ސޭވްކުޑަފަރި މޫވްމަންޓް އިން އެ ރަށު ގެތަކަށް ބެހި ކޮތަޅާއި ބާލިދީ ދައްކާލަނީ (ފޮޓޯ/ސޭވްކުޑަފަރި)

ލިވިން

'ސުންކޮތަޅު'ން ކުޑަފަރީން ދައްކާ ރީތި ނަމޫނާ

ނ. ކުޑަފަރީގެ ޒުވާނުންތަކެއް އިސްނަގައިގެން ފެށި ހަރަކާތެއްގައި ހުރިހާ ގެއަކަށް ފޮތި ކޮތަޅާއި ނެޓު ކޮތަޅު އަދި ސްޓީލް ބާލިދީ ވަނީ ބަހާފައި

ނ. ކުޑަފަރީން މި ދައްކަނީ ރީތި މިސާލެކެވެ. އެއީ އެއްވެސް ގޮތަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް ހަދަން ޒުވާނުންގެ 'ސޭވް ކުޑަފަރި' މޫވްމަންޓް އާއި 'ސޮނޭވާ ނަމޫނާ' ގުޅިގެން އެ ރަށު ހުރިހާ ގެއަކަށް އަންނަނީ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅާއި ނެޓް ކޮތަޅާއި ސްޓީލް ބާލިދީ ބަހަމުންނެވެ.

ސޭވްކުޑަަފަރި މޫވްމަންޓް އިން އެ ރަށުގެ ގެތަކަށް ބެހި ކޮތަޅު ހިފައިގެން މީހަކު މީހަކު ދަނީ (ފޮޓޯ/ސޭވްކުޑަފަރި)

ސޭވްކުޑަފަރީއަކީ އެ ރަށުގެ ޒުވާނުންގެ ފަރާތުން ތިމާވެށީގެ ކަންކަމާއި ދެމެހެއްޓެނިވި ދިރިއުޅުމަކަށް އާއްމުން ހޭލުންތެރިކުރަން ހިންގާ ޖަމިއްޔާއެކެވެ.

މިހާތަނަށް އެ ޖަމިއްޔާއިން ވަނީ ކޮންމެ ގެއަކަށް؛

  • 1 ފޮތި ކޮތަޅު: މިއީ ކޮސްމެޓިކްސް އާއި އެހެނިހެން ސަމާނު އަޅަން ބޭނުންކުރަން

  • 2 ނެޓް ކޮތަޅު: ތާޒާ މޭވާ އާއި ފިނިކުރި ބާވަތްތަކާއި ތަރުކާރީ އަޅަން

  • 3 ސްޓީލް ބާލީދީ: ކާޑުގެ ބާވަތްތައް ގަންނަ އިރު ބޭނުންކުރަން

'ސުންކޮތަޅު'ގެ ހިޔާލަކީ އެ ރަށުގެ ޒުވާނުންގެ އިސްނެގުމާ އެކު އުފެއްދި ސޭވްކުޑަފަރި މޫވްމަންޓް ގެ ހިޔާލެކެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ ގޮތުގައި 600 މީހުން ތިބޭ ކުޑަފަރީގެ ޒުވާނުންނަށް ފާހަގަވީ، ރަށުގެ ގޮނޑުދޮށް ސާފުކުރާ އިރު އެންމެ ގިނައިން ފެންނަ އެއް ބާވާތަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުކަމެވެ. 

ޕްލާސްޓިކް ކޮތަޅު މަދުކުރަން އޮތް ހައްލަކީ އެ ބޭނުން ކުރުން ހުއްޓާލުން ކަމަށް ގަބޫލުކޮށް އެ ރަށުން މަސައްކަތް ކުރަނީ ސުންކޮތަޅަށް މުޅި ރަށް ބަދަލުކޮށްލާށެވެ. 

ސޭވްކުޑަފަރި ޖަމިއްޔާގެ ފަރާތުން މީގެ ކުރިން ހިންގި ރަށް ސާފުކުރުމުގެ ހަރަކާތެއްގައި ކުނި އެއްކޮށްފައި (ފޮޓޯ:ސޭވްކުޑަފަރި)

ރަށުތެރެ، ގޮނޑުދޮށް އަދި ހޭޅިފަށް ބަރާބަރަށް ސާފުކުރުމުގެ އިވެންޓްތައް ސޭވްކުޑަފަރީ އިން ބާއްވަ އެވެ. މިއީ އެ ރަށުގެ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބޭ ހަރަކާތެކެވެ. ސިޔާސީ ބައެއްގެ އިސްނެގުން ނެތި ރަށުގެ ޒުވާނުން އިސް ސަފުގައި ތިބެގެން ރައްޔިތުން ކުރިއަށް ގެންދާ ހަރަކާތުން އާންމުންނަށް ދަސްވަނީ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ މުހިންމުކަމެވެ.

ކުޑަފަރީ މީހަކު ސުންކޮތަޅުގައި ބާޒާރުކޮށްގެން ދަނީ (ފޮޓޯ/ސޭވްކުޑަފަރި)

"މަގްސަދަކީ ކުޑަފަރީއަކީ އެއްވެސް ގޮތަކަށް ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ރަށަކަށް ހެދުން،" ސޭވްކުޑަފަރީގެ ފަރާތުން ވާހަކަ ދެއްކި ފައުންޑަރު ހަސަން ސާދިގު ބުންޏެވެ.

"ފުރަތަމަ ހީކުރީ ހަމައެކަނި ޓޯޓް ދަބަސް ގޭގެއަށް ބަހައިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ގޭބިސީތަކުން ދުރުކުރެވިދާނެ ކަމަށް. އެހެން ނަމަވެސް، ރަށުގެ އަންހެނުންނާ ކުރެވުނު މަޝްވަރާއިން އެނގުނީ ކާޑުގެ ބާވަތްތައް އަޅާނެ ގޮތެއް ވެސް ހޯދައިދޭން ޖެހޭނެ ކަމަށް،" ސާދިގު ބުންޏެވެ.

ކުޑަަފަރީ ކައުންސިލުން އެ ރަށުގައި މިދިއަ ހޮނިހިރުދުވަހު ބޭއްވި ލިޓްލް ބިގް ފެސްޓިވަލްގައި ވަނީ ރަށުގެ ވިޔަފާރިވެރިންނާ އެކު ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މި އެމްއޯޔޫގެ މަގަސަދަކީ، އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހި ވިއްކުން ހުއްޓާލުމެވެ.

ރަށު ކައުންސިލްގެ ރައީސް ޝަމީމު މުހައްމަދު ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކުލާ ޕްލާސްޓިކް ކޮތަޅު ނުގެންގުޅޭ ތަނަކަށް، އެ ރަށު ވިޔަފާރިވެރިންގެ އެއްބާރުލުމާ އެކު، ހެދިދާނެ ކަމަށެވެ.

  • ކުޑަފަރީގެ ރައްޔިތުން އަންނަނީ ބައިވެރިވަމުން (ފޮޓޯ/ފޭސްބުކް)
  • ކުޑަފަރީން ބާއްވާ ހަރަކާތްތައް އިންތިޒާމްކޮށް ހިންގާ ގްރޫޕްގެ ފޮޓޯއެއް (ފޮޓޯ/ފޭސްބުކް)
  • ކުޑަފަރި ލިޓްލް ބިގް ފެސްޓިވަލްގެ ތެރެއިން: ތިމާވެށީގެ ހިމާޔަތުގައި ހޭލުންތެރިކަން ބޮޑުކޮށްދޭ (ފޮޓޯ/ފޭސްބުކް)

އޭގެ އެންމެ ބޮޑު ހެއްކަކީ ރަށު ރައްޔިތުން ފަރާތުން ލިބޭ ތަރުހީބާއި އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެވެ.

"މިހާރުވެސް މި ރަށު މީހުންނަކީ، މަސް އެއްޗެހި ގަނެގެން ބާލިދީގައި ގެއަށް ގެންދާ ބައެއް. ވިޔަފާރިވެރިން އަޅުގަނޑުމެންނާ އެކު އިގްރާރު މިވީ މިހާރު ހުރި ކޮތަޅުތަކުގެ ސްޓޮކް ބޭނުން ކުރުމަށް ފަހު، ދެން ރަށަށް ޕްލާސްޓިކް ކޮތަޅު ނުގެންނަ ގޮތަށް،" ޝަމީމް ވިދާޅުވި އެވެ.

އެރަށު މީހުން ތިބީ މި ބަދަލު ގެންނަން ތައްޔާރުވެގެންނެވެ. ފޮތި ކޮތަޅު ފަހަން ދަސްކޮށްދޭ ހަރަކާތްތަކެއް ވެސް އެރަށުގައި މި މަހު ހިންގި އެވެ.

ސާދިގު ބުނާ ގޮތުގައި ޕްލާސްޓިކް ކޮތަޅާ ދެކޮޅު ކެމްޕޭނަށް ރަށުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. 

ހަސަން ސާދިގު: ސޭވްކުޑަފަރި ޖަމިއްޔާގެ ފައުންޑާ މެންބަރު

"ސްޓީލް ބާލިދީ އެންމެ ތަފާތު އެއްޗަކަށް ވީ އިރު، ހަނޑޫ، ހަކުރު އަދި ފުށް ކަހަލަ އެއްޗެހި ގަނެގެން ބަރޯގައި ނުވަތަ އެހެންޏާ ވެސް ގެއަށް ގެންނަ ގޮތަށް އުފުލައިގެން ގެންނަން އުނދަގުލެއް ނުވާނެ،" ސާދިގު ބުންޏެވެ.

ކުޑަފަރީން ފެންނަ މި ބަދަލަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

މިއީ ރީތީ ނަމޫނާއެކެވެ. ކަމެއް ހާސިލްކުރަން އެންމެން އެކުގައި އެއްބަސް ކިޔައިފި ނަމަ ކާމިޔާބުވާނެ ކަމުގެ މިސާލެއް ވެސް މެ އެވެ.

ކޮމެންޓް (1)

ބާލިދީ

14 ޖޫން 2023
މި ރަނގަޅު މާލެއަށް ވެސް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް