"މިރާއީ"ގެ ލީޑް ތަރިން، ޝަރަފު އަބްދުﷲ އަދި ވާޝިޔާ މުހައްމަދު: މިއީ ދިވެހި ސީރީސްތަކުގެ ތެރެއަށް އިތުރުވާ މުހިންމު ޝޯއެއް.

ބައިސްކޯފު

ޑިރެކްޓަރު އަޒްހާންގެ އާ ސީރީސް 'މިރާއީ' މިރޭ ޕްރިމިއާ ކުރަނީ

13 އެޕިސޯޑުގެ ސީރީސްގައި ފެންނަނީ ކުޑަކުއްޖެއްގެ މަރުގެ ހާދިސާއަކަށް ފަހު ދެން ކަންކަން ވެގެންދާ ގޮތް
7 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

މިއީ އަޒުހާންގެ ހަތް އަހަރުގެ ތަޖުރިބާ ފެންނާނެ މަސައްކަތެއް

ލީޑް ތަރިންގެ ގޮތުގައި އުޅެނީ ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދު

މީގެ ކުރިން އަޒުހާންގެ މުހިންމު މަސައްކަތެއް ފެނުނީ 'ދަރަކަ' އިން

ބައިސްކޯފުން މިރޭ ޕްރިމިއާ ކުރާ 13 އެޕިސޯޑްގެ "މިރާއީ" އަކީ ދިވެހި އޯޑިއަންސްގެ ފަރާތުން މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއް ޖޮންރާ ކަމަށް ވާ 'ކްރައިމް އެންޑް ތްރިލާ' ކެޓެގަރީއަށް ހެޔޮވަރު ސީރީސްއެކެވެ. 

މި  ސީރީސް ލިޔެ ޑައިރެކްޓްކުރީ އުމުރުން 30 އަހަރުގެ ޒުވާން ލިޔުންތެރިޔާ އަދި ޑިރެކްޓަރު އަޒްހާން އިބްރާހިމް އެވެ. މިއީ މި މި ދާއިރާގައި މަސައްކަތް ކުރާތާ ހަތް އަހަރު ވެފައިވާ އަޒާންގެ ދެވަނަ ވެބްސީރީސް އެވެ. މީގެ ކުރިން ކްރައިމް އެންޑް ތްރިލާ ޖޮންރާގައި އޭނާ ގެނެސްދިނީ 'ދަރަކަ' އެވެ.

މިރާއީގައި ފެންނަނީ ވަރަށް ޒުވާން ތަރިންތަކެކެވެ. ލީޑް ތަރިންނަކީ ޝަރަފު އަބްދުﷲ އާއި ވާޝިޔާ މުހައްމަދު އެވެ. މީގެ އިތުރުން މޮޑެލިން ދާއިރާގައި ކުރި ހޯދަމުން އަންނަ މުހައްމަދު އިޝްފާން އާއި އައިޝަތު ޝާޔާ (ޗޮއްކު) ވެސް މުހިންމު ބައިތަކެއް ކުޅެ އެވެ.

މޮޑެލިން ދާއިރާގައި މަސައްކަތް ކުރާ އައިޝަތު ޝާޔާ: މިރާއީގައި މުހިއްމު ރޯލެއް އަދާ ކުރޭ
ސަޕޯޓިން ރޯލެއްގައި ފިރިހެން ކެރެކްޓާއެއް ކުޅޭ މުހައްމަދު އިޝްފާން

ޑިރެކްޓަރު އަޒްހާން 'ދައުރު'އަށް ބުނީ 'މިރާއީ'ގެ މާނައަކީ 'އަމިއްލަ ތަގްދީރު ނިންމާ މީހާ' ކަމަށެވެ. ސީރީސް އިން ފެންނާނީ ކުޑަކުއްޖެއްގެ މަރަށް ފަހު ދެން ކަންކަން ހިނގާ ގޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިރާއީ އަކީ ކްރައިމް ތްރިލާއެއް. ސީރީސްގައި ދައްކާނީ އިޖްތިމާއީ ބައިވަރު މައްސަލަތަކެއްގެ ތެރެއިން ކުށުގެ ވެއްޓެއް. ކުޑަ ކުއްޖެއް މަރުވެގެން ހާދިސާއެއް ހިނގައިގެން، އޭގެ ހަގީގަތް ހޯދަން އުޅޭ ގޮތް،" އޭނާ ބުންޏެވެ.

އެގޮތުން އެއް ހާދިސާގައި ހަތަރު މީހުން ޝާމިލުވާ ގޮތާއި އެމީހުން ދިރިއުޅުމުގެ އަސަރުތައް ސީރީސް އިން ފެންނާނެ އެވެ. 

އަޒްހާން ބުނީ 'ދަރަކަ'ގެ ތަޖުރިބާ އާއި މިރާއީއާ އަޅާބަލާއިރު އޭނާއަށް ފެންނަނީ 'ދަރަކައިގެ ވަރަށް ގިނަ ކަންކަން ވަރަށް އާ" ކަމަށެވެ. ނަމަވެސް މިރާއީ ހަދަން ފެށި އިރު ގިނަ ކަންކަން ތަޖުރިބާކުރެވި، ދަސްވެފައިވާ އޮތް ކަމަށް އޭނާ ބުންޏެވެ. 

މިރާއީގައި މި ދެ ތަރިން ވެސް ގެނެސްދެނީ ވަރުގަދަ ޕާފޯމަންސެއް 

"ތަފާތަކަށް، ކުރިން އަސް އެޕިސޯޑު. މިފަހަރު 13 އެޕިސޯޑު. މިރާއީގެ ވާހަކައަކީ މާ ފުޅާ ވާހަކައެއް. ކުރިން މުޅިން އެހެން ޓީމަކާ އެހެން ބަޔަކާ އެކު. މިފަހަރު ވެސް އަލުން އާ ޓީމަކާ އެކު މިފެންނަނީ،" އަޒުހާން ބުންޏެވެ.

ޑިރެކްޓަރު އަޒްހާން ސްކްރިޕްޓްގައި ވާންވީ ގޮތް ކިޔައިދޭ މަންޒަރެއް

މިރާއީގައި ލީޑް ރޯލް އަދާކުރާ ވާޝިޔާގެ އެކްޓިންގެ މުހިންމު ބައިތަކެއް ޕްރޮމޯ ވިޑިއޯ ކޮޅުތަކުން ފެނެ އެވެ. ޒުވާން ހުނަރުވެރި އެކްޓްރެސް މީގެ ކުރިން ދުވަހަކު ވެސް މަންމައެއްގެ ރޯލުން ފެނިފައެއް ނުވެ އެވެ. މިރާއީގައި އޭނާ ކުޅެނީ މައެއްގެ ރޯލެވެ. ޓީޒާތަކުން އޭނާގެ ހުނަރު ފެނެ އެވެ.

އަޒްހާން ބުނާ ގޮތުން މަރުވެގެން އުޅޭ ކުޑަކުއްޖާގެ މަންމަގެ ބަޔަކީ ސީރީސްގައި ވަރަށް 'ސްޓްރޯންގް، އިންޑިޕެންޑެންޓް އަދި އެމްބިޝަސް' ރޯލެއް ކަމަށެވެ.

މިރާއީގައި ވާޝިޔާ ފެންނާނީ މީގެ ކުރިން ކުޅެފައި ނުވާ ކެރެކްޓާއަކުން

އެ ބައި ވާޝިޔާ ކުޅެފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށް އަޒްހާން ބުންޏެވެ. 

ސީރީސްގައި ސަޕޯޓިން ކާސްޓް އަދި ގެސްޓް އެޕިއަރެންސްގެ ގޮތުގައި 20 ތަރިން ފެނެ އެވެ. އޭގެ ތެރޭގައި ވަރަށް މަޝްހޫރު މޫނުތައް ވެސް ހިމެނެ އެވެ.

އެންމެ ހަތް އަހަރުގެ ތެރޭގައި ފިލްމީ ދާއިރާގައި އޭނާއަށް ލިބުނު ތަޖުރިބާގެ މައްޗަށް އުފެއްދި ބޮޑު ސީރީސްއެއް މިރޭ ޕްރިމިއަކުރާތީ އަޒްހާން ހުރީ އުފަލުންނެވެ. އޭނާ ބުނާ ގޮތުގައި މިއީ އަމިއްލަ ބޮޑު މަސައްކަތެއް ހިމެނޭ ފުރަތަމަ ފަހަރެވެ. 

"އަޒްހާންގެ އެކަނި މަސައްކަތެއް ނޫން. އާ ޕްރޮޑަކްޝަން ހައުސްއަކާ އެކު މިފަހަރު މި މަސައްކަތް ކުރީ. ވަރަށް އެކްސައިޓެޑް. މިރާއީ އަކީ ޑްރީމް ޕްރޮޖެކްޓެއް. މަސައްކަތް ނިންމާލި އިރު ވަރަށް ބޮޑަށް ހިތްހަމަޖެހުނު،" އަޒްހާން ބުންޏެވެ.

މިރާއީގައި ފެންނަ އަމިއްލަރާގުގެ ލަވަ 'އުމުރަށް' ކިޔާފައިވަނި މޯލްޑިވިއަން އައިޑަލް އިން ވިދާލި ފާލިހު އާދަމް

ބައިސްކޯފު އެޕް އިން މި ސީރީސް މިރޭ ފެންނާނެ އެވެ. ބައިސްކޯފުގެ ސްޓޫޑިއޯގައި މިރޭ ހާއްސަ ޕްރިމިއާ ޝޯއެއް ކުރިއަށްދާނެ އެވެ. ސީރީސްގެ ހާއްސަ ލަވަ މިދިއަ މަހު ބައިސްކޯފުން ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ.

މޯލްޑިވިއަން އައިޑަލް އިން ވިދާލި ލަވަކިޔުންތެރިޔާ ފާލިހު އާދަމް އާއި އައިޝަތު ޝަމާހަތުގެ އަޑުން 'އުމުރަށް' ކިޔާ މި ލަވައިގެ ރާގަކީ ފާލިހުގެ އަމިއްލަ ރާގެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް