'ފަލަސްތީނާ އެކު ފަންނާނުން' އިވެންޓުގައި އެކި ފަންނުތަކުގެ މީހުން ފެނިގެންދާނެ.

ފަލަސްތީން

ބައިސްކޯފުން ފަލަސްތީނަށްޓަކައި ގިނަ ހަރަކާތްތަކެއް

ބައިސްކޯފުން އިސްނަގައިގެން ދިވެހި ފަންނާނުންނާ އެކު ބާއްވާ އިވެންޓުގެ ޓިކެޓު 150 ރުފިޔާއަށް ގަންނަން ލިބޭއިރު، މިއުޒިޝަނުންނާއި ކުރެހުންތެރިންނާއި ލިޔުންތެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ
27 އޮކްޓޯބަރު 2023

ދުނިޔޭގެ އެކި ގައުމުތަކުން ފަލަސްތީނަށް ތާއީދުކޮށް، އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކާއި ފައިސާ ހަދިޔާކުރުމުގެ ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. ދިވެހިރާއްޖޭގެ ރައްޔިތުން ވެސް ފަލަސްތީނާ އެކު ތިބިކަން ހާމަކޮށް ހިނގާލުންތައް ބޭއްވި އެވެ. ހަމައެއާއެކު، ރާއްޖޭގެ ބައެއް އަމިއްލަ ޖަމްއިއްޔާތަކާއި ވިޔަފާރިތަކާއި އާންމުން ވެސް އަންނަނީ ފަލަސްތީނު މީހުންނަށް ފައިސާ އެއްކުރުމުގެ މަސައްކަތްކުރަމުންނެވެ.

ބައިސްކޯފުން އިސްނަގައިގެން ދިވެހި ފަންނާނުންނާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު އޮލިމްޕަހުގައި އިވެންޓެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ރޭގަނޑު 8 އިން 12 ޖަހަންދެން ކުރިއަށްގެންދާ އެ އިވެންޓުގައި އެކި ފަންނުތައް ފެނިގެންދާނެ އެވެ. މިއުޒިޝަނުންނާއި ލިޔުންތެރިންނާއި ކުރެހުންތެރިންގެ ހުނަރުވެރި ހުށަހެޅުންތައް އަންނަނީ ތައްޔާރު ކުރަމުންނެވެ.

އެ ފަންނާނުންނާއި ބައިސްކޯފުގެ މަގުސަދަކީ ހަމަ އެންމެ ކަމެކެވެ. ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމެވެ. އިވެންޓަށް ވަނުމުގެ ފީއެއްގެ ގޮތުގައި 150 ރުފިޔާ ނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓު އައިސް ޓީވީ އާއި ޕީއެސްއެމްއިން ލައިވް ކުރާނެ އެވެ.

"އައިސް ޓީވީގެ ފަރާތުން ވަރަށް ސަޕޯޓު ދޭނަން މިކަމަށް، ރަނގަޅު ކޯޒްއެއް ވީމަ،" އައިސް ޓީވީގެ އޮފިޝަލަކު ބުންޏެވެ. 

ބައިސްކޯފުގެ ހިޓު ފިލްމުތައް އައިސް ޓީވީ އާއި ސިނަމާތަކުގައި

ބައިސްކޯފުން ބާއްވަނީ ހަމައެކަނި އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ އިވެންޓެއް ނޫނެވެ. ބައިސްކޯފުގެ ފިލްމުތަކާއި އެކި ކޮންޓެންޓު އައިސް ޓީވީ އިން ދައްކާ ގޮތަަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން:

  • މިއަދު މެންދުރުފަހު 2:30 ގައި ބައިސްކޯފުގެ ފިލްމެއް އައިސް ޓީވީ އިން ދައްކާނެ

  •  އަންނަ ހަފްތާ އިން ފެށިގެން ކޮންމެ ރެއަކު 8:30 އިން 12 އަށް އައިސް ޓީވީ އިން ބައިސްކޯފުގެ ފިލްމުތައް ދައްކާނެ

  • ފިލްމު ދައްކާ ވަގުތު ބެލުންތެރިން ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައި ޓީވީ ސްކްރީނުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ އެކައުންޓް ނަމްބަރުތައް ދައްކާލާނެ 

އައިސް ޓީވީގެ އިތުރުން، ޝްވެކް ސިނަމާ އާއި އޮލިމްޕަސް ސިނަމާގައި ވެސް ބައިސްކޯފުގެ ހިޓު ފިލްމުތަކެއް ދައްކަން ވަނީ ތާވަލުކޮށްފަ އެވެ. 

އެގޮތުން: 

- 29 އޮކްޓޯބަރު، އާދީއްތަ ދުވަސް - މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި 8:30 އަދި 11:30 ގައި ފިލްމެއް އަޅުވާނެ

- 3 ނޮވެމްބަރު، ހުކުރު ދުވަސް - އޮލިމްޕަސް ސިނަމާގައި ހަވީރު 5، ރޭގަނޑު 8 އަދި ރޭގަނޑު 11 ގައި ފިލްމެއް އަޅުވާނެ

ބައިސްކޯފުން ބުނިގޮތުގައި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ފޮނުވާނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) މެދުވެރިކޮށް ފަލަސްތީނުގެ ރެޑް ކްރެސެންޓަށް.

"މިކަމުން ލިބޭ އެއްވެސް ލާރިއެއް ނުދާނެ މީގައި ބައިވެރިވާ އެކަކަށް ވެސް. އަދި ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ، ތަފާތު ހިޔާލުގެ އެކި ދިމަ ދިމާލުން އެންޓަޓެއިންމަންޓު ދާއިރާއަށް މަސަތްކަތް ކުރާ މީހުން މިތިބީ އެއް ގޯލަކަށް މަސަތްކަތް ކުރަން މިކަމުގަ ސަޕޯޓުދޭން މިއަދު އައިސް. އެއީ ވަރަށް އުފާވާ ކަމެއް،" އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިވެންޓާ ބެހޭގޮތުން ބައިސްކޯފުގެ ނޫރާ ރަޝީދު ބުންޏެވެ.

"އަދި ފާހަގަކޮށްލާނަން މިކަންތައް ސްޕޮންސާ ކުރި ފަަރާތްތައް، ސްޕޮންސާ ދޭން ތައްޔާރުކަން. ވަރަށް ގިނަ ސްޕޮންސަރުން ލިބުނު، ބޮޑެތި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތައް ވެސް."

އުރީދޫ ފަދަ ބޮޑެތި ކުންފުނިތަކުގެ ހުށަހެޅުން ވެސް ނޫރާ ފާހަގަކުރި އެވެ. އެއީ އޮލިމްޕަހުގައި ބާއްވާ އިވެންޓުންނާއި ޝްވެކް އާއި އޮލިމްޕަހުގައި ފިލްމުތައް އަޅުވައިގެން ލިބޭ ފައިސާގެ އަދަދާ އެއްވަރަށް އެ ކުންފުނިތަކުން ފައިސާ ހަދިޔާ ކުރާނެ ވާހަކަ އެވެ.

މި ހުރިހާ އިވެންޓަކުން ލިބޭ ފައިސާ ދާނީ ސީދާ އެމްއާރުސީއަށް ކަމަށް ނޫރާ ބުންޏެވެ. އެމްއާރުސީ އިން އެ ފައިސާ ފޮނުވާނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށެވެ. އިވެންޓަށް ނުގޮސް ގޭގައި ތިބެގެން ވެސް ފައިސާ ހަދިޔާ ކުރެވޭނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް