ރަންތާޖު ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރި ޖަލްސާގައި އެ މުބާރާތް ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކް ވާހަކަދެއްކި ވަގުތު އަޑުއަހަން އިން އޭނާގެ މަންމަ ފާތިމަތު ސީމާ އުފަލުގެ ކަރުނައިގައި. ފޮޓޯ/ރައީސް އޮފީސް

ޒުވާނުން

އެއްވަނައަށް ގެންގޮސްދިން މަންމައަށް ހިފެހެއްޓުމެއް ނެތް ޝުކުރު

ރަންތާޖު ގުރުއާން މުބާރާތް ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކް އެންމެން ކުރިމަތީ އޭނާގެ މަންމައަށް ކިޔައިދިނީ މަންމަގެ ގުރުބާނީ އަގުވަޒަންކުރެވޭ ވަރަށް ވުރެ ބޮޑުކަން

މުހައްމަދު ސާއީ މުބާރިކް ޕޯޑިއަމްގައި ހުރެ ބަލަމުންގެންދިޔަ ލިޔުމުން އިސް އުފުލާލައި އޯޑިއެންސަށް ސަމާލުކަން ހުސްކޮށްލި އެވެ. ޖަލްސާގައި ތިބި ސަރުކާރުގެ އިސް ވެރިންނާއި އެހެނިހެން އެންމެންގެ ތެރެއިން އޭނާގެ ކަޅި ހަމަކުރީ މަންމަ ފާތިމަތު ސީމާއާ އެވެ.

"އަސްލު މި ރަންތާޖުގެ ވެރިޔާއަކީ އަޅުގަނޑެއް ނޫން އިނގޭތޯ؟" ބޮލުގައި އޮތް ތާޖު ނަގަމުން ސާއީ، 20، ބުންޏެވެ. "ހައްގުވެރި ފަރާތަކީ ހަމަ ތިޔަ މަންމަ."

އަޑުއަހަން އިން ސީމާއަށް ރޮވެން ފެށި އެވެ. ހާޒިރުވެ ތިބި އެންމެން އަތްތިލަބަޑިން ތަރުހީބު ދިނެވެ.

ކުޑަ ޒައްރެއްގެ މިންވަރެއް ނަމަވެސް މި ރަންތާޖަކީ [މަންމަގެ] އެ ގުރުބާނީ ވަޒަންކުރެވިގެންދާނެ އެއްޗެއް ކަމަށް އުއްމީދުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، މަންމާ. އަދި އަޅުގަނޑު މަންމަ ދެކެ ވަރަށް ލޯބިވޭ.

މުހައްމަދު ސާއީ މުބާރިކް

ރާއްޖެ ޓީވީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީގެ އަގުބޮޑު ރަންތާޖު ގުރުއާން މުބާރާތުގެ ނަތީޖާ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފާޅުކުރި ހަފްލާގެ އެންމެ ހާއްސަ ބަޔަކީ އެއްވަނަ ހޯދި ސާއީ އެންމެން ކުރިމަތީ ލައިވް ޓީވީގައި އޭނާގެ މަންމައަށް އިއްވި ހެޔޮ ބަސްތަކުގެ އަސަރުގަދަ ވަގުތެވެ. ސޯޝަލް މީޑިއާގައި ތައުރީފް ލިބުނު އެ ވާހަކަކޮޅު ސާއީ ފުރާލީ މަންމަގެ ހިދުމަތާއި ގުރުބާނީގެ އަގުވަޒަންކުރުމުގެ ހިފެހެއްޓުމެއް ނެތް ޝުއޫރުތަކުންނެވެ.

"މަންމަ އެތައް ރެއެއްގެ ނިދި މަހުރޫމްކޮށް އެތައް ބުރަ މަސައްކަތަކާ އެކު އަޅުގަނޑަށް ވެދެއްވި މިންނެތް އެހީތެރިކަމަށް" ޝުކުރުވެރިވަމުން ސާއީގެ ވާހަކަ ފެށި އިރު ވެސް ސީމާ އިނީ ފަހުރުވެރި މައެއްގެ ކަރުނައިން ދެ ލޯ ފޯވެފަ އެވެ. ނަމަވެސް ދަރިފުޅު އެހެން ބުނުމާ އެކު، އޭނާގެ ޖަޒުބާތުތައް ނުހިފެހެއްޓި ދޫވެގެންދިޔަ އެވެ. 

"މަންމާ، މިރޭ އަޅުގަނޑު ރަންތާޖު ކާމިޔާބުކޮށްފިން. މަންމައާ ނުލައި އަސްލު މި ހިސާބަށް އާދެވުމަކީ ވެސް އަޅުގަނޑަށް ހަމަ ވަރަށް ނާދިރު ކަމެއް،" ސާއީ، ހިތާއި ރޫހުން ބުނެދޭހެން ހީވާ ފަދަ ސާބިތުކަމެއްގައި، އެންމެން ކުރިމަތީ ޝުކުރާއި ތައުރީފުން މަންމައާ މުހާތަބުކުރަމުން ގެންދިޔަ އެވެ.

ރަންތާޖު ގުރުއާން މުބާރާތް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކް ޝުކުރު އަދާކުރުމުގެ ގޮތުން ވާހަކަދައްކަނީ. ފޮޓޯ/ރައީސް އޮފީސް

މިއީ ނ. ހޮޅުދުއަށް ނިސްބަތްވާ ސާއީ ގުރުއާން މުބާރާތެއްގައި ވިދާލި ފުރަތަމަ ފަހަރެއް ނޫނެވެ. ރަށާއި އަތޮޅުގެ މުބާރާތްތަކުން ވަނަތައް ހޯދުމަށް ފަހު އިތުރު ކުރިއެރުމަށް މާލެ އައިސް އޭނާ ހޯދި ކާމިޔާބީތަކުގެ ތެރޭގައި އިމާދުއްދީން ސްކޫލުގައި ކިޔަވަމުން 2019 ވަނަ އަހަރުގެ ގައުމީ ގުރުއާން މުބާރާތުގެ ތަށި ނެގުން ވެސް ހިމެނެ އެވެ. އެކަމަކު، ސާއީ ޖަލްސާގައި ކިޔައިދިން ގޮތުގައި، އޭނާ ކާމިޔާބީ ހާސިލްކުރަނީ ގޮންޖެހުންތަކާ ވެސް އެކުގަ އެވެ.

އޭނާ ކުޑައިރު ވާހަކަދައްކަން ފެށުން ލަސްވެފައި ފުރަތަމަކޮޅު އަކުރުތައް ރަނގަޅަށް ކިޔޭ ގޮތެއް ނުވި އެވެ. އޭގެ ސަބަބުން އެހެން ކުދިންގެ މަލާމާތާ ކުރިމަތިލާން ވެސް ޖެހުނު ސާއީގެ ވާހަކައިން އެނގުނީ، ހުރަސްތައް ގިރާކުރަމުން މިހާ ހިސާބަށް އައުމުގައި، އޭނާގެ އެންމެ ބޮޑު އެހީތެރިޔަކީ މަންމަ ކަމެވެ.

"މަންމަ ތި ކޮށްދެއްވި މަސައްކަތަކީ އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫން އިނގޭތޯ؟ އެއީ މަންމަ ތި ދެއްވި ގުރުބާނީއަކީ ވަޒަންކުރެވޭނެ އެއްޗެއް ނޫން،" ސާއީ ބުންޏެވެ.

އޭނާ އެ ފާހަގަކުރި ގުރުބާނީގެ ކޮންމެވެސް މިންވަރެއް ސީމާ ކުރިން ކިޔައިދީފައިވެ އެވެ. 

"މާލެއަށް ބަދަލުވީ ވެސް މާ ބޮޑު އެއްޗެއް ލިބިގެނެއް ނޫން. ތަންތަނަށް ކައްކައިދީ، ރޮށި ފިހެދީ، ބަތްޕާރުސަލް ހައިދީގެންގެން ލިބުނު އެއްޗަކުން އުޅުނީ،" ސާއީ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ހޯދުމާ ގުޅިގެން ސީމާ އޭރު 'ދަރިވަރު' ނޫހަށް ބުނެފައިވެ އެވެ. "ވަރަށް ހާލުގައި ކިޔަވައިދިނީ. އޭގެ އަގު ސާއީ ހޯދާދިނީ ވެސް ބުރަ މަސައްކަތުން. އެކަމާ ވަރަށް އުފާވޭ."

ދިގު ރާގަށް ކިޔެވުމަށް ހުނަރުވެރި ސާއީ ކާމިޔާބީގައި ބައްޕަގެ ބުރަ މަސައްކަތް ވެސް ހިމެނޭކަން ފާހަގަކޮށް އޭނާގެ ޝުކުރުގައި މަންމައާ އެކު ބައްޕަ ވެސް ހިމެނި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކ، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރަންތާޖު ގުރުއާން މުބާރާތް ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކްއާ އިނާމު ހަވާލުކުރައްވަނީ. ފޮޓޯ/ރައީސް އޮފީސް

ސާއީގެ ބޮލުގައި ރަންތާޖު އެޅުއްވުމަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކައިން އެނގެނީ އެއީ އޭނާ ކުރިންސުރެ ވެސް ހޯދަން އަޒުމު ކަނޑައަޅައިގެން ހުރި ޝަރަފެއް ކަމެވެ. ރައީސް ވިދާޅުވިގޮތުގައި، އިނާމު ދިނުމުގެ އެހެން ޖަލްސާއަކުން ސާއީއާ ދިމާވި ވަގުތު "އަދި، ރައީސޭ، ރަންތާޖު މުބާރާތުގެ އެއްވަނައިން ރައީސާ ބައްދަލުކުރާނަމޭ" ބުނެފައިވެ އެވެ.

ރަންތާޖު ގުރުއާން މުބާރާތް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކް. ފޮޓޯ/ރައީސް އޮފީސް

އޮޑިޝަނުގައި ރާއްޖޭގެ ހަ ސަރަހައްދަކުން 111 މީހުން ބައިވެރިވެ، އޭގެ ތެރެއިން 20 މީހަކު ވާދަކުރި މުބާރާތުގައި ސާއީ އެ ވަނީ އެކަން ހާސިލްކޮށްފަ އެވެ. އެއީ، އޭނާ  ސިފަކުރިގޮތުގައި، ރެ އާއި ދުވާލު ގާތުގައި ހުރެގެން އޭނާއަށް މަންމަ ކޮށްދިން ހިދުމަތާ އަޅާބަލާއިރު "ޒައްރެއްގެ" މިންވަރެވެ.   

"މި ރަން ތާޖަކީ ކުޑަ ޒައްރެއްގެ މިންވަރެއް ނަމަވެސް މި ރަން ތާޖަކީ އެ ގުރުބާނީ ވަޒަންކުރެވިގެންދާނެ އެއްޗެއް ކަމަށް އުއްމީދުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، މަންމާ. އަދި އަޅުގަނޑު މަންމަ ދެކެ ވަރަށް ލޯބިވޭ،" ސާއީ ބުނެލި އެވެ. އެއާ އެކު ފެނުނީ ކަރުނަތައް އޮބަހައްޓަން މަސައްކަތްކުރަމުންދިޔަ ސީމާ އަނެއްކާވެސް ބަޑިފަޅައިގެންދިޔަ މަންޒަރެވެ.

ޖަލްސާއަށް ފަހު ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ސީމާއާ ވާހަކަދައްކަވާލެއްވި ވަގުތު ވެސް އޭނާ ހުރީ ދަރިފުޅު ހޯދި ޝަރަފާއި އޭނާއާ މެދު އިއްވި ތައުރީފުގެ ޖަޒުބާތުތަކުން ފުރިފަ އެވެ.

ރަންތާޖު ގުރުއާން މުބާރާތް ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކްގެ މަންމަ ފާތިމަތު ސީމާ ފަސްޓް ލޭޑީ ފަޒުނާ އަހުމަދާ ސަލާމްކުރާ އިރު ޖަޒުބާތުގައި. ފޮޓޯ/ރައީސް އޮފީސް
ރަންތާޖު ގުރުއާން މުބާރާތް ކާމިޔާބުކުރި މުހައްމަދު ސާއީ މުބާރިކްގެ މަންމަ ފާތިމަތު ސީމާ ފަސްޓް ލޭޑީ ފަޒުނާ އަހުމަދާ ވާހަކަދައްކަނީ. ފޮޓޯ/ރައީސް އޮފީސް

ސާއީ 300،000 ރުފިޔާ އާއި ހައްޖު ދަތުރަކާއި އެ ނޫން ވެސް ބައިވަރު އިނާމު ހޯދައިގެން ސްޓޭޖުން ފޭބީ، މަންމައަށް ބަންޑުންކޮށްލި ހިފެހެއްޓުމެއް ނެތް ޝުކުރަށްޓަކައި، އެތައް ބައެއްގެ ހިތް އަތުލަމުންނެވެ.

"ތިއީ ވަރަށް ބޮޑު ނަސީބުވެރިއެއް. ތިހާ ބޮޑު މަޖިލީހެއްގައި ތިމާގެ މަންމައަށް ފާޅުގައި ތައުރީފުކޮށް އަދި މަންމަ ދެކެ ލޯބިވާ ވާހަކަ ތިހާ ސާބިތުކަމާ އެކު ބުނެވުނީތީ މުޅި އުމުރުގައި ވެސް އުފާކުރާނެ. ސާބަސް ދަރިޔާ،" ސާއީގެ ވާހަކަކޮޅު ފެންނަ ފޭސްބުކް ވީޑިއޯއަކަށް ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.

ކޮމެންޓް (8)

ޢިންސާނެއް

4 މޭ 2023
އަޅުގަނޑު ދެކޭ ގޮތުގައި މުބާރާތް ފެންވަރު ރަނގަޅު ވިޔަސް ނުވިޔަސް، ދަރިވަރުގެ އެއްވެސް މައްސަލައެއް ނެތް، ދަރިވަރަށް ކޮންމެ ގޮތަކުން ނަމަވެސް ލިބޭނީ އެވަނަ ޙައްގު ވާތީ، ބޭއިންސާފުން ކަން ކޮއްފަ ހުރިއްޔާ އެކަން ކުރި ބަޔަކަށް އޭގެ ޢަޒާބު ދެއްވާނެ ކަން ކަށަވަރު...
1 0

ހަޤީގަތް

3 މޭ 2023
އަސްލު މިހާ އަގުބޮޑު މުބާރާތަކާ ބަލާފަ މުގައްރަރު އިނީ ވވވ ކުޑަ ކޮއް.ހިފުޒުން މުޅިންހެން ސުވާލު ކުރީ އައްމާ ފޮތުން.މިއީ ތުއްތު ކުދިންގެ މުބާރާތެއްތޯ.ތަޖުވީދު ސުވާލުތައްވެސް ހުރީ ކުޑަ ކުދީންނަށް ޚާއްޞަ ކޮއްފަ ހުރިކަހަލަ ގޮތަކަށް.މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެއްމެ އަގުބޮޑު އެންމެ ފެންވަރުދަށް މުބާރާތް.ބަޔަކަށް ލާރިގަޑެއް ދޭނެ ގޮތެއް ރާވައިގެން ކުރިކަމެއް.
4 28

ޙެޔޮއެދޭ މީހެއް

3 މޭ 2023
@ހަޤީގަތް ތި ފަރާތަށް ނުލިބުނީމަ ދޯ މައްސަލަޔަކީ. ސާޢީ އަކީ އަސްލަށްވެސް މޮޅު ކުއްޖެއް ބަޔަކަށް ލާރި ގަޑެއް ދޭށޭ ބުނީމަހިތުގަ އޮތް ހަސަދަވެރިކަން އެނގިގެންދަނީ
26 2

ހަގީގަތަކީ

3 މޭ 2023
@ހަޤީގަތް ތިމާއަށް ނުލިބުމުންހެން ހީވަނީ މިކޮމެންޓް މިތާނގަ ކޮށްފަ ތިޔަ އޮތީ.މުގައްރަރު ކިތައްމެ ބޮޑަަސް ކުޑަޔަސް ތިބާއަށް ލިބެންނެތް އެއްޗެއް ނުލިބޭނެ ދަރިޔާ.ﷲއިރާދަކުރެއްވި އަޅަކަށް އިރާދަކުރެއްވި ވަރަކަށް އިރާދަކުރެއްވި ވަގުތެއްގަ ލިބޭނީ.ބެޓާ ލަކް ނެކްސްޓް ޓައިމް
22 2

ހަޤީގަތް

3 މޭ 2023
@ޙެޔޮއެދޭ މީހެއް މި ބުނީ ސާޢީ ކިޔަވަން ދެރަ ވާހަކަ އެއްނޫން.މި ބުނީ މިފަދަ އަގުބޮޑު މުބާރާތަކާ ބަލާާފަ ވަރަށް ފެންވަރު ދަށް މުބާރާތެކޭ
2 8

ޙަޤީގަތް

3 މޭ 2023
@ޙެޔޮއެދޭ މީހެއް މުޅި މުބާރާތް އެއްކޮށް ބެލި މީހަކަށް އިނގޭނެ މިއީ ޙަޤީގަތް ކަން.
4 6

ަެހެޔޮއެދޭ

3 މޭ 2023
@ހަގީގަތަކީ މަށެއް ބައިވެރި އެއް ނުވަން ތިޔަ މުބާރާތަކު.ކޮންކަމަކާ ދެރަވާކަށް.ޙަގީގަތް ހާމަ ކުރީމަ ހާދަ އަސަރެކޭ ތިކުރީ.ގިނަ މީހުން ތިޔަ މުބާރާތް ނުވެސްބަލާ.ބެލި މަދުބަޔަކަށް އިނގޭނެ ފެންވަރު
7 3

އެކުވެރިޔާ

4 މޭ 2023
@ަެހެޔޮއެދޭ ކޮންމެ ކަމެއްވެސް ނިމުނީމަ ފާޑުކިޔަންތިބޭ ބައެއް ދިވެހިންނަކީ. ފެންވަރު މަތިކުރަން ނުކުމެ އެކަން ކުރިނަމަ.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް