'ފަލަސްތީނާ އެކު ފަންނާނުން' އިވެންޓުގައި އެކި ފަންނާނުންގެ ހަރަކާތްތައް ފެންނާނެ
ފަލަސްތީނާ އެކު ފަންނާނުން: ބައިސްކޯފުގެ ފަންޑްރެއިޒިން ފިލްމް ފެސްޓިވަލް ޝްވެކްގައި
ބައިސްކޯފުން އިސްނަގައިގެން ދިވެހި އެކި ފަންނާނުންނާ އެކު ޕަލަސްތީނަށް އެހީވާން ފަންޑްރެއިޒިން އިވެންޓުތަކެއް ބާއްވަން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން 2 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހު ދިވެހި އެކި ފަންނާނުންނާ އެކު އޮލިމްޕަސް ސިނަމާގައި ފަންނާނުންގެ އިވެންޓެއް އޮންނާނެ އެވެ. އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާގައި ބައިސްކޯފުގެ ހިޓު ފިލްމުތައް އަޅުވަން ތާވަލުކޮށް، އަޅުވާނެ ފިލްމުތައް ވެސް މިހާރު އާންމުކޮށްފި އެވެ.
ޝްވެކް ސިނަމާގައި ފިލްމު ދެއްކުމުގެ އިތުރުން، އައިސް ޓީވީއިން ވެސް ބައިސްކޯފުގެ ކޮންޓެންޓު، މި ފެށޭ ހަފްތާގެ ކޮންމެ ރެއަކު 8:30 އިން ފެށިގެން 11 ޖަހަންދެން ދައްކާނެ އެވެ.
- އިތުރަށް ކިޔާލަން : ބައިސްކޯފުން ފަލަސްތީނައްޓަކައި ގިނަ ހަރަކާތްތަކެއް
މާދަމާ މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި އަޅުވަން ތާވަލުކޮށްފައި ވަނީ ބައިސްކޯފުގެ ހަތަރު ފިލްމެކެވެ. އެއީ މާލޭގެ ޝްވެކްގައި ރޭގަނޑު 8:30 އާއި 11:30ގައި ވަކި ދެ ފިލްމު އަދި ހުޅުމާލެ ސިނަމާގައި ވެސް ހަމަ އެ ގަޑިތަކުގައި ވަކި ދެ ފިލްމެވެ.
އައިޝަތު ރިޝްމީ، ނިއުމާ މުހައްމަދު، ރަވީ ފާރޫގު އަދި އެ ނޫން ވެސް ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަން ވިދާލާ އެކްޓަރުން ފެންނަ އެ ހަތަރު ފިލްމަށް ވަންނަން ނަގާ 100ރ ގެ ޓިކެޓުގެ ހުރިހާ ފައިސާއެއް ސީދާ ދާނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) މެދިވެރިކޮށް ޕަލަސްތީނު ރެޑް ކްރެސެންޓަށެވެ. ހަމައެއާ އެކު، ބައިސްކޯފުން އިސްނަގައިގެން ބާއްވާ މި ހަރަކާތްތަކުގެ ބައެއް ސްޕޮންސަރުން، ޓިކެޓު ސޭލްސްއާ އެއްވަރަކަށް އެ ކުންފިނިތަކުގެ ފަރާތުން އެމްއާރުސީއަށް ފައިސާ ހަރަދުކުރާނެ އެވެ.
މާލޭގެ ޝްވެކް ސިނެމާގެ ފިލްމު ތާވަލު:
1. މާމުއި: ފިލްމު އަޅުވާނީ ރޭގަނޑު 8:30ގައި
2. ބޮސް: ފިލްމު އަޅުވާނީ ރޭގަނޑު 11:30ގައި
ހުޅުމާލެ ޝްވެކް ސިނެމާގެ ފިލްމު ތާވަލު:
1. ވިޝްކާ: ފިލްމު އަޅުވާނީ ރޭގަނޑު 8:30ގައި
2. ނިވައިރޯޅި: ފިލްމު އަޅުވާނީ: ރޭގަނޑު 11:30 ގައި
ޓިކެޓު ގަންނަން ގުޅާނެ ފޯނު ނަމްބަރަކީ 9758808 އެވެ.