ސްޓިކީ ޑޭޓް ޕުޑިން
ފަސޭހަ ރެސިޕީ: ސްޓިކީ ޑޭޓް ޕުޑިން
މުހިންމު ނުކުތާތައް
މިއީ އާއްމުކޮށް ދިވެހިން އަޅާ ޕުޑިންއާ ތަފާތަސް މީރު ރަހައެއް
ޕުޑިން އިތުރަށް މީރުކޮށްދެނީ މި ރެސިޕީގައި ތައްޔާރުކުރާ ބަޓާސްކޮޗް ސޯސް
ވެނިލާ އައިސްކްރީމްއާ އެކު މި ޕުޑިން އެއްވަނަ
ރޯދަ މަހަކީ ކަދުރު ތިޔާގި މައްސަރެކެވެ. ހިލޭ ބަހާ ކަދުރާއި ފިހާރައިން ގަންނަ ކަދުރު އަދި އާއިލާ މީހުން އެއް ގެއިން އަނެއް ގެއަށް ވެސް އެންމެ އަވަހަށް ދިއްކޮށްލާ އެކައްޗަކަށް ކަދުރު އޮންނަނީ ވެފަ އެވެ.
ކަދުރުން ހަދާ މީރު ފޮނި އެއްޗެހި ބައިވަރު ހުރެ އެވެ. ޑޭޓް ކޭކް، ޑޭޓް ލޯފް، މިހެން ގޮސް ބައިވަރެވެ. އެކަމަކު މިފަހަރު މި އޮތީ ކަދުރުން ހަދާ ފޮނި ބާވަތަަކަށް ޑޭޓް ޕުޑިންއެއްގެ ރެސިޕީ އެވެ.
މި ޕުޑިންއަށް ކަދުރުން ތަތްކަމާއި ތެތްކަން އަދި ކުލަ ގެނެސްދެ އެވެ. ދިވެހިން އާއްމުކޮށް ހަދާ ޕުޑިންއާ މި ޕުޑިން ތަފާތެވެ. ސްޕޮންޖް ކޭކު ގޮތެއް ހުރެ އެވެ.
މި ޕުޑިން ތައްޔާރު ކުރުމުގައި ގެންގުޅޭ ހާއްސަ އުކުޅެއް އޮވެ އެވެ. އަވަނުން ޕުޑިން ފިހެ ނިމޭ އިރަށްޕުޑިންގައި ލޯވަޅު އެޅުމަށް ފަހު މައްޗަށް މި ރެސިޕީގައި ހިމެނޭ ބަޓާސްކޮޗް ސޯސް އަޅާށެވެ. މިގޮތަށް ހެދުމުން ޕުޑިން ތެތްކޮށްލައި ކުލަ ބަދަލުކޮށްލާނެ އެވެ. ފްރިޖަށް ލުމަށް ފަހު ދެން ހޫނުކޮށްލާ ކޮންމެ ފަހަރަކު އަވަނުން ނެގިހާ ތާޒާ ވާނެ އެވެ.
ބޭނުންވާ ތަކެތި
-
280 ގްރާމް ކަދުރު (އޮށް ނަގައި ކޮށާފައި)
-
1 ސައިސަމުސާ ބޭކިން ސޮޑާ
-
1 ޖޯޑު ހޫނު ފެން
-
40 ގްރާމް ބްރައުން ޝުގާ
-
80 ގްރާމް އަންސޮލްޓެޑް ބަޓަރު
-
2 ބިސް
-
1 އަދި 1/4 ޖޯޑު ފުށް
-
1 އަދި 1/2 ސައިސަމުސާ ބޭކިން ޕައުޑަރު
ބަޓާ ސްކޮޗް ސޯސް ހެދުމަށް
-
200 ގްރާމް ބްރައުން ޝުގާ
-
375 އެމްއެލް ހެވީ ކްރީމް
-
1/2 ސައިސަމުސާ ވެނިލާ އެސެންސް
-
70 ގްރާމް އަންސޮލްޓެޑް ބަޓަރު
-
ސާވް ކުރުމަށް އައިސްކްރީމް
ތައްޔާރު ކުރާނެ ގޮތް
180 ޑިގްރީ އަށް އަވަން ހޫނު ކުރާށެވެ.
ޓްރޭއެއްގައި ބަޓަރު ހާކާފައި ބަހައްޓާށެވެ.
ބޯތައްޓެއްގައި ކަދުރުތަކަށް ހޫނުފެން އަޅައި އޭގެ މައްޗަށް ބޭކިން ސޯޑާ އަޅާށެވެ. ދިހަ މިނެޓުވަންދެން އޭތީ ފެނުގައި ބަހައްޓާލާށެވެ. މިގޮތަށް ހެދުމުން ހުންނާނީ ބަތްޕެންގަނޑެއް ހެންނެވެ.
ކޭކު ގިރުމަށް ބަޓަރާއި ހަކުރު ބޯތައްޓަކަށް އަޅައިގެން ރަނގަަޅަށް އެއްކުރާށެވެ. އެއަށް ފަހު ބިސް އަޅައި އެއްކޮށްލާށެވެ. ފުށާއި ބޭކިން ޕައުޑަރު އަޅައި އެއްކޮށްލާށެވެ. އެންމެ ފަހުން ކަދުރުއެތި އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ.
ތައްޔާރު ކުރި ޓްރޭއަށް ބެޓާ އަޅާފައި އަވަނަށް ލައި 35 މިނެޓު ވަންދެން ފިހާށެވެ. ފިހެވުމުން، ބާބެކިއު ސްކިވާ އަކުން މުޅި ޕުޑިންގައި ލޯވަޅު އަޅާށެވެ. އެއަށް ފަހު ތިރީގައި މިވާ ގޮތަށް ބަޓާސްކޮޗް ސޯސް ތައްޔާރު ކުރުމަށް ފަހު ޕުޑިން މައްޗަށް އަޅައި 10 މިނެޓު ފޯ ކުރަން ބަހައްޓާށެވެ.
ބަޓާސްކޮޗް ސޯސް ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް ތަވައަކަށް އަޅާފައި އުނދުންމައްޗަށް އުދައި މެދު މިނުގައި ހުޅު ބަހައްޓާށެވެ. ބަޓަރު ދިޔާވެ ހުރިހާ އެއްޗެއްް ރަނގަޅަށް އެއްވުމުން އޮލަކޮށްލަން ދެ މިނެޓު ވަރު ބަހައްޓާލާށެވެ.
ބަޓާސްކޮޗް ސޯސް އެޅުމަށް ފަހު ޕުޑިން ފޮތިކޮށްފައި މައްޗަށް ވެނިލާ އައިސް ކްރީމް އަޅާފައި ސާވް ކުރާށެވެ.