ކުޑަކުދިންނަށް އަމާޒުކޮށްގެން މި މަހު ނެރެފައިވާ 'ރީތި ރަށް' އަދި 'ފީކޯތް'
'ފީކޯތް' އަދި 'ރީތި ރަށް': ކުޑަކުދިންނަށް ކަމުދާނެ އާ ދެ ފޮތް
ކުޑަކުދިންނަށް ދިވެހި ބަހުން ފޮތް ލިޔެ ނެރޭ މީހުންގެ މަސައްކަތް ފާހަގަ ކުރަންޖެހެ އެވެ. މި ޖީލުގެ ކުދިންނާ ގުޅޭ އަދި އެ ކުދިން ޝައުގުވެރިވާ ގޮތަށް ފޮތް ނެރޭތީ އެވެ. އަހަރެމެންގެ ދަރިން ދިވެހި ބަހަށް ކޮށިވެފައިވާ އިރު އެކަން ބަދަލު ކުރަން އެހީވެދެނީ މި ލިޔުންތެރިންނެވެ.
މި ފޮތްތަކުން ކުދިންގެ ބަސްކޮށާރު މުއްސަނދިކޮށްދީ ދިވެހި ބަހަށް ލޯބި ކުރަން ދަސްކޮށްދެ އެވެ. ދިވެހި ބަހަކީ މިހާރުގެ ކުދިންނަށް ބީރައްޓެހި އެއްޗެއްގެ ގޮތުގައި އޮތުން ބަދަލުކޮށް، އެކުދިން ވާހަކަ ދެއްކުމާއި ލިޔުމުގައި އިސްކަންދޭ ބަހަކީ މާދަރީ ބަސް ކަމަށް ހެދުމަށް ޒުވާން ލިޔުންތެރިން މި ކުރަނީ ބުރަ މަސައްކަތެެކެވެ.
ލައިޒާ އިމާދު އަކީ އއ. އުކުޅަހުގައި ދިރިއުޅޭ ޒުވާން މަންމަ އެކެވެ. ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްްލޭންޑް އިން ގާނޫނީ ދާއިރާ އިން ކިޔަވައިގެން ވަޒީފާ އަދާކުރަމުން އަންނަ ވަކީލެކެވެ. މި މަސައްކަތުގެ އިތުރުން އޭނާ އަކީ ކުޑަކުދިންގެ ފޮތް ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ތިން ފޮތެއް ނެރެފަ އެވެ.
ލައިޒާގެ ފުރަތަމަ ފޮތް 'ބައްޕަގެ ލޯބިވާ ދަރިފުޅު' އަކީ ދަރިފުޅު ދުނިޔެއަށް އަންނަ ހަބަރު ލިބުމާ އެކު ބައްޕައަކަށް ކުރެވޭ އިހްސާސްތަކާއި ބައްޕައެއްގެ ލޯބި ކިޔައިދޭ ފޮތެކެވެ.
ލައިޒާ ބުނި ގޮތުގައި މި ފޮތުގެ އިންސްޕިރޭޝަން އަކީ އޭނާގެ ބައްޕަ އިމާދު ހާލިދު އެވެ. މަރުހޫމް ބައްޕަގެ ހަނދާނުގައި ނެރުނު ފޮތް ބިނާކޮށްފައިވަނީ އޭނާ ބައްޕައާ އެކު ކުޑަ އިރު ހޭދަ ކުރި ވަގުތުގެ މައްޗަށެވެ.
މި ފޮތް އޭނާއަށް ހާއްސަ އެވެ.
"ވަރަށް ގިނައިން އަޅުގަނޑުމެންނަށް ފެނޭ މަންމަމެންނާ ގުޅޭ ފޮތްތައް. އެހެން ނޫން ނަމަ މަންމަގެ ލޯތްބާ ގުޅޭ ފޮތްތައް. ބައްޕަގެ ލޯތްބާ ގުޅޭގޮތުން މިފަދަ ނަޒަރަކުން އެކުލަވާލާފައިވާ ފުރަތަމަ ފޮތް ކަމުގައި މި ފޮތް ވުން އެކަށީގެންވޭ. ގިނަ މީހުން ބުނޭ އެހެން،" ލައިޒާ ބުންޏެވެ.
އޭނާގެ ދެވަނަ ފޮތް 'ހުކުރު ދުވަސް'ގައި ގެނެސްދީފައިވަނީ މުސްލިމުންނަށް ހުކުރު ދުވަސް މުހިއްމުވެ ހާއްސަވާ ސަބަބުތަކެވެ.
ލައިޒާގެ 'ރީތި ރަށް'
ލައިޒާ ވަނީ 'ރީތި ރަށް' ނަމުގައި މި މަހު އާ ފޮތެއް ޝާއިއު ކޮށްފަ އެވެ. އޭނާ ބުނިގޮތުގައި މި ފޮތުގެ މަގުސަދަކީ ރާއްޖޭގެ ގުދުރަތީ މާހައުލުން ފެންނަ ތަފާތު އެއްޗެހީގެ ނަން ކުދިންނަށް ބުނެދީ، ރާއްޖޭގެ ރީތި ޖަޒީރާ ރަށްތަކަށް އޮންނަ ލޯބި އިތުުރު ކުރުމެވެ.
ލައިޒާ އޭނާގެ ދަރިފުޅަށް 1 އަހަރުގައި 2021 ވަނަ އަހަރު މި ފޮތް ލިޔަން ފެށީ ދަރިފުޅަށް އެފަދަ އެއްޗެހި ދައްކައި އެ އެއްޗެހީގެ ނަން ކިޔައިދޭން ފެށި ދުވަސްވަރު އެވެ.
"ހިތަށް އެރީ މުހިއްމު ކަމެކޭ ރާއްޖޭގެ މާހައުލުން ފެންނަ ތަކެތި ފޮތެއްގެ ސިފައިގައި އޮތުމަކީ،" ލައިޒާ ބުންޏެވެ.
ފޮތުގައި ހިމެނެނީ ރާއްޖެއިން ފެންނަ ގަސް، ތަރުކާރީ، މޭވާ، މާމެލާމެލި، ޖަނަވާރު، ދޫނިސޫފާސޫފި އަދި މޫދާއި ގޮނޑުދޮށުން ފެންނަ އެއްޗެއްސެވެ.
ފޮތުގެ ކުރެހުންތައް ތައްޔާރުކޮށްފައިވަނީ އާމިނަތު ޝަހީދާ އަލީ އެވެ.
ލައިޒާ ދެކޭ ގޮތުގައި މިފަދަ ފޮތެއް ކޮންމެހެން މުހިއްމެވެ. ސަބަބަކީ ކުޑަކުދިންނަށް ދުވަހީ ގޮތެއްގައި ގުދުރަތީ މާހައުލުން ފެންނަ ތަކެތި ވަކި ކުރަން އެނގެންޖެހެ އެވެ.
"ކުދިންނަށް އާއްމުކޮށް ފެންނަ މަލާއި ގަސްގަހުގެ ނަންތައް ފޮތުން ފެނުނީމަ އެ ކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަން ގާތުން ފެނިފައިވޭ،" ލައިޒާ ބުންޏެވެ.
"މި ފޮތުގައި ހިމަނާފައިވާ ބާވަތްތައް އެއީ ހުރިހާ ރަށެއްގައި ހެން ފެންނާނެ އެއްޗެހި."
ލައިޒާ ބުނިގޮތުގައި އޭނާ ދެން އެންމެ އަވަހަށް ނެރޭނީ އިސްލާމްދީނާ ގުޅޭ ކަންކަން ކުދިންނަށް ބުނެދޭ ދެ ފޮތެކެވެ.
އައިމިނަތު މަފްތޫހާގެ 'ފީކޯތް'
އަމިއްލަ ބްރޭންޑް 'މާހީމާހީ'ގެ ދަށުން އައިމިނަތު މަފްތޫހާ 2019ގައި ނެރުނު 'ކޮބާ؟ ކޮބާ؟ ދޮންކަލޯ ދޫނި ކޮބާ؟' އަކީ ކުޑަކުދިންގެ މެދުގައި ބޮޑު ހިޓެކެވެ. ދޮންކަލޯ ދޫނީގެ ސިފައަށް އުފަންދުވަހުގެ ކޭކާއި ކުކީސް ހެދުމަކީ މިކަމުގެ ހެއްކެކެވެ.
އާއިޝަތު އަައިމާ މުސްތަފާ ކުރަހާފައިވާ 'ދޮންކަލޯ ދޫނި' ފޮތުގައި އުޅެނީ ހަލަނި ފިޔޮކެކެވެ. މި ފޮތް ކުޑަކުދިންގެ މެދުގައި ހޯދާފައިވާ މަގުބޫލުކަމާ އެކު، މަފްތޫހާ ވަނީ ކަނބީގެ ނަމުގައި ދޮންކަލޯ ދޫނީގެ ކޮއްކޮ ތައާރަފްކޮށް، 'ފީކޯތް'ގެ ނަމުގައި މި މަހު އާ ފޮތެއް ނެރެފަ އެވެ.
މި ފޮތުގެ ހާއްސަކަމަކީ ތުއްތު ކުދިންނަށް އަމާޒުކޮށްގެން އީޖާދީ ގޮތްތަކެއް ހިމަނާފައި ހުރުމެވެ. ބައެއް ގަނޑުތައް ހަދާފައިވަނީ އެތެރެ ފެންނަ ގޮތަށް ރަބަރުންނެވެ. ފޮތް ކިޔާއިރު ކުދިންނަށް ކަނބީއާ އެކު ފީކޯތް ކުޅެވޭނެ އެވެ.
އާއްމުކޮށް މިފަދަ ފޮތްތައް ހުންނަނީ 'ލިފްޓް ދަ ފްލެޕް' ގޮތަށް ޑިޒައިންކޮށްފައި ކަމުގައި ވިޔަސް މި ފޮތް އެއާ ތަފާތެވެ. ކުޑަކުދިން އަތުން ވީދައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުން، ރަބަރުން ހަދައި ފޮތުގެ އެހެން ގަނޑުތަކާ އެކު ފަހާފައިވާ ކަމަށް މަފްތޫހާ ބުންޏެވެ.
"ފޮތް އަމާޒުކޮށްފައިވަނީ ވަރަށް ތުއްތު އުމުރުފުރައިގެ ކުދިންނަށް. ދިވެހި ބަހުން އެކި ކުލަތަކަށް ކިޔާ ނަންތައް ވެސް ބުނެދީފައި ހުންނާނެ،" މަފްތޫހާ ބުންޏެވެ.
މަފްތޫހާ މިހާތަނަށް ތުއްތު ކުދިންނަށް އަމާޒުކޮށްގެން 12 ފޮތެއް ލިޔެފައިވެ އެވެ. އާ ގޮތަކަށް ފޮތެއް ނެރުމާ ގުޅޭ ގޮތުން މަފްތޫހާ ބުނިގޮތުގައި ކުދިން ދިވެހި ބަހަށް ލޯބި ޖައްސަން އޭނާ ބޭނުންވަނީ އިނގިރޭސި ފޮތް ހުންނަ ފެންވަރަށް ފޮތް އުފައްދާށެވެ.
"ދިވެހި ބަހުން ނެރޭ ފޮތްތަކަކީ ކުދިން ޝައުގުވެރިވާ، [އިނގިރޭސި ބަހުގެ ފޮތްތަކާ] ވާދަކޮށްލެވޭ ފޮތްތަކެއްގެ ގޮތުގައި ހުރުން އެއީ މުހިއްމު ކަމެއް،" މަފްތޫހާ ބުންޏެވެ.
މި ލިޔުންތެރިން މި ދަނީ، ރާއްޖޭގައި ފޮތް ޗާޕުކޮށް ނެރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެކު ވެސް، ދިވެހި ފޮތްތައް އުފައްދަމުންނެވެ. އެމީހުންގެ ފޮތްތައް ޝައުގުވެރި އެވެ. ތަފާތު އާ ގޮތްތައް ފޮތުގައި އެ ދަނީ ހިމަނަމުންނެވެ. މަގުސަދަކީ ކުޑަކުދިންގެ މެދުގައި ދިވެހި ބަހަށް ލޯބި އަށަގެންނެވުމެވެ.
ކޮމެންޓް (1)
ސައީދު