އާމިނަތު ދީމާ ހާމިދު ތައްޔާރުކޮށްފައިވާ ޕިއްޒާ ރޯލްސް
ޕިއްޒާ ރޯލްސް: މި ރެސިޕީ ކިޔައިދެނީ 'ފުޑް ޑީވާ' ދީމާ
ކެއުމާއި ކާނާ އިން މީހުން ގުޅުވައިދީ އެއްބައިވަންތަކޮށްދެ އެވެ. އެކީގައި ކެއުން، ކައްކާ ބާވަތްތަކުގެ ރެސިޕީ ބަދަލު ކުރުން އަދި މީރު ކެއުމެއް ލޯބިވާ މީހަކަށް ދިނުން ފަދަ ކަންކަން މިއީ ހުސް ކާނާއާ ގުޅިފައިވާ، އެކަކު އަނެކަކާ ގުޅުން ބަދަހި ކޮށްދޭ ކަންކަމެވެ.
އަހަރެމެން ގުޅުން ބަދަހި ކުރަން މިހާރު ބޭނުން ކުރަނީ ސޯޝަލް މީޑިއާ އެވެ. ރެސިޕީތައް ވެސް ހިއްސާ ކުރަނީ އޭގަ އެވެ.
'ފުޑް ޑީވާ'ގެ ގޮތުގައި އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދާފައިވާ 29 އަހަރުގެ އާމިނަތު ދީމާ ހާމިދު އަކީ ކެއްކުމަށް ޝައުގުވެރިވާ ޒުވާނެކެވެ. ދީމާ ކައްކާ އެކި ބާވަތްތަކުގެ ރެސިޕީތަކާއި ކެއުމާއި ކާނާގެ ފޯރި އާއްމުންނަށް ދައްކާލަ އެވެ.
މިހާތަނަށް 1،000 ވުރެ ގިނަ ޕޯސްޓް ޝާއިއުކޮށްފައިވާ ދީމާގެ އެކައުންޓަށް ގިނަ ބައެއްގެ ލޯ ވަނީ ހުއްޓިފަ އެވެ. އޭނާގެ 20،000އާ ގާތް ކުރާ އަދަދަކަށް ފޮލޮވަރުން އެބަ ތިއްބެވެ.
އެކި ބާވަތްތަކުގެ ކެއުން ފޮޓޯ ނަގައި ޑޮކިއުމަންޓް ކުރަން ފެށި ގޮޮތާ ގުޅޭ ގޮތުން ދީމާ ބުނީ އާއިލާގެ ތެރޭގައި އޭނާ އަކީ އޭނާގެ މަންމަގެ އެންމެ ދޮށްޓަށް ހުންނަ އަންހެންކުއްޖާ ކަމުން ރޯދަމަހު ކޮންމެވެސް ފޮނިކާ އެއްޗެއް ހެދުމަށް އޭނާއާ ސްކޫލް ދައުރުން ފެށިގެން މަންމަ ހަވާލު ކުރާ ކަމަށެވެ.
މި ޒިންމާގެ އިތުރުން އޭނާއަށް ހާއްސަ ރެސިޕީ ފޮތެއް މަންމަ ދިނުމަކީ ވެސް ކެއްކުމަށް ދީމާގެ ޝައުގުވެރިކަން އިތުރުވި ކަމެކެވެ. މީގެ އިތުރުން ދީމާ ފާހަގަ ކުރީ އޭނާގެ މަންމައަކީ މޮޅަށް ކައްކާ މީހެއް ކަމުން މި ހުނަރު މަންމަގެ ފަރާތުން އޭނާއަށް ކޮންމެވެސް ވަރަކަށް ދަސްވެފައިވާ ކަމެވެ.
ދީމާ އޭނާގެ ރެސިޕީތަކުގެ ތެރެއިން 'ދައުރު'ގެ ކިޔުންތެރިންނަށް މި ހަދިޔާ ކުރަނީ އޭނާ އަދި އިންސްޓަގްރާމްގައި އާއްމުނުކުރާ ޕިއްޒާ ރޯލްސްގެ ރެސިޕީ އެކެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ހާއްސަކޮށް ކުޑަކުދިން ގަޔާވާނެ ކަހަލަ ރެސިޕީ އެކެވެ.
ބޭނުންވާ ތަކެތި
ޕިއްޒާ ފުށްގަނޑު ހެދުމަށް
-
1 ޖޯޑު ފުށް
-
1/2 މޭޒުމަތީ ސަމުސާ ޔީސްޓް
-
1/2 މޭޒުމަތީ ސަމުސާ ހަކުރު
-
1 މޭޒުމަތީ ސަމުސާ ހިކި ކިރު
-
1 މޭޒުމަަތީ ސަމުސާ މާޖިރީން
-
1/2 ޖޯޑާއި 3/4 ޖޯޑާ ދެމެދުގެ މިންވަރަކަށް ހޫނު ފެން
ޕިއްޒާ ފިލިން ހެދުމަށް
-
ޕެޕެރޯނީ ސްލައިސަސް
-
3-4 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް
-
2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
-
ތާޒާ ނުވަތަ ހިކި ޕާސްލީ
-
1.5 ޖޯޑު މޮޒެރެއްލާ ޗީޒް
ތައްޔާރު ކުރާނެ ގޮތް
ފުށްގަނޑަށް ބޭނުންވާ ހުރިހާ ހިކި ބާވަތްތައް ހިކި ބޯތައްޓެއްގެ ތެރެއަށް އަޅާށެވެ. އެންމެ ފުރަތަމަ އެއްކުރަނީ ހިކި ބާވަތްތަކެވެ. ދެން ތެތް ބާވަތްތައް އަޅައި 2-3 މިނެޓު ވަންދެން ފުށްގަނޑު މޮޑެލާށެވެ.
ފުށްގަނޑު ރަނގަޅަށް މޮޑެވުނީމަ، އެހެން ބޯތައްޓެއްގައި ތެޔޮ ފޮދެއް ނުވަތަ މާޖިރީންކޮޅެއް ލާފައި އޭގެ ތެރޭގައިި ފުށްގަނޑު ފުފެންދެން މަތި ޖަހާފައި ބާއްވާށެވެ. މިގޮތަށް މަދުވެގެން 15 މިނެޓު ބާއްވަން ވާނެ އެވެ.
ފުށްގަނޑު ފުފިލީމާ، އަދި އެއް ފަހަރު މިނެޓެއްހާ އިރު ވަންދެން އޭތި މޮޑެލާށެވެ. އެއަށް ފަހު ދިގު އަކައެއްގެ (ރެކްޓޭންގަލް) ބައްޓަމަށް ފުށްގަނޑު ބައްޓަން ކޮށްލާށެވެ.
ޗިލީ ސޯސް އާއި ޕިއްޒާ ސޯސް ފުށްގަނޑުގައި ސަމުސަލަކުން ހާކާށެވެ. ދެން އޭގެ މައްޗަށް ޕެޕެރޯނީ އާއި މޮޒެރެއްލާ ޗީޒް އަޅާށެވެ. އެއަށް ފަހު ރޯލެއް ހެން ފުށްގަނޑު އެއްކޮޅުން އޮޅާލާށެވެ. މިހާރު ފިލިން ހުންނަންވާނީ ފުށްގަނޑުގެ އެތެރޭގަ އެވެ. އަދި މިހާރު ފުށްގަނޑު އޮންނަންވާނީ ފޮޓޯ އިން އެ ފެންނަ ގޮތަށް ބޮޑު ރޯލްއެއް ހެންނެވެ.
އެއަށް ފަހު ވަޅިއަކުން ފުށްގަނޑު ފޮތިފޮތިކޮށްލާށެވެ. ޕެޕެރޯނީ މައްޗަށް ވާ ގޮތަށް ބޭކިން ޓްރޭއެއްގައި ރީތިކޮށް އަތުރާލާށެވެ. އަދި އޭގެ މައްޗަށް ޕާސްލީ އަޅާށެވެ.
މިގޮތަށް ބެހެއްޓުމަށް ފަހު އަވަނަށް ލައިގެން 150 ޑިގްރީ ސެލްސިއަސްގައި 12 ނުވަތަ 15 މިނިޓު ވަންދެން ފިހާށެވެ.