މީގެ ކުރިން މާލެއަށް ކުރި ވިއްސާރައެއްގައި ވައިގަދަވެ މަގުމައްޗަށް ގަހެއް ވެއްޓިފައިވާއިރު މީހަކު ހިނގާފައި ދަނީ (ދައުރު ފައިލް ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

މޫސުން

ވިއްސާރަވެފައި ވައި ބާރު: ސަމާލުކަން ދޭން ޖެހޭ ކަންކަން ގިނަ

އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވާ އިރު ވެސް ރައްކާތެރިވާން ޖެހޭ ކިތައްމެ ކަމެއް ހުރޭ. މި ދުވަސްވަރު މޫދަށް ގޮސް އުޅެން ޖެހޭނީ ވެސް ރައްކާތެރިކަމަށް ސަމާލުވެގެން

ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ވައި މިއޮތީ ރާއްޖެއަށް ލައްވާލައިފަ އެވެ. މޫސުން ގޯސްވެ ވައިގަދަ މި ދުވަސްވަރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

އަމިއްލަ މުދަލާއި އެހެން މީހަކަށް ވެދާނެ އަނިޔާއަކަށް ސަމާލުވުން މުހިއްމެވެ.

ބާރަށް ވައި ޖެހޭ ވަގުތު ކޮންމެހެން ބޭނުން ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުންނަންވީ އެވެ. މަގުމަތީގައި ދިމާވެދާނެ ނުރައްކާތައް ބޮޑެވެ. ގަސްތަކުގެ ގޮފިތަކާއި ގޭގޭގެ ފުރާޅު ފަދަ ތަންތަން ވަޔާ އެއްލައިލާ އެއިން އަނިިޔާއެއް ލިބުމުގެ ފުރުސަތު ބޮޑުވެވެ. ވައިގަދަ ވަގުތު ހާއްސަކޮށް ކުޑަކުދިން ބޭރަށް ނެރުމުން ދުރުވާށެވެ.

ވައިބާރު އިރު އެންމެ ބުއްދިވެރީ ގެއިން ނުނިކުމެ ތިބުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

 ގޭގޭގެ ޓެރަސް، ބެލްކަނީގައި މަގުމައްޗަށް ބަހައްޓާފައި ހުންނަ ގަސްމުށިތައް ގަދަ ވައިގައި ވިއްސައިގެން ހިނގައިދާނެ އެވެ. އެހެންކަމުން އެ އެއްޗެހި ނުވެއްޓޭނެ ގޮތަށް ބަހައްޓަން ވާނެ އެވެ.

ހަދަމުން އަންނަ އިމާރާތްތަކުން ވެސް ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް އޮތް ނުރައްކާ ބޮޑުވެ އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުން ގަދަ ވައިގައި މަގުމައްޗަށް އެއްޗެހި ވިއްސައިގެން ނުދާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ އެވެ. މި ފަހުން ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ އާ އިމާރާތެއްގެ ވަށައިގެން ޖަހާފައި ހުރި ހޮޅިތައް، ގަދަ ވައިގައި ވެއްޓިފަ އެވެ.

ދަތުރުުފަތުރުކުރުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދޭން މި އޮތީ ޖެހިފަ އެވެ. އެއްގަމު ދަތުރާއި ކަނޑު ދަތުރު ވެސް އޭގައި ހިމެނޭ ގޮތަށެވެ. ކަނޑު ދަތުރުކުރާ އިރު އެންމެ މުހިއްމީ މޫސުމާ ބެހޭ އިދާރާއިން ނެރޭ އެކި އެލާޓްތަކަށް ސަމާލުވުމެވެ.

ގަދަ ކަނޑަށް ނުކުންނަ އިރު މޫސުމީ މައުލޫމާތު ހޯދުން މުހިންމު (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

އެއްގަމު ދަތުުުރުކުރާ އިރު ބާރު ސްޕީޑުގައި ނުދުއްވުން މުހިއްމެވެ. ބާރު ސްޕީޑްގައި ދުއްވާ ނަމަ އޭގެ ނުރައްކާ އޮތީ ތިމާއަށް އެކަންޏެއް ނޫނެވެ. މިސާލަކަށް ހަލާކުވާ ކަހަލަ ތުނި ވިއްސާރަ ކޯޓު ވަރަށް ގިނަ މީހުން ބޭނުންކުރެ އެވެ. މިއީ އަގުހެޔޮ އަދި އެންމެ ފަހަރަކު ލެވޭ ކަހަލަ އެއްޗެކެވެ. ދުއްވާފައި ދާއިރު ކޯޓު ހަލާކުވެ، އެހެން ބަޔަކަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ އެވެ.

މާލެއަށް ވާރޭ ވެހި، މަގުތައް ފެންބޮޑުުވެފައި: ރައްކާތެރިކަމަށް ފިޔަވަޅު އަޅަން ވާނެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަގުތައް ތެމިފައި އޮންނަ އިރު އޯވަޓޭކްކުރުން ފަދަ ބާރު ސްޕީޑްގައި ގޮސް ކުރާ ކަންކަމުން ވަރަށް ބޮޑު ބިރަކާ ދިމާވެދާނެ އެވެ. އެހެންވެ ރަނގަޅީ މަޑު ސްޕީޑްގައި، އެހެން އެއްޗިއްސަށް ވެސް ސަމާލުކަން ދީގެން ދުއްވުމެވެ. 

ޗުއްޓީ ދުވަސްވަރު މޫދާ ދުރުގައި ތިބުން ކުޑަކުދިންނަށް ވެސް އުނދަގުލެވެ. ނަމަވެސް ކުދިން އެކަނި މޫދަށް ފޮނުވުމުން މި ދުވަސްވަރު ހުއްޓާލަންވާނެ އެވެ. މޫދަށް ދާ ނަމަވެސް އޮއިމަޑު، އިސްކޮޅު ޖެހޭ ހިސާބުތަކަށް އިސްކަން ދޭށެވެ.

މިހާ ގަދަ ދުވަސްވަރެއްގައި ކުދިން އެކަނި މޫދަށް ފޮނުވުން ރައްކާތެރިއެއް ނޫން

އެއްގަމު ތޮށިގަނޑު މަތީގައި ތިބޭ އިރު ވެސް މީހާގެ ވިސްނުން ހުންނަން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅަށް ސަމަލުކަން ދޭ ގޮތަށެވެ. މިސާލަކަށް ބޮޑު ރާޅެއް ނަގާ ތޮއްށިގަނޑަށް ބިންދާލާއިރު ނުވިސްނާ ތިބެއްޖެ ނަމަ އޭގެ ނުރައްކާ އޮންނާނެ އެވެ.

ރަށްރަށަށް އުދަ ވެސް އެބަ އަރަ އެވެ. އެހެންކަމުން ގޭގައި ހިފާ ގެންގުޅޭ ސަމާނު ހަލާކުވިޔަ ނުދިނުމަށް އެ އެއްޗެހި ބަހައްޓަންވާނީ ރަނގަޅު ތަނެއްގަ އެވެ. ގޭ ތެރެއަށް ފެން ނުވަންނާނެ ގޮތަށް ހަދަން ވެސް ސަމާލުވާންވާނެ އެވެ. 

މޫސުމީ އިންޒާރުތައް އަވަސް އަވަހަށް ބަދަލުވެ އެވެ. އެހެންކަމުން އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދަން ވިސްނާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް