އުކުޅަހު ސްކޫލްގެ ދަރިވަރުން އުފެއްދި ގަހަަނާ ވިއްކުން (ފޮޓޯ/އުކުޅަހު ސްކޫލް)

ތައުލީމު

އުކުޅަހު ސްކޫލްގެ ސެން ދަރިވަރުން ގަހަނާ ހަދަން ދަސްކޮށް މައުރަޒެއް ބާއްވައިފި

ސްކޫލުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ފަންނުވެރިކަން ދަސްވުމުގެ އިތުރުން، އެއްޗެއް ވިއްކުމުގެ ހުނަރުތަކާއި ފައިސާ މެނޭޖް ކުރާނެ ގޮތް ވެސް ދަސްވި
4 ޑިސެމްބަރު 2023

އއ. އުކުޅަހު ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން)  ދަރިވަރުން ގަހަނާ ހަދަން ދަސްކޮށް، އެ ކުދިން އުފެއްދި ތަކެތި މައުރަޒެއްގައި ދައްކާލައި އެ ގަހަނާތައް ވިއްކައިފި އެވެ.

ސެން ދަރިވަރުންނަށް ކިޔަވައިދިނުމަށް ހާއްސަ ޓީޗަރު އިނާޝާ އިމާދު ވިދާޅުވި ގޮތުގައި މިއީ އެ ދަރިވަރުންނަށް ގަހަނާ ހަދަން ދަސްކޮށްދިނުމަށް މުޅި ޓާމަށް ބަހާލައިގެން ހިންގި ޕްރޮގްރާމެއްގެ ފޮނި ނަތީޖާ އެވެ.

އުކުޅަހު ސްކޫލްގެ ދަރިވަރުން އުފެއްދި ގަހަަނާއެއް (ފޮޓޯ/އުކުޅަހު ސްކޫލް)

އުކުޅަހު ސްކޫލުގައި 22 ސެން ދަރިވަރުން ތައުލީމު ހާސިލް ކުރެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވީ ގްރޭޑް 7ގައި ކިޔަވާ ދަރިވަރުންނެވެ.

އެ ދަރިވަރުންގެ ފަންނުވެރިކަން ދައްކާލި މައުރަޒު ސްކޫލްގައި ބާއްވާފައިވަނީ 26 ނޮވެމްބަރުގަ އެވެ. އަދި ޖެހިގެން އައި ދުވަހު އެ އުފެއްދުންތައް ވިއްކުމަށް ދަރިވަރުންނަށް ފުރުސަތު ދިނެވެ.

އުކުޅަހު ސްކޫލުން ފޭސްބުކްގައި ޝާއިއު ކުރި ވީޑިއޯއެއްގައި، ދަރިވަރުން ގަހަނާ ހަދާ މަންޒަރު ދައްކާލި އެވެ. ސްކޫލުން ބުނި ގޮތުގައި އެ ކުދިން ޝައުގުވެރިކަމާ އެކު އުފެއްދި ގަހަނާތަކަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ބެލެނިވެރިން ވަނީ އެ ދަރިވަރުންގެ މި މަސައްކަތް ވަރަށް ބޮޑަށް ބަލައިގެންފަ އެވެ.

"އެ ދަރިވަރުންގެ މަސައްކަތް ފެނި، ގަހަނާ ހެދުމަށް ބޭނުންވާ ސާމާނު ދަރިވަރުންނަށް ހޯދައިދޭނެ ކަމުގައި ބެލެނިވެރިން ބުނެފައިވޭ،" އިިނާޝާ ވިދާޅުވި އެވެ.

ގަހަނާ ހެދުމަކީ އަތުގެ ކުދި މަސްތައް ބޭނުންކޮށްގެން ކުރާ މަސައްކަތެއް ކަމުން ކުދިންގެ އަތުގައި ވަރުޖެހި، މި މަސްތައް ތަރައްގީވުމަށް އެހީތެރިވެދޭނެ އެވެ. މީގެ އިތުރުން މިފަދަ މަސައްކަތްތަކުން ކުދިންގެ ހޭންޑް އައި ކޯޑިނޭޝަން ރަނގަޅުކޮށްދެ އެވެ.

އުކުޅަހު ސްކޫލްގެ ދަރިވަރަކު ގަހަަނާ ވިއްކުމަށް އިޝްތިހާރު ހަދަނީ (ފޮޓޯ/އުކުޅަހު ސްކޫލް)

ސްކޫލުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ފަންނުވެރިކަން ދަސްވުމުގެ އިތުރުން، ވިއްކުމުގެ ހުނަރުތަކާއި ފައިސާ މެނޭޖް ކުރާނެ ގޮތް ވެސް ދަސްވި އެވެ.

ސްކޫލުން މި ޕްރޮގްރާމް ހިންގާފައިވަނީ ސެން ދަރިވަރުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިންނެވެ.

ދަރިވަރުން އުފެއްދި ގަހަނާ ދައްކާލަނީ (ފޮޓޯ/ އުކުޅަހު ސްކޫލް)

މައުރަޒުގައި ދެ އަންހެން ދަރިވަރުންގެ މަސައްކަތް ދައްކާލާފައިވާ އިރު ސްކޫލްގެ އެހެން ދަރިވަރުން ވެސް މި ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިނާޝާ ވިދާޅުވި އެވެ.

"ވަކި ޖިންސަކަށް އަމާޒުކޮށްގެނެއެއް ނޫން، ޕްރޮގްރާމް ހިންގިފައި ވަނީ. މައުރަަޒަށް ފަހު މި މަސައްކަތަަށް ޝައުގުވެރިކަން ފާޅުކުރި އެހެން ދަރިވަރުންނަށް ވެސް، ފިރިހެން ދަރިވަރުންނަށް ވެސް، ގަހަނާ ހެދުމުގެ ފުރުސަތު ސްކޫލުން ދީފައިވޭ،" އޭނާ ވިދާޅުވި އެވެ.

މައުރަޒަށް ފަހު ދަރިވަރުން ތިބީ އެ މީހުންގެ މަސައްކަތާއި ފަންނުވެރިކަމާ މެދު ހިތްހަމަޖެހިގެންނެވެ. އެ ދަރިވަރުންގެ މޫނުމަތިން ފެނުނީ ފަހުރުވެރިކަމެވެ. ސްކޫލުން ދަރިވަރުންގެ މަސައްކަތް ބަލައިގަނެ އެކަން ވަނީ ފާހަގަކޮށްފަ އެވެ.

"ވަރަށް އުފާވެފައި ދަރިވަރުން އަދި ބެލެނިވެރިން ވެސް ތިބީ،" އިނާޝާ ވިދާޅުވި އެވެ.

އެއް ބެލެނިވެރިޔަކު 'ދައުރު'އާ ވާހަކަދައްކަމުން ބުނީ އޭނާގެ ދަރިފުޅަށް ސްކޫލުގައި މިފަދަ ފުރުސަތެއް ލިބުމުން ދަރިފުޅާއި އޭނާ ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

"މިފަދަ އިތުރު ޕްރޮގްރާމްތަކެއް ސްކޫލުން ކުރިއަށް ގެންދާނެ ކަމުގެ އުއްމީދުގައި މި ތިބީ. ދަރިފުޅުގެ މި ހުނަރު ތަރައްގީ ކުރުމަށް އަޅުގަނޑު ވެސް މިހިރީ މި މަސައްކަތް ދަރިފުޅު ލައްވާ ކުރުމަށް ބޭނުންވާ ތަކެތި ވެސް ހޯދައިދޭން،" ބެލެނިވެރިޔާ ބުންޏެވެ.

މައުރަޒުގައި ގަހަނާ ވިއްކައިގެން ސްކޫލަށް 4،150 ރުފިޔާ ލިބުނެވެ. ސްކޫލުން ބުނިގޮތުގައި މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސެން ދަރިވަރުންގެ ތަރައްގީއަށް އިތުރު ޕްރޮގްރާމްތައް ހިންގުމަށެވެ.

މިފަހަކަށް އައިސް ރަށްރަށުގެ ސްކޫލްތަކުން ދަރިވަރުންގެ ކިބައިގައި ހުނަރު ތަރައްގީކޮށް ދަރިވަރުން މަސައްކަތުގެ މާހައުލަށް ހޭލުންތެރިކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ފާހަގަކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް