ހެދިބޮޑުވަމުން އަންނަ ދަރިފުޅުގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބެލެނިވެރިން ދުރާލާ ވާހަކަ ދައްކަންވޭ
ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުދިންނާ ދުރާލާ ވާހަކަދައްކަން ޖެހޭ
މުހިންމު ނުކުތާތައް
ބެލެނިވެރިން ކުދިންނަށް ސައްހަ މައުލޫމާތު ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ
އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކިޔައިދޭންވާ އުމުރު ތަފާތުވުން އެކަށީގެންވޭ
ފުރާވަރަށް އަރަމުންދާ ކުދިށް ބޭނުންވަނީ ބެލެނިވެރިންގެ ފަރާތުން މައުލޫމާތާއި ޔަގީންކަން
ހެދިބޮޑުވަމުން އަންނަ ދަރިފުޅުގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އޭނާއާ ވާހަކަ ދެއްކުމަކީ ބައެއް ބެލެނިވެރިންނަށް ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މިއީ ހާއްސަ ސަމާލުކަމެއް ދީގެން ކުދިންނަށް ދޭން ޖެހޭ މުހިއްމު މައުލޫމާތެކެވެ.
ޑރ. އަބްދުލް އަޒީޒް ހަމީދު އޭނާގެ ސިއްހަތު ބްލޮގުގައި މި މައުލޫއުއާ ގުޅޭގޮތުން ލިޔުއްވާފައިވެ އެވެ. އެ މައުލޫމާތުކޮޅު ވެސް ބަލާލާށެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކޮބާކަން ދުރާލާ ބުނެދިނުމެވެ.
ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސުވާލުކުރަން ކުއްޖާއަށް އުނދަގޫވެދާނެ އެވެ. އަދި ސުވާލުކުރަން ނުވެސް ކެރިދާނެ އެވެ. ސުވާލު ކުރުމަކީ އެންމެ ރަނގަޅު ކަމެއްހެން ކުދިންނަށް ހީވެފައި ނޯވެދާނެތީ އެވެ.
ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލާ ގުޅޭގޮތުން ބެލެނިވެރިން ވާހަކަ ދައްކަންޖެހެނީ އެންމެ ފަހަރަކުއެއް ވެސް ނޫނެވެ. ކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް އެ ވާހަކަ ދައްކަން ޖެހެ އެވެ. ބައެއް އަންހެން ކުދިންގެ "ޕިއުބަޓީ" 8 އަހަރުގައި ފެށޭ އިރު ފިރިހެން ކުދިންނަށް 9 އަހަރުގައި ފެށެ އެވެ. އެހެންކަމުން އެންމެ ރަނގަޅީ ޖިސްމާނީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ޖަޒުބާތީ ބަދަލުތައް ލަސްނުކޮށް ކުދިންނަށް ކިޔާދިނުމެވެ.
ފިރިހެން ކުދިންނާއި އަންހެން ކުދިންނަށް ކިޔާދޭންވާ އުމުރު ތަފާތު
އާންމުގޮތެެއްގައި އަންހެން ކުދިންގެ ހަށިގަނޑަށް 8-14 އަހަރުގައި ބަދަލުތައް އަންނަން ފަށަ އެވެ. މައްސަރުކަންތަކާ ގުޅޭ މައުލޫމާތު ދުރާލާ ދިނުން މުހިއްމެވެ. މައުލޫމާތު ދިނުމުގެ ކުރިން މައްސަރުކަންތައް ލައިގެންފި ނަމަ ކުދިންނަށް ވާނުވާ ނޭނގި ލޭ ފެނުމުން ބިރުގަތުން ގާތެވެ.
އާއްމުގޮތެެއްގައި އަންހެން ކުދިންނަަށް މައްސަރުކަންތައް ލައިގަންނަނީ 12-13 އަހަރުގަ އެވެ. މިއީ ހަށިގަނޑަށް ބަދަލު އަންނަތާ ގާތްގަނޑަކަށް ދެ އަހަރު ބައި ފަހެވެ. ނަމަވެސް އެއްބައި ކުދިންނަށް 9 އަހަރުގައި މައްސަރުކަންތައް ޖެހެން ފަށާއިރު އަނެއްބައި ކުދިންނަށް އެކަން ލައިގަންނީ 16 އަހަރުގަ އެވެ.
ފިރިހެން ކުދިންގެ ހަށިގަނޑުގެ ބަދަލުތައް އަންހެން ކުދިންނަށް ވުރެ ކުޑަކޮށް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. އާއްމުގޮތެއްގައި ފިރިހެން ކުދިން ބާލިޣުވަނީ 9 އަހަރާއި 15 އަހަރާ ދެމެދުގަ އެވެ.
ކުއްޖާ ގާތުގައި ބުނަންވީ ކީކޭ؟
ހަށިގަނޑަށް އަންނަ ބަދަލުތަކަކީ އޭނާއަށް އެކަނި މެދުވެރިވާ ކަމެއް ކަމުގައި ކުއްޖާއަށް ހީވެފައި އޮވެދާނެ އެވެ. މައިންބަފައިންގެ ފަރާތުން ކުދިން ބޭނުންވަނީ ޔަގީންކަމާއި ރައްކާތެރިކަމެވެ.
ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ސިފައާ މެދު ކުއްޖާ ކަންބޮޑުވުމަކީ ވެސް ވެދާނެ ކަމެކެވެ. ނަމަވެސް ބުނެދޭންވީ، މި ބަދަލުތައް މެދުވެރިވާ ވަގުތު ތަފާތުވީ ނަމަވެސް، މިއީ އެންމެންނަށް ވެސް ކުރިމަތިވާ ކަމެއް ކަމުގަ އެވެ.
މިގޮތުން މޫނުގައި ބިހި ނެގުން، މޫޑު ބަދަލުވުން، ޖިސްމާނީ ގޮތުން އަންނަ ބަދަލުތައް، ހޯމޯނަލް ބަދަލަކީ ބޮޑުވާ އިރު އެންމެންނަށް ވެސް ކުރިމަތިވާ ކަންކަން ކަމުގައި ކުދިންނަށް ބުނެދޭށެވެ.
އަންހެން ދަރިފުޅު ހަށިގަނޑަށް އަންނަ ބަދަލުތަކާ އެކު ފުރަތަމަ ފަހަރަށް ޓްރެއިނިން ބްރާއެއް އަޅާ އިރު ހުރިހާ އެންމެންނަށް އެކަން ފާހަގަވެ ބަލާހެން ހީވެދާނެ އެވެ. މިކަމާ މެދު ކަންބޮޑުވެގެން ލަދުން ވެސް އުޅެދާނެ އެވެ. ފިރިހެން ކުދިންގެ އަޑު ބަރުވެ، ތުނބުޅި މަތިމަސް ފެޅުމަށް އިސްތަށި ފެޅުމުން އެކުދިން ވެސް ލަދުގެންފާނެ އެވެ. ބޮޑެތި ބައެއް މީހުން މިކަންކަމާ ގުޅުވައިގެން ކުދިންނާ ދިމާކޮށް ހަދަ އެވެ. މިފަދަ ފުރުސަތެއް އެއްވެސް މީހަކަށް ނުދޭށެވެ.
ފުރާވަރަށް އަރަމުން އަންނަ ދަރިފުޅަށް މި ކަންކަން ކިޔާދޭށެވެ.
-
އަންހެން ކުދިން ފުރާވަރަށް އަރަމުން އަންނައިރު ހަށިގަނޑަށް އަންނަ އެއް ބަދަލަކީ އުނަގަނޑު ވަށްވުމެވެ.
-
އުރަމަތި ބޮޑުވާން ފަށައި، އެއްބައި ފަހަރު އެއް ފަރާތަށް ވުރެ އަނެއް ފަރާތް އަވަހަށް ބޮޑުވެ އެވެ.
-
ކުރިން އިސްތަށި ނުހުންނަ ތަންތަން ކަމުގައިވާ ކިހިލިފަތްދޮށާއި ކުރިމަތި ފަރާތުގައި އިސްތަށި ފަޅާކަމާއި މިއީ ބޮޑުވުމުގެ އަލާމަތެއްކަން ބުނެދޭށެވެ.
-
ފިރިހެން ކުދިންނާއި އަންހެން ކުދިން ވެސް ދާހިތްލާ ވަރު އިތުރުވެ އެވެ. މޫނުގައި ބިހި ނެގުމަކީ ވެސް ބާލިޣުވުމުގ މަރުހަލާގައި އާއްމުކޮށް ކުރިމަތިވާ ކަމެކެވެ.
-
އަވަސްއަވަހަށް އިސްކޮޅުން ދެމި ހަށިގަނޑު ބޮޑުވަމުންދެ އެވެ.
-
ފިރިހެން ކުދިންގެ އަޑު ބަރުވެ މޫނުމަތީގައި އިސްތަށި ފަޅައި ހަށިގަނޑުގެ މަސްތައް ބޮޑުވެ، މިހާ ބިޔަވެ އަދި ކުރިމަތިފަރާތް ބޮޑުވެ އެވެ.
-
ފިރިހެން ކުދިން ނިދީގައި މަނި ބޭރުވުމަކީ ބޮޑުވަމުން އަންނަ އިރު ދިމާވާ އާއްމު ކަމެއް ކަން ބުނެދޭށެވެ.
-
އަންހެން ކުދިން ކޮންމެ މަހަކު އޯވަރީގައި ބިސް އުފައްދައި ބިސް ދޫކުރާ ކަން ބުނެދޭށެވެ. އަދި ބިސް ފާޓިލައިޒްވެއްޖެ ނަމަ މާބަނޑުވާނެކަމާއި ފާޓިލައިޒް ނުވުމުން މައްސަރުކަންތައް ލައިގަންނަކަން ބުނެދޭށެވެ.
-
އާއްމުގޮތެއްގައި ޕީރިއަޑް ވަނީ 3-5 ދުވަހުގެ މުއްދަތަކަށެވެ.
ދަރިފުޅަށް ދޭންވީ މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ތިމާ އެބަހުރި ކަމުގެ ޔަގީންކަމެވެ. ބައެއް ބެލެނިވެރިންނަށް މިއީ ދައްކަން އުނދަގޫ އަދި ކިޔާދިނުމަށް ލަދުގަނެ ފަސްޖެހިދާނެ ކަންކަމެވެ. ނަމަވެސް އަމިއްލަ އަށް އިސްނަގައިގެން މިކަން ދަރިފުޅަށް ކިޔާދޭ ނަމަ މިއީ ކުދިންނަށް ދެވޭ ލުޔެކެވެ.
ޕިއުބަޓީއާ ގުޅޭގޮތުން ދަރިންނާ ވާހަކަ ދެއްކުމަށް އުނދަގޫ ނަމަ، އެންމެ ފުރަތަމަ ދައްކާނީ ކޮންވާހަކައެއްތޯއާ މެދު ވިސްނާލާށެވެ. އަދި ކުއްޖާގެ ސުވާލުތަކަކީ ކޮބާތޯ އަހާ އޮޅުންފިލުވާށެވެ. ޖަވާބު ދޭނެ ގޮތާ މެދު ވިސްނާލުމަށް ވަގުތުކޮޅެއް ހޯދާށެވެ. ޖަވާބުދޭން ނޭނގޭ ނަމަ ޑޮކްޓަރެއް ނުވަތަ ކަމުގެ މާހިރެއްގެ އެހީތެރިކަން ހޯދާށެވެ.
މިއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން ކަމުގައިވިޔަސް ކުދިންނަށް ކިޔާދޭން މުހިއްމު ވާހަކަތަކެކެވެ.