ޕާކިސްތާނުގެ ލާހޫރުގައި ބޭއްވި ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕްގައި ވަނަ ހާސިލް ކުރި ދިވެހި ޝެފުން
ދިވެހި ޝެފުން ޕާކިސްތާނުގައި ފަހުރުވެރި ވަނަތަކެއް ހޯދައިފި
ޕާކިސްތާނުގެ ލާހޫރުގައި މި މަހު 13 އިން 15 އަށް އޮތް ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕްގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި ޝެފުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.
މިއީ ޕާކިސްތާނުގެ ޝެފުންގެ ޖަމިއްޔާ، ޝެފްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި ދިވެހި ޝެފުން ހޯދި ވަނަތައް:
ޝެފް އިސްމާއިލް ތަހުސީން
-
ގޯލްޑް މެޑަލް: ބީފް ލައިވް ކުކިން
-
ގޯލްޑް މެޑަލް: ޗިކަން ލައިވް ކުކިން
-
ސިލްވާ މެޑަލް: ސީފުޑް ލައިވް ކުކިން
ޝެފް އަޖުވަދު އަބްދުލްވައްހާބު
-
ގޯލްޑް މެޑަލް: ބީފް ލައިވް ކުކިން
-
ގޯލްޑް މެޑަލް: ސީފުޑް ލައިވް ކުކިން
-
ސިލްވާ މެޑަލް: ޗިކަން ލައިވް ކުކިން
ޝެފް އާއިޝަތު ރަޝްފާ އަހުމަދު
-
ސިލްވާ މެޑަލް: ބީފް ލައިވް ކުކިން
ޝެފް މަރިޔަމް ޝަފާނާ
ސިލްވާ މެޑަލް: ޑްރެސް ދަ ކޭކް
މީގެ އިތުރުން ތަހުސީން، އަޖުވަދު އަދި ރަޝްފާ ވަނީ ހަތަރު ކޯސް ގޯމޭ މެނޫ ތައްޔާރު ކުރުމުގެ ޓީމް ޗެލެންޖްގައި ބައިވެރިވެ މުޅި މުބާރާތުން އެންމެ މަތީ މާކްސްއާ އެކު ރަން މެޑަލް ހޯދާފަ އެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތް ކުރާ ޝެފުން ތަމްސީލު ކުރުމަށް 2014 އިން ފެެށިގެން ހަދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ ރާއްޖޭގެ ކަލިނަރީ ފަންނު ކުރިއެރުވުމެވެ.
"މިއީ ރާއްޖޭގެ ޝެފުންތަކެއް ގުރޫޕްކޮށް ބައިވެރިވެގެން އިންޓަނޭޝަނަލް ކަލިނަރީ ޗެމްޕިއަންޝިޕެއްގެ އެންމެ މަތިން މާކްސް ހޯދައި ގޯލްޑް މެޑަލް ހޯދި ފުރަތަމަ ފަހަރު،" ޝެފްސް ގިލްޑްގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލެއް ވިދާޅުވި އެވެ.
ޝެފްސް ގިލްޑްގެ އަމާޒަކީ ދިވެހި ޝެފުންނަށް އެމީހުންގެ ހުނަރުތައް ދައްކާލައި ހުނަރުވެރިކަން އިތުރުކުރުމަށް ފުރުސަތުތައް ހޯދާދިނުން ކަމުގައި އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.
މި މުބާރާތުގައި ޖަޖް ކުރުމަށް ދިވެހި ތިން ޝެފެއް ބައިވެރިވި އެވެ. އެއީ ވޯލްޑް ޝެފްސް ސެޓިފައިޑް ކޮންޓިނެންޓަލް ޖަޖުން ކަމުގައިވާ ފާތިމަތު އުމަރު އާއި މުހައްމަދު އަބްދުﷲ އަދި ރުކީ ޖަޖް ޝިހާމާ ޝަފީއު އެވެ.