ޓީއެފްޖީގެ 'ނައު ހައު' ޕްރޮގްރާމްގެ އަމާޒަކީ ކަސްރަތު ކުރުމަށް މީހުން ހިތްޖެއްސުން. ޖިމްގެ ދެ ފައުންޑަރުން އެ މީހުންގެ ތަޖުރިބާތައް ބައިވެރިންނަށް ކިޔައިދޭ

ކަސްރަތަކީ ނޭރޭހާ އުސް ފަރުބަދައެއްތަ؟ ޖަވާބު ދޭނީ ޒިނާން އާއި މިސްތާހު

ޓީއެފްޖީގެ ދެ ޕާޓްނަރުން މިހާރު އަންނަނީ ކަސްރަތު ކުރަންވީ ކީއްވެގެންކަމާއި ކަސްރަތުގައި ދެމިހުންނަން ހަދާނީ ކިހިނެއްކަން އަމިއްލަ ތަޖުރިބާގެ އަލީގައި ކިޔައިދެމުން

ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ)ގެ 'ނައު ހައު' ތަފާތުކަން އިނގުނީ މި ޕްރޮގްރާމްގައި ބައިވެރިވެ ތަޖުރިބާކޮށްލުމުންނެވެ. 

ޓީއެފްޖީގައި ހަ ގަޑި އިރު ހޭދަކުރަންޖެހޭ ޕްރޮގްރާމަށް ނަން ނޯޓު ކުރުމާ އެކު ދިނީ އިރުޝާދެކެވެ. ސައި ބޮއެގެން ދެ ގަޑި އިރު ހުސްބަނޑާ ހުރެ އައުމަށެވެ. ސަބަބަކީ އެންމެ ފުރަތަމަ ހަދަނީ މީހާގެ ފިޓްނަސް ހުރި މިިންވަރުު ބެލުމުގެ ޓެސްޓެކެވެ.

ޓެސްޓަށް ފަހު، ތަނަވަސް ލޮކާ ރޫމަށް ވަދެ ޖިމް ބޫޓަށް އެރީމެވެ. ދުވަހުގެ ފުރަތަމަ 'ޓޯކް' ފެށި އެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ކަސްރަތު ކުރުމަށް އެންމެ ބޮޑު ހުރަހަކީ ވަގުތު ނުލިބުމެވެ. ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވިގޮތުގައި ކިތަންމެ ގިނަ ބަޔަކު ކައިރީ އެހިޔަސް ދޭ ޖަވާބަކީ މިއީ އެވެ.

'ނައު ހައު'އާ އެކު ޓީއެފްޖީގެ މަގުސަދަކީ ކަސްރަތަށް މީހުން ހޭލިތެރިކޮށް ކަސްރަތު ކުރަން ހިތްޖެއްސުމެވެ. ކަސްރަތުގެ މުހިއްމުކަން ބުނެދިނުމެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް މީހާ ހޭލައްވާލުމެވެ.

ޓީއެފްޖީގެ 'ނައު ހައު' ޕްރޮގްރާމް ކުރިއަށް ގެންދަނީ

ޓީއެފްޖީގެ 'ޑްރީމް ބިގް' ސްުޓޫޑިއޯގައި ކޮންމެ ހޮނިހިރެއްގައި ކުރިއަށްގެންދާ 'ނައު ހައު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިނާން ފާހަގަކުރެއްވިގޮތުގައި ކަސްރަތު ކުރަން ފަށަންވީ ވަގުތަަކީ "މިހާރު" އެވެ. ޕްރޮގްރާމްގައި އޭނާ ކިޔައިދެއްވަނީ އޭގެ ސަބަބުތަކެވެ. އެއީ:

  • 1-

    ސިއްހީ މައްސަލަތަކާ ދުރުވުން

  • 2-

    ސިކުނޑި މަސައްކަތް ކުރާ ގޮތް ރަނގަޅުވުން

  • 3-

    މީހާގެ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވުން

  • 4-

    މީހާ ޑިސިޕްލިންވެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވުން

އަހަރެން ޖިމް ހެދުމުގައި މި އިނީ ޒިނާންގެ މި ވާހަކަ އަޑުއަހަން ކަސްރަތު ބެންޗެއްގައި އިށީނދެގެންނެވެ. އޭނާ އެ ވިދާޅުވާ މީހުންގެ ތެރެއަށް އަހަރެން ފެތެ އެވެ. ވަގުތު ނެތް މީހުންގެ ގުރޫޕަށެވެ. ކަސްރަތު ކުރުމުގައި ދެމިނުހުރެވޭ ގުރޫޕަށެވެ. 

މީހުން ލައްވާ ކަސްރަތު ކުރުވުމަށް މަސައްކަތް ކުރައްވާތާ 29 އަހަރު ވެފައިވާ ޒިނާން ފާހަގަކުރެއްވިގޮތުގައި ކަސްރަތާ ދުރު ނަމަ އެންމެ އާއްމުކޮށް ކުރިމަތިވަނީ ލޭ ދައުރުވާ ނިޒާމްގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މައްޗަށް ދިޔުން ހިމެނެ އެވެ. ޒިނާންގެ ޕްރެޒެންޓޭޝަނުގައި ދައްކާލެއްވި ތަފާސްހިސާބުތައް ބުނާ ގޮތުން ރާއްޖޭގައި 39،000 މީހުންގެ ޓައިޕް 2 ހަކުރުބަލި ހުރެ އެވެ. 

މިކަން މިހެން އޮތް އިރު ވެސް، ކަސްރަތާ މީހުން ދުރުވަނީ، ޒިނާން ދެކެވަޑައިގަންނަވާ ގޮތުގައި، ކަސްރަތަކީ ވޭނެއް ކަމުގައި ދެކޭތީ އެވެ. މާ ބޮޑު "ޖަނަވާރެއް" ނޫނިއްޔާ މާ "އުސް ފަރުބަދައެއް"ގެ ގޮތުގައި ކަސްރަތު ސިފަކުރާތީ އެވެ.

ނުވަތަ، ގިނަ މީހުން ކަސްރަތަށް ވަގުތު ނުހޯދަނީ ދަަލުން ތަތްތެޅުމުގެ ބަދަލުގައި އެއަށް ވުރެ މަޖާ އެހެން ކަންކަން ކުރުމަށް ވަގުތު ހުސްކޮށްލުމަށެވެ.

ޒިނާން ވަނީ މީހުން ލައްވާ ކަސްރަތު ކުރުވުމުގައި 29 އަހަރު މަސައްކަތް ކުރައްވާފައި

އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނާ ގޮތުގައި ކޮންމެ އިންސާނަކު ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަފްތާއަކު މަދުވެގެން ފަސް ދުވަހު 30 މިނެޓު ކަސްރަތަށް ހޭދަކުރަން ޖެހެ އެވެ.

ޒިނާން ވިދާޅުވީ ކަސްރަތު ކުރުމަކީ ވެސް މީހާގެ އަހުލާގުގެ ބައެއް ކަމަށެވެ. އެ އަހުލާގު އަށަގަންނާނީ އާދަވަންދެން އެކަން ކޮށްގެންނެވެ. ކަސްރަތު ކުރަން ދާހިތްވާ ދުވަހާއި ދާ ހިތްނުވާ ދުވަސްތައް އަންނާނެ އެވެ. އެކަމަކު ވެސް އެ ގަޑި ހުސްކުރަންވީ ބޭރަށް ނުކުތުމަށެވެ. ބޫޓަށް އެރުމަށެވެ. ނުވަތަ ޓްރެޑްމިލް ބޭނުން ކުރުމަަށެވެ. 

ޒިނާން ކަސްރަތު ކުލާހެއް ނަގައިދެއްވަނީ

 އަހަރެމެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކަސްރަތު ކޮންމެހެން ވާން ޖެހެ އެވެ. ޒިނާން ކަސްރަތު ސިފަކުރައްވަނީ އިންޝުއަރެންސެއްގެ ގޮތުގަ އެވެ.

"ބަލިވީމައެއް ނޫން ކަސްރަތު ކުރަންވީ. ބަލިން ދުރުވާން. އިންޝުއަރެންސް ވެސް ނަގަނީ [އެކަމެއް ދިމާވުމުގެ] ކުރިން،" ސާދާކޮށް ތިލަ އިބާރާތުން ޕްރެޒެންޓޭޝަން ނިންމާލައްވަމުން ޒިނާން ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި، ތަޖުރިބާ ކުރައްވާފައިވާ ކަންކަން، ކެއުން ބައްޓަން ކުރައްވާ ގޮތް ފަދަ ގިނަ ކަންތައްތަކެއް ޒިނާން ކިޔައިދެއްވި އެވެ. ދުޅަހެޔޮ ލައިފްސްޓައިލަކަށް ދަރިން ހިތްޖެއްސި ގޮތުގެ ތަޖުރިބާ ވެސް ހިއްސާކުރެއްވި އެވެ.

އެއަށް ފަހު ޕްރޮގްރާމްގައި ދެން ހަމަޖެހިފައި އޮތީ ކާޑިއޯވެސްކިއުލާ ކަސްރަތުތަކެއް ކުރުމެވެ. މި ކަސްރަތުތައް ޓީއެފްޖީގެ ތަޖުރިބާކާރު ޓްރެއިނަރަކާ އެކު ކުރިއަށް ގެންދިޔައިމެވެ. ތެދަށް ބުނަންޏާ އިހްސާސްވީ ހިތް އޮތީ ހަށގަނޑުން ބޭރުގައި ކަމެވެ. އެހާ ވެސް މީހާ އަންފިޓެވެ.

ކާޑިއޯއަށް ފަހު އޮތީ މެޑިޓޭޝަން އެކެވެ.

ޓީއެފްޖީގެ 'ނައު ހައު' ޕްރޮގްރާމްގައި ކާޑިއޯ ކަސްރަތުތަކެއް ކުރިއަށް ގެންދަނީ

'ނައު ހައު' ޕްރޮގްރާމްގައި ކިޔައިދެނީ ކަސްރަތަކީ ހަމައެކަނި ކާޑިއޯ ނޫން ކަމާއި ކާޑިއޯ އަކީ ކަސްރަތުގެ މުހިއްމު ބައެއް ނަމަވެސް މީހާގެ ނަފްސާނީ ހަމަޖެހުން އިތުރުކޮށް މީހާގެ ބުންވަރަށާއި ހަރަކާތްތެރިކަމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމެވެ. 

ޓީއެފްޖީގައި ހުންނަ ޖިމް އެންޑް ކެރީ ކެފޭ އިން މެންދުުރުގެ ކެއުމެއް ދިނެވެ. އެ މީހަކު ބޭނުންވާ އެއްޗެއް ދުރާލާ ފޯމުގައި ލިޔުމުން ގެނެސްދެނީ އެ އެއްޗެކެވެ. 

ޓީއެފްޖީގެ 'ނައު ހައު' ޕްރޮގްރާމް ހަ ގަޑި އިރަށް ދިގުދެމިގެންދޭ

ލަންޗަށް ފަހު ކުރިއަށް ދިޔައީ ސްޓްރެންތު ޓްރެއިނިން އެވެ. ބަރު ބޭނުންކޮށްގެން ކަސްރަތު ކުރުމެވެ. އުމުރުން ދުވަސްވުމުން މީހާ މެދު ހަށިން ލެނބުމަށް މެދުވެރިވާ ސަބަބަކީ ކަށިތައް ބަލިކަށިވުމެވެ. ގަވާއިދުން ސްޓްރެންތު ޓްރެއިނިން ހަދާ ނަމަ މިކަމާ ދުރުވެ އެވެ. އަހަންނަށް ކާޑިއޯއަށް ވުރެ ރަނގަޅަށް މި ބައި ޖެއްސުނެވެ.

ކަސްރަތު އާދައަކަށް ހަދާނީ ކިހިނެއް؟

މިސްތާހުއަކީ ޓީއެފްޖީގެ އެއް ޕާޓުނަރު. އޭނާ ވަނީ މިހާތަނަށް 37 މެރެތަން ދުވެފައި

އެއަށް ފަހު ދެން ބައްދަލު ކުރީ މުހައްމަދު މިސްތާހު (މިސްތޯ) އެވެ. ޒިނާން އެކޭ އެއްގޮތަށް އޭނާ އަކީ ޓީއެފްޖީގެ އެއް ޕާޓްނަރެވެ. ދުވުމާއި ކަސްރަތުގެ ބޮޑު އާއިލާއެއްގެ ސީރިއަސް ދިގު ދުވުންތެރިއެކެވެ. މިހާތަނަށް އޭނާ 37 މެެރަތަން ދުވެފައިވެ އެވެ. 

މިސްތާހު އޭނާގެ ޓްރޭޑްމާކް ލުކްގައި ރަތް ބޫޓުގައި ހުރެ ވާހަކަ ފެއްޓެވި އެވެ. އޭނާ ކިޔައިދެއްވީ ކަސްރަތު ކުރުން އާދައަކަށް ހަދާނެ ގޮތެވެ.

އެއީ މައިގަނޑު ހަތް ސްޓްރެޓެޖީ އެކެވެ. މީގެ ކުރިން އަޑުއަހާފައިވާ މިފަދަ ސްޓްރެޓެޖީތަކާ ތަފާތު ކަންތައްތަކެކެވެ. އާއްމުކޮށް މޯޓިވޭޝަނަލް ސްޕީކަރުން ދޭ "ފުރަތަމަ ގޯލް ކަނޑައަޅާ" އިރުޝާދާ މުޅިން ތަފާތެވެ.

ޒިނާން އާއި މިސްތާހު ކަސްރަތުގައި 

މިސްތާހު އޭނާގެ "އައުޓް އޮފް ދަ ބޮކްސް ތިންކިން" ވިސްނުން މި އުކުޅުތައް ރޭއްވެވުމުގައި ބޭނުންކުރައްވާފައިވެ އެވެ.

އޭނާގެ ވާހަކައިގައި މިސާލުތަކެއް ދެއްކެވި އެވެ. އަލަށް މީހަކު ބައިސްކަލު ދުއްވަން ދަސްކުރާ އިރު އުފުލާނެ ވޭނާއި ތަކުލީފާ މެދު ވިސްނާލަން އެދުނެވެ. ވެއްޓޭ ފަހަރާއި ބެލެެންސް ކުރަން އުޅޭނެ ގޮތުގެ ވާހަކަ އެވެ. ފަތަން ދަސްކުރާ އިރު ވެސް ލޮނުބޮވުމާއި މިކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ކަމެވެ.

"ދުވަސްގަނޑެއް ފަހުން ބައިސްކަލެއް ދުއްވަން އުޅޭ އިރު ނުވަތަ ފަތާ އިރު ކުރިން ޖެހުނު ތަކުލީފެއް ނުޖެހޭ. އެކަން ހުންނަނީ ދަސްވެފައި. އެކަން ކުރަން ފަސޭހަ. މިއީ މީހާގެ މަސަލް މެމަރީ،" މިސްތާހު ވިދާޅުވި އެވެ.

އޭނާގެ ނަސޭހަތަކީ ކަސްރަތު ކުރުމަކީ ވެސް އެފަދަ ކަމަކަށް ހެދުމެވެ.

"ގޯލެއް ފަހާ އެކަން ހާސިލްކުރަން އުޅުމުގެ ބަދަލުގައި ކަސްރަތު ކުރުމަށް ކުރާ މަސައްކަތް ބަލައިގަންނަންވީ. އެފަޓް މުހިއްމީ. ސިސްޓަމެއް ގާއިމްވެފައި އޮތުން މުހިއްމީ،" މިސްތާހު ފާހަގަކުރެއްވި އެވެ.

ރަނގަޅު ރޫޓީނެއްގެ މުހިއްމުކަން އޭނާ ބުނެދެއްވީ އަމިއްލަ ދިރިއުޅުމުން ބަައެއް ތަޖުރިބާތައް ކިޔައިދެއްވަމުންނެވެ.

އެ ވާހަކަ ކުރު ގޮތަކަށް ކިޔައިދޭ ނަމަ، މިސްތާހުގެ މެސެޖަކީ މިއީ އެވެ. ކަސްރަތުގައި ދެމިހުރުމަށް އަދި ވަގުތު ހޯދުމަށް ދޫކޮށްލާ ކަންކަން ނުވަތަ ކަންތައްތަކެއް ގުރުބާން ކޮށްލުމަކީ މީހާއަށް އުފަލެއް ލިބޭ ކަމެއް ކަމުގައި ނަހަދާ ހިނދަކު، ގަވާއިދުން ކަސްރަތު ކުރުމުގެ ރަނގަޅު އާދަ މީހާގެ ކިބައިގައި އަށައެއްނުގަންނާނެ އެވެ. ކަސްރަތު ކުރުމާ ވެސް "އިމޯޝަނަލީ ކަނެކްޓް" ވާން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސްތާހު (ކ) އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނާ އެކު ދުވުމެއް ނިންމާފައި

މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ ފަތިހުގެ އަރާމު ނިދި ދޫކޮށްލާފައި ކަސްރަތު ކުރަން ނުވަތަ ދުވަން ބޭރަށް ނިކުތުމުން ލިބޭ ހިތްހަމަޖެހުމާއި އުފާ، ނިދަން އެނދުގައި އޮތުމަށް ވުރެ ބޮޑުނުވާހާ ހިނދަކު މީހާ ބަދަލުނުވާނެ ކަމަށެވެ.

ޓީއެފްޖީގެ 'ނައު ހައު' ޕްރޮގްރާމްގައި ބައިވެރިވުމުން ސެޓްފިކެޓެއް ދޭ

މިސްތާހުގެ މި ވާހަކަ އަޑުއަހާފައި ފިސާރި މޯޓިވޭޓް ވެއްޖެ އެވެ. ކަސްރަތު އެއީ އާދައަކަށް ހެދުމަށެވެ. އަަހަރެންގެ އިންޝުއަރެންސް ކަމުގައި ހެދުމަށެވެ. ދުވަސް ނިންމާލީ މި ޕްރޮގްރާމްގައި ބައިވެރިވިކަމުގެ ސެޓްފިކެޓަކާ އެކު އެވެ.

އާދިއްތަ ދުވަހު ފަތިހު ލޯ ހުޅުވުމާ އެކު ހަނދާނަށް އައީ މިސްތާހު އެވެ. ޖިމް ކަޓުވާފައި އިތުރު ކަމެއް ކުރުމުގެ ބަދަލުގައި ހިތަށްއެރީ، ޒިނާން އެ ވިދާޅުވި 30 މިނެޓު އަމިއްލަ ނަފްސަށް ނުދެވޭ ނަމަ ދެން އިތުރަށް އެހެން މީހަކަށް ނުވަތަ ކަމަކަށް ދޭނެ ވަގުތެއް އަހަރެންގެ އޮވެގެން ނުވާނެ ކަމެވެ.

ކޮމެންޓް (1)

މަސީހު

3 މާރިޗު 2024
ކޮންމެ ދުވަހަކު 1 ގަޑިއިރަށް ބްރިސްކް ވޯލްކް ޖެއްސުން އެ ވާނެތޯ ކަސްރަތުގެ ބަޔަކަށް. މިސުވާލުގެ ޖަވާބު އިންސްޓްރަކްޓަރ ކައިރިން އޮޅުން ފިލުވާލަ ދެއްވަބައްލަވާ.. ޕްލީޒް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް