ރޯދަ ކުރުކުރުން: 80ގެ ސިފަ ލިބުނު އުފެއްދުން އަދިވެސް ކުރިއަށް
ދިވެހިރާއްޖޭގެ އަޑުގެ އިމާރާތަށް ވަން އިރު އެތަނުގައި، މީގެ އަހަރުތަކެއް ކުރިން ފެނުނު ކަހަލަ 'ދިރުމެއް ނެތެ'ވެ. ހީވަނީ ތަން ތަޅާލަން، ނޫނީ މަރާމާތެއް ކުރަން ތައްޔާރުވަމުން ދާހެންނެވެ. މި ތަނުގައި ބަޔަކު އުޅޭ ބާވައޭ ވެސް ހީވެ އެވެ.
މަތިން ތިރިއަށް ފޭބި އަންހެން މުވައްޒަފަކު އަޅުގަނޑުމެން ގެންދިޔައީ އެންމެ މަތީ ބުރިއަށެވެ. އެހާ ހިސާބުން 'ދިވެހިރާއްޖޭ އަޑު'ގެ އިހުސާސްތައް ކުރެވެން ފެށި އެވެ. ޕްރޮގްރާމެއް ކުރިއަށް ދާކަން އެނގޭ ނިޝާން، ސްޓޫޑިއޯގެ ބޭރުން ފެނުނެވެ. ސްޓޫޑިއޯއާ ޖެހިގެން އޮތް ބޮޑު ހޯލެއްގައި، މުވައްޒަފުންގެ މޭޒުތައް ހުއްޓެވެ. ބައެއް މުވައްޒަފުން ތިބީ މަސައްކަތުގަ އެވެ.
މާ ގިނަ އިރެއްނުވެ، އަޅުގަނޑު އިނީ، ސްޓޫޑިއޯގެ ދެ ހުށައެޅުންތެރިންނާ އެކު، އެއް މޭޒެއްގަ އެވެ. ގަޑިން 4:15 ވީ އެވެ. ޖަހަން ފެށި ރާގުކޮޅާ އެކު އެތައް އަހަރެއް ކުރީގެ ހަނދާންތައް އައިސް ވަށާލި އެވެ. އަޅުގަނޑު ކުޑައިރު، 1980ގެ އަހަރުތަކުގެ މެދުތެރެ ނުވަތަ 80ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ވެސް، ރޯދަމަހުގެ ކޮންމެ ހަވީރެއްގައި ދިވެހިންގެ ކަންފަތަށް "ރޯދަ ކުރުކުރުން' މި ބަސްކޮޅު ހުންނަނީ އިވިއިވި އެވެ.
މިއީ އެއް ދުވަސްވަރެއްގައި ދިވެހިންނާ އެންމެ ގާތް ޕްރޮގްރާމެވެ. ބަދިގޭގައި މަސައްކަތް ކުރަން ތިބޭއިރު ހިތްހަމަޖެހުމާ އެކު އަޑުއަހާލަ އެވެ. ކުޑަކުދިންތައް، ރޭޑިއޯ ދޮށަށް ޖަމާވެ އެވެ.
ޕްރޮގްރާމް ހުށައަޅަން މިހާރު ތިބީ، އޭގެ ބާނީންނެއް ނޫނެވެ. އެ އަޑަކުން އޭރުގެ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއަށް ވި ސަމަރުބުލޫ އިބްރާހިމް މަނިކު މިހާރު ވަނީ އަވަހާރަވެފަ އެވެ. އޭނާއާ އެކު ޕްރޮގްރާމް ހުށައެޅުއްވި އަދީބު މުލީ އަބްދުﷲ ސޯދިގު އާއި ދިވެހިރާއްޖޭގެ އަޑުން އުފެއްދި އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތު ބަދުރުއްނަސީރު ވެސް، 'ރޯދަ ކުރުކުރުން'އާ ވަކިވިތާ ކިތައްމެ ދުވަހެކެވެ.
ސްޓޫޑިއޯގައި އިނދެ އަޅުގަނޑު އަޑުއަހަމުން ދިޔައީ، ޕްރޮގްރާމްގެ އިސް ހުށައެޅުންތެރިޔާ ނަސްރުﷲ އިދުރީސް އާއި މުހައްމަދު ރަމީޒުގެ، ސަމާސާ ވާހަކަތަކާއި ސުވާލުތަކެވެ.
"ކޮބާ ގުޅި ބޮޑުވަނީނު؟" ކ. ގުޅިން ބައިވެރިވި ފާތުމަތު އަޒްލީނާއަށް ނަސްރުﷲ ބުންޏެވެ. އެވާހަކަ އައީ ގުޅި ހިއްކަން އުޅޭ ހަބަރުތަކާ ގުޅުވައިގެންނެވެ. ގުޅީގެ މިހާރުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށް، ރައްޔިތުން ކައިރީގައި ސަރުކާރުން ވަނީ ބުނެފަ އެވެ.
"ދެ ގުޅި އެއްވީމާ ޖާޑިޔަކަށް ދޯ ބަދަލުވާނީ،" ނަސްރުﷲ ބުނެލި އެވެ.
'ރޯދަ ކުރުކުރުން' އަބަދުވެސް ކުރިއަށް ގެންދަނީ މަޖާކޮށް، މީހުންނާ ވީހާވެސް ބޮޑަކަށް ގުޅިގެން އުޅޭ ކަހަލަ އިހުސާސްތަކަކާ އެކުގަ އެވެ.
"މިއީ ބަދުރުމެން އަޅުގަނޑުމެންނަށް ދަސްކޮށްދިން ގޮތް،" ޕްރޮގްރާމަށް ފަހު 'ދައުރު'އާ ވާހަކަ ދައްކަމުން ނަސްރުﷲ ބުންޏެވެ.
އެއީ އޭރު ދިވެހިރާއްޖޭގެ އަޑުގެ އެންމެ މަގުބޫލް އަދި އެތައް މުވައްޒަފުންނެއް ވަރަށް ބިޒީކޮށްލާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމަށް އަރާނެ ކުޑަ ފުރުސަތެއް ލިބުމަކީ ވެސް މުވައްޒަފުންނަށް ޝަރަފެކެވެ. އެންމެ ފުރަތަމަ ނަސްރުﷲއަށް އެ ފުރުސަތު ލިބުނީ، ބައިވެރިންނަށް ހުށައަޅާ ސުވާލުތައް ކުރާށެވެ. މިހާރު އެންމެ އިސް ހުށައެޅުންތެރިއެއްގެ ގޮތުން މަސައްކަތްކުރާތާ 14 އަހަރު ވީ އެވެ.
"އަސްލު ރޯދަ ކުރުކުރުމަކީ އަޑުގެ ވަރަށް މުހިންމު އުފެއްދުމެއް، ވަރަށް ބޮޑު ސަމާލުކަމެއް ދޭ މިހާރު ވެސް. އެންމެ ޕީކް ގަޑީގައި މި ގެންނަނީ،" ނަސްރުﷲ ބުންޏެވެ.
'ރޯދަ ކުރުކުރުން' ފުރަތަމަ ފެށިގެން އައީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށެވެ. ކުދިކުދި ސުވާލުތަކާއި ކުދިކުދި ހަރަކާތްތަކެވެ. ފަހުން ކޮންމެ އުމުރެއްގެ މީހަކަށް ވެސް ފުރުސަތު ހުޅުވާލީ އެވެ. ބޮޑެތި އިނާމުތަކާ އެކު، އެތައް ބައެއްގެ އިންތިޒާރާ ގުޅޭ ވަގުތުކޮޅަކަށް ވެސް ޕްރޮގްރާމް ވި އެވެ.
އެންމެ ފޯރީގައި ޕްރޮގްރާމް ކުރިއަށް ދިޔައިރު، ފޯނުކުރާލެއް ގިނަކަމުން، އެތައް ލައިނެއްގައި އެތައް ބަޔަކު ފޯނު ނަގަން ބައިތިއްބަން ޖެހޭވަރުވި އެވެ. އޭގެ ފަހުން އެސްއެމްއެސްގެ ޒަމާނާ އެކު ބައިވެރިންގެ ފަރާތުން ލައްކައެއްހާ އެސްއެމްއެސް ލިބުނު ދުވަސްވަރެއް ވެސް، 'ރޯދަ ކުރުކުރުން' ވަނީ ދެކެފަ އެވެ.
މި ޕްރޮގްރާމަށް ރާއްޖޭގެ ބައެއް ރަށްރަށް ވަރަށް ހާއްސަ އެވެ. އެގޮތުން ފ. ނިލަންދުއަކީ 'ރޯދަ ކުރުކުރުން' އާ އެންމެ ބޮޑަށް ގުޅިފައި އޮތް ރަށެވެ. އެ ރަށުގެ އެތައް ބަޔަކު އެކި ޓީމުތައް ހަދައިގެން ބައިވެރިވެ އެވެ. އެރަށުގެ ބައިވެރިން ފަހަތަށް ޖައްސާލައިފައި، ޕްރޮގްރާމުން އެއް ވަނަ ހޯދުމަކީ އުނދަގޫ ކަމެކެވެ.
އެއް ދުވަސްވަރެއްގައި އެގޮތަށް ވަކި ބައެއްގެ އަތް ދަށަށް މުޅި ޕްރޮގްރާމްގެ 'ކޮންޓްރޯލް' ދިޔަ އެވެ. އެކަމަކު މިހާރު ކުރިއަށް ގެންދަނީ މުބާރާތުގެ އެންމެ މޮޅު ތިން ވަނަ ހޮވާ ގޮތަކަށެއް ނޫނެވެ. މިހާރު ފައިސާގެ އިނާމު ލިބެނީ ކޮންމެ ދުވަހެއްގެ އެއް ވަނަ އަށެވެ. އެ އިނާމު ބިނާވަނީ އެ ދުވަހެއް ބައިވެރިން ހޯދާ ޕޮއިންޓްގެ މައްޗަށެވެ. 'ދައުރު'ގެ ނޫސްވެރިން ހާޒިރުވި ޕްރޮގްރާމްގެ އެއް ވަނައަށް ދިޔަ، ބިލެތްދޫގެ ބައިވެރިއެއް ކަމަށްވާ މަތީހާ އަބްދުއްރަހުމާނަށް 1،010ރ ލިބުނެވެ.
ފައިސާގެ އިނާމުގެ އިތުރުން 'ސުންބުލި'ން ނަސީބު ދިމާކޮށްގެން ވެސް ހާއްސަ އިނާމުތަކެއް ދެ އެވެ.
މިއީ އާންމު މައުލޫމާތުގެ މައްޗަށް ބިނާވެފައިވާ ޕްރޮގްރާމެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އާންމުކޮށް އަޑުއަހާ މީހުންނަށް އެޑްވާންޓޭޖްތަކެއް ހުރެ އެވެ. 'ބުނެބަލަ' ސެގްމެންޓްގައި ހިމެނޭ އެކި އަޑުތައް ދެނެގަނެވޭނީ އަޑުގެ ޕްރޮގްރާމްތައް އަޑުއަހައިގެންނެވެ.
އެކަމަކު ނިލަންދޫ ކަހަލަ ރަށްރަށުން ބައިވެރިވާ މީހުންނަށް އެ ހުރިހާ އެއްޗެއް ވެސް އެނގެ އެވެ.
"އެ މީހުން ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބެނީ. އާ ސުވާލެއް އަތުވެއްޖެއްޔާ އެ ސުވާލު ނޯޓުކުރާނެ، އޭގެ ޖަވާބު ހޯދާނެ،" ނަސްރުﷲ ބުންޏެވެ.
މުނިފޫހިފިލުވުމުގެ ފުރުސަތުތައް ގިނަވެ، ރޯދަމަހު، މިކަހަލަ އެތައް ޕްރޮގްރާމެއް ރާއްޖޭގެ އެކި ޓީވީ ޗެނެލްތަކުން މިހާރު ދުރަށް ފޮނުވަ އެވެ. އަތުގައި އޮންނަ ފޯނުން، ރޯދަ ކުރުކުރާނެ ކިތައްމެ ގޮތެއް ހޯދައިގަނެވެ އެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޑުގެ މި ހާއްސަ ޕްރޮގްރާމް ވެސް، ކުރިއެކޭ އެއްފަދަ ދަރަޖައެއްގައި މިހާރު ނުބެލެވެ އެވެ. ނަމަވެސް ޕްރޮގްރާމްގެ އުފެއްދުންތެރިން ބުނާ ގޮތުގައި 'އަދިވެސް ގިނަ ބައެއްގެ ސަމާލުކަން ދެމެހެއްޓެ' އެވެ.
މުހިންމު ކަމަކީ 'ރޯދަ ކުރުކުރުން' އަދާކުރި ރޯލެވެ. އާންމުންނަށް އެއްޗެއް ނެތް އިރު، ހިތް އުފާކޮށްލާނެ އެއްޗެއް ހުށައަޅައިދިނުމެވެ. އަދި އެގޮތުގައި، 37 އަހަރު ވަންދެން ހިފަހައްޓާލެވުމެވެ.
ކަންކަން އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. ގިނަ ކަންކަން ހަނދާނުން ވެސް ފޮހޮވެ އެވެ. އެކަމަކު ރޯދަމަހުގެ ހަވީރު 4:15އާ އެކު ދިވެހިރާއްޖޭގެ އަޑުން އިއްވާލާ ރާގުކޮޅު އެތައް ބައެއްގެ ހަނދާންތަކާ ވަނީ ގުޅިފަ އެވެ. ރޯދަމަސްތައް މާޒީވިޔަސް އެ ހަނދާންތަކުން ދުރަށް ނުދެވޭ އެތައް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެ އެވެ.
ކޮމެންޓް (3)
ކަމަކު ނުދޭ
އަހުމަދު
ކަމަކު ނުދޭ