ހއ. ބާރަށުގެ ބޮޑު ކުޅި. މިއީ އާދަޔާހިލާފު ރީތި ކަމެއް ލިބިފައިވާ ރަށެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ރާޅުފަށް: ބާރަށުގެ ރީތިކަން ދެކިލަން ބަގީގައި ބުރެއް
ހއ. ބާރަށް- މި ރަށަށް އަންނަންވެގެން މުރައިދޫ އަތިރިމަތީގައި ހުއްޓާ މީހަކު ބުންޏެވެ؛ ތި ދެވެނީ އެންމެ ބޮޑު ކުޅި އޮންނަ ބާރަށަށެވެ. ބަލާ ފޫހިނުވާނެ އެވެ. ފިސާރި ބޮޑެތި މަދިރި ވެސް ތި ރަށުގައި އުޅޭނެ އެވެ.
އެހެންވެ މި ރަށަށް އައުމާ އެކު އެންމެ ފުރަތަމަ ވެސް ހިތުލައިގެން ހުރީ އެ ބުނާ ބޮޑު ކުޅި ބަލާލަން ދިއުމަށެވެ. ހަވީރުވުމާ އެކު، މި ރަށު މޫސާ ޔޫސުފުއަށް ގުޅައި، އޭނާގެ ބަގީއަށް އަރައި ނައްޓާލީ، މުޅި ގައިގައި މަދިރި ލޯޝަން ވަށައި، އެއަށް 'ގާތް ވެސް ނުވެވޭ ވަރަށް' ތައްޔާރުވެގެންނެވެ.
ބާރަށަކީ އޭގެ ޒާތުގައި ވަރަށް ތަފާތު ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. ކުޅި އާއި ކަނޑޫފާ ވެސް އެހާމެ ތަފާތެވެ. އަރަބި އަކުރު 'ބާ'ގެ ބައްޓަމަށް އޮންނަ ރަށުގެ ބިއްދޮށްފަޅީގައި އެކީ އެކައްޗަކަށް ދެމިފައި އޮތީ ކަނޑޫފަލެވެ. އޭގެ އިތުރުން، ފާތަކާއި ފެން ކޯރާއި ލޮނުގެ ކޯރުތަަކީ ވެސް މިރަށުގެ ބައެކެވެ.
ކުޅި ބަލާލުމުގެ އިތުރުން، ރަށުގެ ވަށައިގެން ބުރެއް ޖަހާލަން މޫސަބޭގެ ބަގީގައި އަހަރެމެން ނުކުތީ ބަރާބަރު 4:30ގަ އެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަތަލު، މުހައްމަދު ތަކުރުފާނުގެ ބޮލަށް ގޮންޖެއްސެވި ރެހެންދި ކަމަނާ ގޮވައިގެން ފުއްޓަރު ފަރާތަށް ވަޑައިގެންނެވި ކަމަށް ބުނާ 'ކަމަނާމަގު'ން ހުޅަނގަށް އަހަރެމެން ގޮސް ކުޅިއާ ވީ ހިސާބަށް ފޯރަން އިރު މާ ގިނަ އިރުތަކެއް ނުނަގަ އެވެ.
ކުޅި ފެންނަ ގޮތަަށް ދަތުރުކުރެވެނީ އެތަނާ އިންވެގެން ވަރަށް ފަހުން ކޮށާފައި އޮތް ހަނި މަގަކުންނެވެ. އަހަރެމެން ކެތްމަދުވެފައި ތިބީ ކުޅީގެ ރީތިކަން ބަލައިލާށެވެ. އެކަމަކު އެ މަންޒަރަށް ހުރަސްއެޅީ ކުޅި އާއި މަގާ ދެމެދު ފަޅާފައި ހުރި މިރިއްސާއި ކުދި ޖޭމު ގަސްތަކެވެ. ދެން ފާޑުފާޑުގެ ދިގު ވިނަތަކެވެ. ކުޅީގެ ފެންގަނޑު ފެންނަވަރުވަނީ، ތަންކޮޅެއް ބޮޑަށް ތެދުވެލައިގެން ވަރަށް މަސައްކަތުންނެވެ.
ފުރަތަމަ ފަނަރަ މިނިޓެއްހާއިރު ކުޅީގެ ރީތިކަން މާ ބޮޑަށް ނުފެނުނު ނަމަވެސް، ހިތްހަމަ ޖައްސައިދިނީ އޭގެ ބިއްދޮށުން، މޫދާވީ ފަޅީގައި އޮތް ކަނޑޫފަލެވެ. ކަނޑުލާއި ރަނޑުލާއި ތަކަފަތި ގަސްތަކުން އެތަން އޮތީ ފެހިކޮށްލައިފަ އެވެ. އެކަމަކު ވަކި ހިިސާބަކުން އެ ގަސްތައް މަދެވެ. ނޫނީ ހުރީ މަރުވެ ހިކިފަ އެވެ.
"ތިއީ ހާދަ ބޮޑު ކަނޑޫފަލެކޭ. އެކަމަކު މީހުން ދަރަށް ކަނޑާކަނޑާ ހުސްވެފައި އެ ހެރީ،" ބަގީ ދުއްވަން އިން މޫސަބެ ކިޔައިދިނެވެ.
ގަސްތައް މަދުވެ، ފެހިކަން އެންމެ ފުރިހަމައަށް މިހާރު ފެންނަން ނެތް ނަމަވެސް އެ ކަނޑޫފަލަކީ އިރެއްގައި ބާރަށު މީހުންގެ ދިރިއުޅުމުގެ އެއް ބަޔެވެ. ވަކި ދުވަހެއްގައި ސަންގު ފުންމާލުމުން، ރަށުގެ ގިނަ ބަޔަކު ކަނޑޫފަލަށް ވަދެ، ގަސްދޮށަށް ވެރިފައި ހުންނަ ކަނޑޫ ހޮވަ އެވެ. އަދި ވަގުތު ހަމަވުމާ އެކު އެތަނުން ނުކުމެ، އެ ހުރިހާ ކަނޑުލެއް އެއްކުރަނީ ރަށުގެ ކާޑުގޭދޮށަށެވެ. އެމީހަކު ހޮވި ކަނޑުލަކުން ހަތްބައި ކުޅަ އެއްބައި ކާޑުގެއަށް ނެގުމަށް ފަހު އަނެއް ބައި ގެއަށް ގެންދަނީ އެވެ.
ބާރަށު މީހުންގެ ކެއުން އޭރު ގުޅިފައި އޮންނަނީ ކަނޑުލާ އެވެ. އެ ކަނޑޫ ކަހައި ފެނު ކައްކައި ގަރުދިޔައާ މޮޑެގެން ކަނީ އެވެ. ނޫނީ ކޮންމެވެސް ފޮނި އެއްޗެއް އޭގެން ހަދަ އެވެ.
މިހާރު އެ ކަނޑޫފަލުގައި ހުރީ ހާލަކުން ގަހެކެވެ. އޭގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ރަށު މީހުން ބުނަނީ ދަރުގެ ގޮތުގައި އެ ގަސްތައް ކަނޑައިގެން ބޭނުން ކުރުމެވެ. އެ ކަނޑޫފަލުން ދަރު ކަނޑައިގެން ޒަމާންތަކެއް ވާންދެން ދޯނި ފަހަރުގައި މާލެ ވެސް ވިއްކަން ފޮނުވިި އެވެ.
އެހެންވެ ބާރަށަށް އަލަށް ކުރި މި ދަތުރުގައި އަހަރެމެންނަށް ފެނުމުގެ ނަސީބު ލިބުނީ، ފެހިކަން ކުޑަ ފަލެކެވެ.
އިރުގަނޑަކު ދުއްވުމަށް ފަހު، ކުޅީގެ ރީތިކަން ފެންނަ ތަނަކަށް ބަގީ މަޑުކޮށްލި އެވެ. އޭރު ފެންގަނޑާ ވަރަށް ތިރިން އިރުވާހުދެއް އުދުހިފައި ދެ އެވެ. އެ ރަށުގެ މީހުން ބުނާ ގޮތުގައި ރަނގަޅު މޫސުމެއްގައި އެ ކުޅިއަށް އެކި ބާވަތުގެ ދޫނިތައް އައިސް އުޅެ އެވެ. މިހާރު މާ ބޮޑަށް ހޫނު ގަދަވީމައި އެ މަންޒަރު ނުފެންނަނީ ކަމަށް އެ މީހުން ބުނެ އެވެ.
އުޅަނދުން ފައިބައިގެން ކުޅީގެ ފެންގަނޑު ބަލާލަން ތަންކޮޅެއް ކައިރިއަށް ޖެހިލީމެވެ. އޭރު މުޅި ހިސާބުގަނޑުގައި ކެލާޕިއާތައް ދުވެ އުޅޭތަން ފެނެ އެވެ. އޭގެ ތަންކޮޅެއް ދުރުން ގޮނޑިތަކެއްގައި ދެ ޒުވާނަކު މަޑުކޮށްލައިގެން ތިއްބެވެ. އެތަން އޮތީ ހިތްފަސޭހަ މައިޒާނެއްގެ ގޮތަށް ރީތިކޮށްލައިފަ އެވެ. އެ މީހުން ތިބި ތަނާ ކައިރިއަށް ފެންގަނޑަށް، ދަލެއް އެއްލާފައި އޮތެވެ.
މޫސަބޭ ބުނާ ގޮތުން އެއީ ކުޅީގައި އުޅޭ ބޭންގު ހިފަން އެއްލާފައި އޮތް ދަލެކެވެ. ފަރުމަހަށް ދާ މީހުން އެމުގެ ގޮތުގައި ބޭނުންކުރަނީ އެ ކުޅިން ހިފާ ބޭންގެވެ.
އިރުކޮޅަކު އެތަނުގައި މަޑުކޮށްލައި، ދެތިން ފޮޓޯ ނެގުމަށް ފަހު އަނެއްކާވެސް ދަތުރަށް ފެށީމެވެ. ވަކި ހިސާބަކުން ކުނި އެޅުމުގެ ސަބަބުން ކުޅިން ތަންގަނޑެއް ހިކިފައި އޮއްވާ ވެސް ފެނުނެވެ. އެކި ބާވަތުގެ ކުންޏާއި ވެލި އަޅައި، ހިނގާބިނގާވެ އުޅެވޭ ގޮތަށް އެތަން ގުޅުވާލާފައި އޮތީ، ރަށުތެރެއިން ކަނޑާފައި އޮތް ބޮޑު މަގަކާ އެވެ. އެހެންވެ، ބާރަށު ބިއްދޮށުން ވަށައިގެން އޮތް ކުޅި މިހާރު އޮތީ މެދުތެރޭގެ ހިސާބަކުން ހިކިފަ އެވެ.
އިރުގަނޑަކު ދުއްވާލި ފަހުން ފެނުނީ ކުޅި ކައިރީގައި ދަވާފައި ހުރި ދެތިން އުވަ ވަޅެވެ. އެއާ މެދު ސުވާލު އުފެދިގެން އަނެއްކާވެސް މޫސަބެއާ އެ ސުވާލު ކުރީމެވެ.
"ކޮއްކޯ ތިއީ ވެސް އިރެއްގައި މި ރަށު މީހުން އާމްދަނީ ހޯދަން ކޮށް އުޅުނު މަސައްކަތެއް،" އޭނާ ޖަވާބު ދިނެވެ.
މޫސަބޭ ކިޔައިދިން ގޮތުގައި ގެދޮރު އަޅަން ސިމެންތީގެ ގޮތުގައި އުވަ ބޭނުންކުރި ޒަމާނުގައި، ބާރަށުގައި ކޮންމެ ގެއެއްގައި ވެސް އުވަވަޅެއް ހުންނާނެ އެވެ. ހުރިހާ އުވަވަޅުތަކެއް ކޮނެ ދަވާނީ ކުޅިއާ އިންވެގެންނެވެ. އެއީ ވަކި ވަރަކަށް ކޮނެ، އޭގެ ތެރެއަށް ފަނާއި ދަރު އަޅައި އޭގެ ވަށައިގެން ފަން ޖެހުމަށް ފަހު، މައްޗަށް މުރަކަ އަޅައިގެން ގަދައަށް ރޯކޮށްގެން ހަދާ އެއްޗެކެވެ. ދަވާ އުވަތައް، ގޯނި ގޯންޏަށް އަޅައިގެން ކުރީގައި ގެއާ ހަމައަށް ގެންދާނީ ބުރަކަށި މަތީގަ އެވެ.
އެ ހިސާބުގަނޑު ރަށްތަކުން މުޅިންހެން ބޭނުންކޮށް އުޅުނީ ބާރަށުގައި ހަދާ އުވަ އެވެ. އުވަ ދަވާ ނިމުމުން، އެ ވިއްކުމަށް ދޯނި ފަހަރުގައި އަތޮޅުގެ އެހެން ރަށްތަކަށް ވެސް ދެ އެވެ.
ދަތުރުގެ އެހާ ހަމައަށް އައިއިރު، އަހަރެމެން ދަތުރުކުރަމުން ދިޔަ މަގުގެ ދެ ފަރާތުން ވެސް ފެންނަން އޮތީ ފެންގަނޑެކެވެ. އެ ހަނި މަގުގެ މޫދާވީ ފަޅިން ބޮޑު ކުޅި ފެންނަން އޮތް އިރު، މަގުގެ ވާތް ފަޅީގައި އޮތީ ވެސް ރީތި ފެންގަނޑެކެވެ. ގުދުރަތީ ރީތި މަންޒަރު ފެނި އާޝޯހުވި އެވެ. މަގުގެ ވާތް ފަރާތުން ވަކި ހިސާބަކުން ޖަންގަލި ހެދިފައި އޮތް ނަމަވެސް ހަމަ އެކަހަލަ އެހެން 'ކޯރެއް' އަނެއްކާވެސް ފެނުނެވެ. މި ފެންގަނޑުގެ މެދަށް ދިޔުމަށް ފާލަމެއް އަޅާފައި އޮތެވެ. އެތަނުގައި ގޯންޏަށް އެއްޗެހިތަކެއް އަޅައި ފައްތާފައި ހުރުމުން، އޭގެ ހަގީގަތް ބެލި އިރު އެވީ، ފާކުރަން ލާފައި ހުރި ބޮނބިތަކަކަށެވެ. ރަށުގެ މީހުން ރޯނު ވަށަން ބޮނބިފާ ކުރަން އެތަން ބޭނުންކުރަނީ އެވެ.
އެހާ ހަމައިން މި ރަށުގެ އުތުރު ފަރާތާވީ ފަޅިން ކުޅި ނިމުނީ އެވެ. އެކަމަކު އެތަނުގައި ހުރެފައި އެނބުރިލާ އިރު ހުޅަނގު ފަރާތުން ފެންނަން އޮތީ ވެސް ހަމަ އެހާ ޝައުގުކުރަނިވި މަންޒަރެކެވެ؛ ބާރަށު ފަޅެވެ.
ބާރަށުގެ ފަޅަކީ ވެސް ރާއްޖޭގައި އޮންނަ އެ ފަދަ ހަމައެކަނި ފަޅެވެ. އަރަބީގެ 'ބާ' އަކުރުގެ ބައްޓަމަށް، މެދަށް އެތެރެވެލާފައި ދެ ފަރާތުން އޮންނަނީ މާ ދުރަށް ދެމިގެން ގޮސްފަ އެވެ. އެހެންވެ އަހަރެމެން ހުއްޓި ހުރި ތަނުން ބަލާލާއިރު މުޅި ފަޅުތެރެ އޮތީ ފެންނާށެވެ. އެއް ހިސާބެއްގައި ކުދި ދޯނިތައް އަޅާފައި ހުއްޓެވެ. ފަޅުގެ މެދުތެރޭގައި ފާލަމެއް އޮތް އިރު އަޅާފައި ހުރީ ބޮޑެތި އުޅަނދުތަކާއި ޑިންގީތަކެވެ. ފަޅުތެރެ އޮންނަނީ ގުދުރަތީ ހިމާޔަތް ލިބޭ ގޮތަށެވެ.
ބާރަށު އަތިރިމަތިން އެއްކޮޅުން އަނެއްކޮޅަށް ދުއްވާލުމުން އަހަރެމެންނަށް ފާހަގަވީ، ފިނި މައިޒާންތައް އާދަޔާހިލާފަށް ގިނަ ކަމެކެވެ. ހޮޅުއައްޓާއި ފިނިއައްޓެވެ. ރީތިކޮށް އިމާރާތްކޮށް، ފަންކާ ހަރުކޮށްފައި ހުރި ފިނިމައިޒާންތަކެވެ. އެ ބޮޑު އަތިރިމަތީގެ ތަންތަންކޮޅުން ޖޯލިތަކެއް ނުވަތަ އުނދޯލިތަކެއް ވެސް ފެންނަން ހުއްޓެވެ. އެތަންތަނުގައި ހުރިހާ އުމުރެއްގެ މީހުން މަޑުކޮށްލައިގެން ތިބެ އެވެ. ހަވީރުގެ އެ ވަގުތުގައި މުޅި އަތިރިމަތިން ވެސް ފެނުނީ ހޭލަމޭލަ ކަމެވެ.
އަތިރިމަތިން ލާފައި އެހެން ދާއިރު، މި ރަށުގެ ތާރީހީ ގިނަ ކަންކަން ވެސް ފެނެ އެވެ. ކުރިއްސުރެ ރަށު މީހުން މޫދަށް އެރި ފެންވަރަށް ބޭނުންކުރާ ދެ ވަޅު، މިހާރު ވެސް ހުރީ ބޭނުންކުރެވޭ ހާލަތުގަ އެވެ. ބޮޑުތަކުރުފާނު ކަޅުއޮއްފުންމި ބަން ސަރަހައްދާއި އުޅަނދުގެ ރިޔާ ފެއްސެވުމަށް ޖެހި ކަޑައިން އުފެދިފައިވާ ކާނި ގަސް ފަދަ ތަންތަނެވެ.
އަތިރިމަތިން ލައިގެން، މޫސަބޭގެ ބަގީގައި ދެން އަހަރެމެން މިސްރާބު ޖެހީ ރަށުގެ ދެކުނު ފަޅިއާވީ ކުޅި ބަލާލުމަށެވެ. އެއީ ރަށުގެ ބިއްދޮށުގައި އޮންނަ ކުޅީގެ ދެކުނު ފަރާތަށްވާ ފަޅި އެވެ. އެކަމަކު އުތުރު ފަރާތާ ހިލާފަށް ދެކުނުގެ ކުޅި އޮންނަނީ މޫދާ ގުޅިފަ އެވެ. އެތަނަށް ގިނައިން މަޑި ވަދެ ނުކުމެ އުޅޭތީ ނަން ދީފައި އޮންނަނީ ވެސް މަޑިކުޅީގެ ނަމުންނެވެ. ވަށައިގެން ގަސްތައް ހުރުމުގެ ސަބަބުން އެތަން އޮތީ ވަރަށް ބޮޑަށް ނިވާވެފަ އެވެ.
"އެއީ ކަޅުއޮއްފުންމި ފޮރުވަން ވައްދާ ތަން. މި އަތިރިމަތީގައި ހުއްޓިގެން ހުންނައިރު އެ ކުޅި އޮންނާނީ ފޮރުވިފައި،" މޫސަބޭ ކިޔައިދިނެވެ.
ދާނެ މަގެއް ކަނޑާފައި ނެތުމުން، އާދަޔާހިލާފު އެ ސަރަހައްދު އިތުރަށް ބަލާލެވޭކަށް ނޯވެ އެވެ. ދެން އަހަރެމެންނަށް މަންޒަރު ބަލަން ޖެހުނީ ޑްރޯން މައްޗަށް އުދުއްސައިގެންނެވެ.
އުތުރު ފަރާތު ކުޅި އާއި ކަނޑޫފާ ވެސް މިހާ ރީތިކޮށް ފެންނަވަރުވީ އިހަކަށް ދުވަހު އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، މަޝްރޫއެއްގައި އެ ރަށުގައި ތިބި އެމްޓީސީސީގެ ގުރޫޕަކުން، ކުޅި ރީތިކޮށް ފެންނާނެ ގޮތަކަށް ވަށައި މަގެއް ކެނޑުމުންނެވެ. ކުޅި ވަށައިގެން ބަގީގައި އަހަރެމެންނަށް ދުއްވާލެވުނީ އެ މަގު އޮތުމުންނެވެ.
"އެހެންވިއްޔާ ގިނަ މީހުންނަށް މިރީތި ކަމެއް ކުރިއަކުން ނުފެންނާނެތާ ދޯ؟،" ބަގީގައި އަހަރެމެންނާ އެކު ދަތުރުކުރި ކައުންސިލް މެމްބަރު، ސަމީހާ މޫސާ ގާތުގައި އެހީމެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ކުޅި ވަށައިގެން އެހެން ދުއްވާލެވޭކަށް ނޯންނާނެ އެވެ. ކުޅި ބަލާލަން ދެވެނީ ރަށުތެރެއިން ބައެއް ސަރަހައްދުތަކުން ކަނޑާފައި އޮންނަ ހަނި މަގަކުން ލާފަ އެވެ. އެހެން ގޮސް ފެންނާނީ ހަމައެކަނި އެތަންކޮޅެވެ.
އެހާ ހިސާބުން، މި ރީތިކަމުން ފައިދާ ނުހޯދައި ދޫކޮށްލާފައި އޮތީ ކީއްވެގެންތޯ އެހީމެވެ. އަހަރެންގެ ބޮލުގައި އޭރު ކުރެހެމުން ދަނީ ކުޅީގެ އެއް ކޮޅުން އަނެއް ކޮޅަށް ކެނޯއެއް ފަދަ އެއްޗެއްގައި ދުއްވާލާފައި ދާތަނެވެ.
ސަމީހާ ވިދާޅުވީ ބައެއް ހިސާބުތަކުގައި ކެނޯ ފަދަ ތަކެތި ދުއްވޭނެ ކަމަށާއި އެކަމަކު އެންމެ ރަނގަޅަށް އެތަން ބޭނުން ކުރެވޭނީ ވަކިވަރަކަށް ވުރެ ފުންވުމުން ކަމަށެވެ. އެކަން ކުރެވޭނީ ކުޅި ކޮނެގެންނެވެ. އެކަމަކު އޭގެ ސަބަބުން ދެން ތިމާވެއްޓަށް އަންނާނެ ބަދަލުތައް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"ދެން އަނެއް ކަމަކީ ހޫނު ގަދަ ދުވަސްވަރެއްގައި މި ކުޅި ހިކޭނެ. އޮންނާނީ ހަމަ ހިކި ހަރުވެފައި. އެހެންވީމައި، އެ ފަދަ ގޮތަކަށް ވެސް މިތަން ބޭނުމެއް ނުކުރެވޭނެ ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.
އެކަމަކު މި ރަށުގެ ބައެއް މީހުންގެ ނަޒަރުގައި މިއަށް ވުރެ ރަނގަޅަށް ކުޅީގެ ބޭނުން ހިފިދާނެ އެވެ. އެތަނުގައި ޓޫރިޒަމް ޕްރޮމޯޓް ކުރެވިދާނެ އެވެ. ސޫފިލަނޑާ އާއި ޑިނގާ އާލާކުރުން ފަދަ ކަންކަން ވެސް ކުރެވިދާނެ އެވެ.
ކޮންމެއަކަސް މި ވާހަކަތައް ދައްކައި ބަހުސް ކުރަމުން ދެން އަހަރެމެން މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ރަށުގެ މި ގުދުރަތީ ރީތި ބޮޑު ކުޅި، އެ ރަށުގެ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ފެނި އެ ހިޔާލުގަ އެވެ. ގޭދޮށަށް އާދެވުނު އިރު ހައެއް ޖަހަން ކައިރިވެއްޖެ އެވެ. ގަޑިއަކު 200 ރުފިޔާއަށް މޫސަބޭ ކޮށްދިން އެ ދަތުރުގެ އަގަށް 400 ރުފިޔާ ދެއްކުމަށް ފަހު އަހަރެމެން ގޭތެރެއަށް ވަނީ ހިތްހަމަޖެހިގެންނެވެ.
ކޮމެންޓް (1)
ލިޔުންތެރިޔާ