އައިސްޓު ޖެލާޓޯ މާލޭގެ ބައެއް ސުޕަމާކެޓްތަކުން މިހާރު ލިބޭ: މިއީ ދިވެހި ބްރޭންޑެއް (ދައުރު ފޮޓޯ/އައިޝާ އީމާން)
މި ޖެލާޓޯގައި ކާށީގެ ރަހައާ އެކު ބޮނޑީގެ އެތިކޮޅުކޮޅު
ދިވެހި އައިސްކްރީމާއި ޖެލާޓޯ ތައްޔާރުކުރާތާ މިހާރު ދުވަސްކޮޅެއް ވެދާނެ އެވެ. ކާށި، ކަށިކެޔޮ އަދި ސަރުބަތު ފަދަ ރަހަތައް ލައްވައިގެން މޭ ފިނިކޮށްދޭ މި އުފެއްދުންތައް ގިނަ ބަޔަކަށް ކަމުދެ އެވެ.
މީގެ ކުރިން މިއީ ހަމައެކަނި ރެސްޓޯރަންޓްތަކުގެ މެނޫގައި ހިމެނުނު ބާވަތްތަކެކެވެ. ބޭނުން ކޮންމެ އިރަކު ގަނެލައިގެން ގޭގައި ހަމަޖެހިލައިގެން އިނދެ ބޯލެވޭ ގޮތަށް ތައްޔާރުކޮށް ބަންދުކޮށްފައިވާ ދިވެހި އައިސްކްރީމެއް މީގެ ކުރިން ނުދެކެމެވެ. މާލޭގެ ސުޕަމާކެޓެއްގެ ފްރީޒަރުން ފެނުނު މި ޖެލާޓޯ ލޮލުގައި އަޅައިގަތް އެއް ސަބަބަކީ މިއީ އެވެ.
ހުދު ކުލައިގެ އައިސްކްރީމް ތައްޓެއްގައި ދިވެހިވަންތަ ކުރެހުންތަކެކެވެ. ދިވެހިރާއްޖޭގެ ގޮނޑުދޮށެއްގައި ދިވެހި އަންހެނަކު ކުނިކަހަން ހުންނަ މަންޒަރެވެ. މިއީ 'އައިސްޓު' ބްރޭންޑުގެ ދަށުން އުފައްދާފައިވާ 'ކާށި އެންޑް ބޮނޑި' ޖެލާޓޯ އެވެ.
ޖެލާޓޯ ގަނެގެން ގެއަށް އައިސް ކާލުމުން ދެން ލިބުނު އުފާވެރިކަން މާ ބޮޑެވެ. ކާށި ރަހަ އާއި ބޮނޑި ރަހަ އެއްވެގެން އަނގަޔަށް ވިރިގެން އައީ ދިވެހިވަންތަކަމުގެ އިހުސާސެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ގޮތްގޮތަށް ބޮނޑި ހެދި ކަމުގައި ވިޔަސް އެންމެ ބޮޑަށް މަޝްހޫރު ވައްތަރަކީ ރާއްޖޭގެ ދެކުނުގެ ފަހުރެއް ކަމުގައިވާ އައްޑޫ ބޮނޑި އެވެ. ގަބުޅި، ދިޔާ ހަކުރު އަދި މާފެން ބޭނުންކޮށްގެން ހަދާ މި ބޮނޑިއަކީ މުރަނަކޮށް ހުންނަ އެއްޗެއް ނޫނެވެ. މަޑު އެއްޗެކެވެ. ނަމަވެސް އައިސްޓު ޖެލާޓޯގައި ބޮނޑި ހުންނަނީ މުރަނަކޮށެވެ. މި ޖެލާޓޯއިން އަނގަޔަށް ކުރެވޭނީ ވެނީލާ ވިތު ޗޮކްލެޓް ޗިޕްސް އައިސްކްރީމް ކާއިރު ކުރެވޭ ކަހަލަ އިހުސާސެކެވެ. އެކަމަކު އެއަށް ވުރެ ރަހަ ފުރިހަމަވެފައި ވަރުގަދަ އެވެ. އެއީ ކާށި ކިރުގެ ރަހަ އާއި ބޮނޑީގެ ރަހަ އެއްވެގެން ނުކުންނަ ފިއުޝަނެކެވެ.
އައިސްޓުގެ ފަހަތުގައި ސިޑީސް ކިޗަންގެ އައިޝަތު
ޖެލާޓޯ އާއި އައިސްކްރީމް ތަފާތެވެ. ޖެލާޓޯގައި ރަހަގަނޑު ވަރުގަދަ އެވެ. ފެންވަރު ރަނގަޅު ޖެލާޓޯއެއްގެ ސިފަތަކުގެ ތެރޭގައި މާ އަވަހަށް އަނގަޔަށް ވިރިގެން ނުދިއުން، ރާޅުކަމެއް ނެތުން އަދި އަނގައިގައި އައިސްކޮޅުކޮޅު ނުޖެހުން ހިމެނެ އެވެ. އަދި ފެންވަރު ރަނގަޅު ޖެލާޓޯއެއް ނަމަ، އޭގައި ހިމެނޭ ގުދުރަތީ ބާވަތްތައް ފިޔަވައި، ކުލައެއް ނުވަތަ ރަހައެއް ލެއްވުމަށް އިތުރު އެއްޗެއް އަޅައިފައެއް ނުހުންނާނެ އެވެ.
އައިސްކްރީމެކޭ އެއްގޮތަށް ޖެލާޓޯ ތައްޔާރު ކުރުމަކީ ވެސް ސައިންސެއް އޮންނަ ކަމެކެވެ. އަނގަޔަަށް މީރުވާނީ މޮޅު ފޯމިއުލާއެއް އުފެއްދިގެންނެވެ. ހަކުރާއި ފެޓް ވަކި މިންވަރެއްގައި ހިފެހެއްޓިގެންނެވެ. މި މިންގަނޑުން ބަލާ އިރު އައިސްޓު ޖެލާޓޯގެ ޕެކޭޖިންގެ ފުރިހަމަކަމެކޭ އެއްވަރަށް ޖެލާޓޯގެ ކޮލިޓީ ވެސް ރަނގަޅެވެ.
އައިސްޓުގެ ފަހަތުގައި ހުރީ ކުޅަދާނަ ކެއްކުންތެރިޔާ އައިޝަތު އިބްރާހިމް (ސިޑީ) އެވެ. އޭނާގެ ސިޑީސް ކިޗަން އަކީ އާއްމުން ދަންނަ ނަމެކެެވެ. ފުރަތަމަ އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުން ފެންނަން ފެށި ކާނާގެ ބާވަތްތަކަށް މީހުންގެ ޝައުގުވެރިކަން ހުއްޓުނެވެ. ދެން އޭނާ ހަދަން ފެށީ އެކި ޑިޝްތައް ކައްކާ ގޮތް ދައްކައިދޭ ރެސިޕީ ވީޑިއޯތަކެކެވެ. އައިޝަތު ކެއްކުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް މާލޭގައި ބްލަޑް އޮރެންޖް ރެސްޓޯރެންޓް އަދި އެއަށް ފަހު މަގުކޮޅު ހޮޓާގެ ނަމުގައި ހޮޓަލެއް ހިންގަން ފެށި އެވެ.
ބްލަޑް އޮރެންޖްގެ މެެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ވޭތުވެދިޔަ ހަތަރު އަހަރު މީހުން ފޫހިނުވި އެކައްޗަކީ 'ހުސްނުހީނާ' އެވެ. އޭގައި ހިމެނެނީ ކަށިކެޔޮ ޖެލާޓޯ އާއި ރާނބާ ފޮޅިއެެއް، މިރޭންގް އަދި ކަނަމަދެވެ. މާ ފޮނިގަދަ ނޫން، ތަފާތު މި ޑިޝް އިން މީހާ ދިވެހި ރަހައިގެ ފިއުޝަނަކަށް ގަންބާލާނެ އެވެ. އައިޝަތު އޭނާގެ 'ކޮކޮނަޓް އެންޑް ބޮނޑި' ޖެލާޓޯ ތައާރަފްކުރީ ހުސްނުހީނާގެ ކާމިޔާބީއަށް ފަހު އެވެ.
އޭނާ ބުނިގޮތުގައި މި ޖެލާޓޯއަކީ ވެސް އެމީހުން މީގެ ހަތަރު ވަރަކަށް އަހަރު ކުރިންސުރެ ފައްކާ ކުރަމުން އައި ރެސިޕީ އެކެވެ. މައިގަނޑު އަމާޒަކީ ފަތުރުވެރިންނެވެ. ރާއްޖޭގެ ރަހަތަކަށް ބޭރު މީހުންގެ ޝައުގުވެރިކަން ހޯދައި ފަސޭހައިން އަޖުމަ ބެލޭނެ ގޮތެއް ހޯދައިދިނުމެވެ.
ފަތުރުވެރިންނަށް "ތަފާތު ގޮތަކަށް ދިވެހި ރަހަ ގެނެސްދިނުމަކީ މި ޖެލާޓޯ އުފެއްދުމުގެ އެންމެ ބޮޑު މަގްސަދު،" އައިޝަތު ބުންޏެވެ.
މީގެ ހަތަރު މަސް ކުރިން ތައާރަފްކުރި އައިސްޓު ޖެލާޓޯގައި ހިމެނޭ ބޮނޑިއަކީ ވެސް އެއަށް ހާއްސަކޮށް އެ ބްރޭންޑުން ތައްޔާރުކުރާ އެއްޗެކެވެ. މާރުކޭޓުން ބޮނޑި ގަނެގެން އައިޝަތުގެ ޓީމުން ވަނީ ޖެލާޓޯގެ އަޖުމަ ބަލާފަ އެވެ. ރަހަ އާއި ޓެކްސްޗާ މުޅިން ތަފާތެވެ. އެހެންކަމުން ޖެލާޓޯއަށް ބޮނޑި ތައްޔާރު ކުރަނީ ގަބުޅި ގަނެގެން، މިކްސަރު ބޭނުންކުރުމުގެ ބަދަލުގައި، ދިވެހިން އިހުގައި ހުނި ގާނާ ގޮތަށް މަޑުމަޑުން ގާނައިގެން ކަމުގައި އައިޝަތު ބުންޏެވެ. އެއީ މި ޖެލާޓޯގެ ރަހައިގެ އިތުރުން ޓެކްސްޗާ ފުރިހަމަ ކުރުމަށް ކުރާ ބުރަ މަސައްކަތެކެވެ.
"ކްރިސްޕީކޮށް ބޮނޑި ހުންނަނީ ވަކި ގޮތަކަށް ތައްޔާރު ކުރާތީ. ޖެލާޓޯ ފްރީޒްކޮށްލީމަ ދެން ހަމަ އެގޮތަށް ޕްރިޒާވް އެވަނީ،" އައިޝަތު ބުންޏެވެ.
ހިތްގައިމު އާޓްވޯކެއްގައި ޕެކޭޖްކޮށް ދިވެހި ރަހަތަކެއް މުޅިން އެހެން ގޮތަކަށް ގެނެސްދީފައިވާ ޖެލާޓޯގެ ރަހަ މީހުން ބަލައިގެންފި އެވެ.
"މިހާތަނަށް ހުސް ޕޮޒިޓިވް ކޮމެންޓްސް [ލިބިފައިވަނީ]،" އައިޝަތު ފަހުރުވެރިކަމާ އެކު ބުންޏެވެ.
"މި ޖެލާޓޯ ކައިފައި މާރުކޭޓުން ބޮނޑި ގަނެގެން ކޭ ކުދިން ވެސް އުޅޭ."
މުސްތަގުބަލުގައި ޖެލާޓޯގެ އިތުރު ފްލޭވާތައް ސުޕާމާކެޓްތަކުން ފެނިގެންދާނެ ކަމަށް އައިޝަތު ބުންޏެވެ. މިއީ އަދި އޭނާގެ ފޮނި ހުވަފެނުގެ ފެށުމެވެ.