ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެ ކުދިން ހެއްދި ލެޓިއުސް ވިއްކުމަށް ޕިކަޕެއްގައި ބާޒާރަށް ދަނީ (ފޮޓޯ/މުހައްމަދު މަތީން)

ހދ. ކުޅުދުއްފުށި

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސް 30 މިނެޓު ތެރޭ ވިކި ހުސް

ހދ. އަތޮޅު ތައުލީމީ މަރުކަޒުން ދަރިވަރުންނަށް ގަސް ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ކްލަބަށް ފައިސާ ހޯދައި ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް
3 ޑިސެމްބަރު 2023
2

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށި ކްލަބުން އިސްނަގައިގެން ސްކޫލްގައި ހައިޑްރޯޕޯނިކްސް ސިސްޓަމެއް ގާއިމްކޮށް، ކްލަބްގެ ދަރިވަރުން ހެއްދި ލެޓިއުސް ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރުގައި ވިއްކައިފި އެވެ.

ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވި ގޮތުގައި އިއްޔެ ހެނދުނު 7:30 ގައި ބާޒާރު ހުޅުވި ވަގުތު 150 ގަހުގެ ލެޓިއުސް ދަރިވަރުން ގެންދިޔަތާ 30 މިނެޓު ތެރޭ ވަނީ ވިކި ހުސްވެފަ އެވެ.

"މިއީ ފުރަތަމަ ހާވެސްޓް. ދަރިވަރުންގެ މޫނުމަތިން ފެންނަނީ ބޮޑު ހިނިތުންވުމެއް،" މަތީން ވިދާޅުވި އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށި ކްލަބުގެ ދަރިވަރުން ލެޓިއުސް ހައްދައި ބަލަހައްޓަނީ: ސްކޫލުގެ މަގްސަދަކަށްވީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ކްލަބަށް ފައިސާ ހޯދައި ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން (ފޮޓޯ/މުހައްމަދު މަތީން)

ރާއްޖޭގެ ގައުމީ މަންހަޖުގެ މައިގަނޑު އަސާސަކީ ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުމެވެ. ނަމަވެސް ދަރިވަރުންނަށް ފޮތާއި ދެލިގަނޑުގެ ބޭރުން ހުނަރުތައް ދަސްކޮށް ދިރިއުޅުމަށް ތައްޔާރުވުމަށް ލިބެނީ ހަނި ފުރުސަތުތަކެކެވެ. ހާއްސަކޮށް މާލޭގެ ސްކޫލްތަކުގައި މިކަން ފާހަގަކުރެވެ އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ލެޓިއުސް ހެއްދުމުގެ ހިޔާލު އައުމާ އެކު މަސައްކަތް ފަށައިގަތީ މިދިޔަ އަހަރު އެވެ.

"ކްލަބް ހިންގަން ވެސް ފައިސާ ބޭނުންވޭ. ސްޕޮންސާއެއް ކައިރިއަށް ދިއުމުގެ ބަދަލުގައި ކުދިންނަށް ހުނަރުތަކެއް ދަސްވާ ކަމެއްގެ ތެރެއިން ފައިސާ ހޯދަން ނިންމީ،" ޕްރިންސިޕަލް މަތީން ވިދާޅުވި އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށި ކްލަބުގެ ދަރިވަރުން ލެޓިއުސް ހައްދައި  ބަލަހައްޓަނީ (ފޮޓޯ/މުހައްމަދު މަތީން)
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިމާވެށި ކްލަބުގެ ދަރިވަރުން ލެޓިއުސް ހައްދައި ބަލަހައްޓަނީ (ފޮޓޯ/މުހައްމަދު މަތީން)

މި ޕްރޮޖެކްޓް ފެށި އިރު ހައިޑްރޯޕޯނިކްސް ސިސްޓަމެއް އެ ސްކޫލްގައި ނެތެވެ.  ޕޮޓުތަކެއްގައި އިންދައިގެން ފުރަތަމަ ފޯދުނު ލެޓިއުސް މާ ބޮޑެއް ނޫނެވެ. ނަމަވެސް، ދަރިވަރުން ބާރުވެރިކޮށް ހިތްވަރު ދިނުމުގެ ގޮތުން، ސްކޫލްގެ މުވައްޒަފުން އެ ލެޓިއުސް ގަތެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސް ދައްކާލަނީ (ފޮޓޯ/މުހައްމަދު މަތީން)

ތިމާވެށި ކްލަބަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ހަދިޔާ ކުރީ ވެލްނެސް މެޓާސް ޖަމްއިއްޔާގެ ފަރާތުންނެވެ. ދަރިވަރުން ތިމާވެށި ކްލަބް އޮންނަ ދުވަސްތައް ހޭދަކުރަނީ ގަސްތައް ބަލަހައްޓައި ހެދޭ މިންވަރު ބަލައި، އަންނަ ބަދަލުތައް ފޮތުގައި ރެކޯޑް ކުރުމުގަ އެވެ. 

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީން އެ ސްކޫލުގެ ތިމާވެށި ކްލަބުން ހެއްދި ލެޓިއުސް ދައްކާލައްވަނީ 

ރަށުގެ އެންމެ ފިހާރައެއްގައި ނޫނީ ލެޓިއުސް ވިއްކާކަށް ނެތެވެ. ލިބެން ހުރީ ވެސް ބޭރުން ގެނެސްފައި ހުރި ލެޓިއުސް ކަމުން، ސްކޫލުން ހެއްދި ލެޓިއުސް ގަނެގެން ވިއްކުމަށް ފިހާރަތަކުން ބޭނުންވި އެވެ. ނަމަވެސް، މަތީން ވިދާޅުވިގޮތުގައި، ހަމައެކަނި ގަސް އިންދައި ފޯދުނީމާ ނިމުނީ ނޫންކަން ކުދިންނަށް ދަސްކޮށްދިނުން މުހިއްމުކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން ދަރިވަރުން އަމިއްލައަށް ރަށު ޕިކަޕުގައި، ކައިރި ރަށްރަށާއި ރަށުގެ އުފެއްދުންތައް ވިއްކަން ބާއްވާ ހޮނިހިރު ބާޒާރަށް ލެޓިއުސް ގެންދާ ގޮތަށް ނިންމި އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އެ ކުދިން ހެއްދި ލެޓިއުސް ހިފައިގެން ޕިކަޕެއްގައި ބާޒާރަށް ދަނީ (ފޮޓޯ/މުހައްމަދު މަތީން)

"ވަށާޖެހޭ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދޭ އިރު އެބަޖެހޭ މަސައްކަތަށް ޝައުގުވެރި ކުރުވައި އަހުލުވެރިކުރުވަން. އަޅުގަނޑުމެންނަށް މިތަކެތި ސްކޫލްގައި ވެސް ވިއްކުނީސް. އެހެން ނަމަވެސް ބޭނުންވީ ބާޒަރަށް ކުދިން ގެންގޮސް މިކަން ކުރަން،" މަތީން ވިދާޅުވި އެވެ.

ޕްރިންސިޕަލް ފާހަގަ ކުރެއްވި ގޮތުގައި އަމަލީ ގޮތުން ދަރިވަރުން ބައިވެރިކުރަން ބޭނުންވީ، މި މަސައްކަތުގައި ހިމެނޭ ކޮންމެ މަރުހަލާއަކުން އެތައް ކަމެއް ކުދިންނަށް ދަސްވެގެންދާނެތީ އެވެ.

ދަރިވަރުންނަށް ދަސްކޮށްދޭން ބޭނުންވީ ފުޑް ސެކިއުރިޓީގެ މުހިއްމުކަން. އަމިއްލައަށް ކާނާ ހެއްދުމަކީ ނުކުރެވޭނެ ކަމެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސް (ފޮޓޯ/މުހައްމަދު މަތީން)
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހެއްދި ލެޓިއުސްއަށް ބޮޑު ޑިމާންޑެއް އޮތް

ކެމިކަލާ ނުލާ ހެއްދި އޯގެނިކް ލެޓިއުސް ވިއްކާލުމަށް ފަހު ކުދިންގެ މޫނުމަތިން ފެނުނީ، މަތީން ފާހަގަކުރެއްވިގޮތުގައި، ބޮޑު ހިނިތުންވުމަކާއި ހިތްހަމަޖެހުމެކެވެ. އެއީ އަހަރެއްހާ ދުވަހު އެ ކުދިން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ އެވެ.

ލެޓިއުސް ވިއްކައިގެން ލިބުނު ފައިސާ ބޭނުން ކުރުމަށް ސްކޫލުން ނިންމާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. މަތީން ވިދާޅުވިގޮތުގައި ކިއުކަމްބާ އާއި މެލަން ފަދަ އިތުރު ބާވަތްތައް ހެއްދުމަށް ކްލަބުން މަސައްކަތް ކުރާނެ އެވެ. އޭނާ ވިދާޅުވީ މިއީ މާ ބޮޑު ޖާގައެއް އަދި ހޭދައެއް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

މަތީން ވިދާޅުވިގޮތުގައި އެހެން ސްކޫލްތަކުން ވެސް އަންނަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުން މިކަން ކުރި ގޮތުގެ މައުލޫމާތު އޮޅުންފިލުވަމުންނެވެ. 

ކޮމެންޓް (2)

މޫސާ ވަހީދު

5 ޑިސެމްބަރު 2023
ވަރަށް ގިނައިން ދިމާވާ ގޮތަކީ އެހެން މީހުން ކަންކުރީމާއޭގެ ކުރެޑިޓް އިސްކޮށްހުންނަ މީހާ ނެގުން. ސްކޫލް ތަކުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ.
0 0

ތެފައާސާ.

5 ޑިސެމްބަރު 2023
ސާބަހޭ ޕްރިންސިޕަލް މަތީން. ވަރަށް ފުރިހަމަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް