ނަފްހާ އާސިމް

ފުޑް

ނަފްހާ މި ކިޔައިދެނީ ބިސް ކަޓްލަސް ހަދާނެ އެހެން ގޮތެއް

ދިވެހިންގެ މެދުގައި މަގުބޫލު މި ހެދިކާގެ މި ރެސިޕީގައި މަސްގަނޑު ތައްޔާރުކުރާ ގޮތް ތަފާތު
26 މާރިޗު 2024

ނަފްހާ އާސިމް ސޯޝަލް މީޑީއާގައި ގިނަ ފަހަރަށް ގެނެސްދެނީ ދިރިއުޅުން ފަސޭހަކޮށްލާނެ ކޮންމެވެސް ކަހަލަ ލުއި މައުލޫމާތުކޮޅެކެވެ. ބައެއް ފަހަރު ދަތުރެއް ދާން ފޮށި ޕެކްކޮށްލާނެ މޮޅު ގޮތެކެވެ. އަނެއް ބައި ފަހަރު ރެސިޕީ އެކެވެ.

 ސޯޝަލް މީޑިއާ ހާވާލާ އިރު ފެންނަ މިފަދަ މައުލޫމާތާ އެއްގޮތަށް އަހަރެމެން ދިރިއުޅުން ބައްޓަން ކުރާ ނަމަ، ދިރިއުޅުން ފަސޭހަވެ އެވެ. ވަގުތުތަކެއް ސަލާމާތްވެ އެވެ. އާ ކަންކަން ދަސް ވެސް ވެ އެވެ.

އެންވަޔަރްމެންޓަލް ސައިންޓިސްޓެއް އަދި މެރިން ބަޔޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ 27 އަހަރުގެ ނަފްހާގެ ރަސްމީ މަސަައްކަތަކީ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތްތައް އިހްތިޔާރު ކުރުމަށް ކޮންސަލްޓަންސީ ދިނުމެވެ. ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމާއި ޕްލާސްޓިކާ ދުރުވުން ފަދަ ކަންކަން ކުރާނެ ގޮތްތައް ކިޔައިދީ، ތިމާވެއްޓާ ގުޅޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އޭނާ ހިންގަ އެވެ.

ކެއްކުމަށާއި ވީޑިއޯ ކޮންޓެންޓް އުފެއްދުމަށް ލޯބިކުރާ ނަފްހާ މި ރޯދަމަހު އަމާޒު ހިފީ ކޮންމެވެސް ކާ އެއްޗެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެއް، ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށެވެ. މިއީ އޭނާގެ މަންމަ ނުވަތަ އާއިލާގެ މީހެއްގެ ފަރާތުން ދަސްކުރާ ރެސިޕީތަކެކެވެ. ބައެއް ފަހަރަށް އެއަށް ކޮންމެވެސް ބަދަލެއް އޭނާ ގެނެ އެވެ.

މިފަހަރު މިއޮތީ ދިވެހިންގެ ގިނަ ބަޔަކަށް ކަމުދާ ހެދިކާގެ ބާވަތެއް ކަމުގައިވާ ބިސް ކަޓްލަސް ހެދުމަށް، ނަފްހާގެ ރެސިޕީ އެކެވެ. އާއްމުކޮށް އަހަރެމެން ކަޓްލަސް ހަދާ އިރު ފިޔާގަނޑެއް މީރެއް ނުކުރެ އެވެ. އެކަމަކު މި ރެސިޕީ ތަފާތު ވަނީ ފިޔާ މީރުކޮށްގެން ކަޓްލަސް މަސްގަނޑު ތައްޔާރު ކުރާތީ އެވެ.

ބިސް ކަޓްލަސް އަކީ ދިވެހިން ގަޔާވާ ހެދިކާގެ ބާވަތެއް

ބިސް ކަޓްލަސް ރެސިޕީ 

މަސްގަނޑު މޮޑެން ބޭނުންވާ ތަކެތި

  • 1 ފިޔާ

  • 1/2 މިރުސް

  • 1/2 ސައިސަމުސާ ލޮނު

  • 1/2 ސައިސަމުސާ އަސޭމިރުސް

  • 1 ދަޅު މަސް

  • މެދު ސައިޒުގެ 3 އަލުވި

ސްޓާފްރައި ހެދުމަށް

  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

  • 1/2 ފިޔާ

  • 1/3 މިރުސް

  • 2 ރާނބާފަތް ކޮޅު

  • 8 ހިކަނދިފަތް

  • 1 ސައިސަމުސާ ލޮނުމެދު

ކަޓްލަސް ހެދުމަށް

  • 5 ބިސް ފެނު ކައްކާފައި

  • 1 ބިސް

  • 1 މޭޒުމަތީ ސަމުސާ ފުށް، ބިހަށް އެޅުމަށް

  • 1 ޖޯޑު ކުނޑި ފާރޮށި

ތައްޔާރު ކުރާނެ ގޮތް

ކަޓްލަސް ތައްޔާރު ކުރަނީ
ކަޓްލަސް ތެލުލަން ތައްޔާރުކޮށްފައި
  • 1-

     ފިޔާ، މިރުސް، ލޮނު، އަސޭމިރުސް އަދި މަސް ބޯތައްޓަކަށް އަޅައި ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު ލުނބޯހުތް އަޅައި، ޗިސްކޮށްފައިވާ އަލުވިއާ އެކު ރަނގަޅަށް މޮޑެލާށެވެ.

  • 2-

    ތަވާގައި އޮލިވް އޮއިލް ފޮދެއް ހޫނުކޮށްފައި ފިޔާ، މިރުސް، ރާނބާފަތް، ހިކަނދިފަތް އަދި ލޮނުމެދުކޮޅު މީރުކުރާށެވެ.

  • 3-

    ފިޔާގަނޑު މީރުވީމާ، މޮޑުނު މަސްގަނޑު މިއަށް އަޅާށެވެ. ބޭނުން ނަމަ ޗީޒް ވެސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

  • 4-

    މަސްގަނޑު މިހާރު އެހެރީ ކަޓްލަސް ހެދުމަށް ތައްޔާރުވެފަ އެވެ. ގުޅަޖަހާފައި ކެއްކި ބިސް ލުމަށް ފަހު ދިގަށް ބައްޓަން ކުރާށެވެ.

  • 5-

    ބޯތައްޓެއްގައި ބިސް ގިރާލުމަށް ފަހު އެއަށް ފުށްކޮޅު އަޅާފައި އެއްކޮށްލާށެވެ. ފުށްކޮޅެއް އެޅުމުގެ ބޭނުމަކީ ކަޓްލަސް މުރަނަކުރުމެވެ. އެއަށް ފަހު، ގުޅަޖަހާފައި ހުރި ކަޓްލަހުގެ ބޭރުގައި ބިސް ލުމަށް ފަހު ފާރޮށި ކުނޑި ލާފައި ތެލުލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް