް ދާން އަދި ގޮތެއް ނުނިންމާ މީހުން ވެސް އުޅޭނެ އެވެ.
އެކަމަކު މާލޭން ބޭރަށް ގޮސް ޗުއްޓީ ހަދާލަން ބޭނުން މީހުންނާއި އީދު ޕްލޭން ނުހަދާ، އެންމެ ފަހު ވަގުތު ދާނެ ތަނެއް ނިންމަން މަޑުކޮށްގެން ތިބި މީހުންނަށް ވެސް ރަނގަޅު އޮޕްޝަންތައް ބައިވަރެވެ.
މާލެ ކައިރިންނާއި ތަންކޮޅެއް ދުރުން ވެސް ރިސޯޓުތަކާއި ރަށްރަށުގެ ގެސްޓު ހައުސްތަކުން ވަނީ އީދަށް ހާއްސަ ޕެކޭޖުތައް ތައާރަފުކޮށްފަ އެވެ.
އީދަށް ހާއްސަ ޕެކޭޖުތަކުގައި އަތޮޅުތެރޭގެ ރަށަކަށް ޖައްސާލާ އެ ރަށްރަށުގެ އީދު ފާހަގަކުރުމުގެ ފޯރި ބަލައިލާ ތަޖުރިބާ ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. ކުރިން ޕްލޭން ނުހަދާ ތިބި މީހުންނަށް ވެސް މިއީ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
މި ޕެކޭޖުތަކުގެ އަގު، ދަތުރާއި ހުރުުމާއި ތިން އިރު ކެއުމާ އެކު ބައެއް ގެސްޓުހައުސްތައް ދެ ރެއަށް ޖުމްލަ 5،500ރ އަށް އެބަ ލިބެ އެވެ.
ގެސްޓުހައުސްތަކުން އިންތިޒާމު ކުރާ ހާއްސަ އެކްސްކާޝަންތަކާ އެކު ރަށުގެ އީދު ކުޅިވަރުތައް ތަޖުރިބާކޮށް ރާއްޖޭގެ އީދު ފާހަގަކުރުމުގެ ސަގާފަތް ބަލައިލަން ބޭނުން މީހުންނަށް ހާއްސަ ޕެކޭޖުތައް ވެސް ބައެއް ގެސްޓު ހައުސްތަކުން ތައާރަފުކޮށްފައިވެ އެވެ.
އީދު ހަފްތާ އެކީ ރަށެއްގައި ހޭދަކުރަން ބޭނުން މީހުންނަށް ވެސް ކެއުމާއި ހުރުން ހިމެނޭހެން ރަނގަޅު އަގުތަކުގައި ލިބޭނެ ޕެކޭޖުތައް އެބަ ހުއްޓެވެ.
އީދަށް ހާއްސަ ޕެކޭޖުތައް އޮފާކުރާ ގެސްޓުހައުސް ހިންގާ ރަށްތަކުގެ ތެރޭގައި:
-
ކ. ގުޅި
-
ކ. ތުލުސްދޫ
-
ކ. ހިންމަފުށި
-
ކ. ދިއްފުށި
-
އއ. ރަސްދޫ
-
އދ. ދިގުރަށް
-
އއ.ބޮޑުފޮޅުދޫ
-
ވ. ކެޔޮދޫ
-
ބ. ގޮއިދޫ
މި ރަށްރަށުގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް އީދާ ދިމާކޮށް ދިވެހިންނަށާއި ރާއްޖޭގައި އުޅޭ ބޭރު މަސައްކަތްތެރިންނަށް ހާއްސަ ޕެކޭޖުތައް ވަނީ ތައާރަފުކޮށްފަ އެވެ.
އީދަށް ދާނެ ތަނެއް ނިންމަން ނޭނގި ތިބި މީހުންނަށް މިއީ އައިޑިއާއެކެވެ. އީދު ބަންދު އުފާވެރި، މަޖާ ތަޖުރިބާ ރަނގަޅު ބަންދަކަށް ހަދަން އަވަހަށް ދާނެ ތަނެއް ކަނޑައަޅާށެވެ.
ރަށެއްގައި ރައްޓެއްސެން ނެތިގެން މިހާރު އެ ރަށަކަށް ނުދެވި ހުންނާކަށް ނުޖެހޭނެ އެވެ. ފޯރިގަދަކޮށް އީދު ފާހަގަކުރާ ރަށަކަށް ގޮސް އީދު ޗުއްޓީ ހޭދަކޮށްލުން މިހާރު ފަސޭހަވެއްޖެ އެވެ.